އޯގަސްޓް 16 ވަނަ ދުވަހުގެ އަދަދާއި ގުޅޭ:

" ހަމަ ރަނގަޅު ވާހަކައެއްތަ ތި ދައްކަނީ. ޔަޤީނޭ އަހަރެންގެ ގޮތް ބަލަންކަން ތި އުޅެނީ؟" މާޔާ ސަމާސާ ރާގާކަށް ބުނެލިއެވެ.

Ad
rt

" އަހަންނަށް އިތުބާރު ކޮއްފަ އިނގޭ ބައްޕަގެ ނަންބަރު ދޭން ވާނީ." އާއިޒް ބުނެލިއެވެ.

" އެހާ އަވަހަށް މެރީ ކުރަން ބޭނުންވާނެ ކަމަށް އަހަރެން ހިއެއް ވެސް ނުކުރަން. އަހަރެމެންގެ ގުޅުން އަދިކިރިޔާ މި ފެށުނީ. މެރީ ކުރާ ފަހުން އާއިޒަށް އަހަރެން ކަމު ނުގޮސްދާނެ." މާޔާގެ އަޑު މަޑުވުމުގެ ސަބަބުން އޭނާ އެކަމާ ފިކުރު ކުރަން ފެށީކަން އާއިޒަށް ވިސްނުނެވެ.

" މަންމަގެ ވިސްނުން އަދިވެސް ހުރީ ވީހާވެސް އަވަހަކަށް އަހަރެން މީހަކާ ދެވަން. މިއަދު އަހަރެން ބުނިން މާޔާގެ ވާހަކަ މަންމަ ގާތު." އާއިޒް ބުންޏެވެ.

އާއިޒްގެ ފަހު ޖުމްލައިން މާޔާ އުފަލުން ފޮޅުނެވެ. ހަޤީޤަތުގައި ވެސް އާއިޒް އެ ގުޅުމަށް ރުހޭކަން މާޔާއަށް ޔަޤީން ކުރެވުނެވެ.

" މަންމަ ކައިރީ ވެސް އަހަރެންގެ ވާހަކަ ދެއްކީތަ؟" މާޔާ ސުވާލު ކުރިއެވެ. ޝައުޤުވެރިކަމާއެކުގައެވެ.

" އާނ. އަހަރެން މިއަދު ގެއަށް އައިތަނާ އިންނަން ކުއްޖަކު ހޯދާ ވާހަކަ ދެއްކީ. މިހާރު އެއްފަހަރު ހަމަ އެ ގޮތަށް ކުއްޖަކު ހޯދައިގެން ގެއަށް ވެސް ގެނައި. މި ފަހަރު ވެސް މަންމަ ބޭނުން ވިއްޔާ، ބޭނުން ގޮތަކަށް ކަންތައް ކުރާނެ. އޭގެ ކުރިން އަހަރެން ބުނެފިން މާޔާގެ ވާހަކަ." އާއިޒްގެ ވާހަކަ އަޑުއަހަން މާޔާ ހުރީ ފުޅާ ހިނިތުންވުމެއްގައެވެ.

" ވާހަަކަ ދައްކަން ނޭނގޭތީކީ ނޫން ދޯ ވާހަކަ ނުދައްކަނީ؟" މާޔާ ކުރި ސުވާލުން އާއިޒް ރަކި ވެއްޖެއެވެ.

" ތި ބުނީ؟" އާއިޒް އެހިއެވެ.

" އާއިޒް ހާދަ ގިނަ ވާހަކަ ތަކެކޭ އެއްފަހަރާ ތި ދެއްކީ. އަހަންނަށް އަދި ކިރިޔާ އެހާ ގިނަ ވަގުތުކޮޅަކަށް އާއިޒްގެ އަޑު މި އިވުނީ." މަޖާވެފައި މާޔާ ބުންޏެވެ.

" މަލާމާތް ކުރަނީތަ؟" އާއިޒް އެހިއެވެ.

" ނޫން. އެންމެ ޖުމްލައަކުން ފުއްދާލާ މީހަކު މިއަދު އަނގަތަޅާތީ ހަމަ ދިމާކޮއްލާ ހިތްވީ." މާޔާ ބުންޏެވެ.

" ކޮންމެހެން ދައްކަންޖެހޭ ވާހަކަ ދައްކަމެއްނު އަހަރެން. ބޭކާރު ވާހަކަ މަދު ކުރަނީ." އާއިޒް ބުނެލިއެވެ.

" އާއިޒާ މެރީ ކުރީމަ އަހަންނަށް ވެސް ތިހެން ވާނެ ކަންނޭނގެ. " ހިނިގަނޑެއް ޖަހާލަމުން މާޔާ އެހެން ބުނުމުން އާއިޒަށް ވެސް ހެވުނެވެ.

" ނޭނގެ ތިއެއް. ފަހަރެއްގައި އަހަރެން އަނގަގަދަ މީހަކަށް ވެދާނެ ކަންނޭނގެ." އާއިޒް ވެސް ސަމާސާ ކޮއްލިއެވެ.

އެއާއެކު މާޔާ ބާރަށް ހެމުން ދިޔައެވެ.

" މާޔާ ފެމިލީ މީހުންގާތު ކައިވެނީގެ ވާހަކަ ދައްކަަބަލަ! " އާއިޒް އެދުނެވެ.

" އަހަންނަށް ހަމަ ޤަބޫލު ނުކުރެވެނީ މިހާ އަވަހަށް މިކަން ވެދާނެ ކަމަށް." މާޔާ ބުންޏެވެ.

" އޯކޭ ދެން ޤަބޫލު ނުކުރެވެންޏާ އަޅާނުލާ." އާއިޒް ފަސޭހަކަމާއެކު ބުނެލިއެވެ.

" ހޭ! ނޫނެކޭ. ހަމަ ހައިރާންވަނީ އަހަރެން އެހާ ބޭނުންވެގެން އުޅުނު ކަމެއް އެހާ އަވަހަށް އަދި އަހަރެން ނުވެސް ދެނަހުއްޓާ ޙާޞިލް ވީމަ. ކާކު ހީކުރާނީ އަހަންނާ އާއިޒް އޮފީހުން ބައްދަލްވާނޭ؟ ބައްދަލްވި ފުރަތަމަ ދުވަހު ރައްޓެހިވާނޭ؟ އޭގެ ފަހުން ހަމަ އެ ދުވަހު ކައިވެންޏާ ހަމައަށް ދާނޭ؟" މާޔާގެ އަޑުގައިވަނީ އުފާވެރިކަމެވެ.

" އޯކޭ ބާއްވަނީ! " ފަރުވާކުޑަ ގޮތަކަށް އާއިޒް ބުނެލިއެވެ.

" ދެން މަޑުކޮއްބަލަ ޕްލީޒް. އަޅެ އަހަރެން އުފަލުންނޭ މި އުޅެނީ.. އުފާވީމަ މާ އަނގަގަދަ ދޯ." މާޔާ އެހިއެވެ.

" ދެރަވިޔަސް، ރުޅި އަޔަސް އަދި އުފާވިޔަސް މާޔާ ވާހަކައެއް ނުހުއްޓާނެ." ހިނިތުންވެލަމުން އާއިޒް ބުންޏެވެ.

" އެހެންވީމަ އަހަރެން މާދަމާ ގުޅާނަން މަންމައަށް. " މާޔާ ބުންޏެވެ.

ފޯނު ބޭއްވުމާއެކު އާއިޒަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. މިޒާޖު ތަފާތު ވިޔަސް، އާއިޒަށް މާޔާ ވަރަށް ކަމުދެއެވެ. އޭނާއާއެކު ވަގުތު ހޭދަކުރާ ހިތްވެއެވެ. މާޔާ ފެނުމުން އާއިޒްގެ ހިތަށް ލިބުނު ހަމަޖެހުމުން އެކަނި ވެސް މާޔާދެކެ ވާ ލޯބި އާއިޒަށް އިހްސާސް ކުރެވުނެވެ.

އަވަސް ފިޔަވަޅުތަކާއެކު ނުހާގެ މިސްރާބު ހުރީ ލީނާގެ ގެއާ ދިމާލަށެވެ. އޭރު މަގު ކޮޅުން ލީނާގެ މަންމަ ސާދުނާ ކޮންމެވެސް ތަނަކަށް ދާތަން ނުހާއަށް ފެނެއެވެ. އެ ގެއަށް އޭނާ ދާން ބޭނުންވަނީ ވެސް ލީނާގެ މަންމަ ގޭގައި ނޫޅޭ ވަގުތެއްގައެވެ. ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ޙާލު، ނުހާ ގޮސް ލީނާގެ ގެއަށް ވަނެވެ. އެއާއެކު ސިޓިންރޫމްގައި އިން ލީނާ ބާރުބާރަށް ތެދުވެ ނުހާގެ މޫނަށް ބަލަން ފެށިއެވެ.

" އަހަރެން ގުޅީމަ ފޯނު ނުނަގާ ކީއްތަ ތި ކުރަނީ؟ ކިހިނެއް ވެގެންތަ ތި އުޅެނީ؟" ނުހާ ސުވާލު ކުރީ ރުޅިވެރި އަޑަކުންނެވެ.

އެއާއެކު ލީނާގެ ދެ ލޮލަށް ކަރުނައިގެ ތެތްކަން ވެރިވާން ފެށިއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ނުހާގެ ކުރިމަތީގައި ހަމަޖެހޭގޮތް ދެެއްކޭތޯއެވެ.

" ނަމާދު ނުކުރެވޭ ދުވަސްކޮޅެއްވީމަ، މޫޑު ނެތީ. މި ފަހަރު ވަރަށް ބަނޑުގައި ވެސް ރިއްސާ." ލީނާ ބުނެލީ ހިނިތުންވެލަމުންނެވެ.

" އަހަރެމެންގެ ދުވަސްވީ މި އެކުވެރިކަމުގައި ލީނާ ޕީރިއަޑް ތި ވީ އަލަށްތަ؟ މަށަށް ތަ ތި ކިޔައިދެނީ؟" ލީނާގެ އަތުގެ މުލައްދަނޑީގައި ހިފަމުން ނުހާ ބުންޏެވެ.

" އެންމެ ކުޑައިރުއްސުރެ، މަށަށް ލީނާ އެނގެޔޭ. ކޮންމެ ކަމެއް ވިޔަސް މަށަށް އެނގެއެއް ނޫންތަ؟ ކަމެއް ގޯސް ވިޔަސް އެންމެ ފުރަތަަމަ ވެސް އަހަންނެއް ނޫންތަ އެކަން ފާހަގަ ކުރަނީ؟ " ނުހާގެ ވާހަކަތައް އަޑު އިވި، ލީނާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭނާގެ ދެ ލޮލުން ކަރުނަތައް އޮހިގެން ދިޔައެވެ.

" ބުނޭ ވެގެން އުޅޭ ގޮތެއް." އަމުރުވެރި ރާގަކަށް ނުހާ ބުންޏެވެ.

އެއާއެކު ލީނާ، ނުހާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" މަންމަ ނެތްތަ ބޭރަކު؟" ދެ އަތުން މޫނު ފުހެލަމުން ލީނާ އެހީ ސިއްރުންނެވެ.

" އާނ! މަގު ކޮޅުން ދުށިން ދުންޖަހާފައި ކޮންމެވެސް ތަނަކަށް ދާތަން. އެހެންވެ މަ މި ވަނީ." ނުހާ ބުންޏެވެ.

ލީނާ މަޑުމަޑުން އެނދުމަތީ އިށީނުމުން ނުހާ ވެސް އޭނާއާ ޖެހިގެން އިށީނެވެ. އަދި ލީނާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

" މާޔާ ވެސް ގުޅި. އޭނައަށް ފޯނެއް ލިބިގެން ލީނުއަށް ވެސް ނަންބަރު ދިނީމޯ ބުނީ. އެކަަމަކު ހަބަރެއް ވެސް ނުވެޔޯ." ނުހާ ބުންޏެވެ.

" އަހަރެން ކިހިނެއް މާޔާއާ ވާހަކަ ދައްކާނީ؟ އަހަރެން މާޔާއާ... މާޔާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން." އަސަރާއެކު ލީނާ ބުންޏެވެ.

އެއާއެކު ނުހާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ހިތަށް ވެރިވި ނުތަނަވަސްކަން އިތުރު ވެގެން ގޮސް އޭނާ ސުވާލު ކުރަން ފެށިއެވެ.

" ކިހިނެއްވީތަ؟ މާޔާ ދެކެ ކޮން ރުޅިއެއް ތި އަންނަނީ؟ އޭނަ ނުބުނެ ފުރައިގެން ދިޔައީމަތަ؟ އެކަމާ އަހަރެން އުޅުނީ ރުޅި އައިސްގެން. ހެޔޮކޮށް ވިސްނާށޭ ކީ ލީނު އެއްނު. ދެން ކީއްވެ މިހާރު ؟" ނުހާއަކަށް ހަމަ އެއްވެސް އެއްޗެއް ނުވިސްނުނެވެ.

" ރުޅިއެއް ނާދެޔޭ. އެކަމަކު... އެކަމަކު އަހަރެން ވަރަށް ލަދުގަނޭ. ނުހާއަކަށް ނޭނގޭނެ އަހަރެން މި އުޅޭ ޙާލެއް." ލީނާ ބުންޏެވެ. އޭރު ވެސް ނުހާ އިނީ ސުވާލުގެ ނަޒަރަކުން ލީނާއަށް ބަލަހައްޓައިގެންނެވެ.

" ނުހާއަށް އެނގޭތަ؟ އަހަރެންގެ މަންމައާއި މާޔާގެ ބައްޕަ ގުޅުމެއް އޮވޭ. ސިއްރު ގުޅުމެއް." ލީނާގެ ޖުމްލައިން ނުހާގެ ދެ ލޯ ދިޔައީ ބޮޑު ވެގެންނެވެ.

" ނުވާނެ އެހެންނެއް. " ނުހާއަށް ބުނެވުނެވެ.

" ހަމަ ތެދެއް. އަހަރެންގެ މި ކަންފަތުން އިވުނީ. މަންމައާ މާޔާގެ ބައްޕަ ތިބެނީ ބަދިގެތެރޭގައި. ދަންވަރު" ލީނާ އަސަރާއެކު ކިޔައިދިނެވެ.

" ނޫން. މާޔާގެ ބައްޕައަކީ އެހެން އުޅޭ މީހެއްތަ؟" ނުހާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ.

" އަހަރެން ވެސް ކުރިން ވަރަށް އިޙްތިރާމް ކުރިން. އެކަމަކު މިހާރު އެނގިއްޖެ! ޔޫއަށް އެނގޭތަ؟ މަންމަ ބޭނުންވޭ އެ ބޭބެެއާ އިންނަން. އެ މީހުން މިހާރު ކައިވެނި ޕްލޭން ކުރަނީ." މޫނުގައި ދެ އަތް އަޅަމުން ލީނާ އެހެން ބުނެ ރޯން ފެށިއެވެ.

ނުހާ އަނެއްކާ ވެސް ލީނާގެ ކޮނޑުގައި އަތްޖައްސާލިއެވެ.

" އަހަރެން ޤަބޫލު ކުރަން ލީނުގެ މަންމަވެސް ކައިވެންޏެއް ކުރަން ޖެހޭނެ ކަމަށް. އެކަމަކު، މީހެއްގެ ފިރިޔަކާ އެ ގޮތަށް ގުޅުން ބާއްވައިގެންނެއް ނޫންދޯ؟ " ނުހާ ބުނެލިއެވެ.

" އަދި އެ ވެސް މާޔާގެ ބައްޕަ. އަހަރެމެންގެ ބެސްޓީގެ ބައްޕަ. މާޔާއާ ވާހަކަ ދައްކަން އަހަރެން ލަދުގަނޭ." ލީނާ ބުނެލިއެވެ.

" ނޫނެކޭ. ތީގަ ލީނުގެ ކުށެއް ނެތޭ. މާޔާއަށް އެނގޭ ދުވަހަކުން ވެސް އޭނައަށް އެނގޭނެ ލީނުގެ ކުށެއް ނޫންކަން. ދެން ހުއްޓާލާ! މާޔާއަށް ކިޔައިދޭންތަ ބޭނުމީ؟" ނުހާ އެހިއެވެ.

ދެ ފަރާތަށް ބޯ ހޫރާލަމުން ލީނާ ނޫނެކޭ ބުނެލިއެވެ.

" ދެން އެހެންވިއްޔާ މާާޔާއާ ވާހަކަ ދައްކަންވީނު. އޭނަ އަހަންނަށް ހާދަ ވަރެއް ކުރެޔޭ ލީނު ހަބަރެއް ނުވާތީ. އޭނަ ކިޔާވަރުން މަ މި އައީ ވެސް. ބުނި ގޮއްސަ ގުޅައްޗޯ." ނުހާ ބުނެލިއެވެ.

" ނޫން، މިއަދަކު ނޫން ގުޅާނީ. " ލީނާ އިންކާރު ކުރިއެވެ.

"އަހަރެމެން ދެ މީހުން ތިއްބާ ކޮންމެވެސް ވާހަކަ އެއް ދައްކަން ވެގެންނޯ. ދެން ހަމަޖެހިބަަލަ! މާޔާ ބުނީ ވަރަށް ހެޕީ ނިއުސްއެއް ދޭން ވެގެންނޯ. އޭނަ ބޭނުންވަނީ ދެ މީހުން އެއްކޮށް ބައިތިއްބައިގެން ބުނަން. ދޭ ފްރެޝް ވެގެން އަންނަން. " ނުހާ ބޭނުންވީ ލީނާ ހަމައަކަށް އަޅުވާށެވެ.

ނުހާ ކިޔާވަރުން، ފާޚާނާއަށް ވަދެ، މޫނު ދޮވެލައިގެން ލީނާ އަތުވެއްޖެއެވެ. އޭރު ނުހާ، އޭނާގެ ފޯނުން މާޔާއަށް ގުޅަމުން ދިޔައެވެ. ސްޕީކަރަށް ލައިގެން އޭނާ އިނީ ނުހަނު އުފާވެރި މޫޑެއްގައެވެ.

" އޯތް! މަ މިއިނީ ލީނު ކައިރީ. ދެން ތި ކިޔާ އެއްޗެއް ކިޔާބަލަ! " މާޔާ ފޯނު ނެގުމާއެކު ނުހާ ބުންޏެވެ.

" ފުރަތަމަ މަ ބޭނުމީ ލީނާއަށް އެއްޗެހި ގޮވަން. އޭނަ ކީއްވެތަ މަށާ ވާހަކަ ނުދައްކަނީ؟" މާޔާ އެހިއެވެ.

އެއާއެކު ލީނާ ނުހާއަށް ބަލައިލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" އޭނަ ބަލިވެ އުޅޭތީ. މަ ބުނީމެއްނު މަ ގުޅީމަ ވެސް ފޯނެއް ނުނަގައޭ." ނުހާ ބުންޏެވެ.

" ތެދެއް؟ ކިހިނެއް ވީ؟" މާޔާ އެހިއެވެ.

" މިހާރު ރަނގަޅޭ. ދެން ބުނެބަލަ އަހަރެމެންނަށް ކޮން ޚަބަރެއް ދޭން ވެގެންތަ ތި އުޅެނީ؟ ރަށަށް ބަދަލުވަނީތަ؟" މާޔާގެ ސުވާލުތައް ގިނަ ވާނެތީ ލީނާ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.

" މަ އަދި މި ވާހަކަ ނުބުނަން އެއްވެސް މީހެއް ކައިރީ އިނގޭ. ތި ދެ މީހުން ކައިރީ ބުނެފައި ނޫނީ މަންމަމެން ކައިރި ވެސް ބުނާކަށް ބޭނުމެއް ނޫން." މާޔާ ބުންޏެވެ.

" އޭނ؟ ކައިވެންޏޭ؟ " ނުހާއާއި ލީނާއަށް ބުނެވުނީ އެއްފަހަރާއެވެ.

އެއާއެކު މާޔާ ބާރަށް ހޭންފެށިއެވެ.

" މަށަށް އެނގެޔޭ ކަލޭމެންނަށް ވާނީ ތިވަރުކަން. ދެން އަހާބަލަ ކާކާތޯ މަ އިންނަނީ؟" މާޔާގެ އުފާވެރި އަޑު އިތުރަށް ގަދަވަމުން ދިޔައެވެ.

" އިންނަ މީހަކާ، އެ މީހާގެ ވަނަވަރު ވެސް އަދި ތި ދެ މީހުން ދިމާވި ގޮތް ވެސް އަހަރެމެން ނޭހިޔަސް ކަލޭ ކިޔާނެ." ހެމުންހެމުން ނުހާ ބުނެލިއެވެ.

" އަޅޭ މިއީ ހުވަފެނެއް ހެން ވެސް ހީވޭ. މިހާ އަވަަހަށް ކަންކަން ނިމިދާނެ ކަމަށް ހިއެއް ވެސް ނުކުރަން." މާޔާ ބުންޏެވެ.

" ދެން ތި ހާސަރުތައް ނުދަމާ ސީދާ ޕޮއިންޓަށް އާދެބަލަ. ކޮންރަށެއްގެ ކާކުތަ؟" ލީނާ ކެތްމަދުވެފައި ސުވާލު ކުރިއެވެ.

" ކަލޭމެންނަށް ޝޮކެއް ލިބޭނީ. ޔަޤީން ޤަބޫލެއް ނުކުރާނެކަން. ޔޫ މެންނަށް ވެސް އެނގޭނެ އޭނަ." މާޔާ ބުންޏެވެ.

" އޯހް! މި ރަށު ކުއްޖެއްތަ؟" ނުހާ ހީލަމުން އެހިއެވެ.

" އާއިޒް! ހަނދާން އެބަހުރިތަ؟" މާޔާގެ ޖުމްލައިން ދެ ލޯ ބޮޑުކޮއްފައި ލީނާއަށް ބަލައިލެވުނީ ނުހާގެ މޫނަށެވެ. އޭރު ނުހާގެ މޫނުމަތީގައި ހުރީ ޤަބޫލުކުރަން އުނދަގޫވެފައި އިން ކަހަލަ އަސަރުތަކެކެވެ. ލީނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނީ ހައިރާންކަމާއެކުއެވެ.

ހުއްޓިފައި އިން ނުހާއަށް ވެސް ލީނާގެ މޫނަށް ބަލައިލެވުނީ ހާސްކަމާއެކުއެވެ.

" އާއިޒޭ؟" ތުރުތުރުއަޅާ އަޑަކުން ނުހާއަށް ސުވާލު ކުރެވުނެވެ.

" އާނ! އާއިޒް. ހަނދާންވެއްޖެ ދޯ؟ ކަލޭމެން ރީތި ވެގެން އުޅުނީމެއްނު. " މާޔާ އަނެއްކާ ވެސް އިތުރު ކޮއްލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)