މާނަ ފުން އެ ޖުމުލައިން ޝާމިންގެ ހިތް އަވަސް ވެގެން ދިޔައެވެ. މުނާ އެ ތައްޔާރުވަނީ އޭނާގެ ޙަޔާތުގެ ޞަފްޙާތައް ޝާމިންގެ ކުރިމައްޗަށް ބަންޑުންކޮށްލާށެވެ. މިހާރުވެސް ޝާމިން އެހުރީ ބިރުންނެވެ. އޭނާގެ ލޯބިވާ ޕަރީ އޭނާއަށް ގެއްލިދާނެތީއެވެ. ހަނދުވަރީ މި ރީތި ރޭގެ އެންމެ ބައްދަލުވުމަކުން މުޅި އުމުރަށް އޭނާގެ އަތުން ބީވެދާނެތީއެވެ. ގޮތެއް ނިންމަން އުނދަގޫ ފަދަ ވާހަކަތަކެއް އެ ޞަފްޙާ ތަކުގައި ލިޔެވިފައި އޮވެދާނެތީއެވެ. ގޮތްނޭނގޭ މި ރީތި އަންހެންކުއްޖާގެ ޖާދުވީ މޫނުގެ ފަހަތުގައި ވާނީ ކޮން ކަންތައްތަކެއްބާވައޭ ހިތަށް އެރުމާއިއެކު ޝާމިންގެ މޫނުމަތި އުދާސް ވެއްޖެއެވެ. އޭރު ވެސް މުނާ އިނީ ޝާމިންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ކޮންމެ ގޮތެއްވިޔަސް ހެޔޮ! އަހަރެން ބޭނުމީ މުނާ. އިތުރަށް އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއް ނޫން."
ޝާމިންއަށް އޭނާގެ އަލަތު ލޯބި، ނުލިބިދާނެ ކަމުގެ ބިރު ހީވެގެން އަވަސް އަވަހަށް ބުނެލިއެވެ. ޝާމިންގެ ޖުމްލަތަކުން, މުނާދެކެ އޭނާ ލޯބިވާވަރު މުނާއަށް އިޙްސާސް ކުރެވުމާއެކު މުނާގެ ހިތަށް ކޮންމެވެސް ވަރެއްގެ އުފަލެއް ލިބުނު ކަހަލައެވެ.
"ޝާމިން.." ވަރުބަލިވެފައިވާ ރާގަކަށް މުނާ ގޮވާލިއެވެ. މުނާ ކިޔަން އެއުޅޭ އެއްޗެއް ނޭނގޭތީ ޝާމިން ހުރީ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައެވެ.
"އަހަންނަކީ ކާކު ކަމެއްވެސް ޝާމިންއަކަށް ނޭނގެ އެއްނު. އަހަރެންގެ ފެންވަރު އިނގުމުން ޝާމިންވެސް އަހަރެންމަތިން ފޫހިވެދާނެ."
މުނާގެ އަޑުގައި މިހާރުވަނީ މޮޅިވެރިކަމާއި ހިތާމައިގެ އަސަރެވެ.
"ލޯބިވާކަށް ވަކި ގިންތިއެއް، ފަންތިއެއް އަދި ވަކި ފެންވަރެއް ހުންނަން ޖެހޭނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ލޯތްބަކީ މީހާގެ ފެންވަރާއި ލިބޭ އާމްދަނީއަށް ބަލައިގެން ވާ އެއްޗެއް ނޫން. ލޯތްބަކީ ވަރަށް މާތް މަޤްޞަދެއްގައި ދެމީހުން ދިރިއުޅުމެއް އުޅެން އުފަލާއި ހިތްހަމަޖެހުމާއެކު، ގުޅިލާމެހުން. އޭގައި ހިތްދަތިކަމެއް ނުވާނެ. އޭގެ ރަހަ ހިތްޗެއްވެސް ނުވާނެ. އެއީ ލޯބި.. މިއީ އަހަރެން ލޯބި ސިފަކުރާގޮތް.. އެކަކު އަނެކަކަށް އެހީތެރިވެދީ އޯގާތެރިވެދިނީމަ، ލޯބި އިތުރުވެސްވާނެ."
ޝާމިންގެ ޖުމްލަތައް ކަނުލާ އަހަން، މުނާ އިނީ ކަޅިޖަހާނުލަ އެވެ. ޝާމިންވެސް މުނާގެ މޫނަށް ބަލަމުންދިޔައެވެ. ޝާމިންގެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން މުނާ ކިތަންމެހާވެސް ބޭނުންވިއެވެ. އެއީ ޝާމިން މުނާދެކެ އެހާ އަވަހަށް ލޯބިވާން، އެ ދެލޮލުން އޭނާއަށް މުނާ ފެންނަގޮތް ބަލާލާހިތްވާތީއެވެ. އަދި ޝާމިންގެ ތަނަވަސް މޭގެ ތެރޭގައިވާ ނާޒުކު ހިތާއި ސުވާލުކުރަން ބޭނުންވިއެވެ. އެއީ އޭނާގެ ހިތް މުނާއަށް އެހާވަރަށް އެ އެދެނީ ކީއްވެތޯ ބަލާލާހިތްވާތީއެވެ.
"ކިހިނެތްވީ ؟ އަހަރެން ދެއްކި ވާހަކަތައް ޤަބޫލު ނުކުރެވެނީތަ؟"
ޝާމިންގެ އަޑުން މުނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"އޭނ.. ކީކޭ؟" ޖެހެމުންދާ ފިނިފިނި ވަޔާއެކު މޫނުމަތީގައި އެނބުރެމުން ދިޔަ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން މުނާ ބުނެލިއެވެ.
"ނޫން ޤަބޫލުކުރަން.. އެކަމަކު... ޝާމިން އިހަށް އަހަރެންގެ ވާހަކަތައް އަޅެ އަޑުއަހާލަބަލަ!"
އާދޭހުގެ ރާގުގައި މުނާ ބުނެލިއެވެ. މުނާގެ އެދުމުގެ މަތިން ޝާމިން މުނާއަށް ފުރުސަތު ދީ، މުނާގެ ވާހަކަ އަޑުއަހަން ފެށިއެވެ.
"މިއަދު އެއަރޕޯޓަށް ދިޔައީ އަސްލު އަހަރެން ބޭނުން ވެގެންނެއް ނޫން. އަހަންނަށް ޝާމިންއަކީ ކާކުކަމެއް ނޭނގެ. ނުވެސް ދެކެން. އެކަމަކު އަހަރެންގެ ކޮއްކޮއެއްގެ އެދުމަށް ، އެތަނަށް ދިޔައީ މަޖުބޫރުވެގެން."
"މަޖުބޫރުވެގެން؟ ކޮން މަޖުބޫރެއް؟ ކާކު މަޖުބޫރުކުރީ؟" އެއްޗެއް ނުބުނެ ހުންނަން ޝާމިންއަށް އުނދަގޫވިއެވެ. ޝާމިންގެ ސުވާލުތަކަށް ޖަވާބު ދިނުމެއްނެތި މުނާ މަޑުމަޑުން ތެދުވެ ކުރިއަށް ހިނގައިގަތެވެ. ޝާމިންވެސް ތެދުވެ, އޭނާ ލައިގެން ހުރި ފަޓްލޫނުން ވެލި ފޮޅާލުމަށްފަހު، މުނާގެ ފަހަތުން ހިނގައިގަތެވެ.
"މަޖުބޫރުކުރުވީ އަހަރެންގެ ތަޤްދީރު.. އަހަރެން އެއްވެސް މީހެއް ކުށްވެރި ކުރާކަށް ބޭނުމެއްނޫން.. މިއީ އަހަރެންނަށް ހުރި ގޮތް.."
މުނާއަށް ވާހަކަ މެދުކަނޑާލަނީ ޖެހުނީ ،ޝާމިން އޭނާގެ އަތުގައި ހިފާ ޝާމިން ހުރި ދިމާލަށް އޭނާ އަނބުރާލުމުންނެވެ. ޝާމިން މިފަހަރު މުނާގެ އަތުގައި ހިފީ، ނުހަނު ބާރަށެވެ. ގަދަކަމުންވެސް މުނާއަށް މިފަހަރު އޭނާގެ އަތް ދަމައިގަންނަން ނުކެރޭޭހާ ބާރަށެވެ.
"ތިހެން ވާހަކަ ދައްކާތީ އަހަރެން ވަރަށް ބިރުގަނޭ އެބަ. ތަންކޮޅެއް ތިލަކޮށް ކިޔައިދީބަލަ.. ކޮބާތަ މައްސަލައަކީ ؟"
ޝާމިންގެ އަޑު ކޮންމެވެސް ވަރަކަށް ގަދަވިއެވެ.
"ޝާމިން ޕްލީޒް! އަހަރެންގެ އަތުން ދޫކޮށްލާ! ޕްލީޒް! އަހަންނަށް ތަދުވޭ! "
ވަގުތުން ޝާމިން މުނާގެ އަތުން ދޫކޮށްލިއެވެ. ވާނުވާ ނޭނގޭ ޙާލު ޝާމިންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
"ސޮރީ!.." ޝާމިން އަވަސް އަވަހަށް މަޢާފަށް އެދުނެވެ.. މިއީ މުނާ އާއި ބައްދަލުވި ފުރަތަމަ ފަހަރެވެ. ޝާމިން ހުންނަން ޖެހޭނީ ހަމައިގައި ކަމަށާއި މުނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލަން ފުރުޞަތު ދިނުމަށް ޝާމިންގެ ސިކުނޑި އޭނާއަށް ވިސްނައިދެމުން ދިޔައެވެ.
"އަހަންނަކީ ބައްޕަނެތް ކުއްޖެއް!"
ޝާމިންގެ މޫނުމަތީގެ ކުލަވަރު ހުރިގޮތް ބަލާލުމަށްޓަކައި މުނާ އިސްއުފުލާ ޝާމިންގެ މޫނަށް ބަލައިލިއެވެ. އެހެނަސް މުނާ ހީކުރި ގޮތާ ޚިލާފަށް ޝާމިންއަށް އެއްވެސް ބަދަލެއް ނާދެއެވެ." ތީ މައްސަލައެއްތަ؟ ތީގަ މުނާގެ ކުށަކީ ކޮބާ؟ ތީ އަހަރެން މުނާއަށް ނޯ ޖަހަން ޖެހޭ ސަބަބެއް ނޫން."
މިހާރު ޝާމިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ. އޭނާ އުއްމީދުކޮށްގެން ހުރީ މުނާގެ ޝަކުވާއަކީ އެއީ ކަމަށެވެ.
މުނާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އަދި އަޑުއަހާ ޝާމިން.. އަދި މި ނިމުނީކީ ނޫނޭ. އަހަރެންގެ ވާހަކަ އަދި އޮތީ.."
މުނާ ފުންނޭވާއެއް ދޫކޮށްލީ ސިކުނޑިއަށް ވަރުބަލިކަން ވެރިވެފައިވާތީއެވެ.
"އެންމެ ކުޑައިރުއްސުރެ ރަށުގެ ގިނަ ބަޔަކު މަންމަ އާއި އަހަންނަށް ވަރަށް ނަފްރަތު ކުރޭ.. އެއީ.. އެއީ އަހަރެންގެ ބައްޕައަކީ ކާކުކަން ފާޅުގައި މަންމަ ކިޔަން ފެށީމަ.. އެމީހަކީ ރަށުގެ ޤަދަރުވެރިއެއް. ރަށުމީހުން ކުރިމަތީގަ މާ ބޭފުޅުވެގެން އުޅޭ ވިޔަފާރިވެރިއެއް. ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ މީހެއް. ރަށުގެ ގިނަ ބަޔަކަށް އެކިގޮތްގޮތުން އެހީވެދީ ހަދާ، ރަށު ރައްޔިތުންގެ ލޯބި ހޯދާފައިވާ މީހެއް. އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަށް އެއްވެސް މީހެއް ޤަބޫލެއް ނުކުރޭ. ހުރިހާ އެންމެންވެސް ކުށްވެރި ކުރީ މަންމަ.. ޚުދު އެމީހާވެސް މަންމަ ބޭޒާރުކުރީ.. އެކަމަކު މަންމަ އަހަންނަށް ކިޔައިދިން ގޮތުގައި އެމީހާ މަންމަ ކައިރި ވަޢުދުވީ. ކައިވެނި ކުރާނެކަމަށް. އެކަމަކު މަންމަ ބަނޑުބޮޑުކަން އެނގުމުން އޭނާ މަންމައަށް ލަނޑުދިނީ. މަންމަ ބުނި މަންމައަށް ކުރެވުނު ކުށަށް ތައުބާވެ މަންމަ ދެން މަސައްކަތް ކުރީ ހެޔޮމަގުގައި ދިރިއުޅުމަށޭ."
އަސަރާއެކު މުނާ ކިޔައިދެމުން ދިޔައެވެ. މުނާގެ އަޑު ތުރުތުރު ލަމުން ދިޔަކަން ޝާމިންއަށް ފާހަގަ ކުރެވުނެވެ.
"އަހަރެން ވަރަށް ފޫހިވޭ އެރަށު މީހުންދެކެ. އަހަރެން ބޮޑުވަމުން އައީ ވަރަށް ޙާލުގަ. އަހަރެމެންނަށް ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްލައިދޭނީ ހަމަ ދެތިން މީހުން. މަންމަ ވަރަށް ބަލިވި. މަންމަ ބަލިވުމުގެ ކުރިން އަހަންނަށް ހުރިހާ ވާހަކައެއްވެސް ކިޔައިދިން. އަހަރެމެންގެއަށް މީހުން ނުވަންނަނީ ކީއްވެތޯ އާއި ބައްޕަ އާއި ބެހޭގޮތުންނާ އެގޮތަށް އަބަދު އެކި ޝަކުވާކުރާތީ މަންމަ އަހަންނަށް ކިޔައިދިނީ އަސްލު.. އެނގޭތަ؟ މަންމަ ވީ ނަފްސާނީ ބަލީގެ ޝިކާރައަކަށް.. އެހެންވެ އަހަންނަށް މަޖުބޫރުވީ ކިޔެވުން ހުއްޓާލަން. ގްރޭޑް 7ގައި އުޅެފަ، 7 ވެސް ނިންމާނުލެވުނު."
މުނާގެ އަޑު ކެނޑެމުން ގޮސް އޭނާއަށް ގިސްލާ ރޮވެން ފެށިއެވެ. ޝާމިން ހުރީ މުނާގެ ގައިގައި އަތް ޖައްސާލަން ވެސް ނުކެރިފައެވެ. އަނގައިން ބުނަން އުޅެނިކޮށް އަނެއްކާވެސް މުނާ ، އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ޝާމިންއަށް އެނގޭތަ އަހަރެން ކިޔެވުން ދޫކޮށްލީ ކީއްވެގެންކަން؟"
އަތުގައި އޮތް ޓިޝޫ ނޭފަތުގައި ޖައްސާލަމުން މުނާ ސުވާލުކޮށްލިއެވެ .ޖަވާބުގައި ޝާމިން ބޯ ހޫރާލިއެވެ.
" އަހަރެމެން ރަށު މީހުންނަށް އެނގުނީ މަންމަ ނަފްސާނީބަލި ހުންނަކަން. ދެން އަހަރެންގެ ބައްޕައޭ އެ ބުނާ މީހާ އުސްކޮށް ހުރެ ރޭވި މަންމަ ގުރައިދޫއަށް ފޮނުވާލަން. ރަށުން ބޭރު ކުރަން ހަމަ އުޅުނީ. މަންމައަކީ މޮޔައެކޭ ކިޔާފަ. އެހެންވެ އަހަރެން ސްކޫލުން ކެނޑުނީ މަންމަ ބަލަން. އަސްލު ވިސްނާ ވިސްނާ މަންމަ ސިކުނޑި ހަމައެއް ނުޖެހޭ ފަހުންނެއް. މަންމަ ނިޔާވީ ވެސް އެ އަހަރުގެ ތެރޭގަ. އެހިސާބުން އަހަރެންގެ ދިރިއުޅުމަށް ބޮޑު އިންޤިލާބެއް ގެނުވި.. އެފުށް މިފުށަށް ޖެހުން.. އަޅާލާނެ މީހެއް ނެތި ހުއްޓާ މަންމަގެ ދުރުތާ ތިމާގެ ބޭބެއެއް އަހަރެން މާލެ ގެނައީ.. މާލެ އާދެވުނީމަ ހިތަށްއެރި ރަށުގައި ހުރުން ވެސް މާ ރަނގަޅޭ.."
ވާހަކަ ދައްކަމުން ގޮސް މުނާ އިށީނދެލީ އެތަނުގައި ހުރީ ޖޯއްޔެއްގައެވެ.
"އެއީ ކީއްވެ؟ ތިބުނާ ބޭބެވެސް ގޯހީތަ؟"
ޝާމިން އަހާލިއެވެ.
"ގޯހެއް ނޫން ދެން..ބޭބެ އަސްލު ރަނގަޅު. އެކަމަކު ބޭބެގެ އަންހެނުން އަހަރެންދެކެ ވަރަށް ރުޅިއާދޭ. އަހަންނާހެދި އުނދަގުލަކަށްވަނީ އެމީހުންނަށް ކޮންމެ ކަމެއްވެސް. އަހަންނަށް ކިޔަވަން ފުރުސަތެއް ނުދިން. ޢުމުރުން 13 އަހަރު އޭރު. އަހަންނަށް ޖެހުނީ އެމީހުންގެ ދަރިން ބަލަން. ގެދޮރު މަސައްކަތް ކުރަން. އެކަމަކު އަހަންނަށް ޚަރަދު ކުރަން ބޭނުމެއްނުވޭ. މިދިޔަ އަހަރު އަހަންނަށް 18 އަހަރުވީ.. ހަމަ އެމަހު، ދައްތަ ބުނެފި މީހަކާ އިންނަންވީއޭ ދެން. ދައްތަމެން ލަންކާއަށް ބަދަލުވާން އުޅެނީ. އެހެންވެ އަހަރެން މީހަކާ ދެވާފަ ބަހައްޓަން ވެގެން.. އެއީވެސް ބޭބެ ބޮލަށް އެރިގެން ދައްތަ ނިންމާ ނިންމުން. ބޭބެ ނުދާނެ އެއްނު މި މާލެއަށް އަހަރެން އެކަނިކޮށްލާފައެއް. ދައްތަ ޤަބޫލެއް ނޫނޯ އަހަރެން ގެންދާކަށް "
ވާހަކަ ދައްކާ ދައްކާ ވަރުބަލިވެފައިވާ މުނާ، ޝާމިންއަށް ބަލާލިއެވެ. ބުނާނެ އެއްވެސް އެއްޗެއް ޝާމިންއަކަށް ނުވިސްނުނެވެ. ކުރިމަތީގައި މި އިން މައުސޫމް އަންހެން ކުއްޖާގެ ރީތި ހިނިތުންވުމުގެ ފަހަތުގައިވާ ހިތްދަތިކަން އިޙުސާސް ވުމުން ޝާމިންއަށް ވަރަށް އަސަރުކުރިއެވެ.
"ދެން ކޮންއިރަކުން އެމީހުން ދަނީ؟"
އަވަސް އަވަހަށް ޝާމިން އަހާލިއެވެ. އަނެއްކާވެސް މުނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
"އަހަންނަށް ނުވެސް އެނގި، ދައްތަ މީހަކު ހޯދީ. އަހަންނަށް އަންގައިފި ކައިވެންޏަށް ތައްޔާރުވާންވެސް.. އަހަރެން އެކަމަށް އެއްބަސް ނުވީމަ އެމީހުން އުޅުނީ އަހަރެން އެގެއިން ނެރެލަން. ބުނެބަލަ؟ އަހަރެން ގޮސް ވަންނާނީ ވަކި ކޮންތާކަށް؟ އަހަންނަށް ވަޒީފާއެއްވެސް ދޭނީ ވަކި ކާކު؟ ދެން.. އެކި ގޮތްގޮތަށް ވިސްނާފަ އަހަރެން އެއްބަސްވީ އިންނަން. އެކަމަކު އޭރު ވާން އުޅޭ ފިރިމީހާ ލޮލަށް ވެސް ނުދެކެން. "
"ދެން ނުވެސް ފެނިތަ ހަމަ އެއްބަސްވީ؟ "
މުނާގެ ވާހަކަތައް އަޑުއަހަން ޝާމިންއަށް އުނދަގޫވާން ފަށައިފިއެވެ. އެހެނަސް ޝާމިން ބޭނުންވީ މުނާ ދައްކަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ދައްކަން ވަގުތު ދޭށެވެ.
"އާނ.! ފެނުނަސް ނުފެނުނަސް އަހަންނަށް ޖެހޭނީ އެކައިވެންޏަށް ރުހެންތާ.. އެކަމަކު...އެކަމުން ސަލާމަތް ކުރެއްވުމަށް އެދި އަހަރެން ކެނޑި ނޭޅި ދުޢާ ކުރިން. އެނގޭތަ ދެން ވީގޮތް؟ އެބުނާ މީހާ ފެނިފަ އަހަރެން ގަތީ ބިރު.. ބޮޑު ބިޔަ މީހެއް. ހީވަނީ 50 އަހަރުންވެސް މަތި ވާނެހެން.. އެމީހާ އައިސް ދައްތަމެންގާތު ބުނަނީ އޭނަ އަންހެނުން އެއްބަހެއް ނުވިޔޯ. ފޯމުގައި ސޮއި ކުރާގޮތަކަށް ނޫނޯ ހުރީ. އޭނައަށް، އަނބިމީހާ ވަރިއެއް ނުކުރެވޭނެޔޯ.. އަހަންނަށް ﷲއަށް ޙަމްދު ކުރެވުނު ވަގުތުން.. ދެން... ކުރީ ދުވަހެއްގަ، ދައްތަގެ ދޮށީ ދަރިފުޅު އަޒޫ ބުނެފި ޝާމިންގެ ވާހަކަ. އަޒޫގެ ފިރިމީހާގެ ވަރަށް ގާތް އެކުވެރިއެކޭ ބުނީ. ދައްތަމެން އަނެއްކާވެސް އިންނާނެ މުސްކުޅި މުއްސަންޖެއް ހޯދަފާނޯ ބުނީ.. އެހެންވެ އަހަރެންދެކެ ލޯބިވާ މީހަކާ ގުޅޭށޯ. ދެން ރީހާން އާއި އަހަރެން މީޓް ވެސް ކުރުވި. ރީހާން އަހަންނަށް ޝާމިންގެ ވާހަކަތައް ކިޔައިދީފަ ބުނި އެއަރޕޯޓަށް އަންނަން "
އަތުގައި އަޅާފައި އޮތް ގަޑި ބަލާލުމަށްފަހު، ޝާމިންއަށް އަނގައިން ބުނެލާނެ ފުރުޞަތެއް ނުދީ، މުނާ އަނެއްކާވެސް ވާހަކަ ފެށިއެވެ.
"އަހަރެން ވަރަށް ވިސްނިން... އަސްލު އަހަރެންގެ ދިރިއުޅުމަށް ޚުދު އަހަންނަށް ބާރެއް ނުފޯރުވޭ. އުފާވެރިކަން ހޯދަން އަހަރެން މިޖެހެނީ އެއްތަނުން އަނެއް ތަނަށް ތެޅެން... އެންމެ ފުރަތަމަ ބައްޕަގެ ލޯބިން މަހުރޫމްވީ. ދެން މަންމަ އާއި ދެމީހުން އެހާ ޙާލުގަ އުޅެންޖެހުނީ .ރަނގަޅު ތަޢުލީމެއް ލިބިފަ ނެތުމުން މުޖުތަމަޢުއަށް އަހަރެންގެ ބޭނުމެއް ނެތް. އަހަރެންގެ އާއިލާއެއް ނެތް. ރަޙުމަތްތެރިއެއްނެތް. އަހަންނާމެދު ރަޙުމު ކުރާނެ އިންސާނަކު ނެތް. ކޮންމެ ޙާލެއްގައި ވެސް އަހަންނަށްޓަކައި، އަހަރެންގާތު ތާއަބަދު ހުރެދިން ލޯބިވާ މަންމަވެސް ޅަ އުމުރުގައި މުޅި ޢުމުރަށް ވަކިވެ ދިޔައީ.. ދެން މިހާރު.. ދެން މިހާރު މިވަނީ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރަށް ފިލަންޖެހިފަ. މިރޭ ގެއަށް ދާއިރުގަ އިނދެދާނެ ދެބައި އުމުރު ފިރެހެނެއް އައިސް.. ބުނެފާނެ އަހަންނާ އިންނަން ބޭނުމޭ... އެހިސާބުން އަހަރެން އެ ވިކުނީ.. "
މުނާއަށް އަނެއްކާވެސް ރޮވުނެވެ. މޫނުގައި އަތް އަޅައިގެން ހުރެ މުނާ ގިސްލަމުން ދިޔައެވެ. ޝާމިންއަށް ކުރަމުންދިޔަ އަސަރެއް އޭނާއަށް ވެސް ބުނެދޭން ނޭނގޭ ކަހަލައެވެ. ޝާމިން މަޑުމަޑުން މުނާއަށް ދެފަހަރަކު ގޮވާލުމުން މުނާ މޫނުމަތިން އަތް ނަގާ، އަތުގެ ނުފުށުން މޫނު ސާފުކޮށްލިއެވެ.
"ކޮންމެ ގޮތެއް ވިޔަސް އަހަންނަށް މިވަނީ ކައިވެންޏެއް ކުރަން މަޖުބޫރުވެފަ. އަހަރެން މިތަނަށް އައި އިރު ޝާމިންގެ ނަން ފިޔަވާ އެއްވެސް އެއްޗެއް ނޭނގެ. އަހަރެން އައީ ތީ ރަނގަޅު މީހެކޭ އަޒޫ ބުނީމަ. ތީ އަހަރެންދެކެ ލޯބިވާ މީހެކޭ ބުނީމަ.. އެކަމަކު އަހަރެންގެ ދިރިއުޅުމުގެ ޙާލަތު އެނގުމުން ޝާމިން ކަންތައް ކުރާނެ ގޮތެއް ނޭނގެ"
މުނާ، ޝާމިންއަށް ފުރަގަސް ދިނެވެ. ޔަޤީނާ ގާތަށް އޭނާއަށް އެނގޭ އެއްޗަކީ، ޝާމިންވެސް މުނާ ބޭނުން ނުވާނެ ކަމެވެ. މުނާ ފަދަ ދަށް ފެންވަރެއްގެ ކުއްޖެއް، ޝާމިން ކަހަލަ ރީތި ފިރެހެނެއް ބޭނުމެއް ނުވާނެއެވެ.
"ދެން ބުނެބަލަ! ޝާމިން، އަހަރެން ޤަބޫލު ކުރާނަންތަ؟"
މުނާގެ ޖުމްލަ ނުނިމެނީސް ޝާމިން މުނާގެ އަތުގައި ހިފާ އޭނާ ހުރި ދިމާލަށް އަނބުރާލިއެވެ.
"މީ މި ލޯބިލޯބި އަތުގައި ހިފާ ތިންވަނަ ފަހަރު... ދޫކޮށްލާށޭ އަދިވެސް ބުނާނަންތަ؟"
މުނާ ދެއްކި ވާހަކަތައް ޝާމިން ހަނދާންވެސް ނެތް ކަހަލައެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑަށް މުނާ ބޭނުންވެފައެވެ. ޝާމިންގެ އަތުގެ ތެރޭގައި މުނާގެ އަތް ފިތިގެން ދިޔައެވެ.
"ޝާމިންއަށް އަހަރެން އިތުބާރު ކުރަންވީތަ ހަމަ؟"
މުނާ ކޮށްލީ ސުވާލެކެވެ. ސުވާލުގެ ޖަވާބު ޝާމިން ދެއްކީ ޢަމަލުންނެވެ. މުނާގެ ދެއަތުގައި ހިފާލުމަށްފަހު ޝާމިންގެ މޭމަތީގައި ޖައްސާލިއެވެ.
"މި ހިތް ތެޅޭކަން އިޙުސާސްވޭތަ؟ ވިންދު އެޖަހަނީ ހަމަ އެންމެ އަންހެން ކުއްޖަކަށްޓަކާ.. އިތުބާރަކީ އެ ގެއްލެންދެން ކުރެވޭނެ އެއްޗެއް. އަހަންނަށް އިތުބާރު ކުރޭ! ތީ އަހަރެންގެ އަލަތު ލޯބި. ތީ މި ދުނިޔެއިން ފެނުނު އެންމެ ރީތި އަންހެން ކުއްޖާ! އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް، މުނާ ނޫނީ އިތުރު އެއްވެސް މީހެއް އަހަރެން ބޭނުމެއްނޫން. މިވަރުން އަހަންނަށް އިތުބާރު ކުރެވިދާނެތަ؟"
ޝާމިންގެ ގައިން ދުވާ މީރު ވަހުން، އޭނާ އާއި ދުރަށް ދާކަށް މުނާގެ ހިތެއް ނޭދުނެވެ. ފިރެހެންވަންތަ، ބަރު އަޑުން އެ ދެއްކި ވާހަކަ ތަކުން އިތުރަށް މުނާގެ ހިތް ޝާމިންއަށް ލެނބޭ ގޮތްވިއެވެ. ބޭއިޙްތިޔާރުގައި މުނާއަށް ޝާމިންގެ މޭގައި މޫނު ޖައްސާލާ ދެލޯ މަރާލެވުނެވެ. އެވަރުންވެސް އޭނާއަކަށް ނުފުދުނެވެ. އޭނާ ބޭނުންވީ އެ ހަށިގަނޑުގެ ތެރެއަށް ވަދެ، މިއަނިޔާވެރި ދުނިޔެއަށް ފިލާށެވެ.
ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ މުނާގެ ފޯންގެ ރިންގްޓޯނެވެ. ސިއްސައިގެންގޮސް މުނާއަށް ދުރަށް ޖެހިލެވުނެވެ. އަދި އަވަސްވެގަތީ ދަބަސްތެރޭގައި ކެނޑިނޭޅި ރިންގްވަމުންދާ ފޯނު ނެގުމަށެވެ.
"ހަ..ހަލޯ.."
ގުޅީ ކާކުތޯވެސް ރަނގަޅަށް ބަލާނުލާ މުނާ ވާހަކަ ދައްކަންފެށިއެވެ. މުނާގެ އަވަސް ހަރަކާތްތަކަށް ބަލަން ޝާމިން ހުރީ ހައިރާންވެފައެވެ.
"މިހާރު މިދަނީ.. އަޒޫ މަންމަ އަހަރެން ހޯދަނީތަ؟"
މުނާގެ އަޑުގައިވަނީ ހާސްކަމެވެ. އޯކޭ އޭ ބުނެ އޭނާ ފޯނު ކަނޑާލަމުން ޝާމިންއަށް ބުނެލިއެވެ.
"ހިނގާ ދާން.. އަޒޫ އެގުޅީ. ދައްތަމެން ވީ ބޭރުގަޔޯ. ގެއަށް އަންނަން ވާއިރަށް އަންނާށޯ އަވަހަށް ގެއަށް . ޝާމިން. ހިނގާ ދާން. އަހަރެން ވަރަށް ބިރުގަނޭ "
ޝާމިން ދެކޮނޑު އަރުވާލަމުން މުނާގެ މޫނާއި ދިމާލަށް ގުދުވެލިއެވެ.
"އެމީހުން އޯކޭ ވާނެ އެއްނު.. މެރީ ކުރާނެ މީހެއް ނުލިބިގެން ނޫންތަ އެމީހުން އެއުޅެނީ؟"
" އެކަމަކުވެސް... ފަހަރެއްގަ ޝާމިން މުއްސަނދި ނޫންވީމަ އޯކޭ ނުވެދާނެ.. އެމީހުންގެ ނުޤަބޫލުގަ އަހަންނަކަށް ނުކެރޭނެ އިންނާކަށް.. ދެން ހިނގާ ދާން.. ފަހުން އެވާހަކަ ދައްކާނީ. އަހަރެން ބޭނުންވަނީ ދައްތަމެން ގެއަށް އަންނަން ވާއިރަށް އަވަހަށް ދާން."
ހިތް އަވަސް ވެފައިވާ މުނާގެ އާދޭހަށް , އިތުރު އެއްޗެއް ނުބުނެ، ޝާމިން ހިނގައިގަތެވެ. މުނާވެސް ޝާމިން އާއި އެއްހަމައެއްގައި ހުރެ ،ބާރަށް ކުރިއަށް ހިނގަމުން ކާރާ ދިމާލަށް ދިޔައެވެ.
ކާރު ތެރޭގައި އިން އިރުގައިވެސް މުނާ އިނީ ނުތަނަވަސްވެފައިކަން ޝާމިންއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ޝާމިން އިތުރަށް މުނާ އާއި މާ ގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"ދެން ނުވިސްނަބަލަ... ވަރަށް އަވަހަށް ގެއަށް ދެވޭނެ އެއްނު. މުނާ ބުނި ގޯޅިއަށް ކައިރި ކުރީމަ ތިގޭ މީހުންނަށް ނުވެސް ފެންނާނެ އެއްނު. ހާސްވަނީ ކޮންކަމަކާ ؟"
މުނާ އިސްއުފުލާ ޝާމިންއަށް ބަލައިލިއެވެ.
"ޝާމިން ތަންކޮޅެއް ބާރަށް ދުއްވަބަ..."
ކާރުގެ ބިއްލޫރިގަނޑުން މުނާ އިނީ ބޭރު ބަލާށެވެ. އޭރުވެސް އޭނާގެ ދައްތައަށް ފެނިދާނެތީ އޭނާ ޖެހިލުންވެއެވެ. ދެފަރާތަށް ބޯހޫރާލަ ހޫރާލާ ޝާމިން އިންނަނީ ލާނެތް ފާޑަކަށް ހެވިފައެވެ. އެކަން މުނާއަށް ފާހަގަ ކުރެވިގެން އޭނާ ފުސްމޫނު ހަދާލަމުން ބުނެލިއެވެ.
"ދެން ޝާމިން.. މަޖަލެއް ނޫނޭ.. އަހަރެންގެ ހިތް ފެންނަ ނަމަ ޝާމިން ތިހެންނެއް ނުހޭނެ އިނގޭ."
"އަހަންނަށް މިހާރުވެސް މުނާގެ ހިތް ފެނޭ.. ތި ހިތްވަނީ ޝާމިންއަށްޓަކައި ލޯބިން ފުރިފަ.."
ޝާމިން ސަމާސާގެ ރާގެއްގައި ބުނެލިއެވެ. އެވަގުތު ލަދުރަކި ހިނިތުން ވުމަކުން މުނާ ހީލިގޮތް ޝާމިންއަށް ވަރަށް ކަމުދިޔައެވެ.
"އަދި ނޭނގެ އެއްނު ތީ ތެދެއް ކަމެއް. އަހަރެން ވަކި ޖަވާބެއް ނުދެމެއްނު!. "
ލަސްލަހުން މުނާ ވާހަކަ ދެއްކިއެވެ. އޭރު އެ ގޯޅިއަށް ކާރު ވަދެއްޖެއެވެ.
"އެކަމެއް ނޭނގެ މިރޭ ގައިމުވެސް އަހަރެންގެ މި މޭމަތީގައި އަންހެން ކުއްޖެއް މޫނު ޖައްސާލި.. އެއީ ދުވަހަކުވެސް އަހަރެންގެ ޙަޔާތުގައި ވީ ކަމެއްނޫން.."
ޝާމިންގެ ޖުމުލައިން މުނާ ހަމަ ރަނގަޅަށްވެސް ލަދުގަތެވެ. އެހެންކަމުން އޭނާ ބެލީ އަވަހަށް ޝާމިންގެ ކުރިމަތިން ދެވޭތޯއެވެ. ކާރު ހުއްޓާލުމާއިއެކު މުނާ އަވަހަށް ދޮރު ހުޅުވާ ކާރުން ބޭރުވެވޭތޯ ދޮރު ހުޅުވާލިއެވެ. އެކަމަށް ހުޝިޔާރުވެގެން އިން ޝާމިން މުނާގެ އެއް އަތުގައި ހިފުމުން މުނާއަށް ތިރިވެވުނެވެ. ޝާމިން މުނާ އިން ސީޓަށް ޖެހިލިއެވެ.
" ދެން ކޮން އިރަކުން ބައްދަލްވާނީ؟ "
ދަހިވެތި ބެލުމަކުން ޝާމިން މުނާއަށް ބަލަން އިނދެ ބުނެލިއެވެ.
"ދެން.. އަހަރެން ގުޅާނަން.. ނައްޓާލަބަލަ އަވަހަށް"
ހީލަމުން މުނާ އެހެން ބުނުމުން ޝާމިން މުނާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
" މުނާ!؟"
މުނާ ސިހުނީ ދާދި ގާތުން އިވުނު އަޑުންނެވެ. ތެޅިގަނެފައި މުނާ ޝާމިންގެ އަތް ފޮޅުވާލިއެވެ. ޝާމިންވެސް މިފަހަރު ޖެހިލުންވެއްޖެއެވެ. މުނާ ބިރުގަންނާނެ ވަރު ހިތަށް އަރާފަ އޭނާ ދެރަވެސް ވެއްޖެއެވެ.
" ދަ..ދައްތަ؟"
ދައްތަގެ އަތުގައި ހުރި. ކޮތަޅުތަކުން އޭނާ އެ ނުކުތީ ޖެހިގެން ހުރި ފިހާރައިންކަން މުނާއަށް ވިސްނުނެވެ.
" އާނ..ދައްތަ! ތިހެން ދޯ މުނާ މަށަށް ކިޔަނީ؟"
އޭނާގެ ރާގު ހުރިގޮތުން ވަރަށް ރުޅި އައިސް ހުރިކަން މުނާގެ އިތުރުން ޝާމިންއަށް ވެސް އެނގުނެވެ.
* *ނުނިމޭ **
ސިލްސިލާ ވާހަކަ: ޙައްޤުގައި (3)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!