ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ށ. ކަނޑިތީމުގައި ކުރިއަށްގެންދިޔަ ޚާއްޞަ ދީނީ ފޯރަމް "އިސްލާމީ ނޫރު" ކާމިޔާބުކަމާއެކު ބާއްވައި ނިންމާލައިފިއެވެ.
މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ 2026 ނޮވެމްބަރު 19 އަދި 20 ވަނަ ދުވަހުއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތުގައި މަޢުލޫމާތު ދެއްވައި، ބައިވެރިވެވަޑައިގެންނެވީ ރާއްޖޭގެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިންނެވެ. އޭގެ ތެރޭގައި ޑރ. އާދަމް ޝަމީމާއި، އައްޝައިޚް ޢަބްދުﷲ މިފްޒާލްގެ އިތުރުން މަންފާ އެކަޑަމީގެ ޗެއާމަން އަލްއަޚް ޢަލީ ރަމީޒު ހިމެނިވަޑައިގަންނަވައެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ "ތިލަދުން" އަށް ވިދާޅުވީ، މީގެ ކުރިން އާންމުކޮށް ބާއްވާ ދަރުސްތަކާ ޚިލާފަށް، މި ފަހަރުގެ ހަރަކާތްތައް ދީނީ ފޯރަމެއްގެ ގޮތުގައި މުޅި ރަށް ޝާމިލްވެގެން ކުރިއަށް ގެންދިއުމަކީ ތަފާތު އަދި ޝައުޤުވެރިކަން އިތުރުވެގެން ދިޔަ ކަމެއް ކަމަށެވެ. މި ފޯރަމްގެ ތެރެއިން ދަރިވަރުންނަށް ޚާއްޞަކޮށްގެން އަގުހުރި ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގްރޭޑް 4 ން މަތީގެ 160 ކުދިންނަށް އަމާޒުކޮށްގެން ހަ ގަޑިއިރުގެ ނަމާދު ވޯކްޝޮޕެއް ހިންގާފައިވާއިރު، ދަރިވަރުންނަށް ޚާއްޞަ ބަންގި ސެޝަނެއް ވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުން، އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި ދަރުސްގައި 100 އަށް ވުރެ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ. މި އިވެންޓުގެ ތެރެއިން ކުރިއަށްދިޔަ ޕަބްލިކް ފޯރަމް ނިންމުމުގެ ގޮތުން، 10 ފަރާތަކަށް ވަނީ ހަދިޔާ ދީފައެވެ.މި ފޯރަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި ރަށުގެ ހުރިހާ މުއައްސަސާތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ކައުންސިލްގެ ރައީސް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މަންފާ ޖަމިއްޔާއިންކުރާ އިސްލާމީ މަތިވެރި ނޫރު ފެތުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ގިނަ ރަށްތަކަކަށް އެ ޖަމިއްޔާއިން އަންނަނީ ޒިޔާރަތްކޮށް އިސްލާމީ މަތިވެރި ނޫރު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!