ކުރީގެ އަދަދާއި ގުޅޭ:

" އަވަސް ކޮއްލައްޗޭ." އެހެން ބުނެ އޭނާ ފަސް އެނބުރުނީ އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓައެވެ. ދެ މީހުންގެ ނަޒަރު ސީދާ ވުމާއެކު ވަށައިގެން ތިބި މީހުންގެ މަތިން ވެސް އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުސެން ވެސް ހުރީ ޝޮކެއްގައިކަން ޔަގީނެވެ.

Ad
rt

ހުސެންއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވީ ނަމަވެސް، ދުލަށް ބަރުވެގެން ގޮސް ދޫ ހަރަކާތްކޮއްލާނެ ހިތްވަރު ވެސް ނުލިބުނެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު ދެ މީހުން އެހާ ކައިރިން ބައްދަލްވެ، ނަޒަރު ސީދާ ވުމުން ހަމަ ގައިމު ވެސް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އޭރު ހުސެންގެ މޫނުމަތިން ތަފާތު އަސަރުތަކާއި އިޙްސާސްތައް މަސްހުނިވަމުންދާ މަންޒަރު އަހަންނަށް ފެނެއެވެ.

" ހުސެން! ނިމިއްޖެތަ؟" ކުއްލިއަކަށް އަހަރެމެން ދެ މީހުންވެސް ސިހުނީ ދުރުގައި ހުރި މީހަކު ހުސެންއަށް ގޮވާލުމުންނެވެ. އެއާއެކު އަވަސް އަވަހަށް ހުސެން އެ ދިމާލަށް ބަލައިލިއެވެ.

ހިނގައިގަންނަމުން ވެސް ހުސެން ދިޔައީ އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލުމަށްފަހުއެވެ. އަހަރެން ދެރަވީ ހުސެންއާ އަނގައިން ބުނެލާނެ ހިތްވަރު ނުލިބުމުންނެވެ. އޭރު މަޑުމަޑުން އަހަރެންގެ އެސްފިޔަތައް ތެމެން ފަށައިފިކަން އަހަންނަށް އެނގެއެވެ. ލަސް ހިނގުމެއްގައި ގޮސް ފިހާރައިގެ ކައުންޓަރުގައި ހުއްޓުމަށްފަހު ވެސް، ހުސެން އަހަންނަށް ބަލައިލިއެވެ. އާދޭހުގެ ނަޒަރަކުން ބަލަހައްޓައިގެން އަހަންނަށް އޭރު ވެސް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ.

ކިޔުގައި ތިބި ކަސްޓަމަރުންނަށް ގިނަ ކަމުން ހުސެންގެ އިތުރުން އިތުރު ދެ މީހަކު ވެސް ކައުންޓަރަށް އައިތަން އަހަންނަށް ފެނުނެވެ. އެހާ ބިޒީ ވަގުތެއްގައި އަހަރެން އެ ތަނުގައި ހުރުމުން ހުސެންއަށް އުނދަގޫވާނެކަން އަހަންނަށް އިހްސާސް ކުރެވުނެވެ. އެހެންވެ އަހަރެން ބެލީ ވީހާ ވެސް އަވަހަކަށް އެ ތަނުން ނިކުމެވޭތޯއެވެ. ދޮރާ ހަމައަށް ގޮސް ވެސް އަހަރެން ފަސް އެނބުރި ބަލައިލީމެވެ. އެއާއެކު އަހަންނަށް ފެނުނީ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރެ، ހުސެން އަވަސް އަވަހަށް އިސްޖަހާލި މަންޒަރެވެ. ފިހާރައިން ނިކުމެވުމާއެކު އަހަންނަށް ބޮޑު، ފުން ނޭވާއެއް ދޫކޮއްލެވުނެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. ފިހާރައިގެ ނަން ބަލައިލުމަށްފަހު އަހަރެން ސައިކަލާ ދިމާލަށް މިސްރާބު ޖެހީ ހިތްހަމަ ޖެހިގެންނެވެ. ހުސެންއާ ދިމާވެ، އޭނާ އުޅޭ ތަން އެނގުމަށް ވުރެ ބޮޑު އުފަލެއް އަހަންނަކަށް ދެން ނުލިބޭނެޔޭ ވެސް ހީވިއެވެ.

ގޭގެ ވެރިން ގެއަށް އައުމުގެ ކުރިން އާދައިގެ މަތިން މިއަދު ވެސް ހުރިހާ މަސައްކަތްތަކެއް އަހަރެން ނިންމީމެވެ. އޭރު ހުރީ ނޫރާ ކައިރިއަށް ގޮސް ހުސެންއާ ދިމާވި ވާހަކަ ބުނާ ހިތުން ކެތްމަދުވެފައެވެ. އަހަރެން އެ ވާހަކަ ބުނަން ބޭނުންވަނީ ވެސް ނޫރާ ގެ ކުރިމަތީގައި ހުރެގެންނެވެ.

ތައްޔާރުވެލައިގެން ލިލީ ގޮވައިގެން ނޫރާގެ ގެއަށް ދެވުނު އިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. އަހަރެން ގޮސް ވަތް އިރު އޭނާ އިނީ ކާމޭޒު ކައިރީ ކޮފީއެއް ހިފައިގެންނެވެ. އަހަރެން ފެނުމާއެކު ނޫރާ ވަރަށް އުފަލުން ލިލީއަށް ގޮވާލިއެވެ. ނަމަވެސް ލިލީ ދުއްވައިގަތީ ނޫރާގެ ދަރިފުޅު ފެނިގެން އޭނާ ގާތަށެވެ.

" މިއަދު ހީވަނީ ވަރަށް އުފަލުން ހުރިހެން." އަހަރެން އިށީނުމާއެކު ނޫރާ ބުންޏެވެ.

" އަސްލުތަ؟ ހީވޭތަ އަހަރެން އުފަލުން ހުރިހެން؟" އަހަރެން ގަޔާވެފައި އެހީމެވެ.

" އާނއެކޭ. އެހެން ދުވަސް ދުވަހު ތައިބާ ފެންނައިރަށް އަހަރެންގެ މޫޑު ވެސް ހަމަ ދާ ހެން ހީވަނީ. ބުނެބަލަ! ކިހިނެއްވީ؟ މުސާރަ ބޮޑު ކުރީތަ؟" ނޫރާ އެހިއެވެ.

ހިނިގަނޑެއް ޖަހާލަމުން އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

" ވީ ގޮތަކީ... ހުސެންއާ ދިމާވީ." ލަސްލަހުން އަހަރެން އެހެން ބުނުމާއެކު ނޫރާގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ.

" ދެނޯ؟ ދިމާވިއްޔޭ؟ ކިހިނެއް؟ ކޮންތާކުން؟ ކިޔައިދީބަލަ! ކިހިނެއްތަ ވީ؟ ވާހަކަ ދެއްކިތަ؟" ނޫރާ ސުވާލުތައް އަމުނާލީ އަހަންނަށް ފުރުސަތެއް ވެސް ނުދީއެވެ.

" ހޭ ދެން އިހަށް މަޑުކޮއްބަލަ! އަހަންނަށްވުރެ މާ ބޮޑަށް ނޫރާ އެކްސައިޓް ވެއްޖެއެއްނު. ފިހާރައެއްގެ ކައުންޓަރުން ފެނުނީ. ހުސެންއަށް ވެސް އަހަރެން ފެނުނޭ. އެކަމަކު ވަރަށް މީހުން ގިނަ އެތާ. ވާހަކަ ދެއްކޭ ގޮތެއް ނުވި." އަހަރެން ބުނީމެވެ،

" އެއްވެސް އެއްޗެއް ހަމަ ނުބުނަން؟" ނޫރާ އެހިއެވެ.

" އާނއެކޭ. އެކަކަށް ވެސް އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއޭ. އެކަމަކު މިހާރު އަހަންނަށް އެ ފިހާރަ އެނގޭނެ." އަހަރެން ބުނީމެވެ.

" އެހެންވީމަ ހުސެން އުޅެނީ ހަމަ މާލޭގައެއްނު. ހަމައެކަނި ފިހާރައިން ލިބޭ އެއްޗަކުން މާލެއަކު ނުވެސް އުޅެވޭނެ. ކޮންމެވެސް އެހެން ކަމެއް އޭނަގެ ދިރިއުޅުމުގައި އެބައުޅޭ." ފުން ވިސްނުމެއްގައި އިނދެ ނޫރާ އެހެން ބުނުމުން އަހަންނަށް އުނދަގޫ ވެއްޖެއެވެ.

" ދެން އެއްކަލަހެން މަ ބިރު ގަންނަންވީއޭ ތި. އަހަރެން އަސްލު މި ވަގުތު އެއްވެސް ކަމަކަށް ވިސްނާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ހަމައެކަނި ހުސެންއާ މީޓް ވާން." އަހަރެން ބުނީމެވެ.

" ލިލީ ބަހައްޓާފައި ހިނގާ ދާން ދެ މީހުން." ނޫރާ ބުންޏެވެ.

" ނޫން. އަހަރެން ބޭނުންވަނީ އެކަނި ގޮސް މީޓް ކުރަން. " އަހަރެން ބުނީމެވެ.

" ދެން ޖެހޭނީ އޭނައަށް ފާރަ ލައިގެން އުޅޭ ތަނެއް ވެސް ހޯދާކަށްނު." ނޫރާ ބުންޏެވެ.

" އަހަރެން ތި ހުރިހާ ކަމަކަށްވެސް ވިސްނަމޭ." އަހަރެން ބުނީމެވެ.

އަހަރެންގެ ހިތް ތެޅި ފޮޅެމުންދެއެވެ. އެރޭ އަށެއް ޖެހުމާއެކު އަހަރެން ބޭރަށް ނިކުތީ ސީދާ އެ ފިހާރައަށް ދާށެވެ. އަހަރެންގެ މަޤްސަދަކީ ހުސެން ޑިޔުޓީގައި ހުރިތޯ ބެލުމެވެ. ސައިކަލަށް އެރުމަށްފަހު ސްޕީޑް ބާރުކޮއްލީ ދާން ބޭނުންވެފައި ހުރި ވަރުންނެވެ. މާ ދުރުން ފިހާރަ ފެނުމާއެކު ވެސް އަހަރެންގެ މޭ ވަރަށް ބާރަށް ތެޅެން ފެށިއެވެ. ނަމަވެސް ހިމޭންވެލާނެ ފުރުސަތު ވެސް އަހަރެންގެ ނަފްސަކަށް ނުދެމެވެ. ކައުންޓަރާ ދިމާ ބޭރުގައި ސައިކަލް މަޑުކޮއްލުމަށްފަހު ބިއްލޫރި ގަނޑުން އެތެރެއަށް ނަޒަރު ހިންގާލީމެވެ. އެއާއެކު ކައުންޓަރުގައި ހުސެން އިންތަން ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނު ކަހަލައެވެ. ހަމަ މިރޭ އޭނާއާ ވާހަކަ ނުދައްކާ އަހަރެންގެ ލޮލަށް ނިދި ނާންނާނެކަން އަހަންނަށް އެނގެއެވެ. ކޮންމެހެން ވެސް ހުސެންއާ މިރޭ ބައްދަލް ކުރަން އަހަރެން ކިތަންމެހާ ވެސް ބޭނުމެވެ.

" މާދަމާ އޮފްޑޭއަކަށް ރިކުއެސްޓް ކުރީ ވެސް ލިލީ މި ގެއަށް ގެންނަން ވެގެން. އަހަރެން އޮފްޑޭ ބޭނުން ވާހަކަ ބުނީމަ އެ ދެ މީހުން ދާނީ ރިސޯޓަށް. ވަރަށް ފަސޭހަ އެހެންވެ." އަހަރެން ބުނީމެވެ. އޭރު ވެސް އިރުއިރުކޮޅުން އަހަންނަށް ގަޑިއަށް ބެލެއެވެ.

" ހާދަ ވަރަކަށޭ ތި ތެޅެނީ. ގައިމު ގެއަށް އައިއްސުރެ ތި ހުންނަނީ ގަޑި ބަލަބަލާ! ފިހާރަ ބަންދު ކުރަން ވާއިރަށް ދެން ވެސް ދޭބަލަ." ނޫރާ ބުންޏެވެ.

" ހިތް އަވަސްވަނީ ހަމަ. " ތެދުވަމުން އަހަރެން ބުނީމެވެ.

" ބުނަންތަ؟ ހުސެން ކޮންމެ އެއްޗެއް ބުންޏަސް ހިތްވަރުކޮއްފައި ވާހަކަ ދައްކާތި. ލިބުނު ފުރުސަތު ގެއްލުވާލައިގެން ރޯން ނާންނާތި މަ ކައިރިއަށް." ނޫރާ ބުނެލީ ހެމުންނެވެ.

" ތިވަރު ކަންނޭނގެ އެންމެ ފަހުން ވާނީ." އަހަރެން ބުނީމެވެ.

ގެއިން ނިކުތް އިރު، ކޮންމެވެސް ވަރަކަށް ވިއްސާރަ ކަނި ޖަހަމުން ދެއެވެ. އުޑުމަތީގައި އެންމެ ތަރިއެއް ވެސް ފެންނާކަށް ނެތެވެ. ނޫރާގެ ގެއަށް ވަތް އިރަށް ވުރެ މިހާރު ވައިވެސް ގަދަވެފައި ބޭރުތެރެ އެހާމެ ފިންޏެވެ.

" ކޯޓު ވެސް ވީ ގޭގަ. އަޅެ މިހާރު އެގާރަ ވެސް ޖަހައިފި." ފޯނުން ގަޑި ބަލައިލަމުން އަހަންނަށް ބުނެވުނެވެ.

ތެމުނަސް ހެޔޮކަމަށް، އަހަރެން ސައިކަލަށް އެރީ ވަގުތު ކުޑަތަންވާތީއެވެ. ދުއްވަމުން ދިޔައިރުވެސް ވިއްސާރައިގެ ތޫނު ކަނިތަކުން ހީވަނީ މޫނު ތޮރުފަމުން ދާ ހެންނެވެ. ކުޑަކޮށް ދެ ލޯ ހުޅުވައިގެން އިނދެ ދުއްވަން ކެރޭހާ ބާރަކަށް ދުއްވާފައި ގޮސް އެ ފިހާރަ ދޮރުމައްޗަށް ސައިކަލް މަޑުކޮއްލީމެވެ. އެ ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ފިހާރައިގެ ދޮރުގައި އަޅުވާފައި ހުރި ބަންދު ބޯޑެވެ. ލިބުނު މާޔޫސްކަމާއެކު ސައިކަލް ދުއްވާލާނެ ހިތްވަރު ވެސް އަހަންނަކަށް ނުލިބުނެވެ. އޭރު ކުރިއަށް ވުރެ ބޮޑަށް ވާރޭ ވެސް ވެހެން ފަށައިފިއެވެ. އެހެންވެ، ސައިކަލްއިން ފައިބައިގެން ގޮސް ފިހާރައިގެ އަސްކަނިދަށުގައި މަޑުކޮއްލީމެވެ. އޭރު ވެސް ހިޔާ ވާން ވަދެ ދެ ތިން މީހަކު އެ ތަނުގައި ދުރުދުރުގައި ތިއްބެވެ.

ވަރުބަލިވެފައި ހުރި ވަރުން ފިހާރައިގެ ބިއްލޫރިގަނޑުގައި ލެނގިލުމަށްފަހު ހަމަޖެހެވޭތޯ މަސައްކަތް ކުރީމެވެ. ހަމަ އެ ވަގުތެވެ. ބޭރު މަގުން އައިސް ފިހާރައިގެ ކުރިމައްޗަށް ވާ ގޮތަށް އައިސް ސީދާ އަހަންނާ ދިމާގައި ހުއްޓާލި ސައިކަލާ ދިމާއަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ކޯޓު އަޅާފައި އިން އެ ފިރިހެންމީހާ އެ އިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައިކަން އަހަންނަށް އެނގުނެވެ. އަހަންނަށް އެ މީހާއަށް ބަލަން ހުރެވުނެވެ. ކުއްލިއަކަށް އޭނާ އަތުން ދުރަށް ހަނާ އަޅާލިއެވެ. ދެން އަހަންނަށް ނަޒަރު ހިންގާލެވުނީ އޭނާ ހަނާ އަޅާލި ދިމާލަށެވެ. އޭރު ފިހާރައިގެ ކޮޅާ ދިމާލުން ކޯޓެއް ގަޔަށް މަހާލަމުން އެ އަންނަނީ ހުސެން ނޫން އެހެން މީހެއް ނޫނެވެ. އަހަންނަށް ތެޅި ގަނެވުނެވެ.

" ހުސެން! " ހުސެން ސައިކަލަށް އެރުމުގެ ކުރިން، އަޑަށް ބާރުލައިފައި އަހަރެން އޭނާއަށް ގޮވާލީމެވެ. އެއާއެކު ސައިކަލްގައި އިން މީހާއާއި ހުސެން، އަހަންނާ ދިމާލަށް ބަލައިލީ އެއް ފަހަރާއެވެ.

ހީ ގަނެގެން އޭރު ވެސް އަހަރެންގެ ހުރީ ދެ އަތް ދެ އަތާ ލައި ބާރު ކޮއްލައިގެންނެވެ. ސައިކަލް ކައިރީގައި ހުއްޓި ހުރެ ހުސެން އަހަންނަށް ބަލަން ފެށުމުން އޭނާ އަހަރެން ގާތަށް އަންނަން ބޭނުން ނުވަނީބާވައޭ ހިތަށް އެރިއެވެ. އެހެންވެ، އައިސްދިނުމަށް އެދި އަހަރެން ބޮލުން އިޝާރާތް ކުރީމެވެ. އެ ވަގުތު ސައިކަލްގައި އިން މީހާގެ ކޮނޑުގައި ޖަހާލުމަށްފަހު ކޮންމެވެސް އެއްޗެއް އޭނާ ބުނިތަން އަހަރެން ދުށީމެވެ. އަދި އެ މީހާ ސައިކަލް ދުއްވާލުމާއެކު ހުސެން އަހަންނާ ދިމާލަށް އަންނަން ފެށިއެވެ.

" ތަންކޮޅެއް އެ ކޮޅަށް ދެވިދާނެތަ؟ އަހަރެން ވާހަކަ ދައްކަން ބޭނުން." އަހަރެން ބުނީމެވެ.

ހުސެން ބޯ ޖަހާލިއެވެ. ހުސެންއަށް ބަލަހައްޓައިގެން ގޮސް ފިހާރައިގެ ކޮޅުގައި އަހަރެން ގޮސް މަޑުކޮއްލީމެވެ. ހުސެން ވެސް އައިސް އަހަންނާ ދާދި އެއް ހަމައެއްގައި މަޑުކޮއްލިއެވެ. އޭރު އަހަރެންގެ ނޭވާ ކުރުވަމުންދާ ކަހަލަ އިހްސާސެއް ވެސް ކުރެވެން ފަށައިފިއެވެ. އެހާ ގާތުގައި ނޫނަސް، ފެންނަ ފަށުގައި އެ ހުރީ އަހަރެން ފުރާނަ ފަދައިން ލޯބިވާ އިންސާނާއެވެ. އަހަންނަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އެހާމެ ދިގު އިންތިޒާރަކަށް ފަހު، އެކަހެރިވެލާނެ ފުރުސަތެއް ވެސް ލިބުނީ އަދި ކިރިޔާއެވެ. ޖަޒްބާތުތައް މުޅި ހަށިގަނޑުގައި ކެކެމުން ދާން ފެށިހެން ހީވިއެވެ.

" އަހަންނާ އަނގައިން ވެސް ނުބުނާނަންތަ؟" ދުރަށް ބަލަހައްޓައިގެން ހުރި ހުސެންގާތު އަހަރެން އަހާލީމެވެ.

އެއާއެކު އޭނާ އަހަންނަށް ބަލައިލިއެވެ. އޭރު ވެސް އަހަރެންގެ ނަޒަރު އެހެން ދިމާލަކަށް ނުދެއެވެ. ދެން ފެނުނީ ހުސެން އަނެއްކާ ވެސް ދުރަށް ބަލައިިލިތަނެވެ.

" އަހަރެން ގަސްތުގައި އެއްވެސް ކަމެއް ނުކުރަން. އެރޭ އެ ހުރިހާ ކަމެއް ވެސް ވީ އަހަންނަށް ނޭނގި. ޒިޔާދު އަންނަކަމެއް ވެސް އަހަންނަކަށް ނޭނގެ. ހަމަ ހުވާ! ތެދެއް މި ބުނީ. އަހަރެން ދުވަހަކު ވެސް ހުސެންއަކަށް ދޮގެއް ނަހަދަން. ފަހުން ގޮސް ޒިޔާދާ ދެކޮޅަށް ބަޔާން ވެސް ދިނިން. ހުސެންގެ ކުށެއް ނެތްކަން ވެސް، އަދި އެ ކޮތަޅަކީ ޒިޔާދު ފޮނުވައިގެން ލިބުނު ކޮތަޅެއްކަން ވެސް ބުނިން." ހާސްވެފައި ހުރި ވަރުން އަހަންނަށް ވާހަކަ ދެއްކުނީ ނުހަނު އަވަހަށެވެ.

އޭރު ވެހެމުން ދިޔަ ވާރޭ ދުންޖަހާފައި ބޯކޮަށް ވެހެން ފަށައިފިއެވެ. ހުސެން އޭރު ވެސް ހުރީ ބޭރަށް ބަލަހައްޓައިގެންނެވެ. އޭނާ އެއްޗެއް ބުނޭތޯ އަހަރެން އިންތިޒާރު ކުރަމުން ދިޔައީމެވެ.

" ޕްލީޒް. ވާހަކަ ދައްކަބަލަ! ހުސެންއާ ދިމާވޭތޯ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ." އަހަރެން ބުނީމެވެ.

ދެން ވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަހަރެން ހުސެންއާ ކުޑަކޮށް ގާތަށް ޖެހިލީމެވެ. އެއާއެކު ހުސެން އަހަންނާ ދިމާލަށް ބަލައިލިއެވެ.

" ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނެބަލަ! " އަހަރެން އަނެއްކާ ވެސް ބުނީމެވެ.

( ނުނިމޭ )

(ނިމުނީ)