އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ "ޣައިރު ގާނޫނީ" ހަނގުރާމައަކީ މެދުއިރުމަތީގެ އެހެން ހަމަނުޖެހުންތަކާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ ހަނގުރާމަ ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ވިލާތުގެ އިއްތިހާދު (އީޔޫ) ސަމިޓުގެ ކުރިން ވާހަކަދައްކަވަމުން ސަންޗޭޒް ވަނީ މި ހަނގުރާމަ ހުއްޓުވުމަށް ވިލާތުގެ ގައުމުތަކުން އެއްބަސްވުމަކަށް އައުމަށް ބާރުއަޅުއްވާފައެވެ.

Ad
rt

ބޮޑުވަޒީރު ސަންޗޭޒް ފާހަގަކުރެއްވި ގޮތުގައި، އީރާނުގައި ހިނގަމުންދާ ހަނގުރާމައަކީ ގާޒާ، ހުޅަނގު އައްސޭރި އަދި ލުބުނާނުގެ ހަމަނުޖެހުންތަކާ "ގުޅިލާމެހިފައިވާ" ކަމެކެވެ. މިއީ އީޔޫއަށް ވަރަށް ނިންމުންތެރި ވަގުތެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ގިނަ ގައުމުތައް ބައިވެރިވާ ނިޒާމުތަކަށް ވިލާތުން ތާއީދުކުރާކަން އަންގައިދޭ ސާފު މެސެޖެއް ދުނިޔެއަށް ފޮނުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ސަންޗޭޒް ވިދާޅުވީ "އީރާނާއި މުޅި މެދުއިރުމަތީގައި ފެތުރެމުންދާ މި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމުގައި އަޅުގަނޑުމެން ބައިވެރިވާންޖެހޭ،" ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން ގެދޮރު ދޫކޮށް ދާންޖެހުމުގެ އިތުރުން އިގްތިސާދީ ހަމަޖެހުމަށް ނޭދެވޭ އަސަރު ކުރަމުންދާކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ކުރާ އިގްތިސާދީ އަސަރުތަކުން އަރައިގަތުމަށްޓަކައި ސްޕެއިން ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް ތައްޔާރުކުރަމުންނެވެ. މީގެ ތެރޭގައި ގެއްލުންވާ ދާއިރާތަކަށް އެހީތެރިވުމާއި ހަކަތައިގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހިމެނެއެވެ. ހަނގުރާމަ ފެށުނީއްސުރެ ސްޕެއިން އިން މިކަން ކުށްވެރިކުރާކަން ތަކުރާރުކުރައްވަމުން، އެ ގައުމުން މިފަދަ އަމަލުތަކަށް ތާއީދު ނުކުރާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.