ހދ. ނޮޅިވަރަމުގައި ޤާއިމު ކުރަމުންދާ، ޒުވާނުންގެ އުއްމީދުތަކާ ގުޅިފައިވާ އައުޓްޑޯ ޖިމް، ނިމަކާއިު ގާތްވެފައިވާކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ނޮޅިވަރަމްގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އައުޓްޑޯ ޖިމްގެ ފޮޓޯތައް ހިއްސާކުރަށްވަމުން މެމްބަރު ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމެއްގެ ތަރައްޤީއާއި ރައްޔިތުންގެ ފަލާޙާއި ލާބައަށްޓަކައި ވެރިއަކު ކުރައްވާ ބުރަ މަސައްކަތްތައް އަގުވަޒަންކޮށް ޝުކުރު އަދާކުރުމަކީ ރިވެތި އަޚްލާޤީ ސިފައެއްކަމަށެވެ.
''ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ކުރިއެރުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީ ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމަށް'' ރަޝީދު ވިދާޅުވެފަވެއެވެ.
މީގެއިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކަސްރަތުކުރުމުގެ މުހިންމުކަން ރައްޔިތުންގެ މެދުގައި އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، މިފަދަ ވަސީލަތެއް ރަށުގައި ޤާއިމުވެގެން ދިއުމަކީ މުޖުތަމަޢުގެ އިޖުތިމާޢީ އަދި ޞިއްޙީ ދުޅަހެޔޮކަމަށް އެޅޭ ބޮޑު ބާރެއްކަމަށް ވެސް، އެ ޕޯސްޓުގައި މެމްބަރު ވިދާޅުވެފައެވެ.
ރަށުގެ އާބާދީގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ ގޮތުން ކުރިއަށްދާ މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ނިމި، ރައްޔިތުންނަށް އޭގެ މަންފާ ލިބެން ފެށުމަކީ ރަށުގެ މުސްތަޤުބަލަށް އެޅޭ ވަރަށް އުއްމީދީ ފިޔަވަޅެއްކަމަށާއި، މި ޖިމްގެ ޚިދުމަތް ވީހާވެސް އަވަހަކަށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ނޮޅިވަރަމްގެ އިޖުތިމާޢީ ތަރައްޤީއަށް ލިބޭނެ އިތުރު ދިރުމެއްކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!