އޮކްޓޫބަރު 7، 2023 ގައި ފެށި ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ 19،600 ސިފައިންނާއި ސަލާމަތީ ބާރުތަކުގެ މީހުން ނަފްސާނީ ގޮތުން ލިބުނު ބޮޑެތި ގެއްލުންތަކަށް ފަރުވާ ހޯދަމުންދާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓާއި ހަވާލާދީ ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން 24 ނޮވެމްބަރު 2026 ގައި އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެވުނު 31،500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 62 އިންސައްތަ މީހުންނަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކެވެ. މީގެ ތެރޭގައި ޕޯސްޓް-ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) އާއި، ކަންބޮޑުވުން ނުވަތަ އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ހާލަތްތައް ހިމެނެއެވެ.

މި ހިސާބުތަކުގެ ތަފްސީލަށް ބަލާއިރު، ނަފްސާނީ ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 10،100 މީހުންނަށް ލިބިފައިވަނީ ހަމައެކަނި ނަފްސާނީ ގެއްލުމެވެ. އަދި ބާކީ 9،400 މީހުންނަކީ ޖިސްމާނީ ޒަޚަމްތަކާއެކު ނަފްސާނީ ގޮތުން ވެސް އަނިޔާ ލިބިފައިވާ މީހުންނެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޒަޚަމްވި މީހުންގެ ތެރެއިން 58 އިންސައްތައަކީ ރިޒާވް ސިފައިން ކަމަށްވާއިރު، 8 އިންސައްތައަކީ އަންހެނުންނެވެ. މީގެ އިތުރުން ޖިސްމާނީ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބޮލަށް ސީރިއަސް އަނިޔާތައް ލިބުނު 249 މީހުންނާއި، ގުނަވަންތައް ބުރިކުރަން ޖެހުނު 106 މީހުންގެ އިތުރުން ފެނުމުން މަހްރޫމްވި 10 މީހަކު ހިމެނެއެވެ.

އިސްރާއީލުން މިހާތަނަށް ކޮށްފައިވާ އެކި ހަނގުރާމަތަކާ ގުޅިގެން ރިހެބިލިޓޭޝަން ޑިޕާޓްމަންޓުން މިހާރު ވެސް ގެންދަނީ ޒަޚަމްވެފައިވާ ޖުމްލަ 92،300 މީހުންނަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ އޮކްޓޫބަރު 2023 ގެ ފަހުން އިތުރުވި މީހުންނެވެ. އަދި ޖުމްލަ އަދަދުގެ 47 އިންސައްތަ (43،800 މީހުން) އަންނަނީ ނަފްސާނީ ގެއްލުންތަކަށް ފަރުވާ ހޯދަމުންނެވެ.

ފަރުވާ ހޯދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، މެޑިކަލް ކޮމިޓީތަކުގެ ވަގުތު ހޯދުމަށް ދިގު މުއްދަތެއް ހޭދަވާތީ، އެ ވުޒާރާއިން ވަނީ ރިހެބިލިޓޭޝަން ބަޖެޓު 5.2 ބިލިއަން ޝެކޭލް (1.8 ބިލިއަން ޑޮލަރު) އިން 10 ބިލިއަން ޝެކޭލް (3.4 ބިލިއަން ޑޮލަރު) އަށް އިތުރުކޮށްފައެވެ. އަދި މީގެ އިތުރުން، އެ ޑިޕާޓްމަންޓް ޚާއްސަ ގައުމީ ރިހެބިލިޓޭޝަން އޮތޯރިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ޝަހާރް ބެކް ވަނީ ނޮވެމްބަރު 2026 ގެ މެދުތެރޭގައި އެ މަގާމަށް އައްޔަންކޮށްފައެވެ.