19 ޖުލައިގެ އަދަދާއި ގުޅޭ:

އާއިޒް ސިޓިންރޫމަށް ނިކުތް އިރު އޭނާގެ މަންމަ އުޅެނީ ކޮޓަރީގައެވެ. އަވަސް އަވަހަށް އޭނާ ގެއިން ނިކުމެގެން ބާރުބާރަށް ހިނގައިގަތީ ގޭގައި ހުންނަން ބޭނުން ނުވާތީއެވެ. ހިތާ ދެކޮޅަށް އެއްވެސް ނިންމުމެއް އޭނާއަކަށް ނުނިންމޭނެއެވެ. އެއީ ފަހަރެއްގައި ވެސް އޭނާ ކުރާނެ ކަމެއް ނޫނެވެ.

Ad
rt

އިސްޖަހާލައިގެން ހުރެ، ޖީބަށް އަތް ޖަހާލައިގެން އާއިޒް ދުވާރުމަތިން ހިނގަމުން ދިޔައިރު ވެސް އޭނާގެ ހިތުގައި އުފެދެމުންދާ ތޫފާނަކަށް ބަދަލެއް ނާދެއެވެ. މަންޒިލެއް ނެތި، ދެވޭ ނުދެވޭ ދިމާލެއް ވެސް އާއިޒަށް ނޭނގޭ ކަހަލައެވެ. އޭނާގެ ހިތާއި ސިކުނޑި ކުރަމުންދާ މަޖުބޫރީގެ ސައްލާއަށް ޚުދު އޭނާއަށް ވެސް ބާރު ނުފޯރުވޭ ކަހަލައެވެ. މަންމަގެ އެއްވެސް އެދުމަކަށް މީގެ ކުރިން ނުޤަބޫލުވެފައި ނެތަސް، މިހާރު ބޯމަތި ވެފައިވާ ކަޅު، ބޯ ވިލާގަނޑުން ސަލާމަތްވާން އޭނާ ބޭނުންވެއެވެ. ސަބަބަކީ އެ ނިންމުމަކީ މުޅި އުމުރަށް ވެސް އޭނާގެ ޙަޔާތާ ގުޅިފައިވާނެތީއެވެ.

އާއިޒްގެ ވަރުގަދަ އިސްތަށިތަކުގެ ތެރެއިން ކަނދުރާ މައްޗަށް ދާތިކިތައް ފައިބަމުންދާން ފެށުމުން ހޫނުވާކަން އޭނާއަށް އިހްސާސް ކުރެވުނެވެ. އޭރު، އޭނާއަށް ހުރެވުނު ހިސާބެއް ވެސް ނޭނގެއެވެ. ވަށައިގެން ނަޒަރު ހިންގާލުމާއެކު ކަޅި ހުއްޓުނީ، ކުޑަ ފިހާރައަކުން ނިކުތް އަންހެންކުއްޖަކާ ދިމާލަށެވެ. އޭނާ ހުރ ކަފިހުރަހާ ދިމާގައި ކަމުން، އޭނާ އަންނާނީ އާއިޒާ ދިމާލަށްކަން އާއިޒަށް އެނގުނެވެ.

" މާ..ޔާ" އިސްހަޖައިގެން ދިޔަ މާޔާއަށް އާއިޒް ގޮވާލިއެވެ. އެއާއެކު މާޔާ އެނބުރިލީ ހާސްކަމާއެކުއެވެ.

" އާއިޒް؟ " މާޔާއަށް ބުނެވުނެވެ.

އިތުރަށް ދައްކާނެ ވާހަކައެއް އާއިޒަކަށް ނޭނގުނެވެ. މާޔާގެ މޫނުމަތި ކުއްލިއަކަށް އުޖާލާވެގެން ދިޔަތަން އާއިޒަށް ފެނުމުން އޭނާއަށް ވެސް ހިނިތުން ވެވުނެވެ.

" އަހަރެން ހޯދަނީތަ؟ " ކައިރީގައި ހުރި ފިހާރަ ކައިރިއަށް ޖެހިލަމުން މާޔާ ސުވާލު ކުރީ ގަޔާވެލާފައެވެ.

ރައްދުގައި އާއިޒް ހީލިއެވެ.

" ބަނޑުހައިވެގެން ބިސްކޯދެއް ގަންނަން މި އައީ. އެއީ އަބަދުވެސް އަހަރެމެން ދާ ފިހާރައެއް. ކިތަންމެ ކުޑަޔަސް ލައްކަ އެއްޗެހި ހުންނާނެ. ނުލިބޭ އެއްޗެއް ނުހުންނާނެ އެތާކު. " އަތުގައި އޮތް ކޮތަޅު ދައްކާލަމުން މާޔާ ބުންޏެވެ.

ފުން ނޭވާއެއް ދޫކޮއްލަމުން އާއިޒް ބޯ ޖަހާލިއެވެ.

" ޕިސްޕިސް. ހަމަ ޖާގަ އޮއްވައޭ ތި ދަނީ ގައިގައި ޖެހިލާފަ. މި ބިދޭސީ މީހުންގެ ކަންތައް ހާދައޭ ބޮޑީ." މާޔާގެ ގައިގައި ޖެހިފައި ދިޔަ މީހަކާ ދިމާލަށް އޭނާ ބާރުބާރަށް ބުންޏެވެ.

އާއިޒް ވެސް ދިޔައީ ސިހިގެންނެވެ.

" ވަރަށް ފޫހިވޭ ދެން. އެހެންވެ އަހަރެން ހިނގާ ހިތް ނުވަނީ. ދެން ހަމަ ގައިގަ ޖެހިލާފަ ނޫނީ ނުދެވޭތަ؟" އަނެއްކާ ވެސް މާޔާ ޝަކުވާ ކުރިއެވެ.

" ދެން ދޭ އަވަހަށް ގެއަށް. " އާއިޒް ބުނެލިއެވެ.

" މި ހުރީ ގެ. " މާޔާ ބުންޏެވެ.

އެއާއެކު ކައިރީގައި ހުރި އުސް އިމާރާތަށް އާއިޒް ބަަލައިލިއެވެ.

" ކީއްކުރަނީ މިތާ؟ މިހާ ހޫނު ގަދަ އިރު " މާޔާ އެހިއެވެ.

" ކަމެއް ނުކުރަން. " އާއިޒް ދިނީ ކުރު ޖަވާބެކެވެ.

" ކުޅިވަރު ބަލަން ނުދަންތަ؟" މާޔާ އެހިއެވެ.

" ކުޑަކުދިން ދާނީ." ދުރަށް ބަލައިލަމުން އާއިޒް ބުންޏެވެ.

" މާލޭގަ އަސްލު އެހާ ޢީދެއް ނޫން ދޯ؟ ކީއްވެ ޢީދު ނުނިންމާ މާލެ އައީ؟" ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް މާޔާ އެހިއެވެ.

" މާޔާ ވެސް ޢީދަށް ރަށަށް ގޮސް މާލެ އައީ އެއްނު." އާއިޒް ބުންޏެވެ.

" އެއީ ދެން ކުއްލި އަކަށް ނިންމުނު ނިންމުމެއް." މާޔާ ބުންޏެވެ.

" އަހަންނަށް ވެސް ހަމަ ތި ގޮތަށް ކުއްލި ނިންމުމެއް ނިންމަން ޖެހިދާނެއެއްނު." އާއިޒް ބުންޏެވެ.

އެއާއެކު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ދައްކާނެ ވާހަކަ ހުސްވީ ކަހަލައެވެ. އެއްމިޔަކަނުން ހީލަމުން މާޔާ އާއިޒްއަށް ބަލައިލިއެވެ.

" ދެން އަހަރެމެން އަދި ބައްދަލްވާނެތަ؟" މަޖާ ރާގުގަނޑު ބަދަލު ކޮއްލަމުން މާޔާ އެހިއެވެ.

މާޔާގެ އެ އަސަރުގަދަ ސުވާލުން އާއިޒްގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފް ގޮތަކަށެވެ. ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ކުރިމަތީގައި ހުރި މާޔާގެ މޫނަށް ފުންނަޒަރަކުން އާއިޒް ބަލައިލިއެވެ. އޭރު މާޔާ ހުރީ ސާދާ ހިނިތުންވުމަކާއެކު ސީދާ އާއިޒްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ބުޅި އިސްތަށިތައް ހުރީ ހިމޭން ވެފައެވެ. މޫނުގެ ކޮންމެ ގުނަވަނެއް އެދެމުން ދަނީ އާއިޒްގެ ފަރާތުން އުފާވެރި ޖަވާބަކަށްކަން އެ މޫނުމަތީގައިވާ ހިނިތުންވުމުން ދޭހަވެއެވެ. މޭތެރޭގައި ހިފެހެއްޓިފައިވާ ނޭވާ، ބޭރަށް ދޫކޮއްލަން އާއިޒަށް އުނދަގޫވިއެވެ.

" އިއްތިފާޤަކުން ބައްދަލް ވާކަށް އަހަރެން ބޭނުމެއް ނޫން." އިސްޖަހާލަމުން މާޔާ ބުންޏެވެ.

ދެން ވެސް ބުނާނެ އެއްޗެއް އާއިޒްގެ ދުލަކަށް ނައެވެ. އޭނާއަށް ހަނު ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ.

" މިރޭ، ސަލްޓަންޕާކަށް ދެވިދާނެތަ؟ އަށެއް ޖަހާއިރު." ޖެހިލުމެއް ނެތި މާޔާ އެހިއެވެ.

" ކީއްކުރަން؟" އާއިޒް ސުވާލު ކުރިއެވެ.

" ބައްދަލް ކުރަން." މާޔާ ބުންޏެވެ.

" ކީއްކުރަން؟ " އަނެއްކާ ވެސް އާއިޒް އެހިއެވެ.

" ވާހަކަ ދައްކާލަން." މާޔާ ބުންޏެވެ.

" އެއީ ކިއްކުރަން؟" އާއިޒްގެ ސުވާލުތަކުން މާޔާ ރުޅި އަތުވެއްޖެއެވެ. ނަމަވެސް އޭނާ ބޭނުންވީ ކެތްތެރިކަމާއެކު ޖަވާބު ދޭށެވެ.

" އަހަންނަށް އާއިޒް ކަމުދާތީ. ވާހަކަ ދައްކާ ހިތްވާތީ. " މާޔާގެ ޖަވާބުން އާއިޒަށް ތެޅިގަނެވުނެވެ.

" އަހަރެން ނުދާނަން." އާއިޒް ވަގުތުން މާޔާއަށް ފަުރަގަސްދިނެވެ.

" އާއިޒް ނުދިޔަޔަސް، އަހަރެން އެ ތަނަށް ދާނަން. " އެހެން ބުނެ މާޔާ ބާރުބާރަށް އާއިޒްގެ ކައިރިން ގޮސް ގޭގެ ދޮރާށިން އެތެރެ ވެއްޖެއެވެ.

ފުންނޭވާއެއް ދޫކޮއްލަމުން އާއިޒަށް ފާރުގައި ލެނގި ލެވުނެވެ. ވަގުތަކީ ޖީބުގައި އޮތް ފޯން ރިންގުވާން ފެށި ވަގުތެވެ. ފޯނަށް ބަލައިލި އިރު ވެސް އެ ގުޅަނީ މަންމަކަން އާއިޒަށް ޔަޤީން ކުރެވުނެވެ.

" ކޮންތާކަށް ރައްކާވެގެން ތި ދިޔައީ؟ މަންމައަކީ މަންމަކަން އާއިޒް ނުދަންނަނީތަ؟ މަންމަ ލަދުގަންނަވާލަންތަ ބޭނުންވަނީ؟" ޖަމީލާ ވާހަކަ ފެށީ ރުޅި އައިސްގެންނެވެ. ނަމަވެސް ޖުމްލަތައް ނިމުނު އިރު އޭނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.

" މަންމާ! އަހަންނަކަށް އުލްފާ ކަމަކު ނުދެޔޭ. އަހަރެން ބޭނުމެއް ނޫނޭ އިތުރަށް އެކަމަކަށް ވާހަކަ ދައްކާކަށް." އާއިޒް ބުންޏެވެ.

" އަހަންނަށް އެނގެޔޭ ތިއީ ދުލުން އެއްޗެއް ބޭރު ކުރަން ބޮޑުވެފަ ހުންނަ ކުއްޖެއްކަން. މާ ގިނަ ވާހަކަ ދައްކާނެ ކަމެއް ނެތޭ. އުލްފާއާ އިންނާނަމޭ ބުނީމަ ނިމުނީނު. ކޮން ކަމެއްތަ އޭނަގެ އުނިވަނީ؟" ޖަމީލާ އަނެއްކާ ވެސް ރުޅި އަތުވެއްޖެއެވެ.

" މަންމާ! އަހަރެން ބޭނުން ނުވަނީ. އަހަރެން ބޭނުން ނޫނޭ ގަދަކަމުން ތިކަން ނުކުރުވަބަލަ." އާއިޒް ބުންޏެވެ.

" އަހަރެން މި ބުނަނީ އެންމެ ފަހު ފަހަރަށް. ހުރި ތާކުން ގެއަށް އާދޭ. ނޫނީ ދެން އާއިޒަށް ފެނިދާނެ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ވެސް." ޖަމީލާ އެހެން ބުނެ ފޯނު ކަނޑާލިއެވެ. އޭރު އާއިޒްގެ އަތް ތުރުތުރު އަޅަމުން ދެއެވެ.

އައި ކޮޅަށް އެނބުރި ދާން އޭނާ މިސްރާބު ޖެހީ ރުޅިވެރި ހިތަކައިގެންނެވެ. ޝަކުވާތައް ހިތަށް ބަރާވަމުން ދިޔައެވެ. މަޖުބޫރެއްގެ ވެސް ހައްދެއް އޮންނަންވާނެއެވެ. މަންމަގެ ފުރާނަޔާ އޭނާގެ އުފާ އަޅާކިޔަން ހެޔޮވާނެ ހެއްޔެވެ؟ މުޅި ދިރިއުޅުން ޤުރުބާންކޮއްފައި ވެސް އާއިޒަށް މުހިންމުވާނީ މަންމަގެ ފުރާނަކަން މަންމައަށް ވެސް އެނގޭނެއެވެ. ހަމައެކަނި މަންމައަށް ނޭނގެނީ މަންމަގެ ދެ އަތުން ދަރިފުޅުގެ ދިރިއުޅުން ކަތިލެވޭނެކަމެވެ.

ހިތަށް އަރާ ފައިބަމުންދާ އެއްޗެހިތައް ބުރުވަމުން ގޮސް އޭނާ ގެއަށް ވަނީ ދާހިއްލާ ފޯވެގެންނެވެ. ގެއަށް ވަނުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ސިޓިންރޫމްގައި އިން ޖަމީލާއެވެ. އާއިޒް ފެނުމާއެކު އޭނާ ކޮޅަށް ތެދުވެ، ދެ ލޯ ވަށް ކޮއްފައި އާއިޒަށް ބަލަން ފެށިއެވެ.

" ފެންވަރައިގެން ތައްޔާރުވެގެން ނިކުމޭ. އެ މީހުން އެބަ އާދޭ." ޖަމީލާ ބުންޏެވެ.

" އަހަންނަށް މަންމަގެ ފުރާނަ ވަރަށް މުހިއްމު. އެކަމަކު.... މަންމައަށް އަހަރެންގެ ފުރާނަ މުހިއްމުވަނީ ކިހާ ވަރަކަށް ކަމެއް އަހަންނަކަށް ނޭނގެ. އެ ކޮޓަރިއަށް އަހަރެން ވަނުމަށްފަހު އެނބުރި ނިކުންނާނެ ކަމުގެ ޔަޤީންކަން މަންމައަށް އޮތިއްޔާ އަހަރެން ވަދެދާނަން." އާއިޒް ބުންޏެވެ.

އެ ޖުމްލަތަކުން ޖަމީލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ލޯބިވާ ދަރިފުޅު ގެއްލި ދާނެކަމުގެ ބިރަށް އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ.

" އާއިޒް! މިހާރު ތި ދަނީ މާ މައްޗަށް. އަހަރެން މި ހުރިހާ ކަމެއް ވެސް މި ކުރަނީ ދަރިފުޅުގެ އުފަލަށް. މި ކަންކަމުން ދަރިފުޅަށް ލިބޭނެ ދެރައެއް ނޯންނާނެ." ބާރުބާރަށް ޖަމީލާ ބުންޏެވެ.

" އަހަރެން އިންކާރު ކުރާނަން. އެ މީހުން ކުރިމަތީ އިންކާރު ކުރާނަން. އަހަރެން އުލްފާއަކާ ނީންނާނަން. އަމިއްލައަށް މަރުވިޔަސް." އާއިޒް އެހެން ބުނުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" އާއިޒް! " ކަރުބުޑުން އަޑު ނެރެމުން ޖަމީލާ އާއިޒަށް ގޮވިއެވެ.

" މަންމަ އިތުރަށް އަހަންނާ ވާހަކަ ނުދައްކަ ފާނަންތަ؟ " އަޑުގައި ހުރި ވަރުބަލިކަމާއެކު އާޢިޒް ބުނެލިއެވެ.

" އަހަންނަކީ ކަލޭ މަންމަކަން ދެން ހަނދާން ނައްތާލާ. މަގޭ މަޢާފެއް ދެން ދުވަހަކު ވެސް ކަލެއަކަށް ނުލިބޭނެ. އަހަންނަށް ހެޔޮ ކޮޓަރިއަށް ވަންނަ ގޮތަށް ދުވަހަކު ނުނިކުތަސް. " ޖަމީލާ އެހެން ބުނެ ބާރުބާރަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

މަންމަގެ ޖުމްލަތަކުން އާއިޒްގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތުގައި ޖެހި ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ދުވަހަކު ވެސް މަންމަ ދެރަކޮއްފައިނުވާއިރު، މިއަދު އޭނާއަށް މަންމަ ހިތުގައި ޖެއްސިއްޖެކަން އިހްސާސް ކުރެވުނެވެ. މަންމައަށް ގޮވަން ދާން ބޭނުން ވެގެން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ވެސް އޭނާ ހުއްޓުނީ ބޭކާރު ކަމަކަށް ވާނެތީއެވެ. ޔަޤީނެވެ. މަންމައަށް ގޮވަން އޭނާ ދާނެޔޭ ޚުދު މަންމަ ވެސް ހީ ކުރާނެއެވެ. ނަމަވެސް އާއިޒް މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ. ނަމަވެސް ދިމާވާކަމަކުން މިއިން ދުވަހަކު ވާހަކަ ނުގެނެސްދެވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނިމުނީ)