އަފްގާނިސްތާނުގައި 14 މީހެއްގެ ގައިގަ ހައްދު ޖަހައިފި އެެވެ.
އެމީހުންނަށް ހައްދު ޖަހައި ހުކުމް ތަންފީޒު ކުރީ ސުޕްރީމް ކޯޓުން ކުރި ހުކުމް ތަކަކަށެވެ. ހުކުމް ތަންފީޒު ކުރިކަން ހާމަ ކުރީ އެ ކޯޓުން ކުރި ޓުވީޓެއްގައި އެވެ.
އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ހުކުމް ކުރުން ކުރިޔަށް ގެންދިޔައީ ތޯލިބާނުންގެ ރޫހާނީ ސުޕްރީމް ލީޑަރު ހައިބަތުﷲ އަޙުންޒާދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. ހުކުމް ތަންފީޒު ކުރުން އޮތީ އެތައް ސަތޭކަބައެއްގެ ކުރިމަތީގައި ލޮގާރް ޕްރޮވިންސްގެ ފުޓުބޯޅަ ސްޓޭޑިއަމްއެއްގައި އެވެ.
ހުކުމް ތަންފީޒު ކުރި އިރު އެތަނުގައި ތޯލިބާނުންގެ ލީޑަރުންވެސް ހާޒިރުވެ ތިއްބެވެ.
ހައްދު ޖެހި މީހުންގެ ތެރޭގައި ހިމެނެނީ ޒިނޭކުރި މީހުންނާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހުކުމް އިއްވި މީހުންގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅުން ހުރި މީހުންނެވެ. ތޯލިބާން ސަރުކާރުގެ އޮފިޝަލަކު ބައިނަލްއަގުވާމީ މީޑިއާގައި ބުނީ ކޮންމެ މީހެއްގެ ގައިގަ 21-39 އާއި ދެމެދުގެ އަދަދަކަށް ހައްދު ޖަހާފައިވާކަމަށެވެ.
މިކަމަށް އިންކާރު ކުރަމުންދާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ އަފްގާންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ބުނެފައި އެވެ.
އަފްގާނުގައި 1996-2001 ވަނަ އަހަރަށް ތޯލިބާނުން ވެރިކަން ކުރި އިރުވެސް އިސްލާމީ ޝަރީއާ ތަންފީޒުކޮށްފައިވެ އެވެ. އެގޮތުން ހައްދު ޖެހުމާއި އޮއްގަލުން ތަޅައި ރަޖަމް ކުރުން ފަދަ އަދަބުތައް ކުށްކުރާ މީހުންނަށް ދީފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!