ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އާސެނަލްގެ ފޯވާޑް ވިކްޓަ ޔޯކެރެސް ޖެހި މޮޅު ގޯލާއެކު ވެސް، ފަހުވަގުތު އޭނާއަށް ލިބުނު ފުރުސަތު ބޭކާރުވުމުން 1-1 އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑާ އެއްވަރުވެއްޖެއެވެ.
ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި އާސެނަލް މޮޅުނުވެ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ޔޯކެރެސްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުވެގެން ދިޔައިރު، މިއީ އެމިރޭޓްސް ސްޓޭޑިއަމްގައި މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އަނިޔާގެ ސަބަބުން ކީޕަރު ޑޭވިޑް ރާޔާ ނެތުމުން މި މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓީ ކެޕާ އަރިޒަބަލާގާއެވެ. ފުރަތަމަ ހާފުގައި އާސެނަލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ޑޯޓްމުންޑުން ކުޅުން ރަނގަޅުކޮށް، މެޗުގެ 55 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ޖޯން ގަޑޫ ދިން ބޯޅައަކުން ކާމިޔާބުކުރީ މެކްސިމިލިއަން ބަޔާއެވެ. އޭގެ ފަހުން ޑޯޓްމުންޑްގެ ޖޯބް ބެލިންހަމް ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމިއިރު، މެޗުގެ ފަހުކޮޅުގައި އާސެނަލް މޮޅުކޮށްދޭން ޔޯކެރެސްއަށް ހުސްކޮށް ލިބުނު ބޯޅަ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މީގެ އިތުރުން ޑެކްލަން ރައިސް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 5 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ހަތްވަނައިގައި އޮތް ޑޯޓްމުންޑަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ހުރިހާ މުބާރާތެއްގައި ބަލިނުވެ 11 މެޗު ހަމަކުރި ނަމަވެސް، އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު އާސެނަލްގެ ކުޅުން ރަނގަޅުކުރަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!