އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިގެން އިންނަތާ ގަޑިއެއްހާ އިރު ވެއްޖެއެވެ. ފައިމަތީ އޮތް ބާލީސް މަތީ އަހަރެންގެ ދެ އަހަރުގެ ދަރިފުޅު ލިލީއަށް އޮތީ ނިދިފައެވެ. މަޑުމަޑުން ފައި ހަލުވާލަހަލުވާލަ، އޭރު އަހަރެން ވެސް އިނީ ނިދި އައިސް ރަތް ވެފައެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޒިޔާދް ވަނެވެ. ކޮނޑުގައި އޮތް ލެޕްޓޮޕް ބޭގް، ދޮރު ބުޑުގައި ބެހެއްޓުމަށްފަހު އޭނާ އައިސް އެނދު ހުރަހަށް ޖައްސާލިއެވެ.

އެ މަންޒަރު ފެނި،އަހަރެން އަވަސް އަވަހަށް ލިލީ ނަގާ، ތިރީގައި އޮތް ގޮދަނޑީގައި ބޭއްވީމެވެ. އަދި އުފާވެރި ނަޒަރަކުން ޒިޔާދްއަށް ބަލައިލެވުނެވެ. އެތައް އިރެއްގެ ފަހުން ޒިޔާދް ފެނުމުން އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ހަށިގަނޑަށް ލިބިފައި ހުރި ވަރުބަލިކަން ވެސް ފިލައިގެން ދިޔަ ކަހަލައެވެ.

Ad
rt

" ޒިޔާ! ޒިޔާ! ނިދަނީތަ؟" ޒިޔާދްގެ މޫނާ، މޫނު ކައިރިކޮށްލަމުން އަހަރެން އެހީމެވެ.

އެއާއެކު ޒިޔާދް ކުޑަކޮށް ބޯ ހަލުވާލިއެވެ.

" ހޫމް... ވަރަށް ނިދި އައިސް." ކެނޑެމުންދާ އަޑަކުން ޒިޔާދް ބުންޏެވެ. އޭނާގެ އަޑު ހުރި ގޮތުން ވެސް ނިދި އައިސް އޮތްކަން އަހަންނަށް އެނގުނެވެ.

ޒިޔާދްގެ މުޅި ހަށިގަނޑަށް އަހަރެން ނަޒަރު ހިންގާލީމެވެ. ހެނދުނު އޮފީހަށް ދިޔަ ގޮތަށް އޭނާ އެ އައީ އަދި ކިރިޔާއެވެ. ވަރުބަލިވާނެވަރު އިހްސާސް ކުރެވި އަހަރެން ދެރަވިއެވެ.

" ދެން އެކަމަކު ފެންވަރާލަން ތެދުވޭ. ބުނީމެއްނު މިރޭ ނުވެސް ކަމޭ. ހިނގާ ކާން ދާން." ޒިޔާދް ކައިރީ އިށީނދެ އޭނާގެ ބޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.

ކަންނެތްކަމާއެކު އޭނާ ތެދުވެ، ގަމީހުގެ ގޮށްތައް ނައްޓަން ފެށީ އެނދުގައި އިށީނދެ އިނދެއެވެ.

" ދީބަލަ އަހަރެންގެ އަތަށް. މިހާރު ވެސް ނިދިގެން މީހާ ތި ވެއްޓެނީއެއްނު." ލޯތްބާއެކު އަހަރެން ބުނީމެވެ. ތެދުވެގެން ގޮސް ޒިޔާދްގެ ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ.

އެއާއެކު އޭނާ އުއްޑުން އޮށޯންނަމުން ދެ ލޯ މަރާލިއެވެ. އަހަރެން މަޑުމަޑުން ޒިޔާދްއާ ދިމާލަށް ގުދުވެލީމެވެ. އަދި ގަމީހުގެ ފަހަރަކު ގޮށެއް ނައްޓަމުން ދިޔައީމެވެ. އޭނާގެ ތަނަވަސް މޭމަތި ފެނުމުން އަހަރެން ދަހި ވާ ގޮތް ވިއެވެ. އެ މޭމަތީގައި މޫނު ޖައްސާލާ ހިތްވިއެވެ. ކަތި ނަޒަރަކުން ޒިޔާދްއަށް ބަލައިލަމުން އަހަރެން އޭނާގެ މޭމަތީގައި އަތް ހިންގާލީމެވެ. އެއާއެކު ޒިޔާދް އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިފިއެވެ. އޭނާ އަހަރެން ހުއްޓުވައިފިއެވެ. އޭރު ވެސް އޭނާ އޮތީ ދެ ލޯ މަރައިގެންނެވެ. އަހަރެންގެ ހިތް އަވަސް ވެއްޖެއެވެ. ގުޑުވައިވެސް ނުލެވޭހާ ބާރަށް ޒިޔާދް އޮތީ އަހަރެންގެ އަތްތިލައިގައި ހިފަހައްޓައިގެންނެވެ.

" ދެން ލޯބި. މިރެއަކު ނޫން..." ނިދި އަޑަކުން ޒިޔާދު ބުންޏެވެ.

އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ގައިން ބާރު ދޫކޮށްލުމަށްފަހު އަހަރެން އޭނާގެ އަތުގެ ތެރެއިން އަތް ދަމައިގަތީމެވެ.

" ތިހެން ބުނާތާ މިހާރު މަހެއް ވީ." އަހަންނަށް ބުނެވުނީ ފަރުވާކުޑަ ރާގަކަށެވެ.

އެ ވަގުތު ޒިޔާދު ލޯ ހުޅުވާލަމުން ތެދުވިއެވެ. އަހަރެން ވެސް އޭނާއާ ދުރަށް ޖެހި އެނދު ކޮޅުގައި އިށީނދެލީމެވެ.

" މި ދުވަސްކޮޅު އަހަރެން ވަރަށް ސްޓްރެސްކަން ތައިބާއަށް އެނގެއެއްނު. ވޯކް ލައިފް ސްޓްރެސް ވަންޏާ މުޅި ދުވަސް ހަރާބުވާނެކަން އަންޑަސްޓޭންޑް ނުވޭތަ؟ އަބަދު މިހެން ކިޔައިދޭން ޖެހެންޏާ އަހަރެން ވެސް މޫޑެއް ނުހުންނާނެ." ޒިޔާދު ބުނެލިއެވެ.

އޭނާގެ ރާގު ހުރި ގޮތުން އަހަރެން ވަރަށް ދެރަވެއްޖެއެވެ. އެތައް ޝަކުވާތަކެއް ހިތަށް ފުނި ޖެހިއްޖެއެވެ. އެކަމަކު އެއްޗެއް ބުނާހިތެއް ނުވިއެވެ. ޒިޔާދް ހިތްހަމަ ނުޖެހިފައި ހުއްޓާ، އެއްޗެއް ބުނެފިނަމަ މިރޭ ވެސް ނިދަން ޖެހޭނީ ދެތާންގައިކަން އަހަންނަށް އެނގެއެވެ.

ގުޑިވެސް ނުލައި އަހަރެން އިންދާ، އަވަސް އަވަހަށް ގަމީސް ބޭލުމަށްފަހު އޭނާ އެ ގަމީސް ދާވަށިގަނޑަށް ލިއެވެ. ޒިޔާދްގެ ހަރަކާތްތަކަށް އަހަރެން ވަގުވަގަށް ބެލީމެވެ. އޭނާ ފާހާނާއަށް ވަތް އިރު ވެސް އަހަރެން ހަމަ އިނީއެވެ.

ޒިޔާދް ނިކުންނަން ވާއިރަށް އޭނާއަށް ކާއެއްޗެއް ތައްޔާރުކޮށްލަން އަހަރެން އަވަސްވެގަތީ ބަރު ހިތަކައިގެންނެވެ. އަހަރެން ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. ނިދި ވެސް އައިހެވެ. އަދި ބަނޑުހައިކަން އިހްސާސްވުމާއެކު އަހަރެން ހުރީ މެންދުރު ލިލީ ނުކައި ހުރި ބަތްކޮޅު ކާލި ގޮތަށްކަން ހަނދާންވިއެވެ.

އޮފީސް މަސައްކަތް ލަހުން ނިމޭ ރޭރޭ މާ ވަރުގަދައަކަށް ޒިޔާދް ކާކަށް ބޭނުމެއް ނުވާނެއެވެ. އެހެންވެ، އޭނާއަށް މި ގަޑީގައި އަހަރެން އާއްމުކޮށް ހަދަނީ ސޭންޑްވިޗެކެވެ. ހަމައެކަނި ސޭންޑްވިޗަކުން ފުއްދައެއް ނުލަމެވެ.އެއާއެކު ޗިޕްސް ވެސް ތެލުލައިދެމެވެ. ޒިޔާދްގެ ކެއުމުގައި އަހަރެން ކުޑަކޮށް ވެސް ފަރުވާކުޑައެއް ނުކުރަމެވެ. އޭނާގެ ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކޮށްދިނުމަކީ އަހަރެންގެ ކަށީގައި ހިފާފައި ހުންނަ ވަރުގަދަ އާދައެކެވެ. ރުޅި އަޔަސް، ދެރަވިޔަސް އަހަރެން އޭނާއަށް ކުރާ ހިދުމަތްތަކަކަށް އުނިކަމެއް ނުގެންނަމެވެ. ހުދު ޒިޔާދު ވެސް އެކަން ގަބޫލު ކުރެއެވެ.

ކާތަށިމަތި ފެންނަ ވަގުތު އަބަދުވެސް ޒިޔާދް ހިނިތުންވާނެކަން އަހަންނަށް އެނގެއެވެ. އޭނާގެ އެންމެ ހިނިތުންވެލުމެއް ވެސް އަހަންނަށް ފުދެއެވެ. ހިތްހަމަ ނުޖެހި، ދެރަވެފައި ހުއްޓަސް، ޒިޔާދް ހަމަޖެހިފައި ހުރިތަން ފެނުމުން އަހަރެން އުފާވާނެއެވެ. އަދި ވެދިޔަކަން މުޅިން ހަނދާންވެސް ނެތޭނެއެވެ. މިރޭ ވެސް ވީ ހަމަ އެހެންނެވެ.

" އައްދޭ. ހާދަ މީރުވަސް ދުވަޔޭ. އަސްލު ވެސް ހަމަ ވަރަށް ހައިވެފައި މި ހުރީ. ގެއަށް އަންނައިރަށް ތި ސޭންޑްވިޗް ކާން ލިބޭނެކަން އެނގޭތީ ބޭރުން ވެސް ކާން ބޭނުން ނުވަނީ." ޒިޔާދްގެ އަޑަށް އަހަންނަށް ފަހަތް ބަލައިލެވުނެވެ.

އޭރު ޒިޔާދްގެ މޫނުމަތީގައި ހުރީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އޭނާ ހުރީ ފެންވަރާ ތާޒާ ވެލައިގެންނެވެ. އަނެއްކާ ވެސް އޭނާގެ ވަރުގަދަ ހަށިގަނޑު ފެނި އަހަރެން އޭނާ ގައިގައި ބައްދާލާހިތްވިއެވެ.

"މާދަމާ ވެސް ވަރަށް ހެނދުނާ ދާން ޖެހޭނެ. ފެންވަރާލައިގެން މީރުކޮށް ކާލީމަ ދެން ނޭނގެ ނިދޭނެ ގޮތް ވެސް. ހަމަ ޖެހޭއިރަށް ތަންޑާވާނެ." ޒިޔާދް ބުންޏެވެ. އޭނާ އައިސް މޭޒު ކައިރީ އިށީނެވެ. އަހަރެން ވެސް ފެންތައްޓެއް ހިފައިގެން އައިސް އަހަރެން ޒިޔާދް ކައިރީ އިށީނީމެވެ. ޒިޔާދް ކައި ނިމެންދެން އޭނާ ކައިރީ އިނުމަކީ އަހަންނަށް ލިބޭ ހިތްހަމަ ޖެހުމެވެ.

" ރުޅި އައިސްފައިތަ؟" ޒިޔާދް އެހިއެވެ.

" ކޮންކަމަކާ؟" ދެ ބުމަ ހިއްލާލަމުން އަހަރެން ސުވާލު ކުރީމެވެ.

އެ ވަގުތު ޒިޔާދު އެއް މިޔަކަނުން ހީލަމުން އަހަރެންގެ ތުންފަތާ ދިމާލަށް ޗިޕްސްކޮޅެއް ދިއްކޮށްލިއެވެ.

" މިހާ ލޯބިން ދިނީމަ ވެސް ނުކާނެ." ދެ ފަރާތަށް އަހަރެން ބޯ ހޫރާލުމުން ޒިޔާދް ބުންޏެވެ.

" ކާހިތެއް ނުވެޔޭ." އަހަރެން ބުނީމެވެ.

" ހީވަނީ ހަމަ ރުޅި އައިސް އިން ހެން. ބުނެބަލަ. ކޮންކަމާ ކަޓާފަ؟" ޒިޔާދް އަނެއްކާ ވެސް އެހިއެވެ.

" އަޅެ ކީއްވެތަ އަހަރެން ރުޅި އައިސް އިން ހީވަނީ؟ ކިރިޔާ ވެސް ވާހަކަ ނުދައްކާ އިންނަ އިރަށް އަހާނެ ރުޅި އައިސްފަހޭ؟ ދެން އަބަދު އަހަރެން ކިހިނެއް ވާހަކަ ދައްކާނީ؟" އަހަރެންގެ ކޮންޓްރޯލް ދޫވިއެވެ.

ހިތަށް ޖަމާވި ޝަކުވާތައް އިތުރަށް ބޭރު ނުކުރަން ވެގެން އަވަހަށް ތެދުވެ ސިންކާ ދިމާލަށް ހިނގައިގަތީމެވެ. އޭރު ސިންކް ތެރޭގައި ވެސް ނުދޮވެ ހުރި ބައެއް ތަށި ހުއްޓެވެ. އަހަރެން ހަރަކާތްތައް އަވަސްކޮށްލީމެވެ.

ދެން އަހަރެން ސިހުނީ ފަހަތުން އައިސް ޒިޔާދް އަހަރެންގެ ގައިގައި ބައްދާލުމުންނެވެ. އެއާއެކު އަތުގައި އޮތް ތަށި ވެސް މަޑުމަޑުން ސިންކްގައި ބެހެއްޓީމެވެ.

" ސޮރީ. އަހަންނަށް އެނގޭ އަސްލު ކީއްވެކަން ހިތްހަމަ ނުޖެހިގެން ތި އުޅެނީ. އެކަމަކު ބުނަންތަ؟ އަންޑަސްޓޭންޑް ވައްޗޭ. އަސްލު މިހާ ބިޒީކޮށް އުޅެފައި ގެއަށް އައިސް ބޭނުންވަނީ ހަމަ ނިދާލަން. އެހެންވެ މޫޑެއް ވެސް ނުހުރެޔޭ. " ޒިޔާދް އަހަރެންގެ ކަނދުރާގައި މޫނު ޖައްސާލަމުން ބުންޏެވެ.

އަހަންނަށް ބާރަށް ދެ ލޯ މަރާލެވުނެވެ. އަދި އަތުގައި އޮތް އޯމޯ ސްޕޮންޖްގަނޑަށް ބާރަށް ފިތާލެވުނެވެ. އެއާއެކު އޯމޯގަރުތައް އޭގެ ތެރެއިން ބޭރަށް ފައިބައިގަތެވެ.

" ދެން އެހެން ވިއްޔާ އަހަންނާ ދުރަށް ޖެހިލަބަލަ. ކައިރި ވާން ބޭނުން ނުވާއިރު ކީއްކުރަންތަ ތިހެން އުޅެނީ؟ ޒިޔާދްއާހެދި މީހަކު ހުންނަނީ ހޭބަލިވެފައިކަން ޒިޔާދްއަށް އެނގެއެއްނު. " އަހަރެން ކުޑަކޮށް ދެ ކޮނޑު ތަޅުވާލަމުން ބުނީމެވެ.

އެއާއެކު ދުރަށް ޖެހިލަމުން އޭނާ ޖަހާލީ ހިނިގަނޑެކެވެ.

" އެހެންވެޔޭ އަހަރެން ލޯބިވަނީ. ތިއީ ހަމަ ދުނިޔޭގެ އެންމެ ބެސްޓް ވައިފް. " ޒިޔާދް ބުންޏެވެ.

އަހަރެން އަޅައެއް ނުލަމެވެ. އެއީ އަބަދުވެސް އޭނާގެ ދުލުން އަހަންނާ ދިމާލަށް ބުނާ ބަސްތަކެވެ. އަހަރެން އިތުރަށް އެއްޗެއް ނުބުމުން ޒިޔާދް ގޮސް ވަނީ ކޮޓަރިއަށެވެ.

ބަދިގެ ސާފުކޮށް ނިމިގެން ކޮޓަރިއަށް ވަތް އިރު ޒިޔާދް އޮތީ ގަދައަށް ނިދާފައެވެ. އޭނާއާ ދިމާލަށް ބަލަހައްޓައިގެން އަހަންނަށް އިރުކޮޅަކު ހުރެވުނެވެ. އަދި ތިރީގައި ނިދާފައި އޮތް ދަރިފުޅުގެ މޫނަށް ބަލައިލަމުން އަހަރެން ފާހާނާއާ ދިމާލަށް ހިނގައިގަތީމެވެ.

އެކަނިވެލަން ބޭނުންވީ ވަރުން އަހަރެން ފާހާނާ ތަށިމަތީ އިށީނދެލީމެވެ. އެއާއެކު ދެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ދެ ލޯ ފުސްވެ، ލޮލު ތެރެއިން ފާއްދާލި ކަރުނަތަކާއެކު އަހަންނަށް އިސްޖަހާލެވުނެވެ. އެ ވަގުތު މީގެ ހައެއްކަ އަހަރުގެ ހަނދާންތަަކަށް އަހަރެންގެ ސިކުނޑި ދަތުރުކޮށްފިއެވެ.

މުޅި ރަށުގައި ހިނގައިގެން ލިބެން ހުރިއްޔާ ހުރި ފިނިފެންމަލެއް އަހަރެން ހޯދީމެވެ. ހުދު ކުލައިގެ ބެޑްޝީޓްމަތީގައި މާތައް އަތުރައިލެވުނީ ހިނިތުންވުމާއެކުއެވެ. އެއީ އަހަރެމެންގެ ކައިވެނީގެ ހަތަރުވަނަ އަހަރެވެ. އެއް އަހަރަށް ވުރެ، އަނެއް އަހަރު އެނިވާސަރީ ކުލަގަދަކޮށް ފާހަގަ ކުރެވޭތޯ އަހަރެން ބަލަމެވެ.

އެނދު ކައިރީގައި ހުރި މޭޒުމަތީ ކޭކު ބެހެއްޓުމާއެކު އަހަންނަށް އައި ފޯނު ކޯލުން އަހަންނަށް ތެޅިގަނެވުނެވެ. އެއީ ޒިޔާދުގެ އެކުވެރި މޯޑުގެ ކޯލެކެވެ. އޭނާ ބުނީ ކެފޭގައި އިނދެފައި ޒިޔާދް ގެއަށް ދާން ނައްޓާލި ވާހަކައެވެ. އެއީ އަހަރެން މޯޑުއާ ހަވާލުކޮށްފައި އޮތް މަސައްކަތެކެވެ.

ފޯނު ކަނޑާލުމަށްފަހު އަހަރެން ދުވެފައި ގޮސް އަލަމާރި ކައިރީގައި ހުއްޓުނީމެވެ. އެ ރެޔަށް ހާއްސަކޮށްފައި އޮތް ރަތްކުލައިގެ ނައިޓީ ހިފައިގެން އަހަރެން ވަނީ ފާހާނާއަށެވެ. ރީތިވެގެން ނިކުމެވުނީ ކިރިޔާއެވެ. ދޮރުގައި ޒިޔާދް ޓަކި ޖަހައިފިއެވެ. ފަންކާ ނިއްވާލުމަށްފަހު، މުށިތައް މަތީ އަތުރާފައި ހުރި އުއްބައްތިތައް އަހަރެން ރޯ ކުރީ ނުހަނު އަވަހަށެވެ. އޭރު ޒިޔާދް އަހަންނަށް ގޮވަން ފަށައިފިއެވެ. ނިދީހޭ ގޮވާ އަޑު ވެސް އިވެއެވެ.

މަޑުމަޑުން ދޮރު ހުޅުވާލުމާއެކު އޭނާ އެތެރެއަށް ދެމިގަތީ ފުޅާ ހިނިތުންވުމެއްގައި ހުރެއެވެ.

" ވާއޯ. އަހަރެން ހިތަށް ވެސް އެރިއޭ. " ޒިޔާދް ބުނެލީ އަހަންނާ ދިމާލަށް ދެ އަތް ފުޅާ ކުރަމުންނެވެ.

" ހާދަ ސެކްސީއޭ މިރޭ." އޭނާ އަނެއްކާ ވެސް ބުންޏެވެ. އަހަރެން އިވޭ ކަމަަށް ވެސް ނަހަދަމެވެ. އެފަދައިން ޒިޔާދް ތައުރީފް ކުރާ އަޑު އަހަން އަހަރެން އަބަދުވެސް ލަދުގަނެއެވެ.

" އެ ބުނީ ހަމަ... ހިތަކަށް ނާރާނެ. ޔަގީން ހަނދާން ވެސް ނެތްކަން." އޭނާގެ މޭމަތީގައި ބޮނޑިވަމުން އަހަރެން ބުނީމެވެ.

" ނޫން. ހަމަ ހަނދާން ހުރި. އެކަމަކު ގިފްޓެއް ގަނެވިފައި ނެތީމަ ހިތަށް އެރީ އަންނަ އަހަރުއޭ ދެން." ހެމުންހެމުން ޒިޔާދް ބުންޏެވެ.

" ޑެކަރޭޝަން ވެސް ވަރަށް ރީތި. ލޯބި އަދި މާ ރީތި. ތިއީ ކުރިން ނުލާ އެއްޗެއް ދޯ؟ " ޒިޔާދްއާ އަހަރެން ދުރުކޮށްލަމުން އޭނާ އަހަންނަށް ބަލައިލިއެވެ.

" ދެން... ހެވޭ ތިހާ ވަރަށް ރީއްޗޭ ނުބުންޏަސް. " ޒިޔާދްގެ ގައިގައި ބައްދާލަމުން އަހަރެން ބުނީމެވެ. އަހަރެން ބޭނުންވީ ފޮރުވިލާށެވެ. އޭނާ އަހަންނާ ދިމާލަށް މާ ވަރަކަށް ބަލާތީ އަހަރެން ހުރީ ވަރަށް ބޮޑަށް ލަދުގެންފައެވެ.

" ހެވެއް ނުވާނެ. ފަހުން ބުނާނެ އެހާ ރީތިވީމަ ވެސް ރީއްޗޭ ވެސް ނުބުންޏޭ. " އަހަރެންގެ އިސްތަށިގަޑުގައި ހިފަމުން ޒިޔާދް ބުންޏެވެ.

" އަހަރެން ޝަކުވާ ކޮށްފާނެތީތަ ތިހެން ތި ކިޔަނީ؟" ހެމުންހެމުން އަހަރެން އެހީމެވެ.

" ނޫން. ހަމަ އަސްލުވެސް. އެނގެއެއްނު އަަހަންނަށް ރީީތީ ވެސް ލޯބި ރަތްކުލައިގެ އެއްޗެހި ލީމަކަން. ތި ހަށިގަނޑާ އެންމެ ގުޅެނީ ވެސް ލޭރަތް ކުލަ. " ޒިޔާދް އެހެން ބުނެ އަހަރެންގެ ކަނދުރާގައި ހިފާލިއެވެ.

" ހާދަ މީރުވަސް ދުވަޔޭ. " އަހަރެންގެ މޫނުގައި މޫނު ޖައްސާލަމުން ޒިޔާދް ބުނެލީ ސިއްރުންނެވެ. ޒިޔާދްގެ ގައިގައި އަހަންނަށް ބާރަށް ހިފަހައްޓާލެވުނެވެ. އެއާއެކު އޭނާގެ އަތްދަނޑިމައްޗަށް އަހަރެން އުފުލައިލަމަުން އެނދާ ދިމާލަށް ހިނގައިގަތެވެ. އަހަރެން އޭރު ވެސް އޮތީ ޒިޔާދްގެ ކޮނޑުގައި ބައްދައިގެންނެވެ.

" ތިހެން ލަދުގަންނާތީ އަހަންނަށް ވަރަށް ހިތްގައިމު." އެނދުމަތީ އަހަރެން ބާއްވާލަމުން ޒިޔާދް ބުންޏެވެ.

ދެން ވެސް އަހަރެން ލޮލެއް ނުހުޅުވަމެވެ.

" އޭ. ތިހެން އޮވެ ނިދިދާނެ. " އަހަރެންގެ ކަންފަތްދަށުގައި ޒިޔާދް ބުނެލިއެވެ.

އެއާއެކު މޫނުގައި ދެ އަތް އަޅަމުން އަހަރެން ހޭންފެށީމެވެ.

ކުއްލިއަކަށް އަހަރެން ސިހުނީ ލިލީ ރޮއިގަތް އަޑަށެވެ. ދެ އަތުން މޫނު ފުހެލަމުން އަހަރެން ނިކުތީމެވެ. އޭރު ލިލީ އިނީ ތެދަށެވެ. އެ މަންޖެ ގޮވައިގެން އަހަރެން ވެސް އެ ގޮދަނޑީގައި އޮށޯތީމެވެ. އެ ރޭ ވެސް އަހަންނަށް ނިދުނީ ލިލީއާ އެކު ތިރީގައެވެ.

ޖެހިގެން އައި ދުވަހެވެ. ލިލީ ކުޅެން ބަހައްޓާފައި އަހަރެން ބަދިގެއަށް ވަނީމެވެ. އައިސްއަލަމާރީގައި މަސް ހުސްވެފައި ހުންނަތާ ދެ ދުވަސް ވެއްޖެއެވެ. އެ ވާހަކަ ދެ ފަހަރަކު ޒިޔާދްއަށް ހަނދާން ވެސް ކޮށްދެވިއްޖެއެވެ. މެންދުރު ވަގުތު ލިލީ އެންމެ ރަނގަޅަށް ކާނީ ވެސް ގަރުދިޔައާ ބަތެވެ. އެ ހަނދާންވުމުން އަހަރެން މި ފަހަރު ހިތްހަމައެއް ނުޖެހުނެވެ. ދަރިފުޅުގެ ކަންތައްތަކަށް ފަރުވާކުޑަ ކުރުމަކީ އަހަރެން ނުކުރާނެ ކަމެކެވެ.

" އަޅެ ޒިޔާދް ކައިރި ކުރީ ދުވަހު ވެސް ބުނީމެއްނު މަސް ހުސްވި ވާހަކަ. " ހިތްހަމަ ނުޖެހިފައި ހުރި ވަރުން އަހަންނަށް ބުނެވުނީ ޝަކުވާގެ ރާގުގައެވެ. ހަގީގަތުގައި އެ ޝަކުވާއަކީ އަހަރެންގެ ކަންބޮޑުވުމެވެ.

" ތިހެން ގޭގައި ރީތިކޮށް އިންނައިރު އެ ވަރުގެ ކަމެއް ވެސް ނުކުރެވޭތަ؟ އަހަރެން ދެން އޮފީހުގައި އިނދެފައި މަސް ގަންނަން މާރުކޭޓަށް ދާން ވީ؟" ޒިޔާދްގެ ޖަވާބު އަހަންނަށް އިވުނެވެ.

ހިންދިރުވާލެވުނީ އަޑު ބޭރުކުރަން އުނދަގޫ ވެގެންނެވެ.

" ސައިކަލްގައި އުޅޭއިރު އެއީ އުނދަގޫކަމެއްތަ؟" އަނެއްކާ ވެސް ޒިޔާދް ބުންޏެވެ.

" އުނހު. ކުޑަކުޑަ ކުއްޖަކު ގޮވައިގެން މާރުކޭޓަށް ގޮސް މަަސް ގަންނަން ނުވާނެ އުނދަގުލެއް. " އަހަރެން އެހެން ބުނެ، ފޯނު ކަނޑާލީމެވެ.

ހިތަށް އެރިއެވެ. އަހަރެން އެކަން ކުރާނަމެވެ. އަހަންނަށް އެކަން ވާނެއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)