ކުރީގެ ޢަދަދާއިގުޅޭ،

"ހަމަ ކޮންމެ ފިރެހެނަކަށްވެސް އިތުބާރު ކޮށްފާނަން ދޯ! ތާކުން ފެންނަ ކޮންމެ މީހަކަށްވެސް... ދުވަހަކުވެސް ނުދަންނަ ފިރެހެނެއްގެ އެންމެ އިޝާރާތަކުން ތިހުރީ އޭނާގެ ގޭގަ.. އޭނާގެ ކޮޓަރީގަ.. ބައްދަލުވެފަ އަދި 24 ގަޑިއިރުވެސް ނުވެ! "

Ad
rt

ބިރުގަނެފައި ހުރި މުނާ ދެކަންފަތުގައި އަތް އަޅާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ހުޝިޔާރުވެ ހުރި ޝާމިން އެއްލި އަތުން މުނާގެ އަތުގައި ހިފުމާއެކު މުނާ ކަސްތޮޅުއެޅުނެވެ.

"ނޫން.. ޝާމިން ޕްލީޒް.. އަހަރެން ދޫކޮށްލާ!"

ޝާމިންގެ އަތުން ވީއްލެން މުނާ ތެޅި ފޮޅެމުންދިޔައެވެ. މުނާ ހުއްޓުވުމަށްޓަކައި ބާރު ބާރަށް ޝާމިން މުނާއޭ ކިޔާ ހަޅޭއްލަވައިގަތުމާއިއެކު މުނާއަށް މަޑުޖެހެވުނެވެ.

"މުނާ! އޭ... މައިތިރިވެބަލަ!"

ދެލޯ ހުޅުވުމަށްފަހު މުނާ، ޝާމިންގެ މޫނަށް ބަލާލީ ބިރުން ހުރެއެވެ. މުނާގެ މޫނުވަނީ ކަރުނައިން ތެތްވެފައެވެ. އެ ރީތި މޫނުގައި ތަތްލާފައިވާ އިސްތަށިތައް، ޝާމިން އެއްފަރާތްކޮށްދެމުން ދިޔައީ ނުހަނު ލޯބިންނެވެ.

"ކިހިނެއްތަ ތިވަނީ ؟ އަހަންނަށް ހަމަ އެއްވެސް ވަރަކަށް އިތުބާރެއް ނުކުރަންތަ؟"

މަޑުމައިތިރިކަމާއެކު ޝާމިން އަހާލިއެވެ. އޭރުވެސް މުނާއަށް މަޑުމަޑުން ގިސްލެވެއެވެ. އޭނާގެ ހިތުގައި އުފެދުނު ބިރުވެރިކަން އަދިވެސް ފިލައިގެން ނުދެއެވެ. ޝާމިން އާއި ދިމާއަށް މުނާއަށް ބެލެނީ ނުދަންނަ މީހަކަށް ބަލާފަދަ ގޮތަކަށެވެ. ޝާމިން ހުރީ މުނާގެ ކުރިމަތީގައި އޭނާ އާއި ނުހަނު ގާތުގައެވެ.

"ޝާ..ޝާމި..މިން.. އަހަންނަށް ކީއްކުރަން ..އުޅު..ނީ؟"

މުނާގެ ދެތުންފަތް ތުރުތުރު އަޅާ ޙާލު، ގިސްލަ ގިސްލާފައި މުނާ ސުވާލުކުރިއެވެ. އެއަޑުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ މިންވަރު ޝާމިންއަށް އެނގުނެވެ. ވީދެރައިން މުނާގެ ދޮންދޮން މޫނުގައި ދެއަތުން ހިފަހައްޓާލަމުން އޭނާގެ ނިތްކުރީގައި ބޮސްދިނެވެ.

"ސޮރީ.. ސޮރީ ލޯބި. އަހަރެން އެއްވެސް ކަމެއް ކުރާކަށް ނޫޅެން.. އެނދުމަތީގައި އޮތް ބްލޭންކެޓް ދޭށޭ ބުނަން އަސްލު އުޅުނީ... ދެން ކުޑަކޮށް ބިރުގަންނަވާލަން އުޅުނީ.. ހިއެއް ނުކުރަން ތިހާވަރު ވާނެކަމަކަށް.. ސޮރީ... ވަރަށް ބޮޑަށް ސޮރީ.. "

ޝާމިންއަށް ބޭއިޚްތިޔާރުގައި މުނާގެ ގައިގައި ބައްދާލެވުނެވެ. އަދި މަޑުމަޑުން މުނާ އާއިއެކު އަލަމާރި ކައިރި އިށީނދެ ދޮރުފަތުގައި ލެނގިލިއެވެ. މުނާ އިނީ ޝާމިންގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. އަދިވެސް މުނާއަށް ރަނގަޅަށް ވާހަކަ ނުދެއްކެއެވެ.

"އަހަރެން ދުވަހަކުވެސް މުނާއަށް ދެރަވާ އެއްވެސް ކަމެއް ނުކުރާނަން.. އެކަން ޤަބޫލުކުރައްޗޭ އިނގޭ! އަހަންނަށް އިތުބާރުކުރޭ! އަސްލުވެސް މަ ހިއެއް ނުކުރަން ތިހާ އަވަހަށް ބިރުގަންނާނެކަމަކަށް.."

ޝާމިން ވާހަކަ ދެއްކުމުންވެސް މުނާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނާ އަދިވެސް ހަމައަކަށް ނޭޅޭކަން ޝާމިންއަށް އެނގުމުން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ޝާމިންވެސް ބޭނުމެއްނުވިއެވެ. މުނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އެތައް އިރެއް ވަންދެން ޝާމިން އިނެވެ. އެހެން އިންދާ އޭނާގެ ލޮލަށް ނިދި ސަވާރުވާން ފަށައިފިއެވެ. އޭރު މުނާއަށްވެސް އޮތީ ވަރުބަލިކަމާއިއެކު ނިދިފައެވެ. މުނާއަށް ހޭލެވިދާނެތީ ޝާމިން ގުޑިލާންވެސް ނުކެރި އެ އިންގޮތަށް އިނދެ އަލަމާރީގައި ބޯ ޖައްސާލައިގެން ދެލޯމަރާލިއެވެ.

ސިހިފައި މުނާއަށް ހޭލެވުނީ ޝާމިންގެ ފޯނުން އިވެމުންދާ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. އަވަސް އަވަހަށް މުނާ ޝާމިންގެ އުނގުމަތިން ތެދުވެ ހޭވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާ ބާރުކޮށްލިއެވެ.

"ޝާ...ޝާމިން.." މުނާ މަޑުމަޑުން ގޮވާލިއެވެ. ދެތިންފަހަރު ގޮވާލުމުން ޝާމިން ލޯ ހުޅުވާލިއެވެ.

"ފަތިސްވީ ދޯ.. ބަންގި ގޮވަނީތަ؟ އެކަމަކު ހީވަނީ ހަމަ ދެންމެ ހެން ނިދުނީ.."

ޝާމިން އިންތަނުން ތެދުވެ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭރުވެސް އޭނާ ހުރީ ވަރަށް ބޮޑަށް ނިދަން ބޭނުންވެފައެވެ.

"ޝާމިން! ދެން ނަމާދުކޮށްލައިގެން ނިދާނީ.. ތެދުވޭ ދެން!" އެނދުމަތީގައި ހުރި ބާލީސްތައް ދުރަށް ޖައްސާލަމުން މުނާ އިށީނދެލިއެވެ. އަދި ޝާމިންގެ ބުރަކަށީގައި އަތްޖައްސާލުމަށްފަހު އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު މުނާގެ އަޑަށް ޝާމިން ކަންނެތްކަމާއިއެކު ތެދުވެ ވާހަކަ ދައްކަންފެށިއެވެ.

"ނަމާދުކޮށްގެން އަހަރެން ޖައްސާލާނަން ސޯފާގަ އިނގޭ.. މުނާވެސް މިތާ ނިދާލާ! ރޭގަ ރަނގަޅަކަށް ނުވެސް ނިދޭނެ އެއްނު.."

ޝާމިން ފާޚާނާ އާއި ދިމާއަށް ހިނގައިގަތީ މުނާގެ ބޮލުގައި ފިރުމާލުމަށްފަހުއެވެ.

މެލޭޝިޔާގައި ރީހާންގެ ފުރަތަމަ ދުވަހެވެ. މިއީ ބޭރު ޤައުމަކަށް އާދެވުނު ފުރަތަމަ ފަހަރު ކަމުން ރީހާން ހުރީ ވަރަށް އުފަލުންނެވެ. އޭނާ ހުންނަނީ ކޮލެޖް ފަރާތުން ކިޔަވާ ކުދިން ބަހައްޓާ ހޮސްޓެލްގައެވެ. ފުރިހަމަ މިނިވަންކަން އެތަނުން ނުލިބުނަސް ގިނަ އަދަދަކަށް ރާއްޖޭގެ ކުދިން އުޅޭތީ ރީހާން ވަރަށް ހިތްހަމަޖެހެއެވެ. އޭނާގެ ކޮޓަރީގައިވެސް ދިވެހި ދެ ކުދިން އުޅެއެވެ. އެހެންކަމުން އެކުދިންނާ ގުޅިގެން އުޅެން ރީހާން ބޭނުންވިއެވެ.

"ރީހާން.. ހިނގާ ކާންދާން! މޯޑުވެސް ގޮއްސި މިހާރު" މަތީ އެނދުން ފައިބަމުން ފަޔާޒް ބުނެލިއެވެ. ކިޔަން އޮތް ފޮތް ލައްޕާލުމަށްފަހު ރީހާންވެސް ތެދުވެ ފަޔާޒްގެ ފަހަތުން ހިނގައިގަތެވެ. ހަމަ އެވަގުތެވެ. ރީހާންގެ ފޯން ރިންގްވާން ފެށިއެވެ. އަތުގައި އޮތް ފޯނަށް ބަލާލިއިރު ޝާމިންގެ ކޯލެކެވެ. ކެއުމަށްވުރެ ބޮޑަށް އެކޯލް ނަގަން ރީހާން ބޭނުންވިއެވެ.

"ފަޔާ.. މަށަށް ވަރަށް އަރޖެންޓް ކޯލެއް އައިސްގެން އިނގޭ! މަ މަޑުކޮށްލާނަން!" ރީހާން އެހެން ގޮވާލުމަށްފަހު ނިކުތީ ބޭރަށެވެ.

"އޭ ކިހިނެއް ވިއްޔޭ! އެހާ ދިގު ދަތުރެއްކޮށްފަ އައިސް މަށަށް ނިދުނީއޭ.. އެހެންވެ ޚަބަރު ނުވެވުނީ.. އެކަމު. ފަތިހު ކަލޭގެ މެސެޖް ކިޔާފަ މަ މިހުރީ ފަހުން ޚަބަރެއް ނުވެގެން ހަމަ... ކިޔާބަލަ އަވަހަށް ކިހިނެއްތަ ވީ ؟ "

ޝާމިންއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުޞަތެއް ރީހާންއެއް ނުދިނެވެ. އެއްފައްޗަކަށް އަމުނާލުމަށްފަހު އޭނާ މަޑުކޮށްލުމުން ޝާމިން ވާހަކަދައްކަންފެށިއެވެ. ކަންތައްވީ ގޮތް ޝާމިން ރީހާންއަށް ކިޔައިދީ ނިންމާލިއެވެ. ރީހާންއަށް ހީވީ އޭނާއަށްވެސް ކާމިޔާބެއް ލިބުނުހެންނެވެ. އެހެނަސް އޭނާގެ ދުވަސްވީ އެކުވެރިޔާގެ އެ އުފަލުގައި ބައިވެރިވާން އޭނާ ނެތުމުން އެކަމާ ހިތާމަ ފާޅުކުރިއެވެ.

"އޭ މަ ނެތިސް ވެޑިން ބާއްވަނީ ؟ "

"ނޫން.. ވެޑިންއެއް ނުބާއްވަން.. މާލޭގަ ކައިވެނިކޮށްގެން ދާނީ ރަށަށް.. ޗުއްޓީ ހޭދަކޮށްލަން މަންމަ ގާތަށް. ރީހާން ނެތީމަ އަސްލު އެއްވެސްކަމެއް ކުރާހިތެއްނެތް.."

ޝާމިންވެސް ރީހާން ނެތްކަމުގެ ފަޅުކަން އިހުސާސްވާކަން ހާމަކޮށްދިނެވެ.

"މަ މިއަދު މުނާ ގޮވައިގެން ގޮސް އޭނާއަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެ، ގޭ ބަދިގެއަށް ބޭނުންވާ އެއްޗެހިވެސް ގަނެފިން.. މިހާރު އަދި ހީވަނީ މިއީ ގެއެއްހެން... އަހަރެން މިހާރު އޮފީހަށްވެސް ދާހިތެއްނެތް.. އަބަދު ގޭގަ ހުންނަހިތްވަނީ.."

ޝާމިންގެ ރާގުގައިވަނީ އުފާވެރިކަމެވެ. މުނާ އޭނާގެ ޙަޔާތަށް އައުން ވެގެން ދިޔައީ އޭނާގެ ޙަޔާތަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

"އޭ ކަލޭ އޮފީހަށް ދާންވާނެ.. ޝާމިން ނުދަންޏާ އެއްކަލަ މަންޖެ ހުންނާނީ ވަރަށް ވައިވެފައެއްނު.. އޭނަ ގޮއްވަންވެސް ކަލޭ ދާންވާނެ"

ޖެއްސުމުގެ ރާގަކަށް ރީހާން އެހެން ބުނުމުން ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް ޝާމިން ވާހަކަ ފެށިއެވެ.

"އޯހް.. ޔާނީގެ ވާހަކަ ދޯ ތިބުނީ.. އޭނަ ހަމަ އަސްލުވެސް މަށާ ހޭބަލިވެގެންތަ އެ އުޅެނީ.؟ ނޫނީ ހަމަ އޭނަގެ ފާޑު ހުންނަގޮތްބާ އެއީ ؟"

"ނޫނެކޭ.. ޝާމިން ސެޓު ނުވެގެން އުޅެނީ. މަ ކައިރިވެސް ކީ ވަރަށް. މަށަށް އެކަމު ޔާނީގެ ސްޓައިލް ކަލެއަކާ ނުގުޅެ.. އޭނަ ކިތަންމެ ރީތިވެފަ ލޫޅާފައްޗަސް އެހާ އަޚުލާޤު ރަނގަޅު މަންޖެއެއް ނޫން އެއީ.. ބަހުރުވަޔާ އެއްޗެހިވެސް ކަމަކު ނުދެ! ކަލޭ ވައިވެސް ނޭޅޭތި އޭނަޔާ"

ރީހާން އިންޒާރުގެ ރާގަކަށް ބުނެލިއެވެ. އެއާއިއެކު ޝާމިން ޖަހާލީ ހިނިގަނޑެކެވެ.

"މަ؟ މަ ހުސްކޮށް ހުރި އިރުގައިވެސް އޭނައަށް ޝައުޤެއްނެތް. ދެން މިހާރު މަ ބަލާލާނެތަ؟ އޭ ދެން ތިވާހަކައެއް ނޫނޭ.. މާދަމާ ދާނަން ރީހާންގެ މަންމަމެން ގާތަށް ..މުނާ ދައްކާލަން.."

ޝާމިން އެހެން ބުނުމުން ރީހާން ވަރަށް އުފާވިއެވެ. އެކި ވާހަކައިގައި އިރުގަނޑެއްވަންދެން ދެމީހުން ތިބުމަށްފަހު، ޝާމިން ފޯނު ބޭއްވީ މުނާ ގޮވާ އަޑަށެވެ. ކޮޓަރީގައި އޮވެ، އޭނާ ނިކުތްއިރު މުނާ އިނީ ކާމޭޒުކައިރީ، ކާންހަދައިގެންނެވެ. އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމުގެ ކުލަވަރެވެ.

"ހާދަ އުފާވެފަ؟ އަނެއްކާ މާ މީރު އެއްޗެއް ތައްޔާރުކޮށްލީތަ؟"

ޝާމިން ވާހަކަ ދައްކަމުން އައިސް މުނާގެ ކޮލުގައި ހިފާލިއެވެ. މުނާ ދެފަރާތަށް ބޯހޫރުވާލުމަށްފަހު ތެދުވެ، ބިއްލޫރި ތައްޓެއް ނަގާ ފެންއެޅިއެވެ.

"މީރު ވާނެކަމެއް، ނުވާނެ ކަމެއްވެސް އެނގޭނީ މިއެއްޗެއްސަށް އިންސާފު ކުރާ މީހަކަށްނު.. އަސްލު އުފާވެފަ މިހުރީ ދެންމެ ބޭބެގޭ އަޒޫ ގުޅީމަ.. އޭނަޔާ ވާހަކަ ދެއްކުނީމަ ވަރަށް އުފާވެއްޖެ. އެމީހުން ލަންކާއަށް ފުރަނީ މާދަމާ.. ފުރުވަންވެސް ވަރަށް ދާން ބޭނުން. އެކަމަކު ދައްތަގެ ކަންތައް ހުންނަ ގޮތުން ދާން ނުކެރޭނީ.."

"ދާނެކަމެއްނެތް! އަނެއްކާ އެތަނުގައިވެސް ޑްރާމާ ގަނޑެއް ހިންގާލަފާނެ! ފޯނުން ވާހަކަ ދެއްކީމަ ރަނގަޅުވާނެ.. ހޫމް ތިއެއް ނޫނޭ! މާދަމާ އަހަރެން އޮފީހަށް ދާންޖެހޭނެ! އޮފީހަށް ނިކުމެފަ ފޯމް ލާންކަމަށް.. ދެން ލަސްކުރާކަށް ބޭނުމެއްނޫން.. މިހެން މާ ގިނަ ދުވަހު އެއްކޮށެއް ނޫޅެވޭނެ އިނގޭ! މިހާރުވެސް މި ކެތްކުރަނީ ކެތް ވެގެންނެއްނޫން.. އަހަރެންގެ މިލްކަކަށް މުނާ ވާތަން ދެކޭހިތުން އަހަރެން މޮޔަވަނީ މިހާރު..."

ޝާމިންގެ ލޯބިލޯބި ބަސްތަކުން މުނާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އޭރު ޝާމިން ހިނިތުންވެ އިނދެ ރޮށިތަށި މޮޑެލައިފިއެވެ.

"ދެން ތި މޮޑެލަމޮޑެލަ ތި އިންނަނީ؟ ކާލަބަލަ! އަހަރެން ކައްކާ އެއްޗެހީގެ ރަހަވެސް ބަލަން ވާނެއެއްނު.."

އާދޭހުގެ ރާގުގައި މުނާ ބުނެލިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ޖޫސްތަށި ގެނެސް ޝާމިން އާއި ކައިރިކޮށްލިއެެވެ.

"ހޫމްމް.. ވަރަށް މީރު.. ފައްކާ ރިހަ ގަނޑެއް އިނގޭ! ހީވަނީ އަހަރެންގެ މަންމަގެ ކެއްކުންގަނޑުހެން ހަމަ... ހާދަ މީރޭ"

ޝާމިން އަވަސް އަވަހަށް ކަމުންދިޔައެެވެ. ގާތުގައި މުނާ އިނީ ހިނިތުންވެފައެވެ.

"މުނާއަށް އެނގޭތަ؟ އަހަރެން މިގޮތަށް އެއްޗެއް ނުކާތާ ކޮން ދުވަހެއް؟ މުޅިންވެސް ކޮންމެވެސް މީހެއް ގޮވައިގެން ކެފޭތަކުން ކަނީ.. ގޭގަ އެކަނިވީމަ ވަރަށް ފޫހިވޭ އަސްލު. އެހެންވެ ގޭގަ ވަރަށް ނޫޅެން. ގިނަވަގުތު އޮފީހުގަ. ދެން ރީހާން ކައިރީ އުޅެނީ.. ނަސީބެއްނު އޭނަ ދާއިރަށް ދާއިމީ ބައިވެރިއެއް އަހަންނަށް ލިބުނުކަން.."

ޝާމިން މުނާއަށް ބަލާލިއެވެ. އޭރުވެސް މުނާ އިނީ ހީލަހީލައެވެ.

"ޝާމިންއަށް އެކަންޏެއްނޫން. އަހަރެންގެ ދިރިއުޅުންވެސް އެއްކޮށް ބަދަލުވެއްޖެެ! ބަންދުވެފައިވާ ޖަލަކުން ނިކުމެ ދުނިޔޭގެ ހަމަވައި ލިބުނުކަހަލަ.. ހިތާމަތަކުން ހަލާކުވެފައިވާ މި ހިތަށް ދިރުން ލިބުނުކަހަލަ.. ބާކީވެ، ދާނެ މަންޒިލެއްނެތި ދިރިއުޅުމުގެ އުއްމީދު ގެއްލިފައިވަނިކޮށް ލޯތްބާއި އުފާވެރިކަމުން ޖަރީކުރެވިފައިވާ ލޯބިލޯބި ގަނޑުވަރަކަށް ވަދެވުނުކަހަލަ... އަދި އެގަނޑުވަރުން އަހަރެންނާ ދިމާވީ އޯގާތެރިޔަކާ! އޭނާގެ އޯގާތެރިކަމާއި އިޙްސާންތެރިކަމުން އަހަރެންގެ މުޅި ޙަޔާތް އަލިވެގެން ގޮއްސި.. އުޖާލާވެ ވިދާ ބަބުޅަންފަށައިފި.. މިހާރު މި ޙަޔާތުގައި އަނދިރިކަމެއް، ބިރުވެރިކަމެއްނެތް.. އަނިޔާވެރިކަމެއް އަދި އެއްވެސް މަޖުބޫރުކަމެއްނެތް.. އަހަންނަށް ހީވާކަހަލަ..... އަހަންނަކީ މިދުނިޔޭގައި ލިބެންހުރި، ހުރިހާ ނަސީބެއްގެ ވެރިޔާއޭ.، އަހަންނަކީ ދުނިޔޭގެ ހުރިހާ އުފަލެއްގެ ވެރިޔާއޭ.. އަދި އަހަންނަކީ މިދުނިޔޭގައިވާ އެންމެ ރީތި ފިރިހެނާގެ އަލަތު ލޯބިވެރިޔާއޭ.. "

މުނާގެ ނަޒަރުގޮސް ހުއްޓިފައި ހުރީ ސީދާ ޝާމިންގެ ލޮލަށެވެ. ހައިރާންވެ، އަޖައިބުވެފައި ޝާމިން އިނީ ކާންވެސް ނޭނގޭ ޙާލު އަނގައިންވެސް ބުނަން ނޭނގިފައެވެ. މަޑުފިޔާތޮށިކުލައިން ތެތްވެފައިވާ މުނާގެ ދެތުންފަތުން ގެތެމުން އެމުނެމުން ބޭރުވަމުންދިޔަ ޖުމުލަތައް ޝާމިންއަށް އިވެނީ ރީތި މިޔުޒިކެއް ފަދައިންނެވެ.

"ދެން... ނެތްތަ ބުނެލާނެ އެއްޗެއް؟"

ޝާމިންގެ އަޑަށް މުނާ ދިޔައީ ސިހިގެންނެވެ. އެއާއިއެކު އޭނާއަށް ހެވިއްޖެއެވެ. ދެއްކުނު ވާހަކައެއްވެސް އޭނާއަކަށް ނޭނގުނެވެ. ހިތަށް އަރާ ފައިބަމުންދިޔަ ހުރިހާއެއްޗެއް ބޭރުކޮށްލެވުނުކަން ނޫން އެހެންކަމެއް އޭނާ ހަނދާނެއްނުވިއެވެ.

"މިހާރު އެނގިއްޖެ މަގޭ ޕަރީ ތިހުރީ ހަމަ ވަރަށް އުފަލުންކަން.."

ޝާމިން ބޭނުންވީ މުނާ އިތުރަށް ލަދުގަންނަވާލާށެވެ. ޝާމިންގެ ކުރިމަތީގައި އިންނަން ނުކެރިގެން މުނާ ތެދުވެގެން އައިސް ޝާމިންގެ ފަހަތުގައި ހުއްޓި ހުރެ އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ގުދުވެލުމަށްފަހު ޝާމިންގެ ކަންފަތްދަށުގައި ލަވްޔޫ އޭ ބުނެލިއެވެ.

"ހޫމް.. ދެން މާ ބޮޑަށް މިހާރު ލޯބި ތިވަނީ.. އާދޭ މަށާއެކީ ކާން.. ކާވަރު އެނގިދާނެތީތަ ނުކައި ތިހުރީ.. އާދެ.. އާދޭ ކާން.. ކިތަންމެ ވަރަކަށް ކެޔަސް މުނާ ހިއެއްނުވެ ފަލަވެދާނެ ހެންނެއް.."

ޝާމިންއަށް އަބަދުވެސް ރީތީ ހިކިކޮށްތިބޭ ކުދިންނެވެ. އޭނާ އިރުއިރުކޮޅުން މުނާގެ ހަށިގަނޑަށް ތަޢުރީފުކުރަނީވެސް އެހެންވެގެންނެވެ.

"ނޫނޭ! އަހަރެން ކާވަރު ޝާމިންއަށް އެނގުނީމައެއްނު ގެއަށް ކާއެއްޗެހި ވައްދަންވާވަރު އެނގޭނީ.." ހީލަމުން މުނާ އައިސް އަނެއްކާވެސް އިށީނެވެ. އޭރު މޭޒުމަތީގައި އޮތް ޝާމިންގެ ފޯން ރިންގްވާން ފަށައިފިއެވެ.

"ނަގާބަލަ! މަންމަ އެގުޅަނީ."

ޝާމިން ބޭނުންވީ މުނާ އާއި މަންމަގެ ގުޅުން އަބަދުވެސް ބަދަހި ކުރާށެވެ. އެހެނަސް މުނާ ދެލޯ ބޮޑުކޮށްލަމުން ޝާމިން އަތަށް ފޯނު ދިނީ ވާހަކަ ދައްކަން ލަދުންނެވެ.

"ދެން... ނުކެރޭނެ."

މުނާ ޅަގޮތްގަނޑު ދައްކާލުމުން ޝާމިން ހީގަތެވެ. ފޯން ސްޕީކަރއަށް ލުމަށްފަހު ޝާމިން އޭނާގެ މަންމައަށް ގޮވާލިއެވެ.

"ދަރިފުޅާ ކޮބާތަ މުނާ؟ މަންމައަށް ދައްކާނުލާތާ އަޑުވެސް ޖައްސާނުލާންތަ ތިއުޅެނީ ؟"

ޝާމިންގެ މަންމަގެ އަޑުގައިވަނީ އުފާވެރިކަމެވެ. ކައިވެނީގެ ވާހަކަ މަންމަ ގާތު ދެއްކީންސުރެ، މުނާ އާއި ވާހަކަ ދައްކާލަން މަންމަ ބޭނުންވިއެވެ.

"ނޫނޭ.. މީނީ މުނާ! މަންމަ ވާހަކަ ދައްކާލަބަލަ!"

ޝާމިން އެހެން ބުނުމުން މުނާ ދެދަތްޕިލައިން ދޫ ފިއްތާލަމުން ފޯނާއި ކައިރިވެލިއެވެ.

"ދަރިފުޅާ ދެން އަވަހަށް އާދޭ މަންމަ ކައިރިއަށް! ޝާމިން އަބަދު ދަރިފުޅަށް ތަޢުރީފު ކުރޭ. އެެހެންވެ މަންމަވެސް ބޭނުން ދަރިފުޅު ދެކިލަން. ދަރިފުޅާ ބައްދަލުވީފަހުން ޝާމިން އެހުންނަނީ ވަރަށް އުފަލުން މިހާރު."

ޝާމިންގެ މަންމަ އެހާ ލޯބިން ވާހަކަ ދައްކަންފެށުމުން މުނާ ފެންކަޅިވެއްޖެއެވެ. އޭނާ، މަންމަ މަތިން މާބޮޑަށް ހަނދާންވީއެވެ. މަންމާއޭ ކިޔާ މީހަކަށް ގޮވާނުލާތާ އެތައް ދުވަހެއް ވެއްޖެއެވެ. މުނާ ހިތްވަރުކުރީ ނުރޮއި ވާހަކަ ދެއްކޭތޯއެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. ބޭއިޚްތިޔާރުގައި މުނާގެ ލޮލުން ފެންތައް ފައިބައިގަތެވެ. ޝާމިންގެ މަންމަ އާއި އަނގައިންވެސް އޭނާއަކަށް ނުބުނެވުނެވެ.

"މަންމާ! ކުޑައިރުކޮޅަކުން އެބަ ގުޅަން އިނގޭ!"

ޝާމިން ފޯނު ކަނޑާލުމަށްފަހު މުނާއަށް ބަލާލިއެވެ.

"އަހަރެން ނުބުނާނަން ދެރަނުވާށެކޭ.. ނުރޯށެކޭވެސް ނުބުނާނަން.. މަންމައެއް ނެތުމުން ވާނެ ދެރަ އަހަންނަށް ވަޒަންވެސް ނުކުރެވޭ! އެކަމަކު އަހަރެން ދޭނެ ނަޞޭޙަތަކީ ހިތްވަރުކޮށް ކޮންމެ ކަމަކާވެސް ކުރިމަތިލާށޭ.. އަހަރެންގެ މަންމައަކީ މުނާއަށް މައެއްގެ ލޯބި ދޭނެ، ހިތްހެޔޮ މަންމައެއް. މުނާއަށް މަންމަ ނެތްކަމުގެ އިޙްސާސްވިޔަކަ ނުދޭނެ. އަހަންނަށް އެވަރުގެ ޔަޤީންކަން އެބައޮތް.."

ޝާމިން މުނާގެ އަތްމަތީގައި އަތްބާއްވާލުމަށްފަހު، އަތަށް ފިތާލިއެވެ.

"މޫނު ސާފުކޮށްލާފަ، ފެންފޮދެއް ބޯލަބަލަ! މުނާ ކޮންފޮޓަބަލް ވީމަ މަންމައަށް ގުޅާލާ، ވާހަކަ ދައްކާލައްޗޭ! ވާނުވާ ނޭނގިފަ މިހާރު ހުންނާނީ.."

ޝާމިންގެ ވާހަކަތަކުން މުނާއަށް ހަމަޖެހުން ލިބުނެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު މުނާ ޝާމިންއަށް ބަލާލިއެވެ.

"ނޫން.. އޯކޭ އޭ.. ކުއްލިއަކަށް ހަމަ ދެރަވީ.. އޯކޭތަ ކޮޓަރިއަށްގޮސް ގުޅާލިޔަސް މަންމައަށް..."

މުނާ އެހެން ބުނުމުން ޝާމިން ވަރަށް އުފާވިއެވެ. އޭނާ ވަގުތުން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

ދުވަސްތައް ދައުރުވަމުން ގޮސް ޝާމިން އާއި މުނާ އަލަތު ކައިވެނީގެ ގޮށުން ބަނދެލެވުނެވެ. ދެމަފިރިންގެ އުފާވެރި ޙަޔާތުގެ ފުރަތަމަ ޞަފްހާ އެމީހުން ލިޔަންފެށީ ވިދާ ބަބުޅާ ދެއްޔަކުންނެވެ. ދުވަހަކުވެސް ވަކިވުމެއްނެތް އެމާތް ގުޅުމުގެ އަސްލަކީ ޙަޤީޤީ ލޯތްބާއި ފުރިހަމަ އިތުބާރެވެ. ޝާމިންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފަނޑުނުވެ ހުރި އިރު މުނާގެ މޫނުވަނީ ލަދުންގޮސް ރަތްވެފައެވެ. ލިފްޓް ތެރޭގައި މުނާ ހުރި އިރު އޭނާގެ ފަހަތުގައި ހުއްޓިލައިގެން ޝާމިން ހުރީ ދެޖީބަށް އަތްޖަހާލައިގެންނެވެ. މަޑުއޮރެންޖް ކުލައިގެ ދޫ ހެދުމަކާއި ފުޅާ، ހުދު ހަރުވާޅެއް ލައިފައި ހުރި މުނާގެ އިސްތަށިގަނޑުއޮތީ ރޫޅާލާފައެވެ. ކޮނޑާހަމައަށް އަންނަ އޭނާގެ އިސްތަށިގަނޑުން ދުވާ މީރުވަހުން ، މުނާގެ ފަހަތުން ދާދި ގާތުގައި ހުރި ޝާމިންއަށް އިތުރަށް މުނާ އާއި ގާތްވެލެވުނެވެ. މަޑުމަޑުން ޝާމިންގެ ދެއަތުން މުނާގެ އުނަގަނޑުގައި ހިފަހައްޓާލިވަގުތު ލިފްޓުގެ ދޮރު ހުޅުނެވެ. އެއާއިއެކު ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. މުނާ އާއި ޝާމިންގެ ހިތާއި ހިތުގެ އިޙްްސާސްތައް ގުޅިފައިވާވަރުން، ތިބެވުނީ ލިފްޓެއްގައިކަމެއްވެސް ހަނދާންނެތްކަހަލައެވެ. މުނާ އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ.

"ގައިމުވެސް މިރޭ އަހަރެން ވަނަސް ޖެހިލުމެއް ނުވާނެދޯ؟"

މުނާގެ ފަހަތުން ވަދެގެން އައި ޝާމިންގެ އަޑަށް މުނާ ހުއްޓުނެވެ. އޭނާއަށް ހުރެވުނީ ސިޓިންގރޫމް މެދެއްހާ ހަމައިގައެވެ. ޝާމިންގެ ލަސް ފިޔަވަޅުތަކުގެ އަޑުން އޭނާގެ މޭ ނެގިނެގިފައި ޖެހެމުންދެއެވެ. ދެއަތްދެއަތާލައި ފިތާލަފިތާލަ މުނާހުރީ އިސްޖަހާލައިގެންނެވެ. އޭރު، ހުއްޓުމެއްނެތި އެނބުރެމުންދާ ފަންކަލުގެ ވައިން މުނާގެ ފަން އިސްތަށިގަނޑު ވިހުރެމުންދެއެވެ. ކިތަންމެ ވިސްނައިގެން ހުރި ނަމަވެސް ޝާމިން އައިސް މުނާގެ ގައިގައި ޖެހިލުމާއިއެކު އޭނާ ދިޔައީ ތެޅިގަނެގެންނެވެ. މަޑުކުރުމެއްނެތި ޝާމިން، އޭނާގެ ލޯބިވާ އަނބިމީހާ އަތްދަނޑިމައްޗަށް ނެގީ ފަސޭހަކަމާއިއެކުއެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ، ހިތާއި ހިތް ގުޅިލާމެހުނެވެ.

"އަހަރެން ވަރަށް ލަދުގަނޭ ޝާމިން..."

ޝާމިންގެ ކޮނޑުގައި ބޯއަޅާލަމުން މުނާ ބުނެލިއެވެ. އެއާއި އެކު ކޮޓަރި އާއި ދިމާލަށް ޝާމިން ހިނގައިގަތެވެ. އޭރުވެސް މުނާއޮތީ ޝާމިންގެ ކަރުގައި އަތްއަޅުވާލާ، ކޮނޑުގައި ބޯޖައްސާލައިގެންނެވެ.

"ލަދުގަންނަ މީހަކު އަޅެ ތިހެން އޮންނާނެތަ؟"

ޝާމިން ބޭނުންވީ މުނާ އިތުރަށް ލަދުގަންނަވާލާށެވެ. ކަންތައްވީވެސް އޭނާ ބޭނުންވި ގޮތަށެވެ. ބޯ ހިއްލާލުމަށްފަހު މުނާ ހޭންފެށިއެވެ.

"ދެން.... ޝާމިން! ވަރަށް ފޫހިވޭ!"

" އެހެންތަ؟ ކިހާވަރަކަށް؟ އަޅެ ފޫހިވާވަރު ބަލާލަން ބޭނުން.." ޝާމިން އަވަސް އަވަހަށް ކޮޓަރިއަށްވަދެ ބާރުބާރަށް ދޮރުލެއްޕިއެވެ. އޭރުވެސް މުނާގެ ތޫލި ހުނުމުގެ އަޑުން މުޅި ގޭތެރެ ގުގުމަމުންދެއެވެ.

***

ކުއްލިއަކަށް ލޯހުޅުވާލެވުނު އިރު މުޅިމީހާވަނީ ދާހިއްލާ ފޯވެފައެވެ. އޭރުވެސް ތުރުތުރުއަަޅަމުންދެއެވެ. އަވަސް އަވަހަށް ކަރުގައި އަތްޖައްސާލެވުނީ ހަޤީޤަތުގައިވެސް އޭނާގެ ކަރުގައި ވާގަނޑެއް އޮތްތޯ ޔަޤީންކުރާށެވެ. ކަނދުރާ ވަށައިގެން ފިރުމަމުން ގޮސް ބޮކި ދިއްލާލީ ހިތުގައިވާ ބިރުވެރިކަން ފިލުވާލުމުގެ ބޭނުމުގައެވެ. ބޮކި ދިއްލުމާއެކު މޯޑު އޫއްސޭ ބުނެ މޫނުމަތީގައި ބާލީސް އެޅިތަން ރީހާންއަށް ފެނުނެވެ. އެހެނަސް ބޮކި ނިއްވައިނުލާ އޭނާ މަޑުކޮށްލީ އަލިކަމެއްގެ ތެރެއިން އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދުމަށްޓަކައެވެ. އެ ހުވަފެން ފެންނަތާ މިއީ ތިންވަނަ ރެއެވެ. މީހަކަށް ކިޔައިދޭންވެސް ނުކެރެނީ އެފަދަ ބިރުވެރި ހުވަފެން ހިއްސާކުރާކަށް ނުވާނޭ މީހުން ބުނާތީއެވެ. މޭޒުމަތީގައި ހުރި ފެންފުޅިން ކޯވަރެއް ބޯލުމަށްފަހު ރީހާން އިށީނދެލީ ކޮޓަރީގައި ހުރި ސޯފާގައެވެ. ފާރުގައި ހުރި ގަޑިއަށް ނަޒަރު ހިންގާލިއިރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. މާދަމާވެސް ކޮލެޖަށް ދާންޖެހޭނެތީ އޭނާ އަދިވެސް ނިދާލަން ބޭނުންވިއެވެ. ބޮކިވެސް ނިއްވާނުލާ އޭނާ އައިސް އޮށޯތީ އަދިވެސް ބިރުވެރިކަން ހިތުން ފިލައިގެން ނުދާތީއެވެ. ނިދަން އުޅެއުޅެ އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ކުއްލިއަކަށް އޭނާގެ ހިތަށްވަނީ ލޯބިވާ މައިންބަފައިންގެ ހަނދާނެވެ. ބިރުވެރި ޚިޔާލްތަކުން އޭނާގެ ހިތްވެސް ނުތަނަވަސްވާންފެށިއެވެ. އެހެންކަމުން އަނެއްކާވެސް އޭނާ ތެދުވުމަށްފަހު ވުޟޫކޮށްލަން ދިޔައީ ހިތަށް ފިނިކަމެއް ހޯދުމަށްޓަކައެވެ.

ޝާމިންއަށް ލޯހުޅުވާލެވުމާއިއެކު ފެނުނީ ކައިރީގައި ނިދާފައި އޮތް މުނާއެވެ. އޭނާ އުއްމީދުކޮށްގެން އޮތީ، އޭނާއަށް ހޭލެވޭނީވެސް ހެނދުނުގެ ނާސްތާގެ މީރުވަހުން ކަމަށެވެ. އަދި ކާމޭޒު ފުރާލާފައިވާނީ މުނާގެ ރަހަފަތްތަކުގެ މީރު ކާއެއްޗެހިންކަމަށެވެ. އެހެނަސް ކަންތައްވީ ހީކުރެވުނުގޮތާ ޚިލާފަށެވެ. ނަމަވެސް ޝާމިން ހިތްސާފުކޮށްލާ، މުނާގެ ގައިގައި ބައްދާލީ ނުހަނު ލޯތްބާއިއެކުއެވެ.

"ހާދަވަރަކަށް ތި ނިދަނީ ؟ ތެދުވާހިތް ނުވަނީތަ؟ ނޫނީ ހިތް ނުފުރެނީތަ؟"

މުނާގެ ކަންފަތްދަށުގައި ޝާމިން ބުނެލިއެވެ. އެއާއި އެކު މުނާ އޫއްސޭ ބުނެ ބާލީހުގައި ބައްދާލިއެވެ. އަދި ގައިމަތިން ކެހިފައި އޮތް ބްލޭންކެޓް ދަމާފައި ގެނެސް ގައިމަތީ އަޅައި ހަމަޖެހިލިއެވެ. ބަލާބެލުމަށް ހީވަނީ އޭނާ އަދި ރަނގަޅަށް ނިދާލަން ތައްޔާރުވީހެންނެވެ. އެހެނަސް ޝާމިން އޭރު އޮތީ ބަނޑުހައިވެގެން ހާންތިވެފައެވެ. ކޮންމެވެސް ވަރަކަށް ޝާމިންގެ ހިތް ނުތަނަވަސްވީ ނަމަވެސް އޭނާ އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ.

"ހިނގާ ދެމީހުން ވެގެން ސައިތައްޔާރުކުރަން؟ އެއީ ކިހާ ސަޅިގޮތެއް؟ ނޫންތަ؟"

ޝާމިން މުނާ އާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. އެހެނަސް މުނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

"ވަރަށް ބަނޑުހައި..."

އަނެއްކާވެސް ޝާމިން ބުނެލިއެވެ. މަޑުމަޑުންނެވެ. އޭނާގެ އަޑުގައި މޮޅިވެރިކަމުގެ އަސަރު ހުއްޓެވެ. ކުޑަކޮށް ބޯހިއްލާ މުނާގެ މޫނަށް ޝާމިން ބަލާލި އިރު މުނާ އޮތީ ހަމަ ރަނގަޅަށްވެސް ނިދާފައެވެ. އެހެންކަމުން އޭނާ އިތުރަށް މުނާއަށް އުނދަގޫ ކުރާކަށް ބޭނުމެއްނުވިއެވެ. ޝާމިން ތެދުވުމަށްފަހު އަވަސްވެގަތީ ފެންވަރާށެވެ. ފެންވަރަށް ހުރި އިރުވެސް ޝާމިންއަށް އުނދަގޫވަނީއެވެ. ކުރެވުނީ ރަނގަޅުކަމެއް ބާއޭވެސް ދެތިން ފަހަރު އޭނާގެ ހިތަށް އެރިއެވެ. އަވަސް ކޮށްގެން ޝާމިން ފާޚާނާއިން ނިކުތް އިރުވެސް މުނާ އޮތީ ގަދައަށް ނިދާފައެވެ. ޑްރެސިންގޓޭބަލް ކައިރި ހުރެގެން ޝާމިން ތައްޔާރުވަމުން ދިޔައީ ނުތަނަވަސް ވެފައިވާ ހިތަކައިގެން ލޯގަނޑުން މުނާ އާއި ދިމާލަށް ބަލަމުންނެވެ. ކޮންމެގޮތެއްވިޔަސް މިއީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (5)

ސިލްސިލާ ވާހަކަ: ޙައްޤުގައި (5)

(ނިމުނީ)