" އަވަސް." ދޮރާހަމައަށް މާޔާއަށް ނުދެވެނީސް ދޮރުގެ ތަޅުގައި ހިފަމުން އާއިޒް އަނެއްކާ ވެސް ގޮވާލިއެވެ.
" ކި...ކިހިނެއްވީ؟ " ހާސްވެފައި މާޔާއަށް ސުވާލު ކުރެވުނު އިރު އާއިޒް ބާރުބާރަށް އެތެރެއަށް ދެމިގެންފިއެވެ.
ދޮރު ލެއްޕުމަށްފަހު ދޮރުފަތުގައި ލެނގިލި އިރު ވެސް އޭނާ ހުރީ ބިރުންކަން މާޔާއަށް އެނގުނެވެ.
" ކިހިނެއްވީ؟" އަނެއްކާ ވެސް މާޔާ އެހިއެވެ.
" އެއީ... ކުރަތްޕެއް... އުދުހޭ ކުރަތްޕެއް. " އާއިޒް ބުންޏެވެ.
އެއާއެކު މާޔާއަށް ހެވުނީ ހައިރާންކަމާއެކުއެވެ.
" އަސްލު؟ އާއިޒް ބިރުގަންނަ އެއްޗެއްތަ؟" މާޔާ ސުވާލު ކުރިއެވެ.
" އާނ. ވަރަށް ބޮޑަށް." އާއިޒް ބުންޏެވެ.
" އަހަރެން ހީކުރީ އަންހެން ކުދިން އެކަނި ކަމަށް ކުރެފި ދެކެ ބިރު ގަންނާނީ." މާޔާ ވާހަކަ ދެއްކީ ހެމުންނެވެ.
" ދޭބަލަ ބަލައިލަން އޭތި އުޅޭތޯ." އާޢިޒް އަވަސް އަވަހަށް ބުންޏެވެ.
" މިހާރު ހިނގައިދާނެ. އެ ނޫޅޭނެ އާއިޒް ކާލާކަށް. އެއީ ކުޑަކުޑަ އެއްޗެކޭ." މާޔާ ކޮޓަރިން ބޭރަށް ނިކުތް އިރު ވެސް އާއިޒް ހުރީ ކޮޓަރިތެރޭގައެވެ.
" ނެތޭ މިހާރު. " ބޭރުގައި ހުރެފައި މާޔާ ގޮވާލި އަޑަށް އާއިޒް ނިކުމެއްޖެއެވެ.
" އޯކޭ. ދޭ ނިދަން." ސީލިންގާ ދިމާލަށް ބަލަހައްޓައިގެން ހުރެ އާއިޒް މަޑުމަޑުން ބުންޏެވެ. އޭރު ވެސް މާޔާގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ.
މާޔާއަކަށް ނުނިދުނެވެ. އާއިޒާ ވާހަކަ ދައްކާލަން ބޭރަށް ނިކުންނަ ހިތް ވިޔަސް، އާއިޒް ހިތްހަމަ ނުޖެހިދާނެތީ އޭނާ އޮތީ ނިކުންނަން ނުކެރިފައެވެ. ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. ކުއްލި އަކަށް ކަންފަތުގައި ޖެހުނީ ފަތިސްނަމާދު ބަންގީގެ އަޑެވެ. ބަންގި ނިމުމާއެކު މާޔާ އެނދުން ތެދުވިއެވެ. ވަގުތަކީ ކޮޓަރި ދޮރުގައި އާއިޒް ޓަކި ޖަހާލި ވަގުތެވެ.
" ކީކޭ؟" ދޮރު ކައިރީ ހުއްޓެމުން މާޔާ ގޮވާލިއެވެ.
" ނަމާދުކޮއްގެން އަވަހަށް ފުރަން ނިކުންނަން ބުނެފި. އަވަސްކޮއްލާ. އަހަރެން މި ދަނީ ކައިރީ ހުރި މިސްކިތަށް." އާއިޒް ބުންޏެވެ.
" އޯކޭ. އަހަރެން ރެޑީ ވާނަން." މާޔާ ބުންޏެވެ.
ޢީދު ނަމާދު ވަގުތުގެ ކުރިން މާލެއަށް ލޯންޗް ފޯރާ ވަރުން ދަތުރު ފެށީ، ޖެހެމުންދިޔަ ވަޔަށް ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް އައުމުންނެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ގޮސް ލޯންޗް މާލޭ ފަޅަށް ވަތް އިރު ގަޑިން ހައެއް ޖަހަނީއެވެ.
މާޔާގެ ހިތް އޮތީ ނުތަނަވަސްކަމުން ފުރިފައެވެ. ފޮށި ދަމަމުން އައިސް އާއިޒް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު މާޔާގެ ނޭވާ އަވަސް ވާން ފަށައިފިއެވެ.
" ރުފިޔާ އެބަހުރި؟" އާއިޒް ސުވާލު ކުރިއެވެ.
މާޔާ ބޯ ޖަހާލިއެވެ.
" އެޑްރެސް އެނގޭ؟" އަނެއްކާ ވެސް އާއިޒް އެހިއެވެ.
މާޔާ މި ފަހަރު ވެސް ބޯ ޖަހާލިއެވެ.
މާޔާގެ ހިމޭންކަން އާޢިޒަށް ދެނެގަނެވުނެވެ. ކަތި ނަޒަރަކުން މާޔާގެ މޫނަށް ބަލައިލަމުން އާއިޒް ނަޒަރު ހިންގަން ފެށީ ކާރެއް ލިބޭތޯއެވެ.
" މަޑުކޮއްބަލަ." މާޔާ ބުންޏެވެ.
ސުވާލުގެ ނަޒަރަކުން އާއިޒް ބަލައިލުމާއެކު މާޔާ އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނާގެ މޫނުމަތީގައިވާ ހާސްކަމުގެ އަސަރުތައް އާއިޒަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.
" ދެން އަހަރެމެން ދިމާ ނުވާނެތަ؟" ކުރަކި ވެފައިވާ އަޑަކުން މާޔާ އެހިއެވެ.
" މިހާ ކުޑަކުޑަ ތަނެއްގައި ހަމަ ދިމާވެދާނެ. " އާއިޒް ބުންޏެވެ.
" ނަންބަރު ދީބަލަ." މާޔާ އެދުނެވެ.
" މާޔާ އަތުގައި ފޯނެއް ނޯވެއެއްނު." އާއިޒް ބުންޏެވެ.
" އެކަމަކު ވެސް... ކޮންމެވެސް ގޮތަކަށް ގުޅިދާނެ އެއްނު." މާޔާ ބުންޏެވެ.
" އެ ކީއްކުރަން؟" އާއިޒްގެ ސުވާލުން މާޔާއަށް ސިހުން ގެނުވިއެވެ. ލިބުނު ހައިރާންކަމާއެކު މާޔާ އާއިޒަށް ބަލައިލިއެވެ.
" ނުގުޅަންވީތަ؟" ދެރަވެލާފައި މާޔާ އެހިއެވެ.
" ސަބަބެއް ނެތިއްޔާ ކީއްކުރަން؟" އާއިޒް ބުންޏެވެ.
" އަހަރެން ހީކުރީ އަހަރެމެންނަކީ މިހާރު އެކުވެރިން ކަމަށް. ނޫންތަ؟" މާޔާ އެހިއެވެ.
" ވަރަށް ލަސްވޭ. ޢީދު ނަމާދަށް ދާން ޖެހޭނެއެއްނު. ހިނގާ ކާރަކަށް އަރަން." މާޔާގެ ސުވާލަށް މާ ބޮޑު ސަމާލުކަމެއް ނުދީ އާއިޒް މަގާ ދިމާލަށް ހިނގައިގަތެވެ. ދާން ބޭނުން ނުވި ނަމަވެސް މާޔާ އާއިޒްގެ ފަހަތުން ހިނގައިގަތެވެ.
ކާރުގައި އިން އިރު ވެސް މާޔާގެ ހިތަށް ޝަކުވާތައް ޖަމާވަމުން ދެއެވެ. އާއިޒާއެކު މުޅި ރޭ ހޭދަކުރި އިރު އޭނާގެ ހިތުގައި އާއިޒަށްޓަކާ ހާއްސަ މަޤާމެއް އުފެދުނުކަން މާޔާއަށް ކަށަވަރެވެ. ނަމަވެސް އާއިޒްގެ މާ ބޮޑު ޝައުޤުވެރިކަމެއް ނެތްކަން މާޔާއަށް އިޙްސާސް ކުރެވުމުން އޭނާއަށް ލިބިފައިވަނީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ.
މާޔާ ބުނި އެޑްރެސްއަށް ކާރު ހުއްޓާލުމާއެކު މާޔާ އާއިޒްގެ މޫނަށް ބަލައިލިއެވެ. އެއާއެކު އާއިޒް ލުއި ގޮތަކަށް ހީލިއެވެ.
" ދަނީ." މާޔާ މަޑުމަޑުން ބުންޏެވެ.
އާއިޒް ބޯ ޖަހާލަމުން ފޯނަށް ބަލައިލީ މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތިއެވެ. މާޔާގެ ހިތަށް ތަދުވަމުން ދިޔައެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނާއަށް ކުރެވުނު އިޙްސާސެއް ނޫނެވެ. މާޔާ ކާރުން ފޭބި އިރު ޑްރައިވަރ ހުރީ އޭނާގެ ފޮށި ބާލާފައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ލޯ މަތިން ކާރު ވެސް އޮބާލައިފިއެވެ.
ފޫހިކަމާއެކު މާޔާ ގޮސް ކޮޓަރިއަށް ވަތް އިރު ކޮޓަރީގައި ހުރި ހުރިހާ ކުދިން ތިބީ ނިދާފައެވެ. އެ ކޮޓަރިއަކީ އޭނާގެ އިތުރުން ތިން ކުދިން އުޅޭ ކޮޓަރިއެކެވެ. އޭނާ ފިޔަވާ ހުރިހާ ކުދިންނަކީ ވެސް ވަޒީފާއަށް ދާ ކުދިންނެވެ. އެހެންވެ، ޑިޔުޓީ ނިމިގެން އެ ކުދިން އާންމުކޮށް ތިބޭނީ ގިނަ ވަގުތު ނިދާށެވެ.
ވެފައި ހުރި ވަރުބަލިކަމުން މާޔާ ގޮސް އެނދުގައި ޖައްސާލިއެވެ. އޭރުވެސް ލޯމަތިން ހީވަނީ އާއިޒް ފެންނަހެންނެވެ. އަދިވެސް ހުންނަ ހިތްވަނީ އޭނާ ކައިރީގައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އާއިޒްގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ނުލިބުމުން މާޔާ ހުރީ ކަންބޮޑުވެ، ދެރަވެފައެވެ. ނަމަވެސް ކުރެވޭނެ އިތުރުކަމެއް ނެތްކަން ހުދު އޭނާއަށް އެނގެއެވެ.
އާއިޒް ގެއަށް ވަނުމާއެކު އޭނާގެ މަންމަގެ މޫނުމަތިން ފެނިގެން ސިޔައީ އުފާވެރިކަމުގެ އަސަރުތަކެވެ. ސޯފާއިން ތެދުވެގެން ގޮސް އާއިޒްގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން ޖަމީލާ ވާހަކަ ދައްކަން ފެށިއެވެ.
" ޢީދު މުބާރަކް މަންމަގެ ދަރިފުޅާ. މަންމަގެ ފިރިހެން ދަރިފުޅު މަންމަގެ ބަސްއަހާނެކަން އެނގޭ. ދޮންތަ ބުންޏަސް ދަރިފުޅު އަންނާނެކަން އެނގޭ." ޖަމީލާ ބުންޏެވެ.
މަންމަ ކިތަންމެ އުފާވެފައި ހުރި ނަމަވެސް އާއިޒްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ގައިން ވަރު ދޫވެފައި ހުރި މީހެއް ފަދައިން އޭނާ ގޮސް ސޯފާގައި އިށީނެވެ. އެއާއެކު ޖަމީލާ ވެސް ގޮސް އާއިޒާ ދާދި ގާތުގައި އިށީނެވެ.
" ޢީދު ނަމާދު ވެސް ނުލިބުނީ ދޯ. މިހާރު ނަމާދު ކުރަމުން އެ ދަނީ. " ޖަމީލާ ޓީވީ އަޅުވާލަމުން ބުންޏެވެ.
އާއިޒް އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.
" މިއަދު މެންދުރު އުލްފާމެންނަށް ދަޢުވަތު ދޭންވީ ދޯ." ޖަމީލާ ހުރީ ވަގުތު ބޭކާރު ކުރާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވާ މައުޟޫ ފެށީ ހެވިފައި އިނދެއެވެ.
" ނޭނގެ. އެއީ މަންމަގެ ރައްޓެހިންނެއްނު." އާއިޒް ބުންޏެވެ.
" އެ ދުވަހު އެ ކައިވެންޏަށް ނުރުހެމޭ ބުންޏަސް، މަންމަ ހަމަ ޔަޤީން ކުރިން ދަރިފުޅު އަދި ފަހުން އޯކޭ ވާނެކަމަށް. އެއްވެސް ކަމަކާ ވިސްނާނެކަމެއް ނެތޭ. ލޯބި ވެވިދާނެ ފަހުން ވެސް. އެކަހަލަ ފުރުސަތެއް ފަހުން ނުލިބޭނީ." ޖަމީލާ ބުންޏެވެ.
" މަންމާ! ވަޒީފާއަކަށް ގޮސްގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން ނޫންތަ އަނތްބަކު ބެލެހެއްޓޭނީ." އާއިޒް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" އުލްފާއާ އިނީމަ ތި ހުރިހާ ކަމަކުން ސަލާމަތްވާނެ. ނުޖެހޭނެ ދަރިފުޅު ހަރަދު ކުރާކަށް. ބަލަ ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިއޭ. އުލްފާ ބުނާ ކޮންމެ ކަމެއް އެ މީހުން ޤުރުބާން ވެގެން ވެސް ކުރާނެ." ޖަމީލާ ބުންޏެވެ.
އިންކާރު ކުރަން މާ ގިނަ ވާހަކަތަކެއް މަންމަގެ ކުރިމަތީގައި ދައްކާނެ ހިތްވަރެއް އާއިޒްގެ ނެތެވެ. އެހެންވެ އިތުރަށް ބަހެއް ނުބުނެ އޭނާ ހުރީއެވެ.
" އެހެންވީމަ މަންމަ މި ދަނީ އުލްފާގެ މަންމައަށް ގުޅަން. " ޖަމީލާ ތެދުވަމުން ބުނެލިއެވެ.
" މަންމާ! " އާއިޒް ބުންޏެވެ.
ޖަމީލާ ހެވިފައި ހުރެ އާއިޒަށް ބަލައިލިއެވެ.
" އަހަރެން... އަހަރެން ބޭނުމެއް ނޫން ކައިވެނި ކުރާކަށް." އާއިޒް ވަރަށް ހިތްވަރުކޮއްފައި ބުނެލިއެވެ.
" އެއީ؟ ކީއްވެ؟ ކޮންކަމެއް އަހަރެން ކަލޭމެންނަށް ކޮށް ނުދެނީ؟ ބަފަޔަކާ ނުލާ ތި ވަރު ކުރީމަ މަންމަ ލަދުގަންވަނީ؟" ވާހަކަ ނިންމި އިރު ޖަމީލާ އައިސް ހުރީ އާއިޒްގެ ކުރިމަތީގައެވެ.
" އާއިޒް އިތުރު ކަމެއް ކުރަނީތަ؟" ޖަމީލާ އެހީ ޝައްކުގެ ނަޒަރަކުން އާއިޒަށް ބަލަހައްޓައިގެން ހުރެއެވެ.
މަންމަގެ އެ ޖުމްލައާއެކު އާއިޒްގެ ސިކުނޑިއަށް މާޔާގެ ނަން އައިނައިގޮތެއް އޭނާއަކަށް ނޭނގުނެވެ. ކުއްލިއަކަށް މާޔާ މަތިން އޭނާ ހަނދާންވެއްޖެއެވެ.
" ނޫން. އެކަމަކު ވެސް... " އާއިޒް އެހެން ބުނުމަށްފަހު، ކޮޓަރިއާ ދިމާލަށް ދާން ތެދުވިއެވެ.
" އުލްފާ ނޫން މީހަކާ އާއިޒަކަށް ނީނދެވޭނެ. އަހަރެންގެ ނުގަބޫލުގައި އިތުރު ކަމެއް ކުރަން ހިތަށް ވެސް ނާރުވާތި." ޖަމީލާގެ އަޑު އިވޭކަމަށް ވެސް ނަހަދާ އާއިޒް ގޮސް ކޮޓަރިއަށް ވަނެވެ.
މަންމަ އެ ބުނާ އުލްފާއަކީ ކާކުކަން އާއިޒަށް އެނގެއެވެ. ސްކޫލް ދައުރުން ފެށިގެން އޭނާއާހެދި ހޭބަލިވެފައި ހުންނަ ކުއްޖެކެވެ. އުލްފާއަކީ ހުތުރު ކުއްޖެއް ނޫނެވެ. ކޮންމެ ފިރިހެނަކު ވެސް އޭނާއާ އިންނަން ރުހޭނެއެވެ. ނަމަވެސް އާއިޒްގެ ހިތް ދުވަހަކު ވެސް އުލްފާއަށް ރުހެވިދާނެހެން ޚުދު އޭނާއަކަށް ހިއެއް ނުވެއެވެ.
" އާއިޒް. އެ މީހުން އަންނާނެ މެންދުރުކާން. ގޭގަ ހުންނާތި." ޖަމީލާގެ އަޑަށް އާއިޒަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އުލްފާއަށް އޭނާ ފެންނަން ވެސް އޭނާގެ ޟަމީރު އެއްބަހެއް ނުވެއެވެ. އެ އާއިލާއާ ބައްދަލްކުރަން ވެސް އޭނާ ބޭނުމެއް ނޫނެވެ. އެ ކައިވެނީގެ ވާހަކަ ދައްކަން ވެސް އާއިޒްގެ ހިތެއް ނޭދެއެވެ.
ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް އާއިޒްގެ ހިތަށް އުނދަގޫވަނީއެވެ. ކޮންމެވެސް ވަރަކަށް އޭނާ ބިރުވެސް ގަންނަން ފަށައިފިއެވެ. އުލްފާގެ އާއިލާގެ ކުރިމަތީގައި ގަދަކަމުން ވެސް މަންމަ އޭނާ އެއްބަސް ކުރުވާނެކަން އޭނާއަށް އެނގެއެވެ. އެކަން އެހެންވިޔަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
އާއިޒް ސިޓިންރޫމަށް ނިކުތް އިރު އޭނާގެ މަންމަ އުޅެނީ ކޮޓަރީގައެވެ. އަވަސް އަވަހަށް އޭނާ ގެއިން ނިކުމެގެން ބާރުބާރަށް ހިނގައިގަތީ ގޭގައި ހުންނަން ބޭނުން ނުވާތީއެވެ. ހިތާ ދެކޮޅަށް އެއްވެސް ނިންމުމެއް އޭނާއަކަށް ނުނިންމޭނެއެވެ. އެއީ ފަހަރެއްގައި ވެސް އޭނާ ކުރާނެ ކަމެއް ނޫނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ. ނަމަވެސް ދިމާވާކަމަކުން މިއިން ދުވަހަކު ވާހަކަ ނުގެނެސްދެވުމަކީ އެކަށީގެންވާ ކަމެކެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!