" އާނ! ހޯދާ." އާއިޒް ބުންޏެވެ.
އޭނާގެ ހުއްދަ ލިބުމުން ޖަމީލާގެ ހިތަށް ބޮޑު އުފާވެރިކަމެއް ވެރިވިއެވެ.
ހެވިފައި އިން މަންމަގެ މޫނަށް ބަލައިލަމުން އާއިޒް ހީލިއެވެ. މަންމަ އެ އިނީ ވަރަށް އުފާވެފައިކަން އާއިޒަށް އެ ވަގުތު ދެނެގަނެވުނެވެ.
" ދޮންތަ ކައިރީ ބުނާނަން އާއިޒް ތިހެން ބުނި ވާހަކަ." ޖަމީލާ ބުންޏެވެ.
" އުނހު. ބުނާނެ ކަމެއް ނެތް. އަހަރެން މިހާރު ކުއްޖަކު ހޯދައިފިން." އާއިޒް ބުނެލީ ފަސޭހަކަމާއެކުއެވެ.
" އޭނ؟ ހޯދައިފީމޭ؟" އާއިޒްގެ ޖުމްލައިން ޖަމީލާއަށް ލިބުނީ ހައިރާންކަމެވެ. އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން ގެއްލެން ސިކުންތެއް ވެސް ނުނެގިއެވެ.
" ކިހިނެއްވީ؟" މަންމައަށް ވީ ގޮތުން އާއިޒްގެ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. ކުރު ސުވާލެއް ކުރުމަށްފަހު، މަންމަގެ ޖަވާބެއްގެ އުއްމީދުގައި އާއިޒް އިނެވެ.
" ކަމެއް ނުވެ. ދަރިފުޅު އަމިއްލައަށް ހޯދާ ކުދިން ރަނގަޅުވާނެތަ؟ ދަރިފުޅަށް ވުރެ ބޮޑަށް މަންމައަށް ދަރިފުޅު އެނގޭ. ދަރިފުޅަށް އެކަށީގެންވާނެ ކުދިން މަންމައަށް މާ އެނގޭނެ. " ޖަމީލާ ބުންޏެވެ.
އާއިޒް އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
" ދެންމެ ތި ބުނީ ހަމަ ރަނގަޅު ވާހަކައެއްތަ؟" ޖަމީލާ އެހިއެވެ.
އާއިޒް ބޯ ޖަހާލުމަށްފަހު ސައިތަށި ބޯލިއެވެ.
" ކޮންތާކުން ދިމާވި ކާކާ އިންނަން؟" ޖަމީލާގެ ރާގު މިހާރު މުޅިން ބަދަލު ވެއްޖެއެވެ.
އެކަމުގެ ސަބަބުން އާއިޒްގެ ހިތަށް އިތުރަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ނަމަވެސް ހިތްވަރުކޮއްފައި މާޔާގެ ވާހަކަ ބުނާނަމޭ އޭނާގެ ހިތަށް އެރިއެވެ. މަންމަ ނުޤަބޫލުގައި ކަންކަން ކުރުމަކީ އާއިޒަށް ފަސޭހަ ކަމެއް ނޫނެވެ.
" އެއީ... ކުރިން ވެސް ފްރެންޑެއް." އާއިޒް ބުންޏެވެ.
" ކުރިންނޭ؟ ކޮންތާކުން ދިމާވީ؟ " ޖަމީލާ ހުރީ ހައިރާންވެފައެވެ.
" ޢީދަށް ދިޔަ ރަށުން." އާއިޒް މަޑުމަޑުން ބުންޏެވެ.
" އެ ރަށަށް ގޮސް؟ އެންމެ ދެ ތިން ދުވަހުން؟ މަންމަ ޤަބޫލެއް ނުކުރާނަން އާއިޒް އަންހެން ކުއްޖަކާ ވާހަކަ ދައްކާނެ ކަމަކަށް. " ޖަމީލާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" މާޔާ މިހާރު އުޅެނީ އަހަންނާ އެއް އޮފީހެއްގައި." އާއިޒް ބުނެލިއެވެ.
" އޯހް! މަންމައަށް ނޭނގި ވަރަށް ކުރިޔަށް ޖައްސާލައިފިންދޯ؟ " މަލާމާތުގެ ރާގަކަށް ޖަމީލާ އެހެން ބުނުމުން އާއިޒް ޖެހިލުންވިއެވެ.
" އެހެންވެ ދޯ އުލްފާއަށް އެހާ ފަސޭހައިން ނޫނެކޭ ބުނީ. ތިއީ ބޭރަށް ތާކަށް ދާ މީހެއް ނޫން. އަންހެން ރައްޓެއްސެއް ގެންގުޅޭ މީހެއް ނޫން. އަހަރެން ހީކުރީ އަހަރެން ދައްކާ މީހަކަށް ރުހޭނެ ކަމަށް. އެކަމަކު އުލްފާގެ ގޮތެއް ނޭނގޭ އިރު ވެސް އާއިޒް ހުރީ އެކަން ނުކުރަން ނިންމައިގެން. މިއީތާ މި ވީ ގޮތަކީ؟ ވަރަށް ކުޅަދާނަ މަންޖެއަކަށް ތިކަމެއް ތި ކުރެވުނީ." ޖަމީލާ ބުންޏެވެ.
މަންމަގެ ވާހަކަތަކަށް ދެބަސްވާން އާއިޒް ވަރަށް ބޭނުންވިއެވެ. ނަމަވެސް ކިރިޔާ ވެސް މަންމައާ ދެކޮޅަކަށް އެއްޗެއް ބުނެފިނަމަ މަންމަ ރުޅި އަންނާނެކަން އޭނާއަށް އެނގެއެވެ. މިހާރު ވެސް ޖަމީލާ އެ އިނީ ކިރިޔާ ފުމެލިޔަސް ރޯވާ ވަރުގައެވެ. އަވަސް އަވަހަށް އާއިޒް ތެދުވެއްޖެއެވެ.
އޭރު ވެސް ނުރުހުންތެރި ނަޒަރަކުން އާއިޒްގެ މޫނަށް ބަލަހަައްޓައިގެން ޖަމީލާ އިނެވެ. ބާރު ބާރަށް ނިކުމެގެން ގޮސް އާއިޒް ގުޅީ އޭނާގެ ދޮންތަ އާމިރާއަށެވެ. އަދި ކަންތައް ވީ ގޮތް ސާފުކޮށް އާމިރާއަށް އޭނާ ކިޔައިދިނެވެ.
" އަހަންނަށް ހީވަނީ ދޮންތައަށް މަންމަ ގުޅާނެހެން. އަޅެ ޕްލީޒް ދޮންތަ. މަންމަ ރުއްސަބަލަ! މަންމަ ނުރުހުމުގައި މާޔާ ހިއެއް ނުވެ އޯކޭ ވާނެހެންނެއް." އާއިޒް ބުންޏެވެ.
" ދޮންތަ ކިހިނެއް މަންމަ ރުއްސާނީ؟ މަންމަ ކަންކުރާނީ ހަމައެކަނި މަންމަގެ ޟަމީރު ބުނާ ގޮތަކަށް. އެހެން މީހަކަށް ވިސްނަދެވޭ ވަރަށް ވުރެން މަންމަ އުޅޭނީ މާ މަތީގަ " އާމިރާ ހެމުންހެމުން ބުންޏެވެ.
އާއިޒްގެ ހިތްވަރު އެލިއްޖެއެވެ. ނަމަވެސް މަންމަގެ އަތްމައްޗަށް އޭނާގެ މުޅި ޙަޔާތް ދޫ ކޮއްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
" އެކަމަކު ވެސް މަންމަ އެ ވާހަކަ ދެއްކިއްޔާ ބުނައްޗޭ މާޔާ އާ ނޫނީ އަަހަރެން ނީންނާނެޔޭ." އާއިޒް ބުންޏެވެ.
އިތުރަށް ދޮންތައާ ވެސް އެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. މާޔާގެ ނަންބަރަށް ބަލަހައްޓައިގެން ހުރެ އޭނާ އެނދުގައި އިށީނެވެ. ގެއަށް އައިފަހުން މާޔާގެ އެއްވެސް ޚަބަރެއް ނުވާތީ އާއިޒްގެ ހިތަށް ހުރީ އުނދަގޫ ވެފައެވެ. ނަމަވެސް އާއިޒް ބޭނުންވީ މާޔާ ޚަބަރެއް ވަންދެން މަޑުކުރާށެވެ.
ލީނާގެ އުޅުމަށް ބަދަލުތަކެއް އައިކަން ނުހާއަށް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ވާހަކަ ދައްކަން ނުހާ ބޭނުންވީ ނަމަވެސް، ލީނާ އާ ބައްދަލްވާނެ ވަގުތެއް ވެސް ލީނާ ނުދެއެވެ.
" ތިހާ ހާސްވަންޏާ ދެން ގޮސް އަހާބަލަ. އަހަރެން ލީނުއަށް ނަންބަރު ފޮނުވީމަ އެންމެ ފަހަރަކު ވެސް އަހަންނަކަށް ނުގުޅާ. މެސެޖް ކުރީމަ ރިޕްލައި ވެސް ނުދޭ. ނުހާ ބަލާބަލަ ގޮސް ކީއްތޯ ވީ؟" މާޔާ ވާހަކަ ދެއްކީ ނުހާއާއެވެ.
" އަޅެ އަހަރެން ވެސް އޭނަ ކައިރިއަށް ދާން ވެގެން ވަރަށް ގުޅަމޭ. އެކަމަކު އަބަދުވެސް ބުނަނީ ބިޒީ ކަމަށް. ނޫނީ ފަހުން އަންނާށޭ ބުނެފާނެ." ނުހާ ބުންޏެވެ.
" ދެން ނުބުނެ ގޮސް ވަދޭ އެ ގެއަށް." ރުޅި އައިސް ހުރެ މާޔާ ބުންޏެވެ.
" މަށަކަށް ނުކެރޭނެ އެހެން ވަންނާކަށް. ސާދުނައްތަ ވެސް ހުންނާނީ ގިނަ ފަހަރު ލޯ އަޅައިގެން." ނުހާ ބުންޏެވެ.
" މަ ވެސް ވަރަށް ބިޒީއޭ މިއަދު. ގެ ބަދަލު ވެގެން. ފަހުން ގުޅާނަން އަދި ލީނާއަށް. " މާޔާ ބުންޏެވެ.
އިރު އޮއްސުނު އިރު ވެސް އާއިޒްގެ ހަބަރެއް ނުވާތީ މާޔާ ކަންބޮޑުވެއްޖެއެވެ. ފޯނު ދިއްލޭ ކޮންމެ ފަހަރަކު އާއިޒްގެ މެސެޖެއް ކަމަށް އޭނާ ސިހެއެވެ. ހިތުގެ އަޑިން އާއިޒަށް އިންތިޒާރުކޮށްކޮށް، އޭނާގެ ކެތްތެރިކަން ކޮޅުން ލީ ކަހަލައެވެ.
" އަހަރެން ރުއްސާފައި ގޮސް ފިލައިގެން ދޯ ތި އުޅެނީ؟ ވަރަށް ފޫހި! " އާއިޒް ފޯނު ނެގުމާއެކު މާޔާ ޝަކުވާ ކުރިއެވެ.
ރައްދުގައި އޭނާއަށް އިވުނީ އާއިޒްގެ ލާނެތް ހިނިގަނޑެކެވެ.
" އަހަރެން މި ހުރީ މާޔާ ހަބަރެއް ވަންދެން." ހަމަޖެހިލާފައި އާއިޒް ބުންޏެވެ.
" އަހަރެންގެ ޚަބަރެއް ވޭތޯ ނުހުރެ އަހަންނަށް ގުޅި ނަމައެއްނު. އޭރު އޮފީހުން ގެއަށް ދިޔައިރު އޮތީ ގެއިން ނިކުންނަން ޖެހިފަ." މާޔާ ބުންޏެވެ.
" ތި ބުނީ؟" އާއިޒަކަށް މާޔާ ދެއްކި ވާހަކަ ސާފުވާ ގޮތެއް ނުވިއެވެ.
" މި ބުނީ އެ ގޭ ދައްތައާ މައްސަލަ ޖެހިގެން އުޅެނީ ބިލްތައް ބޮޑު ވެގެން. އެހެންވެ ހުރިހާ ކުދިން ނިކުތީ." މާޔާ ކިޔައިދިނެވެ.
" ދެން މިހާރު ކޮންތާކު ތި އުޅެނީ؟" އާއިޒްގެ އަޑުގައި ހާސްކަން އެކުލެވިފައިވާކަން މާޔާއަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނާ އެކަމާ ނުހަނު އުފާވެސް ވިއެވެ.
" އޮފީސް މޭޓެއްގެ ގެއަށް އައީ؟ އޭނަގެ ދަރިފުޅާ ރޫމް ޝެއާ ކުރާ ގޮތަށް." މާޔާ ބުންޏެވެ.
" ކަމަކު ނުދާނެ ތި ގޮތެއް. " އާއިޒަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ.
" ދެން ނެތޭ އިތުރު ގޮތެއް. މިރޭ ވެސް ތާކު ނިދަން ޖެހޭނެއެއްނު. ދެން މިތާ ހުރެގެން ބަލާނީ ކުދިން ބަހައްޓާ ގެއަކުން ޖާގަ ލިބޭތޯ." މާޔާ ކިޔައިދިނެވެ.
" ދެން ދާނެ ކަމެއް ނެތް ކުދިން ބަހައްޓާ ގެއަކަށް. އަހަރެން ހިތްހަމައެއް ނުޖެހޭ." އާއިޒް ބުންޏެވެ.
އާއިޒް މަޑުމަޑުން ދޫކޮއްލި ޖުމްލަތަކުން މާޔާއަށް ހިމޭންވެލެވުނެވެ. އޭނާއާމެދު އާއިޒް ކަންބޮޑުވާކަން އެނގުމުން އިތުރަށް އުފާވިއެވެ.
" މާޔާ ގެންނާނީ މި ގެއަށް." އާއިޒް ބުންޏެވެ.
" އޭނ؟ " އާއިޒާމެދު ޚިޔާލުކުރަން އޮއްވާ ކުއްލިއަކަށް އާއިޒް ބުނެލި ޖުމްލައިން މާޔާއަށް ލިބުނީ ކުއްލި ސިހުމެވެ.
" ތިބުނީ؟ " އަނެއްކާ ވެސް މާޔާ އެހިއެވެ.
" މި ބުނީ ދެން އަހަރެން މާޔާ ގެންނާނީ އަހަރެންގެ ރޫމަށޭ." އާއިޒްގެ އަޑުގައި ހުރި ރާގުން، އޭނާ އެ ކުރަނީ ސަމާސާއެއް ނޫންކަން މާޔާއަށް އެނގުނެވެ.
" ކައިވެނި ކުރަން ބޭނުމީ؟ " މާޔާ ސުވާލު ކުރިއެވެ.
" ހޫމް." އާއިޒް ހޫމް އަޅުވާލުމުން މާޔާ ބާރަށް ހޭންފެށިއެވެ.
" އަދި މިއަދު މި ރައްޓެހިވީ. މިހާރު ކައިވެނި ކުރަންވީ؟ އަހަރެން ދަސްކުރާކަށް ބޭނުމެއް ނޫންތަ؟" މާޔާ އެހިއެވެ.
" އަދި ދަސްކޮއްފަ ޓެސްޓް ހަދާފަ ފާސްވޭތޯ ބަލަންޖެހޭތަ؟" އާއިޒް އެހީ ފަރުވާކުޑަ ގޮތަކަށެވެ. ޝައުޤުވެރިކަމެއް ނެތް ފާޑަށެވެ. އެހެންވެ، މާޔާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ.
" ހަމަ އިންނަން ބޭނުމީ؟" އަނެއްކާ ވެސް މާޔާ އެހިއެވެ.
" އާނ! އޭރުން މާޔާއަށް ވެސް އުޅެވޭނެ ގޮތެއް ފެންނާނީ. ނުދަންނަ ގޭގޭގަ މާޔާ ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން." އާއިޒް ބުންޏެވެ.
އޭރު އުފަލުން މާޔާގެ ހިތް އަނެއްކާ ވެސް ފުރެން ފަށައިފިއެވެ. އާއިޒް ބުނާ އެއްޗެހިން ބައެއް ފަހަރު މާޔޫސްވާ ގޮތް ވިޔަސް، މާޔާދެކެ ލޯބިވާވަރު އާއިޒް ހާމަކުރާތީ މާޔާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.
" އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟" މާޔާ އެހިއެވެ.
" ލޯބި މިނެކިރާކަށް އަހަންނަކަށް ނޭނގެ." އާއިޒް ބުންޏެވެ.
" ދެން އިންނަން ކިހިނެއްތަ ހަދަންޖެހޭނީ؟" މަޖާ ރާގެއްގައި މާޔާ އެހިއެވެ.
" އަހަންނަކަށް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް. އަހަރެން ޖެހޭނީ މަންމައާ ވާހަކަ ދައްކަން." އާއިޒް އެހެން ބުނުމުން މާޔާއަށް ހެވުނެވެ.
" ނުކެރޭނޭ؟ މަންމަ ލައްވާތަ ވަލީ ހޯދަން ގުޅަނީ؟" މާޔާ އެހިއެވެ.
" މާޔާގެ ބައްޕަ ކައިރީ ބުނެފައި ބާއްވާ ކުރިން އަހަރެން ގުޅާނެ ވާހަކަ. އޭރުން ކެރިދާނެ." އާއިޒް ބުންޏެވެ.
" ހަމަ ރަނގަޅު ވާހަކައެއްތަ ތި ދައްކަނީ. ޔަޤީނޭ އަހަރެންގެ ގޮތް ބަލަންކަން ތި އުޅެނީ؟" މާޔާ ސަމާސާ ރާގާކަށް ބުނެލިއެވެ.
" އަހަންނަށް އިތުބާރު ކޮއްފަ އިނގޭ ބައްޕަގެ ނަންބަރު ދޭން ވާނީ." އާއިޒް ބުނެލިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!