ޣައްޒާ ސިޓީގެ ހުޅަނގަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، ޣައްޒާގެ އިންޓާނަލް ސެކިއުރިޓީ ސާވިސްގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ނައީމް މުޙައްމަދު އަބޫ ނަޙްލް ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާއިން އަންގާރަ ދުވަހު ބުނެފިއެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 50 އަހަރުގެ އަބޫ ނަޙްލް ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު ސަރަޙައްދުގައި އިސްރާއީލުގެ އިސްތިއުމާރީ އަސްކަރީ މަތިންދާބޯޓުތަކުން އަމާޒުކޮށްގެން ހިންގި އަވަހާރަކޮށްލުމުގެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސިއްޙީ މަސްދަރަކުން އަނަދޯލޫ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ ޙައިދަރު މައިދާން ކައިރިއަށް އެއްވެ ތިބި އާންމުންނަށް އަމާޒުކޮށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ފަލަސްޠީނުގެ އެކަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް އެ މަސްދަރުން ހާމަކުރިއެވެ.

މި ހަމަލާއާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ދަޢުވާކޮށްފައިވާ ގޮތުގައި، އެ ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގައި ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތުގެ އިސް ޝަޚްޞިއްޔަތަކަށެވެ.

އިސްރާއީލުގެ ދަޢުލަތުގެ ބްރޯޑްކާސްޓަރު "ކާން" އިން ފަހުން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލު އަސްކަރިއްޔާއިން އަމާޒުކުރި މީހަކީ އަބޫ ނަޙްލްއެވެ.

އިސްރާއީލުގެ މަސްދަރުތަކާ ޙަވާލާދީ "ކާން" އިން އިތުރަށް ބުނެފައިވަނީ، އަބޫ ނަޙްލް އެ މަގާމާ ޙަވާލުވެވަޑައިގަތީ މުޢީން އަލްއަރްބީދުގެ ބަދަލުގައެވެ. އަލްއަރްބީދަކީ މިދިޔަ ސެޕްޓެމްބަރު މަހު އިސްރާއީލު ސިފައިންނާއި ޝިން ބެތު ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް، މިހާރުވެސް އިސްރާއީލުގެ ބަންދުގައި ހުރި ފަރާތެކެވެ.