ކާގޯ މުދަލުގެ ތެރޭގައި ފޮރުވައިގެން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

އެއާކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވައިގެން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، ވެށި، އުމުރުން 28 އަހަރުގެ މުޙައްމަދު ޒިޔާދު އަދި ސ. މަރަދޫފޭދޫ، ނިލަމެހިގެ، އުމުރުން 45 އަހަރުގެ އިސްމާޢީލް ނަޞީރެވެ.

ފުލުހުން ވިދާޅުވީ، އެއާކާގޯ މަގުން ރާއްޖެ އެތެރެކުރި މި ތަކެތި ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށެވެ. އެ މުދަލުގެ ތެރޭގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފޮރުވާފައި ހުއްޓެވެ.

މި ދެ މީހުން އަތުލައިގެންފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.