ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން، ށ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭ ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ފުރަތަމަ މި އަތޮޅުތަކަށް ނެރެފައި ވަނީ ހުދު ސަމާލެވެ. ނަމަވެސް މިހާރު ވަނީ މި ސަމާލު ރީނދުލަށް ބަދަލުކޮށްފައެވެ.
މި ސަމާލުގައި ށ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުތަކަށް ބޯ ކެރި ވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ގުގުރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ވިލާގަނޑުގައި 40 މޭލަށް ވައިޖެހި ކަނޑު ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މި އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދެވަނަ ފަހަރަށް ދަންމާލާފައިވާއިރު، ދެވަނަ ފަހަރު ނެރުނު ސަމާލުގެ ވަގުތު ވަނީ މިރޭ 22:00 އާއި ހަމައަށް ދީފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ، ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލްގެ އިސްނެގުމުގެ މަތިން ފެންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ވަނީ ބުނެފައެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވާތީ އެމް.އެން.ޑީ.އެފް ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!