އެއްވެސް މާލީ މަންފާއަކާއިނުލައި މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ފޫހިމަކެއްނެތި އެތައް ހަކަތައަކާއި އެތައް ވަގުތެއް ހޭދަ ކުރަމުން އަންނަ ދިވެހި ދަރިން އަދިވެސް މި މުޖުތަމަޢުގައި އުޅެމުންދާކަމީ އުފާކުރުން ހައްޤު ކަމެކެވެ. މިގޮތުން ހއ. އިހަވަންދޫއަށް އުފަން އެ ރަށު ހަނދުވަރީނާޒް، މުޙައްމަދު ސުޖާޢުއަކީ އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާއެކެވެ.
ސުޖާގެ އިޖުތިމާޢީ ހަޔާތް ފެށިފައިވަނީ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުން އައި ދުވަސްވަރުއެވެ. މިގޮތުން އިޖުތިމާޢީ ހަޔާތް ފެށުނުގޮތް ހިއްސާކުރަމުން އޭނާ ބުނެފައިވަނީ އެ ދުވަސްވަރު އިހަވަންދޫ ކުލަބް ޕޯލްސްޓާ ހިންގަވަން ތިއްބެވި ބޭފުޅުން، ކުލަބުގެ ބައެއް ކަންކަމުގައި ހަރަކާތްތެރިވާނެ ފުރުޞަތު ދެއްވި ކަމަށެވެ. ފުރުޞަތުތަކުގެ ބޭނުންހިފުމުގެ ނަތީޖާއެއްގެ ގޮތުން އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ލޯބި ޖެހިގެންދިޔަ ކަމަށެވެ.
އިހަވަންދޫ ކުލަބް ޕޯލްސްޓާ ރަޖިސްޓަރީ ކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ. މިހާރު ގުނެމުން މިދަނީ އެ ކުލަބުގެ އުމުރުން 23 ވަނަ އަހަރެވެ. ޕޯލްސްޓާ ފާހަގަ ކުރެވިފައިވަނީ ރަޖިސްޓަރީ ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހިސާބަށް ވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަ ކުލަބެއްގެ ގޮތުގައެވެ.
ތަޢުލީމީ ހަޔާތް ނިންމާލުމަށް ފަހު ސުޖާ ފުރަތަމަ އަދާކުރަން ފެށި ވަޒީފާއަކީ އިހަވަންދޫ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއެވެ. އެއީ 2008 ވަނަ އަހަރުއެވެ. އެ ދާއިރާއަށް ނުކުމެ މިއަދު އެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވައި އޭނާވަނީ އެތައްބައެއްގެ ލޯބި ހޯދައި އެކަމުގައި ވެސް އޭނާގެ ޤާބިލުކަން ދައްކުވައިދީފައެވެ.

ޕޯލްސްޓާގެ ހިންގާ ކޮމެޓީގައި ސުޖާ ފުރަތަމަ ފުރިހަމަ ކޮށްފައި ވަނީ ނައިބް ރައީސްކަމެވެ. އެއީ 2012 ވަނަ އަހަރުއެވެ. ސުޖާ ކުލަބުގެ ރައީސްކަމާއި ހަވާލުވެފައި ވަނީ 2015 ވަނަ އަހަރުއެވެ. މިހާރުވެސް ކުލަބްގެ ރައީސްގެ މަޤާމް އޭނާ ފުރަމުން އަންނައިރު، މިހާރު ގުނެމުން މި ދަނީ އޭނާގެ ތިންވަނަ ދައުރެވެ.
ސުޖާ ކުލަބް ޕޯލްސްޓާގެ ރައީސްކަމާއި ހަވާލުވީއިރު ކުލަބުގައި ހުރީ އޮފީސް އިމާރާތެއް އެކަންޏެވެ. އެ ދުވަސްވަރު ކުލަބުގައި ހުރި އެކިކަހަލަ ހަރު މުދާތައް ރައްކާކުރެވޭނޭ އިންތިޒާމެއް ނެތުމުގެ ސަބަބުން އެ ތަކެތި އޭރު ބަހައްޓާފައި ހުރީ ކުލަބު މެމްބަރުންގެ ގޭގޭގައެވެ. ސުޖާ ކުލަބާއި ހަވާލުވެ ކުލަބުގެ ބިމުގައި ގުދަންހަދައި ކުލަބުގެ ހުރިހާ ތަކެއްޗެއް ރައްކާކޮށް ބެލެހެއްޓޭނޭ އިންތިޒާމް ހަމަޖެއްސިއެވެ.

ކުލަބުގެ ހިންގުމާއި ހަވާލުވެ ސުޖާގެ އެންމެ ބޮޑު އުންމީދަކަށްވީ، ކުލަބަށް އާމްދަނީ ލިބޭނޭފަދަ ކަމެއް ފަށައިގަނެ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުލަބަކަށް ހެދުމެވެ. މިގޮތުން ސުޖާވަނީ އޭނާގެ ތިންވަނަ ދަޢުރު ފުރިހަމަ ވުމުގެ ކުރިން ކުލަބުގެ ބިމުގައި ހަ ކޮޓަރި ހިމެނޭ ގެސްޓް ހައުސްއެށް އަޅައި ތަރައްގީކުރުމުގެ މސައްކަތްފެށިފައެވެ.. އަދި މީގެ އިތުރުން ކުލަބްގެ އޮފީސް ވަނީ ކޮންފަރެންސް ރޫމަކާއިއެކު އިތުރަށް ތަރައްޤީ ކޮށްފައެވެ. މީގެއިތުރުން 60 ފޫޓް 35 ފޫޓްގެ ހޯލެއް ވެސް ވަނީ ތަރައްޤީކޮށް ހަރަކާތްތައް ހިންގުމަށް އެކަށޭނަ މާހައުލެއް ޤާއިމް ކުރުމުގެ މަސަކަތްފެށިފައެވެ. ސުޖާގެ ރައީސްކަމުގައި ކުލަބް ޕޯލްސްޓާއިން ވަނީ އުމްރާނީ ތަރައްޤީގެ އިތުރުން ގިނަ ދާއިރާތަކަކުން ފާހަގަ ކޮށްލެވޭފަދަ ގިނަގުނަމަސައްކަތްތަކެއް ކޮށްފައެވެ.

އިހަވަންދޫގައި 2019 ވަނަ އަހަރާ ހަމައަށް ކާމިޔާބު ކަމާއިއެކު ހިންގި މައިކަޕް ފުޓްބޯޅަ މުބާރާތުގައި، ޗެމްޕިއަން ޓީމަށް 750000.00 (ހަތްދިހަ ފަސްހާސް ރުފިޔާ) ކަނޑައަޅައި އެ މުބާރާތުގެ ހައިބަތު ބޮޑުކޮށް ސުޖާގެ ރައީސްކަމުގައި ވަނީ ހިންގާފައެވެ. މީގެ އިތުރުން ސުޖާގެ ރައީސްކަމުގައި ތިލަދުންމައްޗަށް ހުޅުވާލައިގެން ކުލަބް ޕޯލްސްޓާގެ ފަރާތުން ވަނީ އިހަވަން ކަޕްގެ ނަމުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ތަޢާރަފްކޮށްފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000.00 (ފަންސާސްހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 25000.00 ރުފިޔާ ވަނީ ދީފައެވެ. މި މުބާރާތަކީ މިހާރު ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މީގެ އިތުރުން އުތުރުގެ ދެ އަތޮޅުގެ ކަނބަލުންނަށް އަމާޒުކޮށްގެން ހިންގުނު ހަތަރު ވޮލީ މުބާރާތެއްގެ ޗެމްޕިއަންކަން ޕޯލްސްޓާއިން ވަނީ ހޯދާފައެވެ.
ކުލަބް ޕޯލްސްޓާ އުފެދުނީއްސުރެ މިއަދާއި ހިސާބަށް ވެސް ގިނަ ދާއިރާތަކަކުން އެ ރަށަށް ޚިދުމަތް ކުރަމުން އަންނައިރު، އެ ދާއިރާތަކުގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ތަޢުލީމާއި، އުމްރާނީ ތަރައްޤީއާއި، ކުޅިވަރުގެ ދާއިރާތަކުގެ އިތުރުން އުމްރާނީ ތަރައްޤީ ހިމެނެއެވެ.

ޕޯލްސްޓާގެ އުމުރުން ހޭދަވާ ކޮންމެ އަހަރަކީ ވެސް ތަފާތުގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ އަހަރެކެވެ. މިގޮތުން އެ ކުލަބުން އަންނަނީ ކެރިއަ ގައިޑެންސްއާއި، ރަށުތެރެ ސާފުކުރުމާއި، ކަސްރަތު ޕްރޮގްރާމާއި، ތަފާތު ދުވަސްތައް ފާހަގަ ކުރުމާއި، ރަމަޟާން މަހަށް އެ ރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ޢީދު ފާހަގަ ކުރުމާއި، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމާއި، އާއިލީ ހަވީރު ބޭއްވުމާއި، ކޯސްތައް ހިންގުމުގެ އިތުރުން ރަށުފެންވަރުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ އެ ކުލަބުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ސުޖާާޢުއަށް ލިބޭ ހިއްހަމަ ޖެހުމެއް ކަމުގައި ދެކެނީ ކުލަބުން މެދުކެޑުމެއްނެތިކޮންމެ ރަމަޟާން މަހަކާއި ގުޅުވައިގެން އެ ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޤުރުއާން މުބާރާތް އެންމެ ދުވަސްވީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވުމާ އަދި ދެޖިންސުގެ ޒުވާންނުންނައް ހުޅުވާލައިގެން ގެން ހއ އަތޮޅުގައި ގެންދެވޭ އެންމެ އަގުބޮޑު ފްޓްބޯލު އަދި ވޮލީ ބޯޅަ މުބާރާތްކާާމިޔާބް ކަމާއެކު ގެންދެވުމެވެ.

ސުޖާ ފާހަގަކުރާ ގޮތުގައި ކުލަބް ޕޯލްސްޓާގެ ކާމިޔާބީގެ އަސްލަކީ ހިންގާ ކޮމެޓީން ކަންކަން ރަނގަޅަށް މެނޭޖްކުރެވުމުގެ އިތުރުން ކުލަބްގެ އާންމު މެމްބަރުންގެ މިންނެތް ބުރަމަސައްކަތެވެ. ކުލަބުގެ މެމްބަރުންގެ އަގުހުރި އެތައްވަގުތެއް ކުލަބާއި ރަށަށް ކުރިއެރުން ހޯދައިދިނުމުގައި ހޭދަކުރާ ހޭދަކުރުން ފާހަގަކޮށް އެ ފަރާތްތަކަށް ސުޖާ ވަނީ ޝުކުރު އަދާކޮށްފައެވެ. އެ ކުލަބުގެ ރަޖިސްޓަރީގައި 655 އަށްވުރެ ގިނަ މެމްބަރުން ތިބެއެވެ.

ސުޖާ ކާމިޔާބާ ހިސާބަށް ވާސިލްވުމުގައި ފާހަގަކުރެވޭ އަނެއްތަފާތު ސިފައަކީ ތަޖުރިބާހުރި ފަރާތްތަކާއި މަޝްވަރާކުރުމަށް ލޯބިކުރުމެވެ. ސުޖާ ބުނެފައިވާގޮތުގައި ކުލަބުގެ ކަންކަން ނިންމުމުގައި ކުލަބް ކުރިން ހިންގެވި ބޭބޭފުޅުންގެ ލަފައާއި މަޝްވަރާ އަބަދުވެސް ހޯދެވުމަށް އޭނާ ލޯބިކުރެއެވެ. ކުލަބް ކުރިން ހިންގަވަން އުޅުއްވި ބޭފުޅުންނާއި މަޝްވަރާކުރުމަކީ އޭނާއަށް ލިބޭ އުފަލެއް ގޮތުގައި އޭނާ ދެކެއެވެ. އެ ބޭފުޅުން ބާއްވާ ގާތްކަމާއި ދެއްވާ އެއްބާރުލުން ސުޖާ ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި އެކުގައެވެ.

ސުޖާއު އާއި ޕޯލްސްޓާގެ ފާހަގަކޮށްލެވޭ އެހެންވާހަކައެއް ވެސް އެބައޮތެވެ. ސުޖާއުގެ ބައިވެރިވުމާއެކު ކްލަބް ޕޯސްޓާ އަންނަނީ އިހަވަންދޫގެ ސަގާފަތް ދިރުވައި އާލާކުރުމަށް ކްލަބް އުފެދުނިއްސުރެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ބޮޑު އީދު ފަދަ ދުވަސްތަކުގައި ސަގާފީ ކުޅިވަރުތައް ރާވައި ހިންގައި، ދެމެހެއްޓެނިވިގޮތެއްގައި އެމަސައްކަތް ކުރުމުގައި ސުޖާއު އާއި އެ ކްލަބުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކުލަބުގެ ކަންކަމުގައި އިހަވަންދޫގެ މަސްވެރިންނާއި، ވިޔަފާރިވެރިންގެ އެއްބާރުލުމުގެ އިތުރުން މުޅި ރަށުގެ ކުދިބޮޑު އެންމެންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ސުޖާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން، އާއިލާއަށް ވަގުތުދެމުން، މާލީ އެއްވެސް މަންފާއެއްނެތި އިޖުތިމާޢީ ކަންކަމަށް ވަގުތުދީ ކަންކަން ހާސިލްކުރުމުގައި ސުޖާ ދައްކާ ނަމޫނާއަކީ އިޖުތިމާޢީ ކަންކަމަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ.