ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ އަދަދާއި ގުޅޭ:

" އަހަރެން ބޭނުމީ ހަމައެކަނި އާއިޒް." ނުހާ ބުންޏެވެ.

Ad
rt

" ތި ހިޔާލު ދޫކޮއްލާ. އަހަރެމެންގެ ދުވަސްވީ ރަޙްމަތްތެރިކަން ވެސް އެންމެ ފަހުން ގެއްލޭނީ. މާޔާއަށް ނުވެސް އެނގެއެއްނު ތިކަމެއް." ލީނާ ބުންޏެވެ.

" މާޔާއަށްވުރެ ކުރިން އަހަރެން އާއިޒްދެކެ ލޯބިވީމޭ." ނުހާ ބުނެލީ ދެރަވެލާފައެވެ.

ނުހާގެ ވާހަކަ އަޑުއަހަން ހުރެ ލީނާ، ނުހާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"ޖާނޫ. ތިކަން އަހަންނަށް އެނގެޔޭ. އެކަމަކު މާޔާ، އާއިޒާއެކު އެ ހިސާބަށް ދިޔައިރު، ނުހާ ލޯބިވާކަމެއް ނޭނގޭނެއެއްނު. ނުވެސް ބުނަމެއްނު. ގެޓްވެއްޖެތަ މި ބުނި އެތ؟ އާއިޒް ކައިރީ ވެސް އެ ވާހަކަ ނުބުނަމެއްނު. މިހާރު އެ މީހުން އެ އުޅެނީ ކައިވެނި ކުރަން." ލީނާ ބުންޏެވެ.

ލީނާ މަސައްކަތް ކުރަމުން ދިޔައީ ނުހާއަށް ވިސްނައިދެވޭތޯއެވެ. ނުހާގެ ހިތުގައި މާޔާއަށްޓަކައި ނަފްރަތު އުފެދިދާނެތީ އޭނާ ނުހަނު ކަންބޮޑުވެއެވެ.

" އަޅެ ކޮންމެވެސް އެއްޗެއް ބުނެބަލަ." ނުހާ ޖަވާބެއް ނުދިނުމުން ލީނާ ތަންކޮޅެއް ބާރަށް ބުންޏެވެ.

އެއާއެކު ނުހާ ލީނާގެ މޫނަށް ބަލައިލީ ލުއި ހިނިތުންވުމަކާއެކުއެވެ.

" ލީނާ ކަންބޮޑުވަނީ އަހަރެން މާޔާދެކެ ރުޅި އައިސް ދާނެތީ. އެކަމަކު އަހަރެންގެ ހިިތުގެ ހާލެއް އަންޑަސްޓޭންޑެއްނުވެ. ލޯބިވާ މީހަކު މުޅި އުމުރަށް ގެއްލުނީކަން ޔަޤީންވީމަ އެ ވާ ދެރަ، އަދި ލީނާއަކަށް ނުވިސްނޭނެ." ނުހާ ބުންޏެވެ.

ނުހާގެ ވާހަކަތައް އަޑުއަހަން، ލީނާ ހުރީ ސީދާ ނުހާގެ މޫނަށް ބަލަހައްޓައިގެންނެވެ.

" ލީނާ ދުވަަހަކު ވެސް މީހަކު ދެކެ ލޯބި ވީންތަ؟ ނުވަމެއްނު. ދުވަހަކު ވެސް މީހަކަށް އިންތިޒާރު ކުރިންތަ؟ ނުކުރަމެއްނު. އެހެންވީމަ، މިއަދު އަހަރެން މި ކުރާ ހިތާމަ ލީނާއަކަށް ކުޑަކޮށްވެސް ގެޓެއް ނުވާނެ." ފަސޭހަކަމާއެކު ނުހާ ބުނެލިއެވެ.

އޭރު ލީނާ ހުރީ ފެންކަޅިވެފައެވެ. ދުލުން ދެ ތުންފަތް ތެންމާލުމަށް ލީނާ ފުންނޭވައެއް ދޫކޮއްލިއެވެ.

" ކިހިނެއް އެނގެނީ؟ އާނ! އަހަރެން އެ ވާހަކަ ނުބުނާތީ ނޭނގޭނެ ތި މީހުންނަކަށް." ލީނާގެ ޖުމްލައިން ނުހާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" ކޮންވާހަކައެއް؟ ކޮންކަމެއް ސިއްރު ކުރަނީތި؟" ނުހާ އަވަސް އަވަހަށް އެހިއެވެ.

" އަހަރެން ވެސް ތި ގޮތަށް ހިތާމަ ކުރީމޭ. އެކަމަކު އެއީ ބޭކާރުކަމެއް ނުހާ!" ލީނާ ބުނެލީ ނުހާއަށް ފުރަގަސްދެމުންނެވެ.

" އެކަމަކު... އަހަރެންގެ ފަރާތުން އޭގެ އެއްވެސްކަމެއް ފެނުނުތަ؟ އެނގުނުތަ؟ އެއީ އަހަރެން ކެތްކުރީމަ. އަސްލު ހިތާމަ ކުރާނެ ހައްޤެއް އަހަންނަކަށް ނުވެސް ނެތް. އެއީ އަހަންނަށް އޭނަ ގެއްލުނީ، އަހަރެން އެ ވާހަކަ އޭނަ ކައިރީ ނުބުނެ ހުއްޓާ. ހަމަ ނުހާ ގޮތަށް! ދެން ކީއްކުރަން އަހަރެންގެ އަމިއްލަ ނަފްސަށް ގެއްލުން ދޭން ރޮނީ؟" ލީނާ ބުންޏެވެ.

" ކާކުދެކެ؟ ބުނޭ! ކާކުދެކެ ލޯބިވީ؟" ނުހާ އެހިއެވެ.

" އެއީ... އެއީ މާޒިން." ލީނާ ބުންޏެވެ.

" މާޔާގެ ދޮންބެ؟ ވަޓް؟ ކޮންއިރަކު؟" ނުޙާއަށް ތެޅިގަނެވުނެވެ.

" އެންމެ ކުޑައިރުއްސުރެ އަހަރެން މާޒިންއަށް ހިތް ކިޔައިފި. އަބަދު މާޔާމެންގެއިން ފެނިފެނި އަހަރެން ހުރީ އޭނައާ އަޅައިގެންފަ. ފަހުންފަހުން އަހަރެން އެ ގެއަށް ނުދާން ފެށީ ވެސް މާޒިން ފެނުނީމަ އަހަންނަށް އުނދަގޫވާތީ. މާ ބޮޑަށް ލޯބިވެވުނީމަ. އޭރު ވެސް ނޭނގެ އޭނަ އުޅޭނީ ފިރާޝާއާ ރައްޓެހިވެގެންކަމެއް. އަހަންނަށް އެކަން އެނގުނީ ވެސް އެ މީހުން އިންނަން އުޅޭ ވާހަކަ މާޔާ ބުނީމަ. އޭރު އަހަރެމެން އުޅޭނީ ގްރޭޑް 9ގަ." ލީނާ މަޑުމަޑުން ކިޔައިދިނެވެ.

" ހައެއްކަ އަހަރު ބޮޑުވާނެއެއްނު މާޒިން." ނުހާ ބުންޏެވެ.

" އެނގެޔޭ. އެކަމަކު ލޯބިވާކަށް ވަކި އުމުރެއް އޮވޭތަ؟ އުމުރު އަހާފަތަ ނުހާ، އާއިޒްދެކެ ލޯބި ތި ވީ؟ " ލީނާ ބުންޏެވެ.

" ދެން އެހެންވެގެންތަ އިންނަން އަހާ އެންމެންނަށް ނޫނެކޭ ބުނަނީ؟" ނުހާ އެހިއެވެ.

" ނޫން. މިހާރު އަަހަރެން އޭނަދެކެ ނުވެޔޭ ލޯތްބެއް. މިހާރު ހަމަ ނޯމަލް. އެކަމަކު އޭރު ވަރަށް ސަކަރާތްވި. އެހެންވެ މި ބުނީ އާއިޒާމެދު ތި ވަރަށް ނުވިސްނާށޭ." ލީނާ ބުންޏެވެ.

އެއާއެކު ނުހާ ލީނާގެ ގައިގައި ބައްދާލިއެވެ.

" އަހަރެން ވަރަށް މަސައްކަތްކުރާނަން." ނުހާ ބުންޏެވެ.

ލީނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ.

ރާޒީ ފޯނު ނެގުމާއެކު މާޔާ ޖެހިލުންވެއްޖެއެވެ. އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އޭނާ ފުރަތަމަ ވެސް އަހާލީ ބައްޕަ ކިހިނެއްތޯއެވެ.

" ކަމަކު ޖެހުނީމަ ދޯ ބައްޕައަށް ތި ގުޅީ؟" ރާޒީ ޝަކުވާކުރިއެވެ.

" ބައްޕަ ވެސް މިހާރު ނުގުޅާ އަހަންނަކަށް." މާޔާ ބުންޏެވެ.

" އާނ މާޔާ ކައިރީ އެއްޗެއް ބުނެގެން ނުވާނެ ސަލާމަތެއް. ތި ގުޅީ މީހަކާ އިންނަ ވާހަކަ ދައްކަންވެގެންތަ؟" ރާޒީ އެހިއެވެ.

" ބައްޕަ ބުންޏޯ އަދި ނީންނާށޭ." މާޔާ ބުންޏެވެ.

" އާނ. އަދި އެހާ ޅަ އުމުރުގައި އިންނާކަށް ބައްޕައަކަށް ނުފެނޭ." ރާޒީ ބޭނުންވާ ގޮތް ހާމަ ކުރިއެވެ.

" އެކަމަކު ބައްޕާ. އާއިޒަކީ ގޯސް ކުއްޖެއް ނޫނޭ. " މާޔާ ބުންޏެވެ.

" ގޯހެއް ނުވާނޭ އެކަކު ވެސް. އިނީމައޭ އެނގޭނީ އެ މީހެއްގެ ހުރި ވަރެއް." ރާޒީ ބުނެލިއެވެ.

" އެހެންވިއްޔާ ދެން ޖެހޭނީ ވަޒީފާއިން ކެނޑިގެން ރަށަށް ދާން. އިތުރަށް ނުވެސް ކިޔެވޭނެ. މީހަކާ އިނިއްޔާ އުޅޭތަނަށް ކުލި ވެސް ދައްކާކަށް ނުޖެހޭނެއެއްނު. މިހާރު ވެސް މި އުޅެނީ ރައްޓެއްސެއްގެ ގޭގަ." ދެރަވެލާފައި މާޔާ ކިޔައިދިނެވެ.

" ތިކަންކަން ވެސް ހުރީ ތިހެން. އެކަމަކު ބައްޕަ ހަމަ ޖެހިލުންވަނީ ދަރިފުޅުމެން ޅަ އުމުރުގައި ކައިވެނި ކޮއްގެން އަނެއްކާ ކައިވެނި ރޫޅިދާނެތީ އަވަހަށް." ރާޒީ ބުންޏެވެ.

އެއާއެކު މާޔާގެ ހަނދާނަށް އައީ މަންމަ ދެއްކި ވާހަކަތަކެވެ. ހިތަށް ވެރިވީ މަންމަގެ ހިތާމައިގެ އަސަރުތަކެވެ. އެހެންވެ، އޭނާގެ ދޫ ހިމޭނަކުން ނޯތެވެ.

" ބައްޕާ! ކައިވެންޏެއް ރޫޅެންޏާ ރޫޅޭކަށް ވަކި އުމުރެއް ނޯންނާނެ. މިހާރު ކިތަންމެ އުމުރުން ދުވަސްވިޔަސް، ކައިވެނި ރޫޅާލާކަށް އެއްވެސް މީހަކު ފަހެއް ނުޖެހެ. މުޅި އުމުރު އެކުގައި އުޅުނަސް..." މާޔާގެ ޖުމްލަތައް އަޑުއިވި، ރާޒީއަށް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ.

" އަހަރެން ކައިވެނި ކުރާނީ ބައްޕަ ރުހެންޏާ. އުއްމީދު ކުރަން ބައްޕަ ވެސް އަހަރެންގެ މުސްތަޤްބަލާމެދު ވިސްނާނެކަމަށް." އެހެން ބުނުމަށްފަހު، މާޔާ ވަގުތުން ފޯނު ކަނޑާލިއެވެ.

ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، ރާޒީ ގޮސް ވަނީ ކޮޓަރިއަށެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީ އޮތް ސުވޭދާއެވެ. ނިތްމައްޗަށް އަތް އެއްލައިގެން އޭނާ އޮތީ ފުން ވިސްނުމެއްގައިކަން ރާޒީއަށް އެނގުނެވެ. ކޮޓަރި ދޮރު ލައްޕާލުމަށްފަހު ރާޒީ ވާހަކަ ދައްކަން ފެށިއެވެ.

" މާޔާ ގުޅައިފި މީހަކާ އިންނަން ވެގެން." ރަޒީ ބުންޏެވެ.

ރާޒީގެ ޖުމްލަ އަޑު އިވުނު ނަމަވެސް، ސުވޭދާ އަޅައެއް ނުލިއެވެ. އޭނާ އޮތީ ރާޒީއާ ދިމާލަށް ބަލައިލަން ވެސް ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ.

" މަށާ ވާހަކަ ނުދެއްކިޔަސް، ދަރިންގެ ކަންކަމުގައި ވާހަކަ ދައްކަންޖެހޭނެ." ރާޒީ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

އެއާއެކު، ނިތްމަތިން އަތް ނެގުމަށްފަހު ސުވޭދާ، ރާޒީއަށް ބަލައިލިއެވެ.

" މަ ކީކޭތަ ބުނާނީ؟ ކަލޭގެ ކައިވެންޏާއެކު މާޔާގެ ކައިވެނި ކުރަން ހުއްދަ ދޭށޭތަ؟ އެހެންތަ މަ ބުނަންވީ؟" ސުވޭދާ ބުނީ ނުހަނު ބާރަށެވެ.

" ދެން ހަމަ ކަމެއް ވާއިރަށް، މަގޭ ކައިވެންޏޭ ނުކިޔަބަލަ! އަބަދު ތި ހުންނަނީ އެކަމާ ތުން ދަމާފަ. ބަލަ އެއީ މަށަށް ވެސް އޮތް ޙައްޤެކޭ. ހަތަރު އަނބިން ހުއްދައޭ އަހަންނަށް." ރާޒީ ބުންޏެވެ.

" ހަތަރު އަނބިން ހުއްދަކަން ރާޒީއަށް އެނގުނީ މިއަދުތަ؟ ބޮލުގައި ނުރަޖަހައިގެން ގޮސް ބޮލުން ފަތްކޮޅު ފޭބީމަތަ؟ ކަނދުރާ ހަންގަނޑު ދޫ ޖެހިގެން ގޮސް ރޫ އެރީމަތަ؟ މަ ހިތަށް އަރަނީ ކަލޭ ކީއްކުރަންބާއޭ މީހަކާ ތި އިންނަނީ؟ ހަރަދެއް ކުރެވޭނީކީ ނޫން. ކަލެއަށް މަގޭ ނުބެލިގެން އުޅޭއިރު އަދި އިތުރު މީހަކު ބެލޭތަ؟ " ރާޒީދެކެ އަންނަ ރުޅިން ސުވޭދާއަށް ދެއްކޭ، ނުދެއްކޭ ވާހަކައެއް ނޭނގެއެވެ.

" ހާދަ ރުޅިއެކޭ ތި އަންނަނީ. މަ މި އުޅެނީ ހަރާމްކަމެއްތަ ކުރަން؟" ރާޒީ ހަމަޖެހިލަމުން އެނދު ކައިރީ ހުރި ގޮނޑީގައިި އިށީނދެލިއެވެ.

" މަގޭ އަދި ރުޅި މަޑެއްނު." ސުވޭދާ ބުނެލިއެވެ.

" އާނ! ވަރަށް ރުޅިމަޑު. ރުޅި އަންނަން އެނގޭ ވެސް މީހެއްނޫން ތީ. ތިއީ ފިރިމީހާއަށް ޤަދަރުކުރާ، މަޑުމައިތިރި އޯގާތެރިމީހެއް." ރާޒީ ބުނެލީ މަލާމާތުގެ ރާގަކަށެވެ.

އެއާއެކު ސުވޭދާ އައިސް ހުރި ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ. ފުންމައިގެން ތެދުވެ އެނދު ކައިރީ އޭނާ ހުއްޓުނެވެ.

" އިރެއްގަ އަހަންނަކީ ވެސް ތި ބުނާހެން ޤަދަރުކޮށް، މަޑުމައިތިރި އަދި ކަލެޔަށް އޯގާތެރިވެ ހެޔޮކޮށް ހިތި މީހެއް. އެކަމަކު މިހާރު އެ ދުވަސްތައް މާޒީ ވެއްޖެ. މިނެދިން ނާޅިއަކުން މިނެދެވޭނީ. ރާޒީ ވެސް ގޯސްވީމަ މަ ވެސް ގޯސްވީ." ސުވޭދާ ބުންޏެވެ.

" އެއްބަހެއް ނުވާނެ." ފޫހި ރާގަކަށް ރާޒީ ބުނެލިއެވެ.

" އިތުރު އަނތްބަކު ހޯދަންޏާ އިނދޭ! ތި ކުޅިއެއް ކުޅެން އަތްދިގު ގަމީސް ލައިގެން ކޮންމެ ރެޔަކު ބޭރަށް ދާނެ ކަމެއް ނެތް. " ސުވޭދާ ބުންޏެވެ.

" އަނހަ! ރުހުން ދިނީތަ؟" ރާޒީ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

" ކޮންމެ ފަހަރަކު ޒުވާބުކޮއްފަ މަ މިހެން ބުނަން. އެކަމަކު އަސްލު ރާޒީގެ ނެތޭ އެ ހިތްވަރެއް. އެންމެ ކުޑަމިނުން އެއީ ކާކުކަން ވެސް ބުނެ ނުދެވޭ" ސުވޭދާ ވެސް ކޮއްލީ މަލާމާތެވެ.

" ހިތްވަރެއް ނެތޭ! ސުވޭދާ ބަލަން ހުންނާތި. މަ އޭނައާ އިނދެފަ ހުއްޓާނީ. " ރާޒީ އެހެން ބުނެ ބާރުބާރަށް ނިކުމެއްޖެއެވެ.

ޖެހިގެން އައީ ބަންދު ދުވަހެކެވެ. މާޔާ އޮތީ އާއިޒަށް ގުޅާޅަން ވެސް ނުކެރިފައެވެ. އޭނާ ބޭނުންވަނީ އާއިޒަށް އުފާވެރި ހަބަރެއް ދޭށެވެ. ނަމަވެސް ބައްޕަގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭތީ މާޔާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އާއިޒް ގެއްލިދާނެތީ އޭނާ ނުހަނު ކަންބޮޑުވެއެވެ.

ފިކުރުތަކަށް ގެއްލިފައި އޮއްވާ މާޔާގެ ފޯނު ރިންގުވެއްޖެއެވެ. އެއާއެކު ސިހިފައި އޭނާ ބަލައިލީ އާއިޒް ކަމަށް ހީކޮށެވެ.

" އަޅެ ބައްޕަ ހަމަ ވަލީ ނުދޭނެތަ؟" ފޯނު ނެގި ގޮތަށް މާޔާ ސުވާލު ކުރީ މާޒިންއާއެވެ.
" ތި ވާހަކަ ދައްކަން މި ގުޅީ. ބައްޕަ ރޭގަ މަންމައާ ވަރަށް ހާޑު ވެގެން ގެއިން ނިކުތްތަނާ ދޮންބެއާ ދިމާވީ. އެ ގަޑީގައި ބުނި މާޔާ ކައިރީ ބުނާށޯ ހިތާވެގެން އުޅޭ މީހާޔާ އިންނާށޭ. އަދި ބުނި ބައްޕަ ވެސް އިންނަން ވެގެންނޯ މި އުޅެނީ. މަންމަ ބަލައްޗޯ. މަންމަ މިހާރު އެ ހުރީ ބައްޕައަށް ބެލޭ ވަރަށް ވުރެ މަތީގަޔޯ." މާޒިންގެ ވާހަކަތަކުން މާޔާ ވީ ދެރައެވެ. އޭނާ ފިކުރު ބޮޑުވީ މަންމައާ މެދުގައެވެ.

" މަންމަ ވެސް ބައްޕަ ވެސް މެންޓަލީ އެހާ އޯކޭއެއް ނޫނޭ." މާޔާ ބުންޏެވެ.

" އެނގެޔޭ ތިކަން. އެކަމަކު އެއްޗެއް ބުނާކަށް ދޮންބެއަކަށް ވެސް ނުކެރޭ. ދެ މީހުން ދެ މީހުންނަށް ޒުވާބު ނުކުރާ ރެޔެއް މަދުވާނެ. ދޮންބެ ހިތަށް އަރާ ބައްޕަ އިންނަން އެ އުޅެނީ ކާކާބާވައޭ! ތުންތުން މަތިން ވެސް ކާކުކަމެއް ނޭނގެ." މާޒިން ބުނެލިއެވެ.

" ދެން ބައްޕަ ހަމަ ރުހުން ދިނީތަ އަހަންނަށް" މާޔާ އެހިއެވެ.

" ނޭނގެ. ވަރަށް ރުޅި އައިސް ހުރެގެން އެހެން ބުނީ. ދޮންބެ ބުނިން ކޮއްކޮއަށް ގުޅާނަމޭ. ދެން ބައްޕަ އޯކޭ ދިން ވަގުތު ތިކަން އަވަހަށް ނިންމަން އުޅޭ. ކޯޓާ ވަލީ ޙަވާލު ކުރަން ޖެހޭނީ. ބައްޕަ މާލެ ގެންދާނެ ކަމެއް ނެތް." މާޒިން ބުންޏެވެ.

ދޮންބެގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަން ޔަޤީންވުމުން މާޔާ އުފާވިއެވެ. ނަމަވެސް މަންމައާ މެދު ވިސްނޭވަރުން، އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ގޮތެއް ނުވިއެވެ.

ފޯނު ބޭއްވުމަށްފަހު އަވަސް އަވަހަށް މާޔާ އާއިޒަށް ގުޅިއެވެ. އަދި މާޒިން ދެއްކި ވާހަކަތައް ކިޔައިދިނެވެ.

" އެހެންތަ؟ އެހެންވީމަ ކައިވެންޏަށް ރެޑީ ވާނީ ދޯ." އާއިޒް ބުންޏެވެ.

އާއިޒް ވާހަކަ ދެއްކި ގޮތުން އޭނާ އުފާވީހެން މާޔާއަކަށް ހިއެއް ނުވިއެވެ.

" ހާދަ މޯޅިކޮށް؟ އަހަރެން ހީކުރީ އާއިޒް ވަރަށް އުފާވާނެކަމަށް." މާޔާ ބުންޏެވެ.

" ވަރަށް އުފާވެއްޖެޔޭ. ދެން ފޯނުން ކިހިނެއް އުފާވާކަން ދައްކާނީ." އާއިޒް ބުނެލިއެވެ.

" ދެން ނޭނގެ އަހަންނަކަށް. އެ ވާހަކަ ބުނަން މި ގުޅީ. ފަހުން ވާހަކަ ދައްކާނަން. ބޭއްވީމި." މާޔާ އެހެން ބުނުމަށްފަހު އެއްޗެއް ބުނުމުގެ ފުރުޞަތެއް ނުދީ ފޯނު ކަނޑާލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)