ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުތުބާ ޚާއްޞަކޮށްފައިވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހުތުބާގައި ބުނީ މާތް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ ވަގުތުގެ ނިޢުމަތް ކަމަށެވެ.

Ad
rt

ކީރިތި މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅަކަށް ރިއާޔަތްކޮށް ހުތުބާގައި ބުނީ، ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ ދެ ނިޢުމަތެއްވާ ކަމަށާއި، އެއީ ޞިއްޙަތާއި ހުސް ވަގުތު ކަމަށެވެ. އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ބޮޑުކަން ހާމަވަނީ ﷲ تَعَالَى ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި ހުވައި ވަޙީކުރައްވައިފައިވުމުން ކަމަށްވެސް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނީ ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ ކަމަށެވެ. އެގޮތުން މާތް ﷲއަށް ނިޔަތް ޚާލިޞްކޮށް ކިޔަމަންތެރިވުމުގައްޔާއި، އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރުމުގައި ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ހިސާބުކުރާން ޖެހެއެވެ. އަދި ޤުރްއާން ކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ގާތްތިމާގެ މީހުންނަށް އެހީތެރިވުން ފަދަ ދީނީ ކަންކަމަށް ދެވޭ ވަގުތާ މެދު ވިސްނާލުން މުހިންމެވެ.

މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޢުމުރުން މަދުވާ ދުވަހެއްކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ، ޣާފިލުކަމުގެ ނިދީގައި ވަނިކޮށް ޙަޔާތުގެ ނިމުން އައިސް ބައްދަލުކޮށްފާނެ ކަމަށެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވާ ދުވަހެކެވެ." މިއީ އަލްއިމާމުލްޙަސަނުލް ބަޞްރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މަސައްކަތްތެރީންނާއި ދަރިވަރުންނަށް އިލްތިމާސްކުރަމުން ހުތުބާގައި ބުނީ، ވަޒީފާގެ ޒިންމާ އަދާކުރުމުގައި ވަގުތަށް އަމާނާތްތެރިވުމަށާއި، ދަރިވަރުން ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ފިލާވަޅުތައް ފަހަށް ނުބަހައްޓައި ދުވަހުން ދުވަހަށް ދަސްކޮށް، ދުންޔަވީ އަދި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ފެށުމަށް ހުތުބާގައި ގޮވާލިއެވެ.

ހުތުބާގައި ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެއްކަން ހަނދާންކޮށްދީ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް މަސައްކަތްކުރާ ބަޔަކުކަމުގައި ލެއްވުމަށް އެދި ދުޢާކޮށްފައި ވެއެވެ.