އަނިޔާ ލިބޭ އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދީ، އަނިޔާކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، އަދަބު ލިބުމެއް ނެތި ކުށްވެރިން ސަލާމަތްވުމުގެ ފުރުސަތު ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިން ރައްކާތެރިކުރުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތާއި އިންސާފު ކަށަވަރުކޮށްދިނުމަށް ދިވެހިރާއްޖެއިން އޮތް ސާބިތު އަޒުމް މި ދުވަހާ ގުޅިގެން އައުކުރާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން މި ކަންކަން ހާސިލުކުރުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަނިޔާގެ މައްސަލަތައް އިހުސާންތެރިކަމާއެކު އަދި ޒިންމާދާރުކަމާއެކު ރިޕޯޓްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބާ ވަގުތީ ހިޔާތައް އިތުރަށް ފުޅާކުރަމުންދާ ކަމަށެވެ. މީގެއިތުރުން އަނިޔާ ލިބޭ ކޮންމެ މީހަކަށް ވެސް އަބުރުވެރިކަމާއި އިންސާފާއި އަވަސް ފިޔަވަޅުތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި، ކުރީ ސަފުގައި ޚިދުމަތްދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އަދި ޝަރުޢީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަނިޔާ ހުއްޓުވުމަކީ އެންމެ މުހިންމު އެއް އަމާޒުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ކުރިއެރުމަށް ހުރި އޮނިގަނޑީ ހުރަސްތައް ނައްތާލައި، އެމީހުންގެ ހައްގުތަކާއި ފުރިހަމަ ގާބިލުކަން ބޭނުންކުރުމަށް އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއަކުން ސަލާމަތްވެގެންވާ ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި، ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެން އެކަތިގަނޑަކަށް ވެ މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދުވަހާ ގުޅިގެން ޖެންޑަރ ބޭސްޑް ވަޔަލެންސާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ހަރަކާތްތައް ފެށޭއިރު، އެ ހަރަކާތްތައް ނިމޭނީ ޑިސެމްބަރު 10 ގައި ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހަށެވެ. ޔުނެސްކޯގެ
ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 840 މިލިއަން އަންހެނުން ވަނީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހިފައެވެ. އަދި 2024 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 137 އަންހެނުން ދުނިޔޭގައި މަރުވަނީ އެމީހުންގެ ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރެއްގެ އަތުންނެވެ.
މި އަހަރުގެ މި ދުވަހަށް އދ. ގެ 'ޔުނައިޓް' ކެމްޕޭނުން ކަނޑައަޅާފައިވާ ޝިއާރަކީ "އިންސާފު ކަށަވަރުކުރުން، އަނިޔާ ލިބޭ ފަރާތްތައް ރައްކާތެރިކުރުން، އަދަބު ލިބުމެއް ނެތި ދޫވެގެންދާ ދިއުން ނައްތާލުން" މި ޝިއާރެވެ. ގޭތެރެއާއި ވަޒީފާގެ މާހައުލާއި އާންމު ތަންތަނާއި އަދި އޮންލައިން މަންސަތަކުގައި ވެސް އަނިޔާއާ ދެކޮޅަށް އަޑުއުފުލައި، އަނިޔާ ލިބޭ ފަރާތްތަކުގެ ބަސް ގަބޫލުކޮށް އިންސާފަށް އެދުމަށް މި ކެމްޕޭނުގައި ގޮވާލާފައިވެއެވެ.
ނޮވެމްބަރު 25 ވަނަ ދުވަހަކީ 1960 ގައި ޑޮމިނިކަން ރިޕަބްލިކްގެ ޑިކްޓޭޓަރު ރަފައެލް ޓްރުހީޔޯގެ އަމުރަށް މެރި ސިޔާސީ ހަރަކާތްތެރިން ކަމަށްވާ މިރަބަލް ދައްތައިންނާއި ކޮއްކޮމެންގެ ހަނދާނާ ގުޅިފައިވާ ދުވަހެކެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން 1981 އިން ފެށިގެން މި ދުވަސް ފާހަގަކުރަމުން އައި ނަމަވެސް، އދ. ގެ އާންމު މަޖިލީހުން 1999 ގައި ފާސްކުރި ގަރާރަކުން މި ދުވަސް ވަނީ ރަސްމީކޮށް ބަލައިގެންފައެވެ. އަދި އަނިޔާއިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ރަމްޒުކޮށްދިނުމަށް މި ދުވަހުގެ ހަރަކާތްތަކުގައި އޮރެންޖް ކުލަ ބޭނުންކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!