އިނގިރޭސިވިލާތުގެ ކެޕިޓަލް މާކެޓުގައި ހިއްސާ ވިއްކަން ނުކުންނަ ކުންފުނިތަކުގެ އަދަދު މަދުވެ، ލަންޑަން ސްޓޮކް އެކްސްޗޭންޖު (އެލްއެސްއީ) އަށް އާންމުކޮށް ހިއްސާ ވިއްކައިގެން (އައިޕީއޯ) ލިބުނު ފައިސާގެ ނިސްބަތް ދުނިޔޭގެ ރޭންކިންގގެ 14 ވަނަ އަށް ވެއްޓިއްޖެއެވެ.

މި އަހަރުގެ މިހާތަނަށް ލަންޑަން އެކްސްޗޭންޖުން އައިޕީއޯތަކަށް ހޯދުނީ އެންމެ 1.68 ބިލިއަން ޑޮލަރެވެ. މިއާއެކު އެ ގައުމު ވަނީ ތަރައްގީވަމުން އަންނަ މާކެޓުތައް ކަމަށްވާ މެލޭޝިޔާ، ތުރުކީ އަދި ނޯވޭއަށް ވުރެ ވެސް ފަހަތަށް ވެއްޓިފައެވެ.

ދުނިޔޭގެ މާކެޓުތަކުން އައިޕީއޯ މެދުވެރިކޮށް ހޯދި ފައިސާގެ ޖުމްލަ 290 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ލަންޑަނުގައި ކުރިއަށް ގެންދެވުނީ އެންމެ ހަތް އައިޕީއޯއެވެ. އަދި ތިންވަނަ ކުއާޓަރުގައި ލިސްޓު ކުރެވުނީ އެންމެ ކުންފުންޏެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގައި އުފެދޭ ކުންފުނިތަކުން އަމިއްލަ ގައުމުގައި ލިސްޓުކުރާ ނިސްބަތް 2019 ވަނަ އަހަރު ހުރި 71 އިންސައްތައިން މިހާރު ވަނީ 46 އިންސައްތައަށް ދަށްވެފައެވެ.

އާ ލިސްޓިންގތައް މަދުވުމުގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކުން ވެސް ދަނީ ހިއްސާގެ އަގު މަތިކޮށް ލިބޭނެ މާކެޓުތައް ހޯދުމަށް ނިއުޔޯކަށް ބަދަލުވަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ކޭޓަރިން ކުންފުނި އަދި އެފްޓީއެސްއީ 100 ގެ ކުރީ ސަފުގައި ހިމެނޭ ކޮމްޕަސް ގްރޫޕުން ވެސް ވަނީ އެ ކުންފުނީގެ ޕްރައިމަރީ ލިސްޓިންގ އެމެރިކާއަށް ބަދަލުކުރަން ނިންމާފައިވާކަން ނޮވެމްބަރު މަހު އިއުލާނުކޮށްފައެވެ. މީގެ ކުރިން ފްލަޓަރ އެންޓަޓެއިންމަންޓް، އަޝްޓެޑް އަދި ވައިޒް ފަދަ ކުންފުނިތަކުން ވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ. އަދި މި އަހަރުގެ ތެރޭގައި އެލްއެސްއީގައި ލިސްޓުކޮށްފައިވާ 133 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުނިތައް ބޭރުގެ ފަރާތްތަކުން ގަނެފައިވުމަކީ 2018 ވަނަ އަހަރަށް ފަހު އެންމެ ބޮޑު އަދަދެވެ.

އެމެރިކާގެ މާކެޓުތަކާ އަޅާބަލާއިރު އިނގިރޭސި ކުންފުނިތަކުގެ ހިއްސާގެ އަގު ދަށްވުމާއި، އިނގިރޭސި ޕެންޝަން ފަންޑުތަކުން އަމިއްލަ ގައުމުގެ ހިއްސާގެ ބާޒާރަށް ކުރާ އިންވެސްޓްމަންޓްތައް ބޮޑުތަނުން މަދުކުރުމަކީ މާކެޓުގެ ދިރުން ކުޑަވާން ދިމާވި މައިގަނޑު ސަބަބުތަކެވެ. އަދި ހިއްސާގެ މުއާމަލާތްތަކުން ނަގާ ސްޓޭމްޕް ޑިއުޓީ އާއި ލިސްޓުކުރުމަށް ހިނގާ ބޮޑު ހޭދައަކީ ވެސް އެހެން އެކްސްޗޭންޖުތަކާ އަޅާބަލާއިރު އިނގިރޭސިވިލާތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި އިނގިރޭސި ރެގިއުލޭޓަރުން ދަނީ ގަވާއިދުތަކަށް ބަދަލު ގެނެސް، އާ އައިޕީއޯތަކަށް ތިން އަހަރުގެ ސްޓޭމްޕް ޑިއުޓީ ލުޔެއް ދިނުމުގެ އިތުރުން ޝެއަރ ކްލާސް ގަވާއިދުތައް ލުއިކުރަމުންނެވެ. ނަމަވެސް، މާކެޓު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ލަންޑަނުގެ މާކެޓަށް އަލުން ދިރުން ގެނެވޭނީ ނިއުޔޯކާ ދެމެދު އޮތް ހިއްސާގެ އަގުތަކުގެ ފަރަގު ކުޑަކުރެވިގެންނެވެ.