އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި އޭނާގެ ކެރިއަރުގެ 987 ވަނަ ލަނޑާއެކު އަލް ނަސްރުން 2-1 ގެ ހަނި ތަފާތަކުން އަލް ސައްދު ބަލިކޮށްފިއެވެ.
މި މޮޅާއެކު އަލް ނަސްރު ވަނީ ތާވަލުގައި ނުވަ ޕޮއިންޓް ހަމަކޮށް ފަސްވަނަ މަގާމަށް ޖެހިލާފައެވެ.
މި މެޗުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދައިދީފައި ވަނިކޮށް، އަލް ސައްދުގެ މުހައްމަދު ވަޢުދު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، އޭގެ ފަހުން ވަޢުދަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، އެއް ކުޅުންތެރިއަކު އިތުރުވުމުގެ ފައިދާ އަލް ނަސްރުން ނެގިއެވެ. އެގޮތުން ޔާއޯ ފެލިކްސް ވަނީ އެ ޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައެވެ.
ސައުދީ ޕްރޯ ލީގުގައި ވާދަވެރި އަލް އަހްލީ އަތުން ބަލިވި މެޗަށްފަހު އަލް ނަސްރުން މި މޮޅު ހޯދި ނަމަވެސް، މުޅި މެޗުގައި ވެސް އެ ޓީމުގެ ކޯޗު އޭންޖް ޕޮސްޓެކޮގްލޫ ފެނުނީ މާޔޫސްވެފައި ހުރި ގޮތަކަށެވެ. އެހާ މޫޑު ގޯސްވެފައި ހުރީ ކީއްވެގެންތޯ ސުވާލުކުރުމުން އޮސްޓްރޭލިއާއަށް ނިސްބަތްވާ ކޯޗު ބުނީ އޭނާ ހުރީ އުފަލުން ކަމަށެވެ. އަދި ހިނިތުންނުވެވުނީ ކުޑަކޮށް ވަރުބަލިވެފައި ހުރުމުންނާއި ވިސްނަންޖެހޭ ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް އޭނާ ބުންޏެވެ.
ޕޮސްޓެކޮގްލޫ ބުނީ މި މެޗުން މޮޅުވުމަކީ މުހިންމު ކަމެއް ކަމަށާއި، މި މުބާރާތުގައި މިހާތަނަށް ތިން މޮޅު ހޯދިފައިވާއިރު މެޗު ފެށީ ރަނގަޅަށް ކަމަށާއި ފުރުސަތުތައް ވެސް ތަނަވަސްކުރި ކަމަށެވެ. އަދި ޓީމު މިއަށްވުރެ އަހުލާގީ ގޮތުން ހަރުދަނާވެ، މެޗު ރަނގަޅަށް ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗަކުން މޮޅުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން އަލް އަހްލީ އަތުން ބަލިވުމުން މާޔޫސްވި ނަމަވެސް، ބަލިވުމަށްފަހު ޖެހިގެން އަންނަ މެޗުން މޮޅުވުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ވެސް އޭނާ ބުންޏެވެ.
މި މުބާރާތުގެ އެހެން މެޗެއްގައި ސައުދީގެ އަލް ގާދިސިއްޔާއިން ވަނީ ދުބާއީގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޝަބާބް އަލް އަހްލީ ބަލިކޮށްފައެވެ. އަލް ގާދިސިއްޔާއިން މެޗު ވަރުގަދަކޮށް ފަށައި، ތިންވަނަ މިނެޓުގައި ޖޫލިއަން ކީނިއޯނެސް ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ލީޑު ނެގިއެވެ. މެކްސިކޯގެ ފޯވާޑް ވަނީ 13 ވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ތަނަވަސްކޮށްދިން ފުރުސަތަކުން ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ދެވަނަ ލަނޑު ޖަހައިފައެވެ. އަދި 61 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ރެއިންޑާސް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ޝަބާބް އަލް އަހްލީގެ މަޓެއުސް ލީމާ 71 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ރެއިންޑާސް ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑު ދަމަހައްޓައިފައެވެ. އަދި 86 ވަނަ މިނެޓުގައި އަބްދުﷲ އަލް ސާލިމް ވަނީ ފަސްވަނަ ލަނޑު ޖަހައި މެޗު ނިންމާލައިފައެވެ. މި މެޗަށްފަހު އަލް ގާދިސިއްޔާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ވަރުގަދަ ޓީމަކާ ދެކޮޅަށް އޭނާގެ ޓީމުން މޮޅު ކުޅުމެއް ދެއްކި ކަމަށާއި، ބައިނަލްއަގުވާމީ މެދުކެނޑުމުގެ ތެރޭގައި އެ ޓީމުން ޝަބާބް އަލް އަހްލީ ވަރަށް ރަނގަޅަށް ދިރާސާކުރި ކަމަށެވެ. އަދި އެ ޓީމުގެ އާންމު ފެންވަރުގައި، ހަލުވި ދުވެއްޔާއި މޮޅު ޓެކްނިކަލް ފެންވަރާއެކު ކުޅޭއިރު، އެއީ ކޮންމެ ވާދަވެރިއަކަށް ވެސް ބަލިކުރަން އުނދަގޫ ޓީމަކަށް ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!