ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ އަދަދާއި ގުޅޭ:

" ދެން ނޭނގެ އަހަންނަކަށް. އެ ވާހަކަ ބުނަން މި ގުޅީ. ފަހުން ވާހަކަ ދައްކާނަން. ބޭއްވީމި." މާޔާ އެހެން ބުނުމަށްފަހު އާއޒަށް އެއްޗެއް ބުނުމުގެ ފުރުޞަތެއް ނުދީ ފޯނު ކަނޑާލިއެވެ.

Ad
rt

މާޔާ އުއްމީދު ކުރީ އާއިޒް އޭނާއަށް ގުޅާނެކަމަށެވެ. މާޔާ، ހާސްވެފައި ހުރިކަން އާއިޒަށް ހަމަ ރަނގަޅަށް އެނގޭނެކަން ވެސް މާޔާއަށް އެނގެއެވެ. ދެ ތިން މިނެޓް މަޑުކުރުމަށްފަހު އަނެއްކާ ވެސް މާޔާ އާއިޒަށް ގުޅިއެވެ.

"ކީއްވެ އަހަންނަށް ނުގުޅާ ތި ހުރީ؟" މާޔާ އެހިއެވެ. ޝަކުވާގެ ރާގުގައެވެ.

"ފަހުން ގުޅާނަމޭ ބުނީމަ ދެން، ފަހުން ގުޅަން ދެން މަޑުކުރާނެ އެއްނު." އާއިޒް ބުންޏެވެ.

"އެކަމަކު އާއިޒަށް އެނގެއެއްނު އަހަރެންގެ މޫޑު އެހާ ރަނގަޅު ނޫންކަން. ދެން ކީއްވެ އަހަރެން އޯކޭ ކުރަން ނޫޅުނީ؟" މާޔާ ބުންޏެވެ.

އެއާއެކު އާއިޒަށް ހެވުނެވެ. އޭނާގެ ހުނުމުގެ އަޑު މާޔާއަށް ވެސް އިވުނެވެ. ނަމަވެސް އާއިޒް ވާހަކަ ދައްކަންދެން މާޔާ މަޑުކުރިއެވެ.

" ފަހުން ގުޅާނަމޭ ބުނެފައި ބާއްވާއިރަށް އަހަރެން ގުޅިއްޔާ މާޔާ ހިތަށް އަރާނެ އަހަރެން، މާޔާއަށް ރެސްޕެކްޓް ނުކުރަނިއްޔޭ. ދޯ؟" އާއިޒް ބުނެލިއެވެ.

" އާއިޒަކަށް ނޭނގޭތަ އަންހެން ކުދިން ރުއްސާކަށް؟" މާޔާއަށް ބުނެވުނީ ބާރަށެވެ.

" ހޫމް. ނޭނގެ. ހަމަ އަސްލުވެސް ނޭނގެ. އަހަރެންގެ ޙަޔާތަށް އަދި އައީ މާޔާއެކަނި. މާޔާ އަހަންނަށް ތިކަންކަން ދަސްކޮއްދޭންވީނު." އާއިޒްގެ މަޑުމޮޅި އަޑުން މާޔާގެ ހިތް ފިނިވެގެން ދިޔައެވެ.

އާއިޒްގެ ހިތުގައި ރަނިކަން ކުރަނީ ހަމައެކަނި މާޔާކަން އެނގުމުން ހަޤީޤަތުގައި ވެސް އޭނާ އުފާވެއްޖެއެވެ. އައިސްފައި ހުރި ރުޅި ފިލައި، އެ އަޑުގައި ލޯބިވެތިކަން އުފެދޭކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.

" އަހަރެން ވެސް އަދި އަލަށޭ. އެހެންވެ ކަންނޭނގެ އާއިޒްގެ ކިބައިން މާ ގިނަ ކަންކަމަށް އުއްމީދު ކުރެވެނީ. އަހަރެން ބޭނުންވަނީ އަބަދުވެސް ވަރަށް އުފަލުގައި އުޅެން. މާ ކޫސަނި މައްސަލަ ޖެހެންޏާ އަހަރެން ވަރަށް ފޫހިވޭ. އަސްލު ބައްޕައާ ވާހަކަ ދެއްކި ފަހުން ވަރަށް މޫޑު ނުހުރޭ. އެހެންވެ އާއިޒަށް ވެސް ހަމަޖެހިގެން ވާހަކަ ނުދެއްކުނީ. ސޮރީ އިނގޭ." މާޔާ ބުންޏެވެ.

އާއިޒް ކޮޓަރިން ނިކުތީ މަންމަ ހޯދާށެވެ. މި ވަގުތު މަންމަ އުޅޭނީ ބަދިގޭގައިކަން އެނގޭތީ އޭނާ ދިޔައީވެސް ސީދާ ބަދިގެއަށެވެ. ދޮރުމަތީގައި ހުއްޓުމަށްފަހު އާއިޒް މަންމައަށް ގޮވާލިއެވެ.

" ބަނޑުހައިވީތަ ދަރިފުޅު. މިހާރު މި ނިމުނީ ހަމަ." ހިނިތުންވުމާއެކު ޖަމީލާ އާއިޒަށް ބަލައިލަމުން ބުންޏެވެ.

" މާޔާގެ ބައްޕަ ވަލީ ދީފި." އާއިޒް ލަދުން ހުރެ ބުންޏެވެ.

އެއާއެކު ޖަމީލާގެ ތުންފަތްމަތީގައި ހުރި ލުއި ހިނިތުންވުން ކުއްލިއަކަށް ފިލައިގެން ދިޔައެވެ. މަންމަގެ މޫނުމައްޗަށް އެރި ކުލަވަރު ފެނި، އާއިޒްގެ ހިތް މުޅިން ނުތަނަވަސްވެއްޖެއެވެ. ނަމަވެސް މަންމަގެ ޖަވާބެއްގެ އިންތިޒާރުގައި އޭނާ ކެތްތެރިކަމާއެކު މަޑުކުރިއެވެ.

" ދެން ކައިވެނި ކުރަނީ ކޮންއިރަކުން؟ " ޖަމީލާ އެހިއެވެ.

" މަންމަ ބޭނުމީ ކޮން ދުވަހަކުން؟" އާއިޒް އެހިއެވެ.

އެ ވަގުތު ޖަމީލާ ކޮންމެވެސް ވަރަކަށް ހީލަމުން، ގޮނޑިއެއްގައި އިށީނެވެ.

" މަންމަ ކީކޭ ތިއަށް ބުނާނީ؟ މަންމަ ގާތު އަހާފަ ކުރި ކަމެއް ނޫނެއްނު. އާއިޒަށް ފެނުނު އެންމެ ރަނގަޅު ކުއްޖާއާ އިންނައިރު، އާއިޒް އެކަނި ގޮތް ނިންމާނީ. " މަންމަ ދިނީ އާއިޒް ހީކުރި ކަހަލަ އުފާވެރި ޖަވާބެއް ނޫނެވެ.

މަންމައާ ދެކޮޅަށް އިތުރު އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެ ހިސާބުން އާއިޒް ބޭނުންވީ އެ ވާހަކަ އޮއްބާލާށެވެ.

" ސައިބޮއިގެން ދެން ކޮޓަރިއަށް ދާނީ." އާއިޒް ބުންޏެވެ.

އަދި މަޑުމަޑުން ގޮސް ކާމޭޒު ކައިރި އިށީނދެ، ފޯނާ ކުޅެން ފެށިއެވެ.

" ޕާޓީ ބާއްވަންޏާ މަންމައަށް ދަޢުވަތު ދޭންވާނެ." މަލާމާތުގެ ރާގަކަށް ޖަމީލާ ބުނި ބުނުން، ވެގެން ދިޔައީ އާއިޒް އިންތިހާއަށް ދެރަވި ޖުމްލައަކަށެވެ.

" މަންމައާއި ދޮންތައާއެކު ކަންތައްތައް ރާވަން ބޭނުމީ." އާއިޒް ބުންޏެވެ.

" ދެން އިތުރަށް ރާވާނެ ކަމެއް ނެތެއްނު. ތި ހިސާބަށް ހުރިހާ ކަމެއް އަމިއްލައަށް ގެންދެވުނު މީހަކަށް ދެން ބާކީ ހުރި ކަންކަން ވެސް ނިންމެންވާނެ އަމިއްލައަށް. މަންމައަށް ހީވަނީ، އަހަރެމެންނަށް މާޔާ ދައްކާލާނީ ވެސް އިނދެފައިހެން." ޖަމީލާ ބުންޏެވެ.

މަންމައަށް ކައިވެނީގެ ޚަބަރުދޭން އޭނާ އައީ އުފަލުން ފުރިގެންވާ އުއްމީދަކާއެކުއެވެ. ނަމަވެސް މަންމަގެ ފަރާތުން ލިބުނު ބަސްތަކުން އާއިޒް ވަރަށް ދެރަވެއްޖެއެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ އިންދާ އަނެއްކާ ވެސް ޖަމީލާ ވާހަކަ ދައްކަން ފެށިއެވެ.

" މާޔާގެ އާއިލާ މީހުން މާލެ އާދޭތަ ކައިވެންޏަށް؟ ޕާޓީ ބާއްވަން އެ މީހުން އެއްވެސް ހަރަދެއް ކުރޭތަ؟" ޖަމީލާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އާއިޒަކަށް ނޭނގުނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.

"ވަލީ ހޯދީ އެ ހުރިހާ ކަމެއް ނިންމާފައެއް ނޫންތަ؟" މަލާމާތުގެ ރާގަކަށް ޖަމީލާ ބުންޏެވެ.

" މަންމަ ހިތްހަމަ ނުޖެހެނީތަ؟" އާއިޒް އެހިއެވެ.

އެއާއެކު ޖަމީލާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ދަރިން ބޮޑެތިވީމަ، މަންމަމެން ދައްކާ ވާހަކަ ވާނީ އުނދަގުލަކަށް." ޖަމީލާ ބުންޏެވެ.

" މަންމަ ވާހަކަ ދައްކާގޮތުން ހިތްހަމަނުޖެހޭހެން ހީވާތީ." އާއިޒް ބުންޏެވެ.

" ނޫން. ހިތްހަމަޖެހެޔޭ. ކައިވެނިކޮއްގެން މާޔާ އަވަހަށް މި ގެއަށް ގެންނަން އުޅޭ." ޖަމީލާ ބުނެލީ ހިނިތުންވަމުންނެވެ.

މަންމަގެ މޫނުމަތިން ހިނިތުންވުން ފެނުނު ނަމަވެސް، އާއިޒްގެ ހިތް، އެ ހިނިތުންވުން ބަލައެއް ނުގަތެވެ. ބަދިގެތެރެއިން ޖަމީލާ ނިކުތް އިރު ވެސް އާއިޒް އެ އިންގޮތަށް ފޫހިކަންމަތީ އިނެވެ.

ކުރިއާ ހިލާފަށް ނަޖާހު، އާއިޒާ ދުރުވާކަން އާއިޒަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އާއިޒަކީ ކަންކަމާ މާ ބޮޑަށް އަޅާލައި ހަދާ މީހަކަށް ނުވާތީ، އޭނާ ނަޖާހުއާ އެއްވެސް ސުވާލެއް ނުކުރެއެވެ. ސައިބްރޭކަށް ވެސް އާއިޒް މިހާރު ދަނީ މާޔާއާއެކުއެވެ. ނަޖާހު ދުރުވަނީ އޭނާއަށް ވަގުތު ނުދެވޭތީކަމަށް އާއިޒްގެ ހިތަށް އެރިއެވެ.

" ބިޒީތަ؟" ނަޖާހު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އާއިޒް އެހިއެވެ.

ކޮމްޕިޔުޓަރަށް ނަޒަރު ހުއްޓައިގެން އިން ނަޖާހު އާއިޒަށް ބަލައިލީ ހެވިފައެވެ.

" ނޫނޭ. ބިޒީބިޒީއެއް ނޫން. ކަމަކުތަ؟ މީނަ މިހާރު މާޔާ ސެޓުކުރި ފަހުން އަހަރެމެންނާ ދުރުވެއްޖެޔޭ." ނަޖާހު ބުނެލިއެވެ.

" ނޫނޭ. މަ ވެސް އެހެން ޑިޕާޓްމަންޓަކަށް ދާންޖެހުނީމައެއްނު. ވާހަކައެއް ބުނަން ކަމަށް މި އައީ." އާއިޒް ބުންޏެވެ.

އެއާއެކު ނަޖާހު އާއިޒްގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ވަަރަށް އަވަހަށް ކައިވެނި ކުރަން މި އުޅެނީ." އާއިޒް ހެވިފައި އިނދެ ބުންޏެވެ.

" އަހަރެންގެ އެންމެ ގާތް އެކުވެރިޔާކަމަށް ދެކޭތީ ނަޖާހު ކައިރީ އެކަނި މި ބުނީ." އަނެއްކާ ވެސް އާއިޒް ބުނެލިއެވެ.

ހިނިތުންވާން އުނދަގޫވީ ނަމަވެސް ނަޖާހު ހީލަމުން އާއިޒަށް މަރުޙަބާ ކިއެވެ. ނަމަވެސް އޭރު އޭނާގެ ހިތުގައި އާދަޔާޚިލާފު ނުބައި އޮއިވަރެއް އުފެދެން ފަށައިފިއެވެ.

" ކޮފީއަކަށް ނުދާނަންތަ؟" އާއިޒް އެހިއެވެ.

" އާނ! މި ގަޑީގައި އެބަޖެހޭ މި ނިންމާލަން. ފަހުން އަރާނަން ކޮފީއަކަށް." ނަޖާހު ބުންޏެވެ. އޭނާ ހުރީ އާއިޒް އެ ތަނުން ފޮނުވާލަން ބޭނުންވެފައެވެ.

އާއިޒް ދިޔުމާއެކު ނަޖާހުއަށް ފުން ނޭވާއެއް ބޭރުކޮއްލެވުނެވެ. ޙަޤީޤަތުގައި ވެސް މާޔާ އޭނާއަށް ގެއްލެނީބާވައޭ ހިތަށް އެރިއެވެ. މާޔާއާއެކު ހޭދަކުރެވުނު ވަގުތުތައް އަދިވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދެއެވެ. އެ ރެޔަށްފަހު އޭނާ ހުންނަނީ އިތުރަށް މާޔާ ހޯދަން ބޭނުންވެފައެވެ. ނަމަވެސް އެކަން ކާމިޔާބު ކުރުމަށްޓަކައި، ހުޅުވޭނެ އެއްވެސް ދޮރެއް ނެތްކަން މިއަދު އޭނާއަށް ޔަޤީން ކުރެވުނެވެ.

ބްރޭކް ގަޑީގައި މާޔާ ގޮވައިގެން އާއިޒް ބޭރަށް ނިކުތެވެ. އޭރު ވެސް މާޔާ ހުރީ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައިކަން އާއިޒަށް އެނގުނެވެ.

" ވަލީ ލިބުނު އިރު ވެސް އެއްވެސް ކަމެއް ހަމައެއް ނުޖެހޭ. ޕްލޭން ކޮއްބަލަ އާއިޒޫ." މާޔާ ބުންޏެވެ.

" މާޔާ ބޭނުން ގޮތަކަށް ހުރިހާ ކަމެއް ވެސް ކުރާނީ." އާއިޒް ދިނީ ކުރު ޖަވާބެކެވެ.

" އަހަރެން ބޭނުން ކޮން ގޮތަކަށް؟ ޕާޓީ ބާއްވާތަ؟ ކައިވެނި ކުރަނީ ކޮންތާކުތަ؟ ކޯޓުގައިތަ؟" މާޔާ އެހިއެވެ.

އާއިޒް ދެ ކޮނޑު އުފުލާލަމުން ނޭނގެއޭ ބުނެލިއެވެ.

" ދެން؟ އަހަންނަކަށް ވެސް ނޭނގެ. އަހަރެންގެ އަތަކު ނެތް ލާރިއެއް ވެސް." މާޔާ ބުންޏެވެ.

" ހަރަދު ކުރާނަމޭ." އާއިޒް ބުންޏެވެ،

" ހަނީމޫނަށް ދޭތަ؟" މާޔާ އެހިއެވެ.

"މާޔާ ބޭނުމިއްޔާ ދެވިދާނެ." އާއިޒް ދިނީ ފިނި ޖަވާބެކެވެ. މާޔާ އިނީ ހިތަށް ގިނަވަމުން ދިޔަ އެއްޗެހި އެތެރެއަށް ހިންދާލައިގެންނެވެ.

" އަހަރެން އެކަންޏަކަށް އެއްވެސް ކަމެއް ނުނިންމޭނެއެއްނު. ކޮބާ އާއިޒްގެ ދޮންތަމެން؟ މަންމައާ ދޮންތައާ ވާހަކަ ދައްކަން ވާނެއެއްނު. މި ކޮޅުގައި އަހަރެންގެ އެއްވެސް މީހަކު ނެތް. އާއިޒްގެ މީހުން އެކަންޏެއްނު ތިބީ. ކޮންއިރަކުންތަ ދެން އަހަރެން ތި ގެއަށް ގެންދާނީ؟ މަންމައަށް އަހަރެން ދައްކަންވާނެ އެއްނު." މާޔާގެ ވާހަކަތައް އަޑުއަހަން އާއިޒް އިނީ މާޔާގެ މޫނަށް ނަޒަރު ހުއްޓައިގެންނެވެ.

" މިއަދު..، ދާންވީ އެއްނު." އާއިޒް ބުންޏެވެ.

އެއާއެކު މާޔާ ދެ ލޯ ބޮޑުކޮއްލިއެވެ.

" މިއަދޭ؟ ނޫން ނޫން. އަހަރެން އަދި ރެޑީއެއް ނޫން. އާއިޒްގެ މަންމައަށް އަހަރެން ފެންނަން ބޭނުންވަނީ ވަރަށް ރީތިވެގެން ހުއްޓާ. އޮފީހުން ދާ ގޮތަށް ދާކަށް ނުކެރޭނެ." މާޔާ ބުންޏެވެ.

" ދެން މިރޭ؟" އާއިޒް އެހިއެވެ.

" ހޫމް. މިރެއަށް އޯކޭ. އަހަރެން ދާނަން ކާރެއްގައި. " މާޔާ އެހެން ބުނުމާއެކު އާއިޒްގެ ހިތް ނުތަނަވަސްވިއެވެ.

އޭނާ ލަދުގަންނަފަދަ ކަމެއް މަންމަ ކޮއްފާނެތީ އާއިޒް ކަންބޮޑުވެއެވެ. މާޔާއާއި މަންމަ ބައްދަލުވާ ފުރަތަމަ ދުވަހު ވެސް، މަންމަދެކެ މާޔާ ހިތްހަމަނުޖެހިދާނެތީ ވެސް އާއިޒް ޖެހިލުންވެއެވެ. ނަމަވެސް، އެ ދެ މީހުން ބައްދަލު ނުކޮށް ވެސް ވާކަށް ނެތޭ އާއިޒްގެ ހިތަށް އެރިއެވެ. މަންމައާއި ވާންއުޅޭ އަނބިމީހާގެ ފުރަތަމަ ބައްދަލުވުމުގައި ވެސް، ހައިޖާނުގަނޑެއް ހިނގާފާނެކަމަށް އާއިޒަށް މާ ކުރިން ވިސްނެން ފެށިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)