ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެގައި ފަތިލުމަކަށްފަހު ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މި މޮޅާއެކު އެ ޓީމުވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެކުން މޮޅުވެ، ސަތޭކަ އިންސައްތައިގެ ރެކޯޑެއް ދަމަހައްޓާފައެވެ.

މި މެޗުގައި ރެއާލް މެޑްރިޑަށް ފަހު ހާފުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ކިލަން އެމްބާޕޭ ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން ޖޫޑް ބެލިންހަމް އާއި ފެޑެރޯ ވަލްޑޭ އަދި ވިނިސިއަސް ޖޫނިއަރ ވެސް ވަނީ ލަނޑުތައް ކާމިޔާބުކޮށްދީފައެވެ.

މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑް ވަނީ ޔޫރަޕްގެ މުބާރާތުގައި ކުޅުނު ފަ މެން މޮޅުވެ، ލީގު ބުރުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. އަދި މިއީ ހުރިހާ މުބާރާތެއް ހިމަނައިގެން އެ ޓީމު ޖެހިޖެހިގެން ހޯދި 10 ވަނަ ކާމިޔާބީއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ޗެމްޕިއަން ޕީއެސްވީން ވަނީ ވަރަށް ރަނގަޅު ފައިޓެއް ކޮށްފައެވެ. ޕީއެސްވީއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުން އިވާން ޕެރިސިޗެވެ. އެއީ އޮރެލިއަން ސުއަމެނީ، ސްވެން މަންސްގެ ފައިމައްޗަށް އެރުމާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ހޮސޭ މޮރީނިއޯ މެޗުގެ ފުރަތަމަ ހާފުގައި ޖޫޑް ބެލިންހަމް ބެންޗުގައި ބެއިންދީފައިވަނީ އޭނާއަށް ކުޑަ އަނިޔާއެއްގެ މައްސަލައެއް ދިމާވެގެން ކަމަށް މޮރީނިއޯ ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ޕީއެސްވީ ޕެނަލްޓީއަކުން ކުރީގައި އޮއްވައި، ދެވަނަ ހާފަށް ނުކުތްއިރު މޮރީނިއޯ ވަނީ ތަފާތު ތިން ބަދަލެއް ގެނެސް ބެލިންހަމް ކުޅެން އަރުވާފައެވެ.

ބެލިންހަމް ކުޅެން އެރުމާއެކު ރެއާލް މެޑްރިޑްގެ ކުޅުން މުޅިން ބަދަލުވެގެންދިޔެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ވަލްޑޭ ވަނީ ރީތި ޓީމު މޫވްއަކަށްފަހު ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީ އާދާ ގުލޭރެވެ.

މި މެޗުގައި ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑަކީ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނިގެންދިޔަ މޮޅު ލަނޑެކެވެ. އޭރިއާ ބޭރުން ލިބުނު ލޫޒް ބޯޅައެއް ކޮންލްކޮށްލުމަށްފަހު އޭނާ ފޮނުވާލި ހައިރާންކަމުން ފުރިގެންދިޔަ ވޮލީ އަމާޒުވީ ގޯލުގެ އަނެއް ކަނަށެވެ.

މީގެއިތުރުން އެމްބާޕޭ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. އޭގެތެއިން ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ގުލޭރު ފަހިކޮށްދިން ފުރުސަތަކުންނެވެ. އަދި ދެވަނަ ލަނޑު ޖެހީ ގޯލްކީޕަރު ކަވަރ ކަނޑުވައިދިއުމަށްފަހުއެވެ. މެޗުގެ އެންމެ ފަހު ލަނޑު ވިނީސިއަސް ކާމިޔާބުކޮށްދިނީ ބެލިންހަމް ދިން ޕާހަކުންނެވެ.

ވިނިސިއަސް މި ލަނޑު ޖެހުމާއެކު ކޯޗު ހޮސޭ މޮރީނިއޯ އުފާފާޅުކުރުމުގެ ގޮތުން ފުންމައިގެން ތެދުވިއެވެ. ބްރެޒިލްގެ ފޯވަޑް ވިނިޝިއުސްގެ ފަރާތުން މި މެޗުގައި ފެނުނު ކުޅުމަކީ އޭނާގެ ފޯމަށް އަނބުރާ އައުމަށް ލިބުނު ރަނގަޅު ފެށުމެއް ކަމަށް މޮރީނިއޯ އުންމީދުކުރެއެވެ.