ކުރީގެ އަދަދާއި ގުޅޭ:

" ހޫމް ދެން މާ ވާހަކަ ގިނަ ނުކޮށްބަލަ. ތައިބާ ކައިރީ ބުންޏަސް، ނުބުންޏަސް އަހަރެން އެ ފްލެޓް ގަނެފިން. ދެން ޗުކުޗުކު ލެއްވިޔަސް އެކަން ނުކުރާ ކަމަކަށް ނުވާނެ. އަހަރެން ކޮއްދޭ ކަންކަމަށް ޝުކުރުވެރިވާން ވެސް ނޭނގޭ އަންހެނެއް ތިއީ." އެހެން ބުނުމަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

Ad
rt

ވީ ދެރައިން، ރޮވޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ސޯފާއަށް އަހަރެން ތިރިވީމެވެ.

" ދެން ހަމަ އެކަމާތަ ތި މޫޑު ގޯސްވީ؟ އެއީ އެވަރުގެ ކަމެއް ނޫނޭ. ދެން މިއަދު ހަތަރުދަމު ތިހެންތަ ހުންނާނީ؟" އަހަރެން ސިހުނީ ކޮޓަރިން ނިކުތް ޒިޔާދުގެ އަޑަށެވެ.

އޭރު ވެސް އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތަކަށް ނިމުމެއް ނެތް ކަހަލައެވެ. ސޯފާގައި އިނދެގެން އަހަރެން ގިސްލަމުން ދިޔައީ ނުހަނު މަޑުމަޑުންނެވެ.

" ކުޅެން އިން ގޮތަށް ލިލީ އެބައޮތް މެޓް މަތީ ނިދިފަ. ދެން ދޭ އެ މަންޖެ ނަގާ އެނދަށް ލާން." ޒިޔާދު ބުންޏެވެ.

އެއަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ ބޭރަށް ނިކުތީ ކޮންމެވެސް ރައްޓެއްސަކަށް ގުޅައިގެން ހުރެއެވެ.

އޭނާ ވާހަކަ ދައްކާ އަޑު އިވުމުން ވެސް އަހަންނަށް އިތުރަށް އުނދަގޫވީ ކަހަލައެވެ. ކިތަންމެ ވަރަކަށް އަހަރެން ރުޔަސް، ޒިޔާދުގެ ހިތަށް ކުޑަ ވެސް އަަަަަަސަރެއް ނުކުރާކަން އަހަންނަށް ޔަގީންވިއެވެ. އަހަރެން ހިތުގައި ޖެހި، ދެރަވުމަކީ އޭނާއަށް އާދައިގެ ކަމެކެވެ. އެންމެ ކުޑަމިނުން މައާފަށް އެދުމަކީ ޒިޔާދުގެ ނެތް ސިފައެކެވެ. އަހަރެން ދެރަކޮއްލާ ރޮއްވާލުމަކީ އޭނާއަށް ވަރަށް އާދައިގެ ކަމެކެވެ.

ގަޔަށް ބާރު ލައިފައި ތެދުވެގެން ގޮސް ލިލީ ނެގި އިރު ވެސް އަހަންނަށް ގިސްލެވެއެވެ. އެނބުރި ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި މޫނަށް ބަލައިލަމުން މޫނުގައި އަތް ޖައްސާލީމެވެ. އަހަރެންގެ ދެ ލޮލުން އަހަންނަށް ފެންނަނީ ވަރުބަލިކަމުގެ އަސަރުތަކެވެ. ލޮލަށް ޖަމާވެފައިވާ ރަތް ފިޔާތޮށިކުލައިން އަހަންނަށް ދޭހަވީ އަހަރެންގެ ކެތްތެރިކަމުގެ މިންވަރެވެ. ރޮއިރޮއި ލޯ ފާރުވިޔަސް އަހަރެން އެބަ ކެތްކުރަމެވެ. އަހަރެންގެ ކެތްތެރިކަމުގެ އަސްލަކީ ލޯބިވާ ދަރިފުޅޭ ހިތަށް އެރުމާއެކު އަހަންނަށް ފަސްއެނބުރި ލިލީއަށް ބަލައިލެވުނެވެ.

ކައިރިއަށް ގޮސް ލިލީގެ މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއް ފަރާތްކޮށްލަމުން ކޮލަށް ބޮސްދިނީމެވެ. އަދި ދެ ލޯ މަރާލުމަށްފަހު ލިލީ ކައިރީ އޮށޯތީމެވެ. ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމާއެކު އަހަރެން ވެސް ނިދީގެ ތެރެއަށް ގެނބޭކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ.

އަހަންނަށް ހޭލެވުނީ ލިލީ ހޭލައިގެން އަހަންނަށް ގޮވަން ފެށީމައެވެ. އެއާއެކު ގަޑިން ވީ އިރެއް ނޭނގޭތީ، ދެ ލޯ ކުޑަކޮށްފައި އަހަންނަށް އަލަމާރިއާ ދިމާލަށް ބަލައިލެވުނެވެ. މަތީގައި ހުރި ގަޑިން ނަންބަރެއް ފެނޭތޯ ދެ ލޯ ކުޑަކޮށްލެވުނީ ވެސް އާ ފުރެމުންނެވެ.

" ސުބްޙާނަﷲ. މަޣްރިބް ވަގުތު ފާއިތުވީ؟ " އަހަންނަށް ބުނެވުނެވެ.

އޭރު ގަޑިން އަށެއް ވެސް ޖަހާ ބޮޑުވެއްޖެއެވެ. އެނދުން ފޭބުމާއެކު ސިޓިންރޫމްގައި އިނދެ ޒިޔާދު ވާހަކަ ދައްކާ އަޑު އިވުނެވެ. އޭރު ނިދި ހުރި ވަރުން ލިލީ އޮތީ އަނެއްކާ ވެސް އޮށޯވެގެންނެވެ.

" އެބަ އުޅެން ދޯ؟ ކީއްވެތަ އަހަންނަށް ނުގޮވީ؟" ކޮޓަރި ދޮރު ހުޅުވާލި ގޮތަށް އަހަރެން ޒިޔާދުއާ ސުވާލު ކުރީމެވެ.

އޭރު އޭނާ އިނީ ކޮންމެވެސް މީހެއްގެ ފޯނެއްގައެވެ. އަހަރެން ފެނުމާއެކު ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު ތިރިކޮށްލިއެވެ.

" ފޯނުގައި ހުންނައިރު ތި ފާޑަށް ރުޅި އައިސް ވާހަކަ ނުދައްކާށޭ ބުނީމެއްނު." ޒިޔާދު ބުންޏެވެ.

" އަޅެ އަހަރެން ރުޅި އައިސްފިތަ؟ މި އަހާލީއެއްނު." ދޮރުކަނީގައި ލެނގިލަމުން އަހަރެން ބުނީމެވެ.

" ނިދާފައި އޮތް މީހަކަށް ކީއްކުރަން ގޮވަނީ؟" އަނެއްކާ ވެސް ފޯނަށް ނަޒަރު ހުއްޓާލަމުން ޒިޔާދު ބުންޏެވެ.

މާ ގިނައިން ނިދުމުގެ ސަބަބުން ބޮލަށް ލިބިފައިވާ ބަރުކަން ޒިޔާދުގެ ޖުމްލަ އަޑު އިވި، އިތުރުވެގެން ދިޔަހެން އަހަންނަށް ހީވިއެވެ.

" ނަމާދު ވަގުތު ކަޓަންޏާ ގޮވަންޖެހޭނެ. ޒިޔާދުއަށް ހެޔޮވާނެ އަހަރެން އަލިފާނުގައި އޮވެ އެނދިޔަސް." ހިތްހަމަ ނުޖެހި ހުރެ އަހަރެން އެހެން ބުނުމާއެކު އޭނާ ހިނިގަނޑެއް ޖަހާލިއެވެ. އަދި ސޯފާއިން ތެދުވެ، ފޯނު ޖީބަށް ލަމުން އަހަންނާ ދިމާލަށް ހިނގައިގަތެވެ.

" އަހަރެން ވެސް ގެއަށް މި އައީ ހަމަ ދެންމެއޭ. ރައްޓެއްސަކާއެކު ހުޅުމާލެއަށް ކޮފީއަކަށް ދިޔައީ. " ޒިޔާދު ބުންޏެވެ.

އެއާއެކު އަހަންނަށް ދެ ބުމަ ކައިރި ކޮއްލެވުނެވެ. ޒިޔާދު އައިސް އަހަރެންގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

" މަންމުގެ މޫނުގައި ނިދީގެ އަސަރު ހުންނައިރު ހާދަ ލޯބިއޭ. " ޒިޔާދު ބުނެލިއެވެ.

އެއަށްފަހު ކުޑަކޮށް ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލުމަށްފަހު ލިލީއަށް ބަލައިލިއެވެ.

" ނިދިފައެއްނު އެ އޮތީ. " ޒިޔާދު ބުންޏެވެ.

އަހަރެން އޭރު ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ނަމަވެސް އޭނާގެ މޫނުމަތިން އޭރު ފެންނަމުން ދިޔައީ އޭގެ އިދިކޮޅެވެ. ލޯބި އުތުރު އަރާފައި ހުރެ، އޭނާ މަޑުމަޑުން އަހަރެންގެ ކަނދުރާގައި މޫނު ޖައްސާލިއެވެ. ހިތްހަމަ ނުޖެހޭ ގޮތް ދައްކާލަމުން އަހަރެން ދުރަށް ޖެހިލީ ނުހަނު ބާރަށެވެ. އެ ވަގުތު ޒިޔާދުގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ.

" މިސްކިތަށް ވެސް ނުދަންތަ؟ މަޣްރިބް ނަމާދެއް ނުކުރަން ދޯ؟" އަހަރެން އެހީމެވެ.

" އާނ. ބްރިޖްމަތީ ހުއްޓާ އިޝާ ބަންގި ގޮވައިފި. " އޭނާ އެހެން ބުނެ އަަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލީ އަނެއްކާ ވެސް މޫނުމަތީގެ ކުލަަވަރު ބަދަލުކޮއްލަމުންނެވެ.

" ނަމާދު އެޅުމަކީ ހަމަ ޒިޔާދުގެ އާދައެއް. އަދި އެކަމާ ދެރައެއް ވެސް ނުވެޔޭ." އަހަރެން ބުނީމެވެ.

" ފަހުން ކުރާނަމޭ. " އެހެން ބުނެ، ޒިޔާދު އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.

" ނޫނެކޭ. އަހަރެން މި ދަނީ ނަމާދަށް އަރަން. ދޫކުރޭ." ތެޅިގަނެފައި އަހަރެން ބުނީމެވެ.

އެއާއެކު ޒިޔާދު ބާރުބާރަށް އަހަރެން ދުރަށް ކޮއްޕާލިއެވެ. އޭރު އޭނާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. ލިބުނު ހައިރާންކަމާއެކު އަހަރެން އަވަސް އަވަހަށް ކޮޓަރި ތެރެއިން ނިކުމެ، ދޮރު ލެއްޕީމެވެ.

" ކީއްވެ ތި ކޮއްޕާލީ؟" އަހަރެން އެހީމެވެ. ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެންނެވެ.

" އާނ ދެން! އަހަރެން އަތް ލިޔަސް ތައިބާއަކަށް ކަމަކު ނުދޭ. ދެން ބުނާނެ އަހަރެން ދުރު ވަނިއްޔޭ." ޒިޔާދު ބުންޏެވެ.

އޭނާ ގޮސް ސޯފާގައި އޮށޯވެ އަނެއްކާ ވެސް ފޯނާ ކުޅެން ފެށިއެވެ.

" ޒިޔާދުއަށް ވަކި ވަގުތެއް ވެސް ނޯވޭތަ؟" އަހަރެން އެހީމެވެ.

އެވަގުތު އެއްމިޔަކަނުން ހީލަމުން ޒިޔާދު އަހަންނަށް ބަލައިލިއެވެ. އޭރު ވެސް އޭނާ އޮތީ މަލާމާތް ކުރާ ކަހަލަ ގޮތަކަށް އަހަންނަށް ބަލަހައްޓައިގެންނެވެ.

" އެކަމަށް ވަކި ވަގުތެއް އޮންނަން ޖެހޭތަ؟ ދަރިން ލިބުނީމަ ޖެހޭނީ ޓައިމް ހޯދަން. އެ ޓައިމް ތައިބާއަށް ނުދެވެންޏާ އަހަރެން ރުޅި ވެސް އަންނާނެކަން އެނގެން ވާނެ." ޒިޔާދު ބުންޏެވެ.

" ނަމާދު ނުކޮށް ހުރީމަ އަހަރެން ވަރަށް ރުޅި އައިސް މި ހުރީ." އަހަރެން ބުނީމެވެ.

އަނެއްކާ ވެސް ޒިޔާދު ހިނިގަނޑެއް ޖަހާލިއެވެ.

" ތިހެން ބުނާ މީހާ ވެސް އޮތީ ނަމާދު ނުކޮށް ނިދާފަ. އަދި އަހަންނަށް ކިޔައޭ." އޭނާ ބުނެލިއެވެ.

" ނިދުމަކީ އުޒުރެއް. އެހެން ނޫނަސް އަހަރެން ނިދީ ނަމާދު ނުކޮށް އޮންނާކަށް ނޫނޭ." އަހަރެން ދެރަވެލާފައި ބުނީމެވެ.

" ހޫމް ދެން ޒުވާބު ނުކޮށް ތި ކުރާކަމެއް ކުރަން ދޭ ބަލަ. ދެން ހަމަ މަދިރިއެއް ހެން ކަންފަތްދޮށުގައި ބޫމް ލައްވަން ހުރެދާނެ." ޒިޔާދު ބުންޏެވެ.

ވީ ފޫހިން އަހަރެން ވަގުތުން ކޮޓަރިއަށް ވަނީމެވެ. ފާހާނާއަށް ވަދެ، ލޯގަނޑުން މޫނު ފެނުމާއެކު އަހަރެން ދިޔައީ ސިހިގެންނެވެ. ރުޅި އައިސް ހުރި އަހަރެންގެ މޫނު ފެނި، ހުދު އަހަރެން ވެސް ހައިރާންވީމެވެ. ޒިޔާދުދެކެ އަހަންނަށް ހަމަ މިހާ ރުޅި އާދެވުނީ ބާވައޭ ހިތަށް އެރިއެވެ.

މުސައްލަމަތީ އިނދެ ދުޢާއަށް އަތް އުފުލާލެވުމާއެކު އަަހަރެން ފެންކަޅިވިއެވެ. ހިތަށް ޖަމާވަމުންދިޔަ އެތައް ވާހަކަތަކެއް ދުލުން ބަޔާންކުރަން އުނދަގޫވިއެވެ. އެއާއެކު މަޑުމަޑުން ކަރުނައިގެ ރޮނގުތައް ކޮތާފަތްމަތީ ދެމެން ފަށައިފިއެވެ.

" ޔާﷲ. މި އަޅާގެ ހިތުގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އިބަ އިލާހު. މި އަޅާގެ ފިރިމީހާއަކީ ހެޔޮލަފާ ޞާލިޙް މީހަކު ކަމުގައި ލައްވާނދޭ. އޭނާއަކީ މި އަޅާ ބޭނުންވާ ކަހަލަ ފިރިޔަކު ކަމުގައި ލައްވާނދޭ! ނޫނީ މި އަޅާއަށް މިއަށް ވުރެން ރަނގަޅު ގޮތެއް މިންވަރު ކުރައްވާށި. އާމީން." މޫނުގައި އަހަރެން ފިރުމާލީމެވެ.

ދުޢާތައް ނިންމާލުމުގެ ގޮތުން އަހަރެން އަބަދުވެސް ކުރާ ދުއާއަކީ މިއީއެވެ. ކިރިޔާ ވެސް ހިތަށް ހަމަޖެހުން ލިބެނީ މާތް ރަސްކަލާނގެއަށް ހިތުގެ ހާލު ދެންނެވުމުންނެވެ.

ލިލީ އޭރު ވެސް އޮތީ ނިދާފައެވެ. މިރޭގެ ނިދި ވެސް ހަލާކުވީއޭ ހިތާ، ލިލީއަށް ގޮވާލަން ދާން އަހަރެން އެނދާ ދިމާލަށް ހިނގައިގަތީމެވެ. ނަމަވެސް އޭގެ ކުރިން ސިޓިންރޫމް ދޮރު ލެއްޕުނު އަޑަށް އަހަރެންގެ ސަމާލުކަން އެ ދިމާލަށް ދަމަައިގަތެވެ. ޒިޔާދު ބޭރަށް ދިޔައީތޯ ބަލައިލަން ހިތް އެދުމުން ތަންކޮޅެއް ބާރަށް ގޮސް ކޮޓަރި ދޮރު ހުޅުވާލީމެވެ.
އެ ވަގުތު އަހަންނަށް ލިބުނީ މާ ބޮޑު ހައިރާންކަމެކެވެ. ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއެއް ހިފައިގެން ޒިޔާރު ހުރީ ދޮރު ކައިރީގައެވެ. އޭނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. އަހަރެން ފެނުމާއެކު އޭނާ އަހަންނާ ދިމާލަށް އައީ ވެސް އެ ހިނިތުންވުމުގައެވެ. ކުރިން ހުރި ހިތްހަމަނުޖެހުމުގެ އަސަރުތައް މިހާރު ވަނީ އެ މޫނުމަތިން މުޅިން ފިލައިގެން ގޮހެވެ.

އޭނާ އަހަންނާ ދިމާލަށް ހިނގައިގަތް އިރު ވެސް އަހަރެން ހުރީ ސިހުން ލިބުނު ގޮތަށް ހުއްޓުން އަރާފައެވެ.

" ގަބޫލު ނުކުރެވިފައިތަ؟" އޭނާ ބުނެލިއެވެ.

ވާން އުޅެނީ ކީއްކަމެއް ނޭނގިގެން އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޒިޔާދަކީ އާއްމުކޮށް އެކަހަލަ ކަންކަން ކޮށްއުޅޭ މީހެއް ނޫނެވެ. މިރޭ އެހާ ރުޅި އައިސް ހުރެ، ފިނިފެންމަލުގެ ގުލްދަސްތާއެއް އޭނާ އަހަންނަކަށް ނުދޭނެއެވެ. އަހަރެންގެ ސިކުނޑި އެނބުރިގަތްލެއް ބާރު ކަމުން ބޮލަށް އެނބުރުން އަރާ ހެން ވެސް އަހަންނަށް ހީވިއެވެ.

އޭރު ޒިޔާދު އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އެ ވަގުތު އެ މާ ބޮނޑިއަށް އަހަންނަށް ނަޒަރު ހިންގާލެވުނެވެ.

" ބޭނުމެއް ނޫންތަ؟ " އޭނާ އެހިއެވެ.

" ތިއީ ހަމަ އަހަންނަށްތަ؟" އަހަރެން އެހީމެވެ.

އެ ވަގުތު ޒިޔާދު އެ މާބޮނޑިއަށް ބަލައިލަމުން ބޯ ޖަހާލިއެވެ.

" އަހަރެން ތައިބާދެކެ ލޯބިވާކަން ވެސް މިހާރު ހަނދާން ނެތުނީތަ؟" އޭނާ އެހިއެވެ.

" ލޯބިވެޔޭ، ކުރިން ބުނި ހަނދާނެއް ހުރޭ. އެކަމަކު ޒިޔާދުއަށް ލޯތްބަކީ ކޯއްޗެއް އެނގިގެން ބުނި އެއްޗެއް ނޫން ކަންނޭނގެ އެއީ. " އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)