ކުރީގެ ޢަދަދާއިގުޅޭ

"އާނ.. ދައްތަ! ތިހެން ދޯ މުނާ މަށަށް ކިޔަނީ؟"

Ad
rt

އޭނާގެ ރާގު ހުރިގޮތުން ވަރަށް ރުޅި އައިސް ހުރިކަން މުނާގެ އިތުރުން ޝާމިންއަށް ވެސް އެނގުނެވެ.

" މުނާ ދޭ ގެއަށް. "

މުނާގެދައްތަ، އާރިފާގެ ރާގު ބަދަލެއް ނުވިއެވެ. ރުޅިވެރިކަން ހީވަނީ އިތުރުވީ ހެންނެވެ. އެހެންކަމުން ޝާމިން އާއި ދިމާލަށް ބަލާލަންވެސް މުނާއަކަށް ނުކެރުނެވެ. އާރިފާގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ބާރު ބާރަށް މުނާ ހިނގައިގަތެވެ. މަންޒަރު ބަލަން އިން ޝާމިން ހައިރާންވީ، ކާރުގެ ދޮރު ހުޅުވާ، ކާރު ތެރެއަށް އާރިފާ ދެމިގަތްލެއް އަވަސްކަމުންނެވެ.

"ހައިރާން ނުވޭ... ބިރު ނުގަނޭ.. އަހަރެން ނޫޅެން ކަލެޔަށް އެއްޗެހި ގޮވާކަށް.."

ޖެހިލުންވެފައިވާ ޝާމިންގެ މޫނު ފެނުމުން އޭނާ ބުނެލިއެވެ. އާރިފާ އެހެން ބުނިކަމުގައި ވީނަމަވެސް ޝާމިންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އާރިފާ ދައްކަން އެއުޅޭ ވާހަކައެއްވެސް ޝާމިންއަކަށް ނޭނގެއެވެ.

"އޭނަޔާ އިންނަން ބޭނުންވޭތަ؟ " އާރިފާގެ ފުރަތަމަ ސުވާލަށް، ޖެހިލުންވެފައި ހުރެ ޝާމިން ބޯޖަހާލިއެވެ.

"އެހެންވިއްޔާ އަވަހަށް ތިކަންތައް ނިންމަންވީނު؟"

އާރިފާގެ ރާގު ހުރި ގޮތުން ޝާމިންއަށް އަދިވެސް އެ ދައްކާ ވާހަކައެއް ޤަބޫލެއް ނުކުރެވެއެވެ. މަލާމާތުގެ ރާގުގައި އާރިފާ ވާހަކަ ދައްކާތީ ޝާމިން ކޮންމެވެސް ވަރަކަށް ލަދުވެސްގަތެވެ.

"ޤަބޫލު ނުކުރެވިގެންތަ އަހަންނާ ދިމާލަށް ފާޑަކަށް ތިބަލަނީ ؟ ބަލަ މީނދަ މޮޔަޔާ! އަހަރެން މިބުނީނު އޭނަޔާ އިންނާށޭ. އިނދެގެން ގެންދޭ! އެކަމަކު ހަމަ އެންމެ ޝަރުތެއްގެ މަތިން.. "

ޝާމިން އާއި ކުޑަކޮށް ގާތްވެލަމުން އާރިފާ ބުމަ މައްޗަށް ހިއްލާލިއެވެ. ޝާމިންއަށް ދުރަށް ޖެހިލެވުނީ ހައިރާންވެގެންނެވެ.

" ކޮން ޝަރުތެއް؟ "

"އަހަންނަށް ކުޑަ ފައިސާކޮޅެއްދީފަ އޭނަ ގެންދޭ!"

"ކިހާވަރެއް؟"

ޝާމިންގެ އަޑު ބާރުވީ ހިތްހަމަނުޖެހިގެންނެވެ. ކައިރީގައި އިން އަންހެންމީހާގެ ކިބައިން މުނާ ސަލާމަތްކުރަން ޝާމިން ކިތަންމެހާވެސް ބޭނުމެވެ. އޭނާގެ ފުރާނަ ދީފައި ނަމަވެސް އެތަނުން މުނާ ނެރެން އޭނާ ބޭނުންވިއެވެ.

"މާ ބައިވަރެއް ނޫން.. ދެލައްކަ ރުފިޔާ"

ހިނިގަނޑެއް ޖަހާލަމުން އާރިފާ ބުނެލިއެވެ. އޭނާގެ ކައިރީ އެއިން ޒުވާން ފިރިހެން ކުއްޖާއަށް އެވަރު ދޭން ނުލިބޭނެކަމުގެ ޔަޤީންކަން އާރިފާއަށް އޮތްކަހަލައެވެ.

"މައްސަލައެއްނެތް. އަހަންނަށް ދީ ކުޑަ ދުވަސްކޮޅެއް." ޝާމިން ވަގުތުން އެއްބަސްވިއެވެ.

"ނޮ..ނޮ.. މިހާރުވެސް ތި ގޯސްވީ! ކަލެޔަށް މިރެއިން މިރެއަށް މުނާ ޙަވާލުކުރަންވެގެން އަހަރެން އަދި މި އުޅެނީ.. އެކަމަކު ކަލޭ ތި ބޭނުންވަނީ އަދިވެސް އަގު ދައްކަން ކުޑަ ދުވަސްކޮޅެއް.. އެކައުންޓުގައި އެވަރު ނެތީތާދޯ؟"

އެ އަންހެންމީހާގެ ރާގު ހުރީ ދިމާކުރާ ކަހަލަ ގޮތަކަށެވެ. ޝާމިންއަކީ މުއްސަންޖެއްތޯ ބަލާލަން އޭނާ ބޭނުންވީ ކަމަށް ވެދާނެއެވެ. ޝާމިންގެ ލޭ ކެކެމުން ފޮނު އަރަމުންދެއެވެ. ޝާމިންގާތަށް އައި ރުޅިން ނުވިސްނާ އިން އާރިފާގެ އަތުގައި ވަރަށް ބާރަށް ހިފައިފިއެވެ. އެހިނދު އޭނާގެ ދެލޯ ރުޅިވެރިކަމުން ފުރިގެންދިޔަ ކަހަލައެވެ. އެއަތުގައި ހިފުނުހާ ބާރަކަށް ހިފާ، އޭނާގެ މުށުގެ ތެރެއަށް ޝާމިންގެ ކާރު ތަޅުދަނޑި ލުމަށްފަހު ލުތްކެއް ޖަހާ، އާރިފާގެ އަތުން ދޫކޮށްލިއެވެ.

"މީ ތިންލައްކަ ރުފިޔާގެ ކާރެއް! މަށަށް ވަރިހަމަ ދެލައްކައެއް ނޫން. ހަތަރު ލައްކައަށް މި ކާރު ވިއްކާލިޔަސް.. ހަމަ.. މިހާރު.. މިތަނަށް މުނާ ގެނެސް މަށާ ޙަވާލުކުރޭ! "

ރުޅިއައިސް ހުންނައިރު ޝާމިންގެ އަޑު އިތުރަށް ބަރުހެން ހީވެއެވެ. އެހިނދު އާރިފާގެ މޫނުމަތިން ޖެހިލުންވެފައިހުރިކަންވެސް ޝާމިންއަށް އެނގުނެވެ.

"ކިހިނެތްވީ ؟ ކާރު ބޭނުމެއް ނޫންތަ؟"

ޝާމިންއަށް ގަދަ ލިބުނީކަމުގައި ޝާމިން ނިންމިއެވެ. އާރިފާ ބަލާލީ ތަޅުދަނޑިއަށެވެ. އޭނާ ކަމަކާ ވިސްނާހެން ހީވެގެން ޝާމިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ކޮބާ؟ އަވަސް..."

" ހޫމް.. އަހަރެން އަންނަންދެން މަޑުކުރޭ މިތާ!" އާރިފާ އަވަސް އަވަހަށް ކާރުތެރެއިން ފޭބުމަށްފަހު ގެއާދިމާލަށް ހިނގައިގަތެވެ. ލޯމަތިން އާރިފާ ގެއްލެންދެން ޝާމިން އިނީ ބަލަހައްޓައިގެންނެވެ. އާރިފާ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ ޚުދު، ޝާމިން ޖެހިލުންވެސްވެއެވެ. އެހެނަސް ފަސްޖެހޭކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއްނޫނެވެ. މުނާއަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ޝާމިން ހުރީ ތައްޔާރަށެވެ. އެފަދަ ވިސްނުންތަކެއްގައި ވަނިކޮށް ކުރިމަތިން މުނާ އާއި އާރިފާ އަންނަތަން ޝާމިންއަށް ފެނުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ކާރުން ފޭބިއެވެ.

"މިހުރީ މުނާ... އަން.. ދެން މިއޮތީ ތަޅުދަނޑި! އަހަރެން މި ބަލާލީ ކަލޭ މުނާ ބޭނުންވާވަރު.. މައްސަލަ ނިމުނީނު. އަހަރެންގެ ފިރިމީހާ، އަހަރެން ލަންކާއަށް ބަދަލުވާން އެއްބަސް ނުވެގެން މިއުޅެނީ މީނަ މާލޭގަ ބަހައްޓާފަ ނުދާންވެގެން. މީނަ މީހަކާ އިނީމަ އަހަރެމެން ބޮލުގެ ރިހުން ފިލާނެތާދޯ.."

އާރިފާ ދައްކާ ވާހަކަތަކުން މުނާ ހުރީ ފެންކަޅިވިއެވެ.

"ކަލޭގެ ބޭބެ އައީމަ އަހަރެން ބުނާނަން އިންނަން އުޅޭ ސޮރާއެކު ގޮއްސިއޭ"

އާރިފާގެ އެ ޖުމުލައިން މުނާ ތެޅިގަތެވެ. އޭނާގެ ބޭބެގެ ކުރިމަތީގައި އެހާ ދަށުދަރަޖައިގެ މީހަކަށް ވާކަށް މުނާ ބޭނުމެއްނޫނެވެ. ދެތިން ފިޔަވަޅު ކުރިއަށް ޖެހިލަމުން މުނާ ރޮއިލާފައި ބުންޏެވެ.

"ނޫން ދައްތާ! ތިހެން ނަހަދާ! ރީތިކޮށް ބުނޭ ދައްތަ އަހަރެން ފޮނުވާލިއްޔޭ! އަހަރެން ގެއިން ނެރެލިއްޔޭ ބުނޭ!"

"އައްދެ! މީނަ ހާދަ އަނގަވެސް ގަދަވެއްޖެއޭދޯ! ހިތާވާ ކަހަލަ ފިރެހެނެއް ފެނުނީމަ ވަރުތަކެއްވެފަދޯ ތިހުރީ.. އަހަރެން ބުނާނެ އެއްޗެއް އެނގޭނީ އަހަންނަށް. ކަލޭ ނުޖެހޭނެ އަހަންނަށް ގޮތް ކިޔައިދޭކަށް."

އާރިފާގެ މޫނުމަތިން އަލިފާންކަނި ބުރާހެންވެސް ބައެއް ފަހަރު ހީވެއެވެ. ވަގުތުން މުނާއަށް ރޮވިއްޖެއެވެ. އެއީ ޝާމިން ދެކެން ބޭނުންވާ މަންޒަރެއްނޫނެވެ. އާރިފާ އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން އޭނާ އަވަހަށް ގޮސް މުނާގެ އަތުގައި ހިފައިފިއެވެ.

"ހިނގާ ދާން! މުނާގެ ބޭބެ އާ އަހަރެން ވާހަކަ ދައްކާނަން. އެކަމާ ނުވިސްނާ!"

ޝާމިން މުނާގެ އަތުގައި ހިފައިގެން ހުރެ، ކާރުގެ ދޮރު ހުޅުވިއެވެ. ޝާމިން އާއި މުނާ ކާރަށް އެރި އިރުގައިވެސް އާރިފާ ހުރީ ބަލަހައްޓައިގެންނެވެ. އިތުރު އެއްޗެއް ކިޔުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށްވަނީ ހަމަޖެހުން ލިބިފައެވެ. އާރިފާގެ ބެލުމުގެ ދަށުގައި މުނާ ހުންނަތާ މިވީ ހައެއްކަ އަހަރުގެ ތެރޭގައި އާރިފާއަކަށް ހަމަނިދި ނުލިބެއެވެ. އެއީ މުނާއަކީ ފިރިމީހާގެ ތިމާގެ ކުއްޖަކަށްވީތީއެވެ. އާރިފާގެ ބަހުގައި ފިރިމީހާ ޚަރަދު ކުރަންވާނީ ހަމައެކަނި އާރިފާއަށާއި އޭނާގެ އާއިލާއަށެވެ. އިތުރު މީހަކަށް އެހީވެދިނުމަކީ އާރިފާއަށް އޮންނަކަމެއް ނޫނެވެ. އޭނާގެ އެ ހުންނަ ދަހި ކަމަކުން، މީހަކަށް ބައިރުފިޔާއެއްވެސް ދޭން މުނާގެ ބޭބެއަކަށް ނުކެރެއެވެ.

ޝާމިންގެ ގެއަށް މުނާ ވަތްއިރުގައިވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ހިތަށް ހަމަޖެހުން ނުލިބިގެން މިއުޅެނީ ކީއްވެގެންކަން ވަރަށް ސާފުކޮށް މުނާއަށް އެނގެއެވެ. ބޭބެގެ ކުރިމަތީގައި ގޯސް ކުއްޖަކަށްވާކަށް އޭނާ ބޭނުމެއްނޫނެވެ. މިވީހާތަނަށް ދުވަހަކުވެސް ބޭބެ ލަދުގަންނަވަރުގެ އެއްވެސް ކަމެއް އޭނާ ކޮށްފައެއް ނުވާނެއެވެ.

"ހަމަޖެހިލާ! ސޯފާގައި އިށީނދެލަބަލަ! އަހަރެން އެބަ އަންނަން ކޮފީއެއް ހިފައިގެން.. އިށީނދެލަބަލަ!"

އޯގާތެރިކަމާއެކު ޝާމިން ބުންޏެވެ. އެހެނަސް މުނާ އަދިވެސް ހުރީ ކޮޅަށެވެ. ދެއަތް ދެއަތާލައި ފިތާލަފިތާލަ ހުރި މުނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ.

"ޝާމިން.. އަހަރެންގެ ބޭބެ އާ ވާހަކަ ދައްކާލަބަލަ! އަހަރެން ވަރަށް ބިރުގަނޭ އެބަ! ޕްލީޒް"

މުނާ، އޭނާގެ ފޯން ޝާމިންއަތަށް ދިއްކޮށްލުމުން ޝާމިން ސޯފާގައި އިށީނެވެ. އަދި މުނާއަށްވެސް އިށީނުމަށް އިޝާރާތްކުރިއެވެ. މުނާގެ އެދުމުގެ މަތިން ބޭބެއަށް ގުޅަމުން ޝާމިން އިނީ މުނާގެ މޫނަށް ބަލާށެވެ.

"ހަލޯ! މުނާގެ ބޭބެތޯ ؟"

ފޯނު ނެގުމާއި އެކު ޝާމިން އިޙްތިރާމާއިއެކު ވާހަކަ ދައްކަންފެށިއެވެ. ކަންތައްވީ ގޮތް އޭނާ ވަރަށް ރަނގަޅަށް ބޭބެއަށް ކިޔައިދިނެވެ. އެއަށްފަހު އެކޮޅުން ދައްކަމުންދިޔަ ވާހަކަތައް ކަނުލާ އަޑުއަހަމުންދިޔައެވެ. ފަނަރަ ވަރަކަށްމިނިޓްގެ ދިގު ކޯލް ނިންމާލުމަށްފަހު، ޝާމިން މުނާއަތަށް ފޯނު ދިއްކޮށްލުމާއެކު މުނާއަށް މަޑަކުން ނީނދެވުނެވެ.

"ކީކޯ؟ ކީކޭތަ ބުނީ ؟ އަވަހަށް ކިޔައިދީބަލަ.." ހިތްއަވަސް ވެފައިވާ މުނާގެ ދޫވެސް ހަރަކާތްކުރަނީ ކިރިޔާއެވެ. އެހެނަސް ޝާމިންގެ މޫނުމަތީގެ ކުަލަވަރުން ކަންތައްތައް ރަނގަޅުކަން މުނާއަށް ޔަޤީންކުރެވުނެވެ.

"ހަމަޖެހޭ.. ފުރަތަމަ ހަމަޖެހިބަލަ! އަހަރެން މިހުރީ ހަމަ ހައިރާންވެފަ! ތީ ހާދަ ފިނޑި ކުއްޖެކޭ! ކަންތައްތަކާ ކުރިމަތިލާންވާނީ ވަރަށް ކެރިގެން. ކަމެއްވާއިރަށް މީހާ ތިހުންނަނީ ކުދިކުދިވާވަރުވެފައެއްނު."

އަދިވެސް ބޭބެ ދެއްކި ވާހަކަތައް ޝާމިން ކިޔައިދޭކަށް ނޫޅެއެވެ. ޝާމިން އެދައްކާ ވާހަކަތައް މުނާއަށް އަޑުވެސް ނީވޭ ކަހަލައެވެ..

"ޕިސް.. ދެން ކިޔާބަލަ! "

މުނާ މޫނު ފުސްކޮށްލުމުން ޝާމިން ދެފަރާތަށް ބޯހޫރާލިއެވެ. އަދި ސޯފާއިން ކޮޅަށް ތެދުވުމަށްފަހު މުނާގެ ކުރިމަތީގައި ހުއްޓުނެވެ.

"ބޭބެ ބުނީ ބޭބެގެ މައްސަލައެއްނެތޯ.. ކޯޓުން ވަލީ ހޯދައިގެން ކައިވެނި ކުރާށޯ . މުނާއަށް ދެރަގޮތެއް ނަހަދާށޯ.. ބޭބެގެ ގެއިން މުނާއަށް އުފާވެރިކަމެއް ހޯދައެއް ނުދެވުނޯ. އެކަމަކު މުނާ ބޭނުންވާކަމަށް ވަންޏާ އަދިވެސް އެގެއަށް އަންނާށޯ.. މިހެން ބުނީ.. ދެން ގޮތް ނިންމާނީ މުނާ! އަހަންނާ މެރީ ކުރާނީތޯ ނޫނީ އާރިފާ ގާތަށް ދާނީތޯ ؟"

ޝާމިން ލަސްލަހުން ކިޔައިދީ ނިންމާލިއެވެ. މުނާ ވަގުތުން ބޯ ހޫރާލިއެވެ. އަދި ކޮޅަށް ތެދުވެ އަވަސް އަވަހަށް ބުނެލިއެވެ.

"އަހަރެން ދެން އެގެއަކަށް ނުދާނަން.."

"އެހެންވީމަ... ތިބުނީ އަހަންނާ މެރީ ކުރާނީއޭ ދޯ؟"

ޝާމިން ސަމާސާ ރާގަކަށް އަވަސް އަވަހަށް އެހެން ބުނެލުމުން މުނާ ލަދުން ރަތްވިއެވެ.

"ތިހެންނެއްވެސް ނުބުނަމެއްނު..."

"އެކަމަކު އެއީ އޭ ދެން އޮތް އޮޕްޝަނަކީ.. އިތުރު ގޮތެއް ނެތް..."

ޝާމިން މުނާގެ ނޭފަތުގައި ހިފާލީ ނުހަނު ލޯބިންނެވެ.

"ހޭ މީ މިގެއަށް މުނާ އައި ފުރަތަމަ ފަހަރު... އެހެންވީމަ މިރޭ އަހަރެން ގިރައިދޭނަން ކޮފީ.. މަޑުކުރޭ އިނގޭ!"

މުނާއަށް ސޯފާގައި އިށީނުމަށް އިޝާރާތްކުރުމަށްފަހު ޝާމިން ދިޔައީ ބަދިގެބަޔަށެވެ. ހިނިތުންވެ ހުރެ މުނާ ސޯފާގައި އިށީންނަމުން އެގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ދެކޮޓަރި އާއި ސިޓިންގރޫމްގެ އިތުރުން ބަދިގެބައެއްވެސް ހުއްޓެވެ. ސިޓިންގރޫމުގައި ހުރީ ސޯފާއަކާއި ކޮމްޕިޔުޓަރެއްގެ އިތުރުން ކާމޭޒު އެކަންޏެވެ. ހީވާގޮތުން އެގޭގައި އުޅެނީ ޝާމިން އެކަންޏެވެ. ބަދިގެ ބަޔަށް ވަދެ، ޝާމިން ދޮރު ލެއްޕުމުން އެތަނަށް ދާކަށް މުނާ ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ޝާމިން ބޭނުންވާ މިނިވަންކަން އޭނާއަށް ދޭށެވެ. ސިޓިންގރޫމުން ނިކުމެވެން ހުރި ބެލްކަންޏެއް ފެނުމުން މުނާ އެދިމާލަށް ހިނގައިގަތެވެ.

" ހޭ! މި ނިމުނީ "

މުނާ ސިހުނީ ޝާމިންގެ އަޑުންނެވެ. އޭނާގެ އަތުގައި ހުރި ތަބަކުގައި ދެތަށި ކޮފީ ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި އުޖާލާ ކަމެވެ.

"އާދޭ މިތާ އިށީންނަން.. ކީއްވެ ބެލްކަންޏަށް ތިދަނީ؟ ތާޒާ ވައިގެ ތެރޭގައި ހުރެލަން ބޭނުންވަނީތަ؟ ހިނގާ ޓެރަހަށްދާން.. މިތާ މަތީގައި އޮންނާނީ ޓެރަސް."

ޝާމިން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. އެހެނަސް މުނާ އެގޮތެއް ބޭނުމެއްނުވިއެވެ. އޭނާ އައިސް ޝާމިންގެ އަތުން ތަބަށް އަތުލުމަށްފަހު ސިޓިންގރޫމުގެ ކަނެއްގައި ހުރި ކާމޭޒާއި ދިމާއަށް ދިޔައެވެ. ފަހަތުން ޝާމިންވެސް ހިނގައިގަތެވެ.

"ނޫން.. މިރޭދެން ޓެރަހަށް ދާނެކަމެއްނެތް.. އަހަރެން ބޭނުންވަނީ ބޯ ހަމަޖައްސާލަން..."

ޝާމިން އާއި ދިމާލަށް ކޮފީތަށި ޖައްސާލަމުން މުނާ ބުނެލިއެވެ. އޭރު ޝާމިން އިނީ ކަޅިޖަހާނުލާ މުނާގެ މޫނަށް ބަލާށެވެ.

"އަހަރެން ހިތަށް އަރާ މީ ހަޤީޤަތެއް ބާއޭ ވެސް. އެންމެ ރެޔަކުން ހުރިހާ ކަމެއްވެ ނިމުނީ.. އަހަންނަށް އަހަރެންގެ ޕަރީ ބައްދަލުވެ، މުޅި އުމުރަށް ގެންގުޅެންވެސް ލިބުނީ..."

ޝާމިން މަޑުމަޑުން މުނާގެ އަތުގައި ހިފާލިއެވެ. މުނާ އޭރުވެސް އިނީ އިސްޖަހާލައިގެންނެވެ. އޭނާވެސް އެ ވިސްނަނީ އެކަމާކަން ޝާމިންއަށް ޔަޤީންކުރެވުނެވެ.

"މުނާއަށް ލިބެން ހުރި ނިޢުމަތެއް އެހެން މީހަކަށް ނުހުއްޓުވޭނެ އެއްނު.. ހަމަ އެންމެ ރެޔަކުން އަހަންނަށް މުނާ ޙާޞިލްމިވީ.."

އަނެއްކާވެސް ވާހަކަ ދެއްކީ ޝާމިންއެވެ. އެއާއިއެކު ކުއްލިއަކަށް ރީހާންމަތިން އޭނާ ހަނދާންވެއްޖެއެވެ. ރީހާންއަށް މިހާރު މެލޭޝިއާއަށް ދެވިދާނެއޭ އޭނާގެ ހިތަށް އެރުމާއެކު ޖީބުގައި އޮތް ފޯނުނަގާ ބަލާލިއެވެ. ޝާމިންގެ އަވަސް ހަރަކާތްތަކުން މުނާގެ މޫނުމަތީގައި ސުވާލުމާކު ޖެހުނުތަން ޝާމިންއަށް ފެނުނެވެ.

"ރީހާންގެ ޚަބަރެއް ބަލާލަން އިނގޭ މިއުޅެނީ.. ދެން ކޮފީތަށި ބޯލަބަލަ! ހިހޫ ވީމަ ނުވާނެ މީރެއް. ދެން ބުނާނެ ޝާމިން ހަދާ ކޮފީ ހާދަހާ އޭ ނުބައީ"

ޝާމިން ބޭނުންވީ މުނާ ހެއްވާލާށެވެ. ކަންތައްވީވެސް އޭނާ ބޭނުންވި ގޮތަށެވެ. ހެމުން ހެމުން މުނާ ކޮފީތަށިން ކޯވަރެއް ދަމާލިއެވެ.

"އޭނަ ނުވޭ އޮންލައިންއެއް.. އަދި ނުދެވެނީ ކަންނޭނގެ"

ޝާމިން އަނެއްކާވެސް ފޯނު ޖީބަށްލިއެވެ. އޭރު ގަޑިން އެކެއްޖަހަނީއެވެ. ނަމަވެސް ދެމީހުންކުރެ އެކަކުގެ މޫނުމަތީގައިވެސް ނިދީގެ އަސަރެއްނެތެވެ.

"މިހާރު އަހަރެންގެ ހުރިހާ ވާހަކައެއް ޝާމިންއަށް މި ކިޔާދެވުނީ.. އެއްވެސް ކަމެއް ޝާމިންއަށް ސިއްރުވެފައެއް ނުވާނެ މިހާރު. ދެން އަހަންނަށް ކިޔައިދީބަ ޝާމިންގެ ވާހަކަތަައް.. މިގޭގައި އުޅެނީ ޝާމިން އެކަނިތަ؟"

އެންމެ ފުރަތަމަ ހިތަށް އައި ސުވާލު، އޭނާ ޝާމިންއަށް އަމާޒުކުރިއެވެ. ޝާމިން ބޯޖަހާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އަދި އަތުގައި ހުރި ކޮފީތަށި މޭޒުމަތީ ބަހައްޓަމުން އޭނާ މުނާއަށް ބަލާލިއެވެ.

"އާނ.. އަހަރެން އެކަނި އުޅެނީ. މިއީ އަހަރެންގެ މަންމަގެ ގެ. މަންމައަކީ މާލޭ މީހެއް. އެކަަމަކު މަންމަ ވަރަށް ކުޑައިރު ބައްޕަ އާއި ކައިވެނިކޮށްގެން އަހަރެމެން ރަށުގަ ދިރިއުޅުނީ. ބައްޕަ ނިޔާވީވެސް ރަށުގަ. އެހެންވެ މަންމަ އެރަށުން މާލެ ނާންނަން އެ ހުންނަނީ. އަހަރެމެން އުޅެ ބޮޑުވީވެސް ރަށުގަ. އަދި ހުންނާނެ އަހަރެންގެ ކޮއްކޮ ސޮފާވެސް.. ހަމަ އެރަށު މީހަކާ މެރީކޮށްގެން ރަށުގަ އުޅެނީ. އަހަރެން ޖެހޭ މިގޭގެ ކުލީގެ ކަންތައްތައްވެސް ބަލަހައްޓަން އަދި ވަޒީފާވެސް އޮތީ މާލޭގަ. އެހެންވެ އަހަރެން އުޅޭނީ މާލޭގަ. އެކަމަކު މަންމަ ރަށުގަ އެކަނި އުޅޭތީ ވަރަށް ދެރަވޭ. ކޮއްކޮވެސް ފިރިމީހާގެ ގޭގައި އަދި އުޅެނީ. ބުނި މަންމަ ބަލިއްޔާ ގެއަށް ބަދަލުވާނީއޭ"

ޝާމިން އަސަރާއިއެކު ކިޔައިދިނެވެ. ޝައުޤުވެރިކަމާއެކު އަޑުއަހަން އިން މުނާ ޝާމިންގެ އަތުގައި އަތްޖައްސާލަމުން ވާހަކަ ދެއްކިއެވެ.

" މެރީކޮށްގެން ހިނގާ ރަށަށްދާން. މިގެއިން ލިބޭ ކުލިން ކައިގެން ބޮއިގެން އުޅެވޭނެއެއްނު. މަންމަ އެކަނި ކުރާކަށް ނުވާނެ!"

މުނާގެ ޚިޔާލަށް ޝާމިން ތާޢީދެއް ނުކުރިއެވެ. މުނާ އެހެން ބުނުމުން އޭނާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެއްޖެއެވެ. އޭނާ ތެދުވެ ބެލްކަންޏާ ދިމާއަށް ހިނގައިގަތުމުން މުނާވެސް އޭނާގެ ފަހަތުން ދިޔައެވެ.

"އަހަރެން ދާހިތެއް ނުވެ ރަށަކަށް. އަހަރެން އުޅެން ބޭނުންވަނީ މާލޭގަ. އަހަރެން މިތާ އުޅެންޏާ މުނާވެސް އުޅޭނީ މިތާނގަ. އަހަރެންގެ ލޮލަށް ނުފެންނަ ހިސާބަކަށް މުނާ ފޮނުވާލާނީ ކިހިނެތް؟ މަގޭ އަނބިމީހާ އަބަދުވެސް އުޅޭނީ މަގޭ ކައިރީގަ، މަގޭ ޚިދުމަތުގަ.. އަސްލުވެސް މަންމަ ބޭނުން ނުވަނީ މާލެ އަންނަން. ދެން ކީއްކުރާނީ އަހަރެމެން؟ ސޮފާ ބުނި މަންމަ ގޭގައޭ ގިނައިން އުޅެނީ. އަދި ބުނި މަންމަ ބަލި ދުވަސްދުވަހުވެސް އެގޭގައި ސޮފާ މަޑުކުރަމޭ. އެހެންވީމަ މަންމަގެ އަންހެން ދަރިއެއް ހުރީމަ އަހަރެން ހިތްހަމަޖެހޭ. އަހަރެމެން ދެމީހުންނަށް މިތާ އުޅެވޭނެ އެއްނު.. ދެމީހުން އެކަނި.. އުނދަގޫ ކުރާނެ އެއްވެސް މީހެއް ނުހުންނާނެ! .."

އެންމެ ފަހު ޖުމުލައިން ޝާމިންގެ ރާގު ބަދަލުވެއްޖެކަން މުނާއަށް ފާހަގަ ކުރެވުނެވެ. އެހެންވެ އޭނާ އަވަސް އަވަހަށް އެތެރެއަށް ވަންނަން އެނބުރިގަތެވެ. ފަހަތުން ޝާމިންވެސް ހިނގައިގަތީ މުނާގެ އަތުގައި ހިފައިގެންނެވެ.

"އަންނާނަން ޖޯޑުތައް ދޮވެލާފަ އިނގޭ.."

ލަދުން ހުރެ މުނާ އެހެން ބުނެލީ މޭޒުމަތީގައި ހުރި ކޮފީ ޖޯޑުތައް ދައްކާލަމުންނެވެ. އެހެނަސް ޝާމިން ހުރީ މުނާގެ އަތުން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"ހިނގާބަލަ ކޮޓަރިއަށް..." ޝާމިންގެ އަޑާއި މޫނުގެ ކުލަވަރު ހުރިގޮތުން މުނާ ޖެހިލުންވާން ފެށިއެވެ. އެހެނަސް ދެކޮޅު ހެދުމެއްނެތި މުނާ ޝާމިންގެ ބަހަށް އިޖާބަދިނެވެ. ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ދޮރުމަތީގައި ހުއްޓި ހުރެ ޝާމިން ބުނެލިއެވެ.

"މީ އަހަރެމެން ދެމީހުންގެ ރީތި ރީތި ރޫމް..."

" ދެމީހުންގެ؟؟ "

މުނާއަށް ބުނެލެވުނެވެ. ކައިވެނީގެ ކުރިން އެއް ކޮޓަރިއެއްގައި އުޅޭކަށް މުނާ ބޭނުމެއްނޫނެވެ. މުނާ ހާސްވީކަން އެނގުމުން ޝާމިންއަށް އަނެއްކާވެސް ދެފަރާތަށް ބޯހޫރާލެވުނެވެ.

"މިހުރި ކުއްޖެއްދޯ؟ މިބުނީ އަޅުގަނޑު އަހުމަދު ޝާމިން، ތިޔަ ކަނބުލޭގެ އާއި ކައިވެނި ކޮށްގެން އުޅެން ހުރި ކޮޓަރިއޭ މީ.. އަހަރެން މިބުނީ މިރޭ ދެމީހުން މިތާ ނިދާ ވާހަކައެއް ނޫނޭ.. އެހުރީ މުނާ މިހާރު އުޅެންހުރި ރޫމް. އެއީ ފަޅަށް ހުންނަ ކޮޓަރިއެއްވީމަ، ހިރަފުސް ހުންނާނެތީ މިރޭ މުނާ ނިދާނީ މިކޮޓަރީގައޭ މިކިޔަނީ "

ޝާމިން އެހެން ބުނުމުންވެސް މުނާ ދެލޯ ބޮޑުވެގެން ދިޔައެވެ.

"އޭނ؟ މިރޭ މިކޮޓަރީގައޭ؟ "

"ޕިސްޕިސް.. މުނާ އޮންނާނީ މިތާ. އަހަރެން މިއުޅެނީ ބޭރު ސޯފާގައި އޮންނަންކަމަށޭ..." ޝާމިން ބާރު ބާރަށް ބުނެލިއެވެ. އަނގަމަތީ އަތްއަޅަމުން މުނާވެސް ހީގަތެވެ. އެހިނދު މުނާގެ ބޮލުގައި ޝާމިން ޖަހާލީ ތީ މޮޔައެކޭ ބުނަމުންނެވެ.

"މުނާއަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް އިރާދަކުރެއްވިއްޔާ މާދަމާ ގަނެދޭނަން.." ޝާމިން ހިނިތުންވެލަމުން ބުނެލިއެވެ. ލަދުގަނެފައި ހުރި މުނާ ބޯޖަހާލީ ކުޑަކުއްޖެއް ފަދައިންނެވެ.

".އޭ! އޯކޭތަ ފާޚާނާ ބޭނުން ކޮށްލަން އަހަރެން އެތެރެއަށް ވަދެލިޔަސް.. "

އޭރުވެސް ދެމީހުން ތިބީ ޝާމިންގެ ކޮޓަރި ދޮރުމަތީގައެވެ. ޝާމިން މުނާގާތު ހުއްދައަށް އެދުމުން މުނާ ގާތަށް ހިނިވެސް އައެވެ.

"ދެން ޝާމިން... މިހާރު ތިއުޅެނީ އަހަރެން ލަދުގަންނަވަން.."

"ނޫނޭ.. ގޭ ވެރިމީހާ ކައިރި އަހަން ވާނެތާ؟"

ޝާމިންގެ ޖުމްލައިން މުނާ ވަރަށް އުފާވިއެވެ. ހަޤީޤަތުގައިވެސް، ޝާމިންއަކީ އޭނާގެ ނަސީބޭ މުނާއަށް ހީކުރެވުނެވެ. އޭނާ އާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަމުގެ އުއްމީދު އާވެ، މުނާގެ ހިތަށް އުފާވެރިކަން ވެރިވެގަތެވެ. ޝާމިން ފާޚާނާއަށް ވަނުމުން މުނާ އެތެރެއަށްވަދެ، އެނދުގައި އިށީނދެލިއެވެ. އަދި ވަށައިގެން މުޅި ކޮޓަރީގެ ހުރިހާދިމާއަކަށް ނަޒަރު ހިންގާލިއެވެ. ދާވަށިގަނޑުގެ ކައިރީގައި ޝާމިންގެ ދާވެފައިވާ އަންނައުނުތައް ތޮއްޖެހިފައި އޮތެވެ. އޭނާގެ ތުވާލި އޮތީ ތުވާލިހަރުމަތީގައި ގުޅައަކަށް އެއްލާފައެވެ. އެއާއި ޖެހިގެން ހުރީ ބޮޑު އަލަމާރިއެކެވެ. ދެ ދޮރުފަތް ހުޅުވާފައި ހުރި އިރު ހުރިހާ ވަތްގަނޑުތަކެއްގައި ހުރި އަންނައުނުތައްވެސް ހުރީ ބޮނޑިވެފައެވެ. މުނާ މަޑުމަޑުން ތެދުވެ އަލަމާރީގެ ދެދޮރުފަތް ލައްޕާލުމަށްފަހު އެނބުރިލީ ޑްރެސިގޓެބަލްއާއި ދިމާލަށެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ސެންޓްފުޅިތަކާއި ރީތިވާ ސާމާނުތައް ފުނިޖެހިފައި އޮތެވެ. އެ ލޯގަނޑު ފުސްކަމުން އޭގެން އެއްޗެއް ވަކިވާވަރެއް ނޫނެވެ. އެތަނުން ފުޅިއެއްގައި އަތްލަން އުޅެނިކޮށް ފާޚާނާ ދޮރުހުޅުވާލި އަޑަށް އޭނާ ސިހިފައި އެނބުރުނެވެ. އޭރު ޝާމިން ފާޚާނާއިން ނުކުންނަނީއެވެ. އޭނާ ހެވިފައި ހުރެ އައިސް ޑްރެސިންގޓޭބަލް މަތީގައި ހުރި އެއްޗެހިތައް ހާވާލާފައި ލޯޝަން ފުޅިއެއްނަގާ އަތަށް އަޅާލިއެވެ. އޭނާއަށް އެތަން ހަޑިއެއްވެސް ނޫންތާއޭ މުނާގެ ހިތަށް އެރިއެވެ. އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް މުނާ ބޭނުމެއް ނުވިއެވެ. ބައެއް ފިރެހެނުންނަކީ އޭޑިއެއް ފޭޑިއެއްނެތް މީހުންކަން މުނާއަށް އެނގެއެވެ.

"އަހަރެން މިދަނީ ސޯފާއަށް. މުނާ އޮވޭ މިތާ. އެކަމަކު..... އާނ އޯކޭ "

ޝާމިން ބުނަން އުޅުން ޖުމްލަ ނުބުނެ ހިންދާލީމަ މުނާގެ ހިތް އަވަސްވިއެވެ.

"އެކަމަކު ކިހިނެއްވީތަ؟ ބުނެބަލަ!"

"ބުނަންވީތަ؟ "

ޝާމިން މުނާ އާއި ދިމާލަށް އަންނަން ފެށިއެވެ. މުނާ ފަހަތަށް ދެފިޔަވަޅު އަޅާލުމަށްފަހު ހުއްޓި އަނެއްކާވެސް ބުންޏެވެ.

"ދެން .. ބުނެބަލަ! ކިހިނެއްވީތަ؟ "

ޝާމިން މުނާ އާއި ދިމާއަށް ބަލާގޮތުން މުނާ ކޮންމެވެސް ވަރަކަށް ބިރުގަތެވެ.

"އެކަމަކު.. އަހަރެން ބޭނުންވާ އެއްޗެއް މުނާ އަހަންނަށް ދޭމަތިން އަހަރެން އެތަނަށް ދާނީ.. އަހަރެން ބުނާކަމެއް ކުރަން ކެރޭނެތަ؟"

މިފަހަރު ޝާމިންގެ ވާހަކަ އާއި އަޑު ހަމަ ރަނގަޅަށްވެސް ބަދަލުވެއްޖެއެވެ. އޭނާގެ އަޑުގައި އެކުލެވިގެންވަނީ މަސްތީގޮތެކެވެ. އޭނާ ބަލަނީވެސް މީގެ ކުރިން ދުވަހަކުވެސް މުނާ އާއި ދިމާލަށް ބެލި ގޮތަކަށް ނޫނެވެ. ކުއްލިއަކަށް މުނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

" މި ބޮޑު ގޭގަ މިތިބީ އަހަރެމެން ދެމީހުން އެކަނި.. އަހަރެން ބޭނުންވާ ކަންތައްތައް ކޮށްދިމަށް އެދި މުނާ ނޫނީ ވަކި ކާކު ކައިރިި އަހަރެން ބުނާނީ؟ މުނާ ގާތު ނޫނީ ބުނާހިތެއްވެސް ނެތް.."

ޝާމިންގެ މޫނު، މުނާގެ މޫނާއި ގާތްކޮށްލުމުން މުނާ ދުރަށް ޖެހިލި ވަގުތު އޭނާގެ ބުރަކަށި އަލަމާރީގައި ޖެހުނެވެ. އެއާއި އެކު ޝާމިން ގޮސް މުނާގެ ދާދި ގާތުގައި ހުއްޓުނެވެ.

"ނޫން. ނޫން ޝާމިން.. އަހަރެން އެބަ ވަރަށް ބިރުގަނޭ! ޝާމިން! ކީއްކުރަން ތިއުޅެނީ؟"

ފެންކަޅިވެފައި ހުރި މުނާގެ އަޑުގައިވެސް ވަނީ ރޮވެން އުޅޭކަމުގެ އަސަރެވެ. ބާރު ބާރަށް އޭނާ މާނޭވާލަމުން ދިޔައެވެ.

"ހަމަ ކޮންމެ ފިރެހެނަކަށްވެސް އިތުބާރު ކޮށްފާނަން ދޯ! ތާކުން ފެންނަ ކޮންމެ މީހަކަށްވެސް... ދުވަހަކުވެސް ނުދަންނަ ފިރެހެނެއްގެ އެންމެ އިޝާރާތަކުން ތިހުރީ އޭނާގެ ގޭގަ.. އޭނާގެ ކޮޓަރީގަ.. ބައްދަލުވެފަ އަދި 24 ގަޑިއިރުވެސް ނުވެ!"

ބިރުގަނެފައި ހުރި މުނާ ދެކަންފަތުގައި އަތް އަޅާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ހުޝިޔާރުވެ ހުރި ޝާމިން އެއްލި އަތުން މުނާގެ އަތުގައި ހިފުމާއެކު މުނާ ކަސްތޮޅުއެޅުނެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (4)

ސިލްސިލާ ވާހަކަ: ޙައްޤުގައި (4)

(ނިމުނީ)