ބަނބުކެޔޮ ރިހައަކީ އާންމު ކެއުމުގެ ބާވަތެއް ނަމަވެސް، ވަރުދާ ކިޔައިދޭ ގޮތަށް ތައްޔާރު ކޮށްލުމުން ރަހައަށް އިތުރު މީރުކަމެއް އަންނާނެ ކަމާމެދު މިހާރު ވަރުދާ ކިޔައިދޭގޮތަށް ކާނާ ތައްޔާރުކުރާ އެއްވެސް ބޭފުޅަކު ދެބަހެއް ނުވާނެއެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
މިފަހަރު ވަރުދާ މިކިޔައި ދެނީ ފިނޭ މީހުންގެ ޚާއްޞަ ބަނބުކެޔޮ ރިހަ، ފިނޭގެ ރަހަތަކާއި އެކުގައި ކައްކާނެ ގޮތެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 1 ބަނބުކެޔޮ
- 1 ގަނޑު ވަޅޯމަސް
- 1 ގިތެޔޮ މިރުސް
- 1 ފިޔާ
- 6 ލޮނުމެދު ( ބޮޑު )
- 4 ބުރި ރާނބާފަތް
- 2 މޭޒުމަތީސަމުސާ އަސޭމިރުސް ( ނުމުގުރާ)
- 1 މޭޒުމަތީސަމުސާ ދިރި ( ނުމުގުރާ )
- 1 ކާށީގެ ކިރު ( ފެންކިރާއި ބޯކިރު ވަކިން )
- ހިކަނދިފަތް، ރީނދޫ، ލޮނު، ފެން

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ބަނބުކޭލުގެ ތޮށި މަށާ ލުމަށްފަހު، ބަނބުކެޔޮ ފޮތީގެ ދިގުމިނަށް އިންޗިއެއް ހުންނަހާ ދުރުމިން ބަލައިގެން، ދިގަށް ބަނބުކެޔޮ ފޮތިތައް ކަފާލުމަށްފަހު، ހަމަ އެބޮޑުމިނަށް ކޮށާލާށެވެ. ކޮށި ބަނބުކެޔޮކޮޅު ދޮވެލުމަށްފަހު ތެއްޔަށް އަޅާ، އޭގެތެރެއަށް ފިޔާ، ވަޅޯމަސް، ގިތެޔޮމިރުސް، ރާނބާފަތް، 3 ލޮނުމެދު، ހިކަނދިފަތް އަދި ލޮނުކޮޅެއް އަޅާށެވެ.
އާއްމުކޮށް ރިހައަށް އަޅާ ވަރަށްވުރެ ތަންކޮޅެއް ގިނައިން ހިކަނދިފަތް އެޅީމަ ރަހަ ވަރަށް މީރުވާނެއެވެ. ދެން ބަނބުކެޔޮ ތަކުގެ މަތިން އަރާ ވަރަށް ފެން ފޮދެއް އެޅުމަށްފަހު މަތިޖަހައިގެން ދޭފަތަކުން ހަލަމުން، ބަނބުކެޔޮތައް މަޑުވަންދެން ކައްކާލާށެވެ. މަޑުވުމުން، ބާކީ ހުރި ލޮނުމެދާއި، އަސޭމިރުހާއި، ދިރިކޮޅު ރާޅުކޮށް ފުނޑާލުމަށްފަހު ބަނބުކެޔޮތަކުގެ ތެރެއަށް އަޅާލާށެވެ. އަދި ކުލަހިފާ ވަރަށް ރީނދޫކޮޅަކާއި ފެންކިރު އަޅާ ރަނގަޅަށް އޮލަ ވަންދެން ކައްކާލާށެވެ.
އެންމެ ފަހުން ބޯކިރު އަޅާ، ލޮނު ހެޔޮވަރުކޮށްލުމުން ބަނބުކެޔޮ ރިހަ ކައްކާ ނިމުނީއެވެ.

ވަރުދާގެ މިހަފްތާގެ ރެސިޕީވެސް އެހެން ހަފުތާ ތަކަކަށް ދުލެއް ނުކުރާނެއެވެ. ކޮންމެހެން ވެސް އަޖުމަ ބަލައިލަން ވާނެއެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، "މަސް ބޮނޑި"، "މުރަނގަފަތު ސުންޑަލި"، "ރަސްމީ ރިހަ"، "ބަނބުކެޔޮ ބޮނޑިބަތް" އަދި "ކަނދި" ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!