އިޓާލިއަން ސެރީ އާގައި އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާނުން ދެ ލަނޑުގެ ފަހަތުން އަރައި 3-2 އިން ނާޕޯލީ ބަލިކުރިއިރު، މެޗުގެ އިތުރު ވަގުތުގައި މޮޅުވި ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އަނެއްކޮޅުން، ސިކުނޑީގެ ނާރުތަކާ ގުޅުންހުރި މައްސަލައަކަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ ވަނީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ.
ސޭން ސީރޯގައި ކުޅުނު މެޗުގައި ނާޕޯލީން ވަނީ މެޗުގެ 50 ވަނަ މިނެޓުގައި މެޓިއޯ ޕޮލިޓާނޯ އަދި 53 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުންޑް ޖެހި ލަނޑުތަކާއެކު ކުރިހޯދާފައެވެ. ނަމަވެސް، މާޓިނޭޒް 56 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއިރު، މާކަސް ތުރާމް ވަނީ 82 ވަނަ މިނެޓުގައި އިންޓަރއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން މެޗުގެ އިތުރު ވަގުތުގައި މަނުއެލް އަކަންޖީ ތަނަވަސްކޮށްދިން ބޯޅައަކުން މާޓިނޭޒް ވަނީ މެޗުން އިންޓަރ މޮޅުކޮށްދީފައެވެ. މިއީ އާ ކޯޗު މެސިމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން ނާޕޯލީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އިންޓަރއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ސެރީ އާގެ މެޗުތަކަށް ބަލާއިރު، ރޯމާއިން ވަނީ ފަހުވަގުތު މަތިއަސް ސޫލޭގެ އެހީތެރިކަމާއެކު 2-1 އިން އަޓްލާންޓާ ބަލިކޮށްފައެވެ. ސޫލޭގެ އެސިސްޓަކުން 90 ވަނަ މިނެޓުގައި މާރިއޯ ހެރްމޯސޯ ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ސޫލޭ ވަނީ މޮޅުވި ލަނޑު ޖަހާފައެވެ. މީގެއިތުރުން، ތޮރީނޯއިން ވަނީ ރަށުން ބޭރުގައި 2-1 އިން ފިއޮރެންޓީނާ ބަލިކޮށްފައެވެ.
ޖަރުމަނު ބުންޑެސްލީގާގައި ބަޔާން މިއުނިކާއި ޝާލްކޭ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މި މެޗުގެ ދެވަނަ ހާފުގައި މުސިއާލާ ވަނީ ކުޅެން ނުކުމެފައެވެ. ސީޒަން ހުޅުވި މެޗުގައި ނުކުޅޭ މުސިއާލާ ކުޅުމާ ދުރުގައި ހުންނަންޖެހުނީ، ސީޒަންގެ ކުރިން ކުޅުނު ދެ މެޗެއްގައި ސިކުނޑީގެ ނާރުތަކުގެ މައްސަލައެއްގެ ސަބަބުން ބޯއެނބުރޭ ގޮތްވެގެންނެވެ. މިއީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ބުންޑެސްލީގާ މެޗެއްގައި ބަޔާންއަށް ލަނޑެއް ނުޖެހި ނިންމާލަންޖެހުނު ފުރަތަމަ މެޗެވެ. މެޗުގައި ޝާލްކޭގެ ގޯލްކީޕަރު ލޮރިސް ކާރިއުސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ބުންޑެސްލީގާގައި އަލަށް ކުޅޭ އެލްވާސްބާގުން ވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބާކް 4-3 އިން ބަލިކޮށްފައެވެ. އެޓީމުގެ ކޯޗު ވިންސެންޓް ވަގްނަރއަށް މެޗުގެ މެދުކެނޑުމުގެ ވަގުތުގައި ރަތްކާޑު ދެއްކި ނަމަވެސް، މޮރިސް ކްރަޓެންމާކާ ވަނީ އިތުރު ވަގުތުގައި މޮޅުވި ލަނޑު ޖަހާފައެވެ. ބޮރޫޝިއާ ޑޯޓްމަންޑުން ދެ ލަނޑުގެ ފަހަތުން އަރައި 3-2 އިން ހޮފެންހައިމް ބަލިކުރިއިރު، ލީޕްޒިގް ވަނީ 3-1 އިން ވާޑާ ބްރޭމަން އަތުން ބަލިވެފައެވެ. އަދި ބަޔާ ލެވަކޫސަން ވަނީ 4-0 އިން އުނިއަން ބާލިން ބަލިކޮށް، އާ ކޯޗު ކާލެސް މާޓިނޭޒްގެ ފުރަތަމަ މޮޅު ހޯދާފައެވެ.
ޔޫރޯޕުގެ މައި ލީގުތަކުގެ އެހެން މެޗުތަކަށް ބަލާއިރު، ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއިން ވަނީ ދެވަނަ ހާފުގައި ޖެހި ތިން ލަނޑާއެކު 3-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އާލިން ހާލަންޑްގެ އެހީތެރިކަމާއެކު މެންޗެސްޓާ ސިޓީ ވަނީ އިތުރު މޮޅެއް ހޯދާފައެވެ. ޑަޗް އީރެޑިވިސީގައި އުޓްރެކްޓާއި ގޯ އަހެޑް އީގްލްސް ކުޅުނު މެޗުގައި ސަޕޯޓަރުން ބަޑިބޭހުގެ ބާވަތްތަކާއި އެހެނިހެން ތަކެތި ދަނޑަށް އުކުމުން މެޗު ވަނީ މެދުކަނޑާލާފައެވެ. އުޓްރެކްޓް އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ސަޕޯޓަރުންގެ މި އަމަލު ކުށްވެރިކޮށް، ވީޑިއޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން، ފްރެންޗް ލީގު 1 ގައި ލެންސް ވަނީ 1-0 އިން ލޯރިއެންޓް އަތުން ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!