ސިލްސިލާ ވާހަކަ: ޙައްޤުގައި (1)

Haqqugai - ހައްގުގައި

ލަސް ފިޔަވަޅުތަކެއްގައި ގޮސް ވަދެވުނީ ތޮއްޖެހިފައިވާ ހަލަބޮލި މާޙައުލަކަށެވެ. އެހެނަސް ތަނުގެ ރީތިކަމާއި ތަނަށް ވެރިވެފައިވާ ކުލަކުލައިގެ ބޮކިތަކުގެ ރަން އަލިން, ހިތަށް ފިނިކަން ގެނުވައެވެ. އެއްބަޔަކު އެކި ހިސާބުތަކުގައި މަޑުކޮށްލައިގެން ތިބި އިރު, އަނެއްބަޔަކު ކޮޅުކޮޅަށް ހޭލަމޭލަވެ އުޅެއެވެ. މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ އެ ސަރަޙައްދުވަނީ ރީތި މިޔުޒިކަކުން ގުގުމާލާފައެވެ. ކުރިއަށް ހިނގަމުންދާ ވަރަކަށް ފެންނަނީ ހިނިތުންވުމުން އުޖާލާވެފައިވާ މޫނުތަކެވެ. އިވެމުންދަނީ ހިމަ, ތޫލި އަޑުއަޑުން ވާހަކަ ދައްކާ ހީ ސަކަރާތްޖަހާ އަޑުތަކެވެ.

"އާދެވިއްޖެދޯ! ގަޑި ބަލާބަލަ! އެންމެ ފަހަރަކު ހެލްޕަކަށް އެދުނީމަ ވީވަރު ތީ؟"

ޝާމިން ސިހުނީ އޭނާގެ ކޮނޑުގައި ޖަހާލާފައި ވާހަކަދެއްކި ރީހާންގެ އަޑުންނެވެ. ރީހާންގެ މޫނުމަތިން ފޫހިކަން ވެރިވެފައި ހުރުމުން ޝާމިން ޖެހިލުންވިއެވެ. އެހެންކަމުން އޭނާ ބެލީ ރީހާން ހަމައަކަށް އެޅުވޭތޯއެވެ.

"މަށަށް ނިދުނީ.. ހިއެއް ނުކުރަން އެހާ ގަދައަށް ނިދޭނެ ކަމަކަށް. ބުރޯ އައިނަމައެއްނު މަ ނަގައިގެން އަންނަން."

ރީހާން, އޭނާގެ އަތުގައި އޮތް ކެމެރާއިން ދުރަށް ފޯކަސް ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

"ޕިސް! ގަޑި ކީމަ އޯކޭ ދިނީމެއްނު. ދެން ނުޖެހޭނެ ބަލައިދާކަށް. ޝާމިންއަށް ހެލްޕް ނުވެވޭނަމަ މަ މި ވެޑިންއަށް އޯކޭ ނުދިނީމުސް. އެކަނިމާ އެކަނި ލައިޓްތަކާ އެއްޗެހި ސެޓްކޮށް ހެދީ. ގުޅީމަ ފޯނު ނެގީއެއް ނޫން. ދެން ކޮން ވާހަކައެއް ދައްކާކަށް. މިހާރު ވެޑިން ވެސް މި ނިމުނީ."

ރީހާންގެ ވާހަކައިން, އޭނާ ހިތްހަމަނުޖެހިފައި ހުރިކަން ރަނގަޅަށްވެސް ޝާމިންއަށް އެނގުނެވެ. އެހެނަސް އޭނާއަށް ދިފާޢުގައި ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. މިފަހަރު ލަސްމިވީ ޚުދު އޭނާއެވެ.

ރީހާންއަކީ މާލެއަށް މަޝްހޫރު, މޮޅު ފޮޓޯގްރާފަރެކެވެ. އޮފީހުގައި މަސައްކަތް ކުރުމުގެ އިތުރުން ރީހާން ކުރާ މަސައްކަތަކީ ފޮޓޯ ނެގުމެވެ. ރީހާންގެ އެންމެ ގާތް އެކުވެރިޔާ, ޝާމިންވެސް މަސައްކަތް ކުރަނީ އޭނާ އާއި އެއް އޮފީހެއްގައި ކަމުން ދުވާލާއި ރޭގަނޑުވެސް ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތައް ގިނައެވެ.

"މިފަހަރު ނުދައްކާނަން އެންމެ ފޮޓޯއެއްވެސް." ކާރަށް އަރަމުން ރީހާން ބުނީ ޖެއްސުމުގެ ރާގަކަށެވެ. ރީހާން އެރުމާއެކު ޝާމިން ދުއްވާލިއެވެ.

"އުނހު. ތިހެން ހަދައިގެން ނުވާނެ. ތިއިން ފޮޓޯއެއްގަ މަގޭ ޙަޔާތުގެ ބައިވެރިޔާވެސް ހުރެދާނެ." ޝާމިންގެ އެ ޖުމުލައިން ރީހާން ހިނިގަނޑެއް ޖަހާލިއެވެ.

"ކިތައް ވެޑިންގެ ފޮޓޯ  މިހާރު ބެލިއްޖެތަ؟ ކަލެއަށް ކަމުދާ އަންހެނެއް މި ރާއްޖެއަކު ނެތް." ލާނެތް ފާޑަކަށް ޝާމިންއަށްވެސް ހެވުނެވެ.

މަޑުދުވެލީގައި ގޮސް ކާރު މަޑުކޮށްލީ ރީހާންގެ ގޭގެ ދޮރުމައްޗަށެވެ. ޑިކީގައި ހުރި ސާމާނުތައް ނަގައިގެން އޭނާ އައިސް ބުންޏެވެ.

"ކޮފީއެއް ބޯން އަރަންވީނު؟"

ޝާމިން ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުންޏެވެ.

"މިރޭ ދެން ދާނީ ގެއަށް. މާދަމާ ހުކުރެއްނު. ފޮޓޯތައް ބަލަން އަންނާނަން." ޝާމިންގެ ޖުމުލައިން ރީހާން ދެކޮނޑު އަރުވާލަމުން ގެއަށް ވަންނަން ހިނގައިގަތެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ތެދުވި ގޮތަށް ރީހާން ފުރަތަމަވެސް ފޯނު ޗެކްކޮށްލީ އުއްމީދަކާއިގެންނެވެ. އޭނާއަށް ހިނިތުންވެވުނީ ލިބުމަށް އެންމެ ބޭނުންވި މެއިލް ލިބިފައި އޮތުމުންނެވެ. ފޮޓޯގްރަފީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކުރުމަށް ކޯސް ލިބުނީއެވެ. ގައިމަތީގައި އަޅާފައި އޮތް ބްލޭންކެޓް ނަގާ ހޫރާލަމުން އޭނާ ދުއްވައިގަތީ މަންމަ ހޯދާށެވެ. ހުކުރު ދުވަސްކަމުން ރާމިޒާ ހުރީ ކުކުޅެއް ކޮށާށެވެ. އެއީ މެންދުރުގެ ޚާއްސަ ކެއުމަށް މީރު އެއްޗެއް ތައްޔާރުކުރުމަށްޓަކައެވެ.

"މަންމާ! މަންމާ! މަންމާ! މެލޭޝިއާގައި އޮންނަ ކޯސް ލިބިއްޖެ! އެއްކަލަ ކޯސް.." ރީހާން އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަތެވެ. ރާމިޒާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާއި އުޖާލާކަމެވެ.

"އެކަމަކުވާ.. މިހާރު ތި ޓީޝާޓުގައިވެސް ތިއޮތީ ކުކުޅުހަމެއްނު. ނަސީބެއްނު ވަޅިން އަނިޔާއެއް ނުވިކަން. ދަރިފުޅާ! މަންމަވެސް ވަރަށް އުފާވެއްޖެ އިނގޭ. އަވަހަށް ބައްޕައަށް ތި ޚަބަރު ދޭން ދާންވީނު. ދެން ތިވާހަކަ ދައްކާނީ ހުކުރުން އައިސް. މިހާރު ބާރަ ޖަހަނީއެ. ދެން ދޭ ފެންވަރަން"

މަންމަ އެހެން ބުނުމުން ރީހާން ޓީޝާޓުގައި ވަސްބަލަމުން ކޮޓަރި އާއި ދިމާއަށް ދިޔައެވެ.

މެންދުރުގެ ކެއުން ނިންމާލުމަށްފަހު ރީހާން, އޭނާގެ ލޯބިވާ މައިންބަފައިންގާތު ކޯހުގެ ކަންތައްތައް ޙިއްސާކުރިއެވެ. ހަފުތާއެއްގެ ތެރޭގައި އޭނާ ފުރަންޖެހޭކަން އެނގުމާއިއެކު މަންމަ އާއި ބައްޕަގެ ލޮލުން ކަރުނަ ހިލުނުތަން ރީހާންއަށް ފެނުނެވެ.

"މަންމާ! ކޯސް ނިމިދާނެ އެއްނު ދެތިން އަހަރުން. ޗުއްޓީތަކަށްވެސް އާދެވޭނެ. އޭރުން ފަހަރެއްގަ މަންމަ އާއި އެކު މިގޭގަ އުޅޭނެ އިތުރު ކުއްޖަކުވެސް ގެނެވިދާނެ ކަންނޭނގެ."

ރީހާން މަޖާކޮށްލީ މަންމަ އާއި ބައްޕަގެ މޫޑު ބަދަލުކޮށްލާށެވެ. އޭނާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެމީހުން ރީހާން ބަލާ ބޮޑުކުރީ ނުހަނު ލޯބިންނެވެ.

"އުނ.؟ ތީ ވާނެކަމެއްނޫން. ތިކަމެއް ނުވާނެ. މިހާރު 25 އަހަރުވީ. މީހަކާ އިންނާނީ އަންހެން ކުއްޖަކާ އަނގައިން ބުނެލައިގެންނު."

ރީހާންގެ ބައްޕަ ރިޒާ ސަމާސާ ރާގަކަށް ބުނެލިއެވެ. ރީހާން ލަދުން ކަމަށް ހަދާފައި އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.

"އައްދެ! ހާދަ ޅަވެފަ؟ ކޯސް ލިބުނީމަ ދޯ"

އެތެރެއަށް ވަދެގެން އައި ޝާމިން ސޯފާގައި އިށީންނަމުން ރީހާން އާއި ދިމާކޮށްލިއެވެ.

"ނޫނޭ. މީހަކާ އިންނަ ވާހަކަ ބުނީމަ."

ޝާމިންއަށް ޖަވާބު ދިނީ ރިޒާއެވެ. ޝާމިންގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ. އޭނާ ރީހާންގެ ގައިގައި ޖަހައިވެސް ލިއެވެ.

"މީހަކާ އިންނަ ހިތުން އުޅޭ މީހާ ކައިރި ތިވާހަކަތައް ދައްކަބަލަ. މި ރީހާން ނޫޅެޔޭ މަންމައަށް ފަސޭހަކޮށްދޭން ކުއްޖަކު ގެންނާކަށެއް. މީނަ ބަލާނީ މަންމައަށް އުނދަގުލެއް ވިއްޔާ ކުރެވޭތޯ."

މަޖާ ވާހަކަތަކުން, އެންމެންގެ ހުނުމުގެ އަޑު ދަނީ ގަދަވެގެންނެވެ. އިރުކޮޅަކު އެތާ މަޑުކުރުމަށްފަހު، ޝާމިން އާއި ރީހާންވަނީ ރީހާންގެ ކޮޓަރިއަށެވެ.

"އޭ މަބުނީ ފޮޓޯތައް ބަލާބަލަ! މަ ދާންވާއިރަށް ޔޫއަށް ބިޓެއް ލިބޭތޯ އެބަ ޖެހެއެއްނު ބަލަން. އެއީ މަގޭ ފްރެންޑެއްގެ ވެޑިންއެއް. ފެމެލީއަށް އެކަނި އިންވައިޓް ކުރީ.. އަތުޖައްސަން ފަސޭހަވާނެ އިނގޭ .. ބަލާބަލަ."

ޑެސްކްޓޮޕް ކައިރިއަށް ގޮނޑި ދުއްވާލަމުން ރިހާން, ޝާމިންއަށް އިޝާރާތުން އެންގީ އިށީނުމަށެވެ. ޝާމިން އެ ގޮނޑި ހުއްޓުވުމަށްފަހު ޖައްސާލިއެވެ. އަދި ލާނެތް ފާޑަކަށް ހެމުން ފޮޓޯތައް ބަލަމުން ދިޔައެވެ.

"ދެން ހަމަ ކަލޭ ފުރަން ވާއިރަށޭ ކިޔާފަ, ތާކުން ފެންނަހާ އަންހެނަކާ ވާހަކަ ދެއްކޭތަ؟"

ޝާމިންއަށް އެހެން ބުނެވުނު އިރު އޭނާގެ ނަޒަރު ހުއްޓުނީ ފޮޓޯއެއްގައި އިން އަންހެން ކުއްޖަކާއި ދިމާލަށެވެ.

"އޭ އޭ . އާދެބަލަ މީ ކާކު؟ ވަރަށް ކިއުޓް މަންޖެއެއް. އާދެބަލަ ދެން ބަލާލަން.."

އެނދު ހުރަހަށް އޮށޯވެ ފޯނާ ކުޅެން އޮތް ރީހާންއަށް ގޮވަމުން ޝާމިން ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. އެނދުމަތީގައި ފޯނު ބޭއްވުމަށްފަހު ރީހާން ތެދުވެގެން އައިސް ޑެސްކްޓޮޕް ކައިރިއަށް ކުޑަކޮށް ގުދުވެލުމަށްފަހު, ލޯ ކުޑަކޮށްލަމުން ޝާމިން އެ ބުނި ފޮޓޯއަށް ބަލާލިއެވެ.

" ތީ.. ތީ.. މަ ވަރަށް ދެކެން ތި ކުއްޖާ. އެކަމަކު ހަނދާނަކަށް ނާދޭ ކޮންތާކުންކަމެއް."

ރީހާން ދެފަރާތަށް ބޯހޫރާލިއެވެ. ޝާމިންގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ރީހާންއަށް ފެނުމުން އޭނާ ބާރަށް ހީގަތެވެ.

"އޭ ޝާމިން! އަސްލު އެއްޗެއްތަ ތި ކިޔަނީ؟ ސީރިއަސްތަ ހަމަ؟ ފާޑަކަށް ނެގި މަޑުވެފަ ތި އިންނަނީ ކީއްވެޔޯ؟" ރީހާން ހެމުން ހެމުން ވާހަކަ ދައްކަމުންދިޔައެވެ. ގޮނޑީގައި ލެނގިލައިގެން ބޮލުގެ ފުއްކިބައިގައި ދެއަތުން ހިފަހައްޓާލައިގެން ޝާމިން އިނީ ފުން ވިސްނުމެއްގައެވެ.

"އޭ ދެން ސަކަރާތް ހުއްޓަބަލަ! މަށަށް ވަރަށް ރީތިވެއްޖެ މިކުއްޖާ. ތަފާތު ގޮތެއް ހުރޭ މީނަގެ. ބަޑީ! ދެން ބަލައިދީބަލަ އެމީހުންނަށް ގުޅައިގެން. ނޫނީ ނަންބަރު ހޯދައިދީބަލަ! ސީރިއަސް އެއްޗެކޭ މީ."

ޝާމިންގެ އަޑުގައި އެއްވެސް ވަރަކަށް ސަކަރާތްޖެހުމުގެ ރޫހު ނެތުމުން ރީހާންއަށް ޖެހުނީ މައިތިރިވާށެވެ.

އެނދުމަތީ ދެފަރާތަށް ފުރޮޅި ފުރޮޅި ޝާމިން ވަރުބަލިވެއްޖެއެވެ. ލޯ މަރާލާއިރަށް ފެންނަނީ ޕަރީއެއް ފަދަ އެ އަންހެން ކުއްޖާއެވެ. ޝާމިންގެ ފޯނަށް އެކުއްޖާގެ ހުރިހާ ފޮޓޯއެއް ރީހާން ހުރީ ފޮނުވާފައެވެ. ހިނިތުންވެ އޮވެ, ފަހަރަކު ފޮޓޯއަކަށް ބަލަން އޮތް ޝާމިންގެ ހިތަށްވަނީ ވަރަށް ބޮޑަށް އުނދަގޫ ކުރުވާފައެވެ. އެހެނަސް ޝާމިންގެ ނަޒަރު އެ އަންހެން ކުއްޖާ ނޫން އެހެން ފަރާތަކަށް ނުދެއެވެ.

ކަނދުރާ އާއި ހަމައަށް ކޮށާލާފައިވާ މުށި ކުލައިގެ ފަން އިސްތަށިގަނޑު, އޭނާގެ ދޮން މޫނާއި ވަރަށް ގުޅެއެވެ. ތުންފަތުގައި ޖައްސާފައި ހުރީ ޒާތެއްގެ ކްރީމް ކުލައެކެވެ. ޖާދުވީ ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެވެ. ހީވަނީ ކުރެހުންތެރިޔަކު ކުރަހާފައިވާ ކުރެހުމެއް ހެންނެވެ. ހަމަލޮލަށް މާ ފުރިހަމަ ވާނެކަން ޔަޤީނެވެ. އޭނާ ލައިގެން ހުރީ މުށި ކުލައިގެ ހެދުމެކެވެ. ފައިތިލަ އާއި ހަމައަށް އަންނަ އެ ހެދުމުގެ ފަސްބައިވަނީ ފަހަތަށް ދޫކޮށްލާފައެވެ. އުނަގަނޑުގައި އޮތް ބެލްޓުން އުނަގަނޑުގެ ހިމަކަން ފާޅުވެއެވެ. އަދި އޭނާގެ ރީތިކަން ދެގުނައަށް އިތުރުވާ ކަހަލައެވެ. ބައެއް ފޮޓޯތަކުގައި އޭނާ ހީލާފައި ހުރެއެވެ. އަނެއްބައި ފޮޓޯތަކުގައި ހީވަނީ ކޮންމެވެސް ފިކުރެއްގައި ހުންނަހެނެވެ. އޭނާގެ މައުސޫމްކަން އެ ފޮޓޯތަކުން ޝާމިންއަށް ފާހަގަކުރެވުނެވެ. ކޮންމެ ފޮޓޯއަކަށް ބަލާލައިފައި, ހާދަހާ ލޯތްބޭ ބުނެ ނުލާ ޝާމިން ހިތްހަމައެއް ނުޖެހެއެވެ. ރޭގަނޑުގެ ދެ ދަންފަޅި ފާއިތުވެގެން ދިޔައިރުވެސް, ޝާމިން އޮތީ ހޭލައެވެ. އެހެނަސް މިހާރު އޭނާއަށް ވަރުބަލިކަން އިޙުސާސްވާންފަށައިފިއެވެ. ދެލޮލަށް ނިދި ޖަމާވާން ފެށުމާއިއެކު ލޮލަށް ބަރުވާންވެސް ފެށިއެވެ. އެއާއިއެކު އަތުން ފޯނު ދޫވެ, އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ކާނިވަލުގައި ހުރި ކެފޭއެއްގައި ޝާމިން އާއި ރީހާން ކޮފީއެއްގައި ތިއްބެވެ.

"މަށަށް މިހާރު އެނގިއްޖޭ ކަލެއަށް ވަރަށް ވަރު ވެއްޖެކަން ތިޔަ ބުނާ ޕަރީ ފެނިގެން. މިހާރު ހަފްތާއެއްވީ ތިޔަ ބަނދިފަތި ތަޅުވާތާ. މަ އަހައިފީމޭ ތިޔަ ކުއްޖާގެ ވާހަކަ. މަގޭ ފްރެންޑް ބުނީ އޭނަ މެރިޑް އޭ. ދެން އެކަން ހަނދާންނައްތާލާ!"

ހިޔާލެއް ފިކުރެއްނެތި ރީހާން ދޫކޮށްލި ޖުމުލައިގެން ޝާމިން ހިތުގައި ޖެހުނެވެ. އޭނާގެ ހިތަށް ކުރި އަސަރުން ހަޤީޤަތުގައިވެސް އެ އަންހެންކުއްޖާދެކެ ހަމަ ރަނގަޅަށްވެސް ލޯބިވެވިއްޖެކަން ޝާމިންއަށް ޔަޤީންކުރެވުނެވެ. ޝާމިންގެ މޫޑު މުޅިން ގޯސްވެއްޖެއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެ, މާޔޫސްވެއްޖެއެވެ. ގައިން ވަރު ދޫވެ, ހިތުގައި ރިހުމެއް އުފެދުނު ކަހަލައެވެ. އެހެނަސް ފިނޑިންގެ ލިސްޓުގައި ހިމެނޭކަށް ޝާމިން ބޭނުމެއް ނުވިއެވެ.

"އެމީހާ އަތުން , އަހަރެންގެ ޕަރީ ޖަހައިގަންނާނަން! ބަލަން ހުންނައްޗޭ!"

ޝާމިންގެ ޖުމުލައިން ރީހާންވެސް ޖެހިލުންވިއެވެ. އެކަމުގައި ޝާމިންއަށް ވަރުގަދަ ޖޯޝެއް އައިކަހަލައެވެ.

"އޭ ތިހާ ވަރަށް ސީރިއަސް ވާކަށް ނުވާނެ! ޝާމިން އަނެއްކާ މީހަކު ނުމަރާތި އިނގޭ!" ރީހާން ޖޯކު ޖަހަން ފެށިއެވެ. އެހެނަސް ޝާމިންގެ ހިތަށް ކޮށްފައިވާ އަސަރުން އޭނާއަކަށް އެއްވެސް ކަމެއް މަޖަލެއް ނުވިއެވެ.

"ސީރިއަސްކޮށް މިބުނީ. އަހަރެން އޭނަ ޙާޞިލް ކުރާނަން." ޝާމިން, އޭނާގެ ކޮފީތަށި އެއްފަހަރުން ދަމާލިއެވެ.

"ހޫމް ދެން ތި ވާހަކަ ހުއްޓާލަބަލަ! މަ ފުރީމަ މަންމަ އާއި ބައްޕަގެ ޚަބަރެއް ބަލާލާތި އިނގޭ! މިރޭ އެއަރޕޯޓުގައިވެސް މަންމަ ރޯނެތީ ބުނިން ފުރުވަން ނާންނާށޭ. ގެއިން ސަލާމްކުރީމަ ނިމުނީނު, އެހެން ނޫނީ މަވެސް ހެޕީއެއް ނުވާނެ. ދެން އެއަރޕޯޓަށް ދާން ޔޫ އަންނާނަމެއްނު"

ރީހާން އެއްފައްޗަކަށް ވާހަކަތައް އަމުނާލިއެވެ. ކުރިމަތީގައި ހުރި ދުފާތަބަކުން ބިލެތްކޮޅެއް ނަގާ, ކާލަމުން ޝާމިން ބޯޖަހާލިއެވެ.

"އާނ ރާމިއްތަމެންގެ ޙާލު ބަލައިދޭނަން އިންޝާﷲ. ބަޑީ ހީކުރީ މަ ވަކި ދެރަނުވާނެކަމަށްތަ؟ މަ ވަރަށް ވައިވާނެ ޔޫ ދިޔައީމަ. ދާނެތަނެއް ނޯންނާނެ. ދެން އޮފީހުން ގެއަށް, ގެއިން އޮފީހަށް. ގޭގައިވެސް އިތުރު މީހަކު އުޅޭނަމަތާ ފޫހި ފިލާނީ. މަންމަ ކައިރިވެސް ބުނެފިން އެކަނި ރަށުގަ ނުހުރެ މާލެ ބަދަލުވާށޭ.. އެކަމަކު, ރަށުގަ ހުރި ގެ ބަހައްޓާފަ މާލެ ނާންނަން ވެގެން އެ ހުންނަނީ. ބައްޕަ އަމިއްލަ އަތުން ކޮށްފައި ހުރި މަސައްކަތްވީމަ ބައްޕަގެ ހަނދާންތަކާއިއެކު ރަށުގައި އުޅެން ބޭނުންވަނީ. ދެން މަގޭ ސޮފާއްކޮވެސް ރަށުން މީހަކާ އިނދެފި. އޭނަވެސް ވަޒީފާގައި އުޅޭތީ ނާދެވޭނޭ ބުނީ. ކީއްކުރާނީ؟ މަށަށް ނެތް ދެވޭކަށް ވަޒީފާ ދޫކޮށްފައިވެސް."

އަސަރާއިއެކު ޝާމިން ކޔައިދިނެވެ. އަޑުއަހަން އިން ރީހާން ބޯޖަހާލަމުން ހީލިއެވެ.

"މަންމަ ހިތްހަމަ ޖެހޭ ގޮތަކަށް ކަންތައް ކުރީމަ ހުންނާނީ ރަނގަޅަށް. ޗުއްޓީ ނަގައިގެން ރަށަށް ޖައްސާލަންވީނު މަންމަ ގާތަށް ދެން."

ޝާމިންއަށް ވެސް ވިސްނުނީ ރީހާން އެބުނީ ރަނގަޅު ވާހަކައެއްގެ ގޮތުގައެވެ.

ރީހާން ތައްޔާރުވަމުން ދިޔައީ ހުޅުލެއަށް ދާށެވެ. އޭރުވެސް ރާމިޒާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. ހުރި ހަމައެކަނި ދަރިފުޅު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ލޯމަތިން ގެއްލޭތީއެވެ. ރީހާން މަންމަ އާއި ބައްޕަގެ ގައިގައި ބައްދާލުމަށްފަހު މަންމަގެ ބޮލުގައި ފިރުމާލިއެވެ. މެލޭޝިއާއަށް ދެވުނުހާ އަވަހަކަށް ގުޅާނެކަމަށް ބުނެ އޭނާ އަވަހަށް ނިކުތީ މަންމަ ރޯމަންޒަރު ބަލަން ބޭނުން ނުވާތީއެވެ. ރީހާންގެ އިންތިޒާރުގައި ޝާމިން ތިރީގައި ހުއްޓެވެ. ރީހާން އައުމާއިއެކު ޑިކީއަށް އެއްޗެހި އަރުވައިގެން އެއަރޕޯޓަށް ދާން ކާރު ނައްޓާލިއެވެ.

ބާރު ދުވެލީގައި ގޮސް ކާރު މަޑުކޮށްލުމާއިއެކު, ރީހާން އަވަސް އަވަހަށް އެއްޗެހިތައް ޓްރޮލީއަށް އަރުވާ, ތައްޔާރުވިއެވެ. ޝާމިން ދިޔައީ ކާރު ޕާކު ކުރާށެވެ. އޭނާ އެނބުރި އައި އިރުގައިވެސް ރީހާން އެކި ދިމަދިމާލަށް ބަލަމުން ދެއެވެ.

"މިހާރު މީހުންތައް އެބަ ވަދެއެއްނު. ކީއްވެ ތި މަޑުކުރަނީ؟"

ޝާމިން އަވަސް އަވަހަށް ބުންޏެވެ. އޭރުވެސް ރީހާން ކޮންމެވެސް މީހަކު ހޯދާހެން ހީވެއެވެ.

"އޭ. ކާކުތަ ތި ހޯދަނީ؟ ތީ ކާރު ދުއްވިލެއް މަޑުކަމުން ލަސްވެގެން އުޅުން މީހާ.. ދެން ނުވަންނަންޏާ އާދޭ ގެއަށްދާން."

ޓްރޮލީގައި ހިފައިގަންނަމުން ޝާމިން މަޖާ ރާގަކަށް ބުންޏެވެ. ހަމަ އެވަގުތެވެ.

"މުނާ! މުނާ!"

ރީހާން ބާރު ބާރަށް އަންހެން ކުއްޖަކަށް ގޮވާތީ ޝާމިން ހައިރާންވިއެވެ. ރީހާންގެ މޫނާއި ލޯ އަމާޒުވެފައިވާ ދިމާއަށް ޝާމިން އެނބުރުނެވެ. އެއާއިއެކު އޭނާއަށް ކުއްލި ސިހުމެއް ލިބުނެވެ. ހައިރާންވެ, އަންތަރީސްވެއްޖެއެވެ. ތަންކޮޅެއް ދުރުން ފަރި ހިނގުމެއްގައި އެހެރަ އަންނަނީ ޝާމިންގެ ފަރި ޕަރިއެވެ. މިއީ ހުވަފެނެއް ނޫންކަން އޭނާއަށް ކަށަވަރެވެ.

"އޭ؟ މީ ކޮންކަމެއް؟" މަޑުމަޑުން ޝާމިން ރީހާންގާތު އަހާލި އިރުގައިވެސް , ޝާމިން ހުރީ މުނާއަށް ބަލަހައްޓައިގެންނެވެ.

" ތިއީ އަހަރެން ޝާމިންއަށް ދޭން ބޭނުންވި ސަޕްރައިޒް.. އެއީ މަގޭ ގަރލްފްރެންޑް."

ފަސޭހަކަމާއިއެކު ރީހާން އެ ދޫކޮށްލި ޖުމުލައިން ޝާމިންއަށް ކުރިއަށްވުރެ ބޮޑު ސިހުމެއް ލިބުނެވެ. ސިއްސައިގެން ގޮސް, ރީހާންގެ މޫނަށް ބަލައިލީ ހައިރާންކަމާއިއެކުއެވެ. އޭރު މުނާ އައިސް އެދެމީހުންގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ލަދުވެތި ހިނިތުންވުމެކެވެ.

"ސާބަހޭ! ވަރުތަކެއް ވެއްޖެއެއްނު. އެއީ މަގޭ ގަރލްފްރެންޑެއް ނޫނޭ. އެއީ ކަލޭ ގަރލްފްރެންޑް. އޯކޭ ދަނީ. ވަރަށް ލަސްވެއްޖެ. ބައި މުނާ. ބައި."

އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ޝާމިންގެ ބުރަކަށީގައި ރީހާން ޖަހާލިއެވެ. އެހެނަސް ޝާމިންއަށް ހުރެވުނީ މަޑުނެގިފައެވެ. އަނގައިން އެއްޗެއް ނުބުނެވި, ހަރަކާތްވެސް ހުއްޓިފައެވެ. ރީހާންއާއި ދިމާލަށްވެސް ބަލާލަން އޭނާ ހުރީ ހަނދާންނެތިފައެވެ. އެތެރެއަށް ވަންނަމުންވެސް ރީހާން ދިޔައީ ހެމުންނެވެ. ރީހާންއަށް ބަލާލުމަށްފަހު މުނާ އަތް ހޫރާލީ ލަދުންނެވެ.

"ޝާމިން؟"

މުނާގެ ހިމަ އަޑުން ޝާމިން ސިހުނެވެ. ރީހާން އެތަނުގައި ނެތްކަންވެސް އޭނާއަށް އެނގުނީދެނެވެ. މުނާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ލަދުންނެވެ. އޭނާ ޝާމިންގެ މޫނަށް ބަލަހައްޓައިގެން ހުރެ, ދަބަހުގެ ވާގަނޑާއި ކުޅެމުން ދިޔައެވެ.

"މި... ކިހިނެތް ވީ ކަމެއްތަ؟" ލަދުގަނެ ފަސްޖެހޭކަށް ޝާމިން ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ކެރިގެން ކުރިމަތިލާށެވެ. އޭނާއަކީ ފިނޑިއެއް ނޫންކަން މުނާއަށް ހާމަކޮށްދޭށެވެ.

"އަހަރެންނަށް ހަމަ އެއްވެސް ވަރަކަށް މި ވާނުވާއެއް ނޭނގުން. ކުރިންވެސް މުނާ ދަންނަންތަ ރީހާން؟ ކިހިނެތް އަހަރެން އެނގުނީ؟ ކިޔާދީބަލަ!" އަވަސް އަރުވާލައިގެން ހުރެ ޝާމިން ވާހަކަ ދައްކަން ފެށުމުން މުނާ ބަލައިލީއެ މާޙައުލުގައި ވަށައިގެން ހަރަކާތްރިވާ މީހުންނަށެވެ.

"މިތާ ހުރެގެންތަ ކިޔައިދޭންވީ؟"

މަޑުމަޑުން މުނާ ބުނެލިއެވެ. އެއާއި އެކު ޝާމިންއަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. އެއްމިޔަކަނުން ހީލަމުން ޝާމިން މުނާއަށް ބަލައިލިއެވެ.

"އެބުނާހެން... އަހަރެމެން މިތިބީ ކޮންތާކުތަ ދޯ އެވާހަކަތައް ދައްކަން.. ހިނގާ އެކޮޅަށް. ކާރު އޮންނާނީ ތަންކޮޅެއް ދުރުގަ އަދި.. މަޑުކުރޭ އިނގޭ ކާރުގަ އެބަ އަންނަން."

ޝާމިން މާ ކެރިގެން ވާހަކަ ދައްކަނީ އޭނާގެ ކިބައިން ފިރެހެންވަންތަކަން މުނާއަށް ދައްކުވާށެވެ. ހަޤީޤަތުގައި އޭނާގެ ހިތް ލަދުން ތެޅިފޮޅެނީއެވެ. ދެއަތާއި ދެފައިވެސް ތުރުތުރު އަޅައެވެ. އެހެނަސް މިރޭ  އެ ހުރީ  ތެޅިތެޅި އޮތް އޭނާގެ ހިތަށް ކިޔަމަންތެރިވާ ގޮތަކަށް ނޫނެވެ. ކިތަންމެ ލަދުގަތަސް މިރޭ އޭނާ ފަހަތަކަށް ނުޖެހޭނެއެވެ.

މުނާ ހުރި ތަނަށް ކާރު މަޑުކޮށްލުމާއި އެކު ކާރުގެ ކުރީ ސީޓަށް މުނާ އެރިއެވެ. އޭރުވެސް އޭނާގެ ތުންފަތުގައި ރަކި ހިނިތުންވުމުގެ އަސަރު ހުއްޓެވެ.

"ކަންތައް ވީގޮތް ވަރަށް އެނގެން ބޭނުންވެފަދޯ ތި ހުރީ؟"

ފުރަތަމަ ވާހަކަ ދައްކަންފެށީ މުނާއެވެ. ޝާމިން މުނާގެ މޫނަށް ބަލާލުމަށް ފަހު ބުމަ އަރުވާލިއެވެ. އެހާ ގާތުން މުނާ ފެނުމުން އޭނާއަށް ވަރަށް އުނދަގޫވެއެވެ. އެކަމަކުވެސް އެ ނޫން އެހެން ދިމާލަށް ބަލައިލާކަށް އޭނާގެ ހިތެއް ނޭދެއެވެ.

ބާރު ދުވެލީގައި ގޮސް ކާރު ހުއްޓާލީ ހުޅުމާލޭ ބީޗް ސަރަހައްދަށެވެ. އަދި ދެމީހުން އެކުގައި ކާރުން ފައިބައިގެން ގޮސް އިށީނީ ތެތްފިނިން ފިނިވެފައިވާ ހިމުން ދޮންވެލި ފަސްގަނޑުމަތީއެވެ. ހަނދުވަރުގެ ރިހި އަލިން ފަސްގަނޑުވަނީ ދިއްލާލާފައެވެ. ތަންތަންކޮޅުގައި ޝާމިންމެން ފަދައިން ތިބި ދެތިން ބަޔަކު ތިއްބެވެ.

"ހަމަ ޕަރީއެއްތީ. ފޮޓޯގައި ފެންނަ ގޮތަށްވުރެންވެސް މާފުރިހަމަ..މާ ރީތި."

ޝާމިންއަށް މުނާގެ މޫނު ފެނުމާއި އެކު ބޭއިޚްތިޔާރުގައި މުނާއަށް ތަޢުރީފް ކުރެވުނެވެ. އެއާއިއެކު މުނާގެ ދޮން މޫނު ލަދުން ރަތްވެގެން ދިޔައެވެ. އެކަން ފޮރުވުމަށްޓަކައި އިސްޖަހާލައިގެން އިނދެ މުނާ ވާހަކަ ދައްކަންފެށިއެވެ.

"ރީހާންއަކީ އަހަރެންގެ ކަޒިންއެއްގެ ވަރަށް ގާތް އެކުވެރިއެއް. ޝާމިންގެ ވާހަކަ އަހަންނަށް ކިޔައިދިނީ އަހަރެންގެ ކަޒިން. ފެމެލީ އެންމެންވެސް ވަރަށް ބޭނުންވޭ އަހަރެން އަވަހަށް ކައިވެންޏެއްކުރަން. އެކަމަކު... މި ކުޑަކުޑަ ރާއްޖެއިން ހެޔޮލަފާ ރަނގަޅު މީހަކު ނުލިބޭނީ.. އެހެންވެ އަހަރެން އެކަމާ އެހާ ޝައުޤުވެރިއެއް ނުވޭ އަސްލު."

މުނާގެ ރީތި އަޑުން ދައްކާ ވާހަކަތައް ކަނުލާ އަހަން ޝާމިން އިނެވެ.

"ދެން ތިއުޅެނީ ބިދޭސީއެއް ހޯދަންތަ؟"

"ދެން. ނޫން.. އެހެންނެއް ނޫނޭ.."

ޝާމިން ސަމާސާކޮށްލުމުން މުނާގާތަށް ވަރަށް ހިނިއައެވެ. މުނާގެ އެ ހީލުމުން, ޝާމިންގެ ހިއްސުތައް އިޚްތިޔާރުން ބޭރުވިކަހަލައެވެ. އޭނާ މަޑުމަޑުން މުނާގެ މަޑުއަތްތިލައިގައި ހިފާލިއެވެ. އެއާއި އެކު, ޝާމިންގެ އަތުގެތެރޭގައި ކަސްތޮޅު އެޅިފައިވާ މުނާގެ އަތް އޭނާ އަވަސް އަވަހަށް, ދަމައިގަތެވެ.

"އަދި މާ އަވަސް! އަހަރެންގެ ވާހަކަ އަޑުއަހާ ފުރަތަމަ.. ފަހަރެއްގައި މިއީ އަހަރެމެން ދެމީހުންގެ ގުޅުމުގެ ފެށުން ކަމުގައިވެސް ވެދާނެ.. ނޫނީ މިއީ އަހަރެމެންގެ އެންމެ ފަހުގެ ބައްދަލުވުން ކަމުގައިވެސް ވެދާނެ."

މާނަ ފުން އެ ޖުމުލައިން ޝާމިންގެ ހިތް އަވަސް ވެގެން ދިޔައެވެ. މުނާ އެ ތައްޔާރުވަނީ އޭނާގެ ޙަޔާތުގެ ޞަފްޙާތައް ޝާމިންގެ ކުރިމައްޗަށް ބަންޑުންކޮށްލާށެވެ. މިހާރުވެސް ޝާމިން އެހުރީ ބިރުންނެވެ. އޭނާގެ ލޯބިވާ ޕަރީ އޭނާއަށް ގެއްލިދާނެތީއެވެ. ހަނދުވަރީ މި ރީތި ރޭގެ އެންމެ ބައްދަލުވުމަކުން މުޅި އުމުރަށް އޭނާގެ އަތުން ބީވެދާނެތީއެވެ. ގޮތެއް ނިންމަން އުނދަގޫ ފަދަ ވާހަކަތަކެއް އެ ޞަފްޙާ ތަކުގައި ލިޔެވިފައި އޮވެދާނެތީއެވެ. ގޮތްނޭނގޭ މި ރީތި އަންހެންކުއްޖާގެ ޖާދުވީ މޫނުގެ ފަހަތުގައި ވާނީ ކޮން ކަންތައްތަކެއްބާވައޭ ހިތަށް އެރުމާއިއެކު ޝާމިންގެ މޫނުމަތި އުދާސް ވެއްޖެއެވެ. އޭރު ވެސް މުނާ އިނީ ޝާމިންގެ މޫނަށް ބަލަހައްޓައިގެންނެވެ.

** ނުނިމޭ **
(ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ސަޅި. އަދި އަލަށް މި ކިޔާލެވުނީ ސަލާގެ ވާހަކައެއް.. ވަރަށް ފުރިހަމަ.. މަންޒަރުތަށް ހަމަ ލޮލަށް ފެންނަ ކަހަލަ. ދެން އޮތް އެޕިސޯޑްގެ އިންތިޒާރުގައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *