ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ހދ. ނައިވާދޫއަށް ނިސްބަތްވާ ސަމީރު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުން ސަމީރުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވި އެވެ.

އެހެންވެ, ސަމީރު އެ މަގާމަށް އައްޔަންކުރަން ރުހުން ދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވި އެވެ.