ސިހުރުވެރިއެއްގެ ކިބައިން ކަމަކު އެދުމާއި، ސުވާލުކުރުމާއި، އެމީހުން ދައްކާ ވާހަކަ ގަބޫލުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް، ސިހުރުގެ ނުރައްކާތެރިކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާގައި އަގުހުރި ދަރުސްތަކެއް ދީފިއެވެ.
"ސިހުރު ހާހޫރައިގެ ނުބައިކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެކެވެ. ސިހުރުވެރިއަކަށް ވެވޭނީ ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވުމަށް އޭނާއާއެކު އަހުދުކަށަވަރު ހިފައިގެންނެވެ.
ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝައިޠާނާ ސިހުރުވެރިންނަށް އަމުރުކުރަނީ ނަޖިސް ތަންތަނުގައި ވަގުތު ހޭދަކުރުމަށާއި، ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމަށެވެ. އަދި ޖިންނި ޝައިޠާނުންގެ ނަމުގައި ކަތިލައި، އިސްލާމްދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވެއެވެ. ސިހުރުވެރިޔާގެ ކާފިރުކަމާއި މާތް ﷲއަށް ހުރި އަދާވާތްތެރިކަން ބޮޑުވި ވަރަކަށް، އޭނާގެ ސިހުރުގެ ބާރުގަދަވެފައި އަސަރު އަވަސްވާކަންވެސް ހުތުބާގައި ބަޔާންކުރިއެވެ.
ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ސުވާލުކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވަންދެން އޭނާގެ ނަމާދު ގަބޫލުނުކުރައްވާނެއެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ގަބޫލުކޮށްފި މީހާ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެކަން ކަށަވަރެވެ.
މުޖުތަމައުގައި އުފެދޭ ފިތުނަތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ފަރުވާގެ ނަމުގައި ގެންނަ ސިހުރުވެރިންގެ ސަބަބުން އާއިލާތައް ރޫޅި ބޮޑެތި ފިތުނަވެރިކަން އުފެދޭ ކަމަށެވެ. ފެންނަ ހުވަފެނެއް ނުވަތަ ކައިވެނި ލަސްވުން ފަދަ ކަންކަމަކީ ސިހުރުގެ ސަބަބުންވާ ކަންކަން ކަމުގައި ގަބޫލުކުރުމުގެ ބަދަލުގައި، ކޮންމެ ނިޢުމަތަކާއި މުޞީބާތަކީ ﷲގެ މިންވަރުފުޅުން ވާކަމެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
ސިހުރުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ ފަސް ނަމާދު ގާއިމުކުރުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމާއި، ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުން ގިނަކުރުމެވެ. އަދި ބަލިމަޑުކަމެއް ދިމާވުމުން ފަރުވާ ހޯދުމުގައި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ މަގު އިޚްތިޔާރުކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. ޝަރުޢީ ރުޤުޔާ ކުރާ މީހަކު މައިންބަފައިންގެ ނަމެއް ނާހާނެ ކަމަށާއި، ތަވީދާއި ގޮތްނޭނގޭ ފޮތިގަނޑު ފަދަ ތަކެތި ބޭނުންނުކުރާނެ ކަމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!