ހުޅުމާލޭގައި "ހުޅުމާލެ ގްރޭންޑް މިސްކިތް" ނަމުގައި ފަޚުރުވެރި ބިނާއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން، އިސްލާމީ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ ދެދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތަކަކީ މާތް ﷲ ގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތައް ކަމަށެވެ. އަދި އެ ޒީނަތްތެރިކަން ސައްތައިންސައްތަ ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒުގެ އިތުރުން 6 ވަޤުފު ބިނާއާއެކު ޖުމްލަ 90 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މިސްކިތް ނިންމައި މިހާރު ވަނީ ހުޅުވާފައެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިސްކިތްތައް ބިނާކުރުމުގެ އިތުރުން، މިހާރު ހުރި މިސްކިތްތައް މަރާމާތު ކުރުމަށްވެސް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މަރާމާތަށް ހޭދަކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި އެ މަސައްކަތަށް 15 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިއަހަރުގެ ތެރޭގައި ކުރިއަށް ރޭވިފައިވާ އިތުރު މަސައްކަތްތަކަށް ބަލާއިރު:
- ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ފެށޭނެ،
- 17 ރަށެއްގައި އަލަށް މިސްކިތް އެޅުމުގެ މަސައްކަތް ފެށޭނެ،
- ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަޞައްވުރު އެކުލަވައިލައި، އަމަލީ މަސައްކަތް ފެށޭނެ،
- 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކާއި އަންހެނުން ނަމާދުކުރާ ބައިތައް އޭސީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރަމަޟާން މަހުގެ ކުރިން މާލޭގެ 4 މިސްކިތެއް އޭސީ ކުރެވޭނެ،
''ހުޅުމާލެ ގްރޭންޑް މިސްކިތް އެޅުމުގެ ތަޞައްވުރު އެކުލަވައިލައި، އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލެ ގްރޭންޑް މިސްކިތަކީ ދިވެހިރާއްޖޭގެ އިސްލާމީ ބިނާވެށީގެ ތެރެއިން ފާހަގަކޮށްލެވޭނެ ވަރަށް ހާއްސަ އަދި ފުރިހަމަ ބިނާއަކަށް ވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!