ހދ. ވައިކަރަދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ސްޓެލްކޯއިން އެ ރަށަށް 400 ކޭވީއޭ (KVA) ގެ އައު ޖެނެރޭޓަރެއް ފޮނުވައިފިއެވެ.

ކުރިއަށް އޮތް ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސްޓެލްކޯއިން މި ޖެނެރޭޓަރު ފޮނުވާފައިވާތީ، ވައިކަރަދޫ ކައުންސިލުން ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

މިހާރުއެ ރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަނީ 200، 250 އަދި 400 ކިލޯވޮޓްގެ ޖެނެރޭޓަރުތަކެވެ.

ރަށަށް އައު ޖެނެރޭޓަރެއް ގެނައި ނަމަވެސް، ރަށުގެ ކަރަންޓުގެ ޙާލަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މި ނޫހަށް ޙިއްސާކުރައްވަމުން ވައިކަރަދޫގެ ކައުންސިލް ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވީ، ރަށުގައި އަލަށް ޢިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހަވާލުކުރި ފަރާތަށް 6 މަސް ދުވަސް ވީއިރު ވެސް ނުނިމި، އޭގެ ފަހުން ކޮންޓްރެކްޓް އާ ނުކުރުމުގެ ސަބަބުން 2023 ވަނަ އަހަރު މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް އަލުން ނުފެށޭކަމަށެވެ.

މީގެ އިތުރުން، ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ ޙައްލުކުރުމަށްޓަކައި ނެޓްވޯކް ބަދަލުކުރުމަށް 2022 ވަނަ އަހަރު ގިނަ ޢަދަދެއްގެ ކޭބަލް ރަށަށް ގެނެސްފައި ހުރި ނަމަވެސް، ވޭތުވެދިޔަ 3 އަހަރު ތެރޭގައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވައިކަރަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ހުއްޓިފައިވާ އައު އިންޖީނުގޭގެ ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރަށަށް ގެނެސްފައިވާ ކޭބަލްތައް އަޅައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އަވަސް ޙައްލެއް ލިބިގެންދިޔުމަކީ ކައުންސިލާއި ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.