ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބާގައި ވަކި ވަގުތެއްގައި އެތަނަށް ހިލޭ ވަނުމުގެ ފުރުސަތު އިއްޔެ ހުޅުވައިލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ.

އެ ވުޒާރާއިން "ތިލަދުން" އަށް ވިދާޅުވީ އެތަނަށް ހިލޭ ވަނުމުގެ ފުރުސަތު އިއްޔެ ހެނދުނު 10 އިން ހަވީރު 6 ޖަހަންދެން ހުޅުވައިލުމުން 1228 މީހުން އެތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހީންނާއި ބިދޭސީންގެ އެކި އުމުރުފުރައިގެ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ ދިވެހިންގެ 794 މީހުންނާއި 371 ކުޑަކުދިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި 44 ބިދޭސީންނާއި 19 ބިދޭސީ ކުޑަކުދިން ވެސް ޒިޔާރަތް ކުރި ކަމަށެވެ.

"ވަރަށްބޮޑު ތަރުހީބެއް ލިބުނު. ފީޑްބެކް ވެސް ވަރަށް ރަނގަޅު. މިތަނަށް ވަން ހުރިހައި އެންމެން ވެސް ދިޔައީ ވަރަށް ހިތްހަމަޖެހިގެން. ރާއްޖޭގެ ތާރީހާ ގުޅޭ މިފަދަ ތަކެތި ހަމަލޮލުން ބަލައިލަން ލިބުނީމަ ވަރަށް އުފާވެފަތިބީ." ނާއިލް ވިދާޅުވި އެވެ.

ގައުމީ ދާރުލްއާސާރަށް ހިލޭ ވަދެވޭނެ ވަގުތުކޮޅެއް ހަމަޖެއްސެވި ސަބަބާއި ގުޅޭގޮތުން ފަންނާއި ސަގާފަތާއި ތަރިކަ އާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވީ މިފަދަ ފުރުސަތެއް ހުޅުވައިލީ ދިވެހި ތާރިހަށާއި ސަގާފަތަށް ޒުވާނުންނާއި ކުޑަކުދިން ޝައުގުވެރިކުރުވުމަށް ކަމަށެވެ.

"މިގޮތަށް ގިނަ ފުރުސަތުތަކެއް ދެވިއްޖެނަމަ، ސުކޫލު ކުދިންނަށާއި ޒުވާނުންނަށް، ދާރުލްއާސާރުގައި ހުރި އެކި ތަރިކަތައް ބަލައިލާ، އޭގެ މައުލޫމާތު ހޯދާ އެކުދިންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެދި ތާރީހާ ބެހޭ މައުލޫމާތު ލިބިގެންދާނެ." ވަޒީރު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހު އެވެ. މިހާރު ބޭނުންކުރަމުންދާ ގައުމީ ދާރުލްއާސާރަކީ 2008 ވަނަ އަހަރު ބިންގާ އަޅާ، 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވައި، ބޭނުން ކުރަން ފެށި ތަނެކެވެ.

މިތަނަކީ ދިވެހިންގެ ތާރީހު ފެންނަން އޮތް އެންމެ މުހިންމު ބިނާއަކީ ކަމުގައިވާއިރު، މިއީ ފަތުރުވެރިންގެ ޝައުގުވެރިކަން ވެސް ހުރި މުހިންމު ބިނާއެއްވެސް މެއެވެ. އަދި ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި އާންމުންގެ މެދުގައި ވެސް މިއީ މަގުބޫލު ތަނަކަށްވާއިރު، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަންނަނީ އެތަނަށް ޒިޔާރަތްކޮށް، ރާއްޖޭގެ ތާރީހާއި ގުޅޭ މައުލޫމާތު އެއްކުރަމުން ނެވެ.

އެންމެ އެވޭލާ ޒަމާނުގެ ތާރީހުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްގީގެ މަރުޙަލާތަކާއި ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތަކާއި ރާއްޖޭގައި ފާހަގަކޮށްފައިވާ ހާއްސަ ކަންތައްތަކުގެ މަޢުލޫމާތު ވެސް އެތަނުގައި ވަނީ ރައްކާކޮށްފަ އެވެ. އަދި އެކި ދުވަސްވަރު ދިވެހިންގެ ދިރިއުޅުން ދައްކުވައިދިން ވަރަށް ގިނަ ތަކެއްޗާއި ދިވެހިންގެ ސަގާފަތާއި ތަރިކަ އަދި ފަންނުވެރިކަން ވެސް ދައްކުވަދޭ ތަކެތި އެތަނުގައި ހުރެ އެވެ.

ގައުމީ ދާރުލްއާސާރު ޒަމާނީކޮށް، އެތަނަކީި އާއްމުންނަށް ޝައުގުވެރި ތަނަކަށް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުން ނެވެ.

އެގޮތުން އެތާނގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި، އެ ތަކެތި ޑިސްޕްލޭކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެ ތެރޭގައި ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް އެތަން ހެދުމަށް ވަނީ ނިންމާފަ އެވެ.

ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ އިދާރާ އެކެވެ.

އެހެންކަކުން ދާރުލްއާސާރަކީ ޝައުގުވެރި ތަނެއްގެ ގޮތުގައި ބަދަލުވެގެން އައުމަކީ، މިތަނުގެ މުހިންމުކަން ބުނެދީ ތާރީހު ކުރިއެރުވުމަށް ކުރެވޭނެ މުހިންމު މަސައްކަތަކަށްވެގެން ދާނެކަން ޔަގީނެވެ.