ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ، މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަމީޒާ އައްޔަންކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad
rt

އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ.

އަމީޒާއަކީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން އޭނާ ވަނީ ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އާއި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް ހަރުދަނާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ފާޠިމަތު އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ފުރިހަމަކުރައްވާފައިވެއެވެ.

މިއީ މީރާގެ 16 އަހަރުގެ ތާރީހުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަންހެން ބޭފުޅަކު ފުރަތަމަ ފަހަރަށް އައްޔަންކުރެއްވި ފަހަރެވެ.