ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ އަމަލުތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ގޮވާލައިފިއެވެ.

އެ ވުޒާރާއިން މިކަމަށް ގޮވާލާފައިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

Ad
rt

އެ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެގޮތުން އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަތުމަށްޓަކައި، އަނިޔާ ލިބެމުން އަންނަ ކުދިންގެ ކިބައިން ފެނިދާނެ ނިޝާންތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ކުދިންނަށް ކުރާ އަނިޔާގެ އަމަލުތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ކޮންމެ ދިވެހި ފަރުދަކަށްވެސް ލާޒިމުކުރާ ކަމެއްކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، އެފަދަ ކަންކަން ރިޕޯޓުކުރުމަކީ އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި އެ އުނދަގޫ ހާލަތުން އަރައިގަނެ، އެކުދިންނަކީ ވިލުންތެރި ބަޔަކަށް ހެދުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތުގައި މުޖުތަމައުގެ ދައުރެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި ތަނަކަށް މި ލޮބުވެތި ވަތަން ހެދޭނީ ތިމާގެ ފަރާތުން ކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ވިޔަނުދިނުމުގެ އިތުރުން، އެހެން މީހެއްގެ ފަރާތުން އެކުދިންނަށް ކުރިމަތިވެދާނެ އެފަދަ ކޮންމެ ކަމެއް ހުއްޓުވަން މަސައްކަތްކޮށްގެން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އެހެންކަމުން، ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާއިން އެކުދިން ރައްކާތެރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އެމީހެއްގެ ބައިވެރިވުން އިތުރުކުރުމަކީ ތިމާގެ އަޒުމެއް ކަމުގައި ހެދުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި އުޅެބޮޑުވުމުގެ ހައްގު ލިބިގެންވާ ކުއްޖެއްކަންވެސް އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.