" ޕްލީޒް. ވާހަކަ ދައްކަބަލަ! ހުސެންއާ ދިމާވޭތޯ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ." އަހަރެން ބުނީމެވެ.
ދެން ވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަހަރެން ހުސެންއާ ކުޑަކޮށް ގާތަށް ޖެހިލީމެވެ. އެއާއެކު ހުސެން އަހަންނާ ދިމާލަށް ބަލައިލިއެވެ.
" ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނެބަލަ! " އަހަރެން އަނެއްކާ ވެސް ބުނީމެވެ.
އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުސެންއަށް ހުރެވުނީ ދެ ތިން ސިކުންތަށެވެ. އޭނާ އަވަސް އަވަހަށް ދުރަށް ބަލައިލުމަށްފަހު ދެ އަތުން ކޯޓު ހެޔޮވަރު ކޮއްލިއެވެ. އެއަށްފަހު އަސްކަނިދޮށުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ހުއްޓުންއަރާފައި އަހަންނަށް ހުރެވުނީ ހުސެންއަށް ބަލަހައްޓައިގެންނެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް ރައްދެއް ވެސް ދިނުމެއް ނެތި، އެ ބޯ ވާރޭގެ ތެރެއަށް އެ ނިކުތީ ހަމަ ހަގީގަތުގައި ވެސް އަހަރެންދެކެ ރުޅި އައިސްގެންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނީ ބޭއިހްތިޔާރުގައެވެ. އަވަސް އަވަހަށް މުޅި ސަރަހައްދަށް އަހަރެން ނަޒަރު ހިންގާލީމެވެ.
އަހަރެންގެ ލޯ މަތިން ހުސެން ގެއްލޭކަށް ހިތެއް ނޭދުނެވެ. ލިބުނު ފުރުސަތު ދޫކޮއްލާކަށް ވެސް ބޭނުމެއް ނުވިއެވެ. މި ހުރި ގޮތަށް މިރޭ ގެއަށް ދާން ވެއްޖެނަމަ، އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އިތުރަށް ވިސްނަން ވެސް ނުހުރެ، އަހަރެން ވެސް ވާރޭގެ ތެރެއަށް ނިކުތީމެވެ. ދުވާރު މަތިން އަހަރެން ކުރިއަށް ދިޔައީ ހިނގަމުން، ދުވަމުން ކަހަލަ ގޮތަކަށެވެ. ފަސްއެނބުރި ބަލައިލުމެއް ނެތި ހުސެން އޭރު ވެސް ކުރިއަށް ދެއެވެ. އަހަރެންގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް އެހެން ދިމާލަކަށް ނުދެއެވެ.
ބާރުބާރަށް ގޮސް އަހަރެން ހުސެންގެ ކުރިމައްޗަށް އެރީމެވެ. އޭރު އަހަރެން ހުރީ ތެމިފޯވެފައެވެ. ކޮންމެވެސް ވަރަކަށް ތުރުތުރުވެސް އަޅައެވެ. ނަމަވެސް އެކަމަށް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. ވާރޭ ދިލަ ކަނިތަކުން އަހަރެންގެ މޫނުން އޭރު ދިލަވެސް ނަގަމުން ދެއެވެ.
އަހަންނާ ހެދި ހުސެންއަށް ހުއްޓެން މަޖުބޫރު ވީ ކަހަލައެވެ. އޭރު އޭނާގެ މޫނުން ވެސް ފެން ތިކިތައް ފައިބަމުން ދެއެވެ. މާނޭވާ ލެވޭ ހާލު އަހަންނަށް ވާހަކަ ދައްކަން ފެށުނީ ވެސް ނުހަނު ބާރަށެވެ.
" ކީއްވެ އަހަންނަށް ތި ފިލަނީ؟ " އަހަރެން އެހީމެވެ.
އެއާއެކު ހުސެން ކުޑަކޮށް އެއް ފަރާތަކަށް ޖެހިލުމަށްފަހު އަނެއްކާ ވެސް ކުރިއަށް ހިނގައިގަތެވެ. އަހަންނަށް ލިބުނީ ހައިރާންކަމެވެ. ހުސެން، އެހާ ބޮޑަށް އަހަރެން ދުރުކޮއްލާނެ ކަމަކަށް ފަހަރެއްގައި ވެސް އަހަރެން ހިއެއް ނުކުރަމެވެ. ފަސް އެނބުރި ގޮސް އަހަރެން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓީމެވެ. އަހަރެން ހީކުރީ، ހިފި ބާރުމިނުގައި އޭނާ އަހަރެންގެ އަތް ފޮޅުވާލާނެ ކަމަށެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ނެތި މި ފަހަރު ވެސް އޭނާ ހުއްޓުނީއެވެ. ހުސެންގެ އަތުން ދޫކޮއްލުމަށްފަހު އަހަރެން ހުސެންގެ ކުރިމަތީގައި ހުއްޓުނީމެވެ.
" ޕްލީޒް އަހަންނާ ވާހަކަ ދައްކަބަލަ! ޕްލީޒް! " އަހަރެން ބުނީމެވެ.
" ކީކޭ ކިޔަންވީ؟ ކީކޭ އަހަރެން ބުނަންވީ؟" އެ ރާގުގައި ހުސެން ވާހަކަ ދައްކާ އަޑު ދުވަހަކުވެސް އަހަރެން ނާހަމެވެ. އަހަރެން ދެކެ ހިތްހަމަ ނުޖެހިފައި ހުރި ވަރު އޭނާގެ އަޑުން އަހަންނަށް ވަރަށް ރަނގަޅަށް އިހްސާސް ކުރެވުނެވެ. ހުސެންގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ އަނގައިން ބުނަން ވެސް ދަތި ވެފައެވެ.
" ބޮޑު އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅި، މުޅި ދުނިޔެއަށް ފަޟީޙަތްވީ ވާހަކަތަ ކިޔަންވީ؟ އެކަމުގައި އަހަރެންގެ ވަޒީފާ ގެއްލި، ދިރިއުޅުން ގެއްލުނު ވާހަކަތަ ބުނަންވީ؟ އަހަރެންގެ މައިންބަފައިންނާއި އާއިލާ ކުރި ހިތާމައިގެ ވާހަކަތަ؟ ނޫނީ ނުޙައްޤުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޖަލުގައި އޮތް ވާހަކަތަ؟ އަހަރެންގެ ލޯބިވާ ދަރިން އަހަންނަށް ގެއްލުނު ވާހަކަތަ؟ އަހަރެންގެ އަނބިމީހާ އަމިއްލައަށް ފޯމް ލައިގެން ވަރިވީ ވާހަކަތަ؟ " ހުސެންގެ ކޮންމެ ޖުމްލަކުން އަހަރެންގެ ލޯ މެރި ސިއްސައިގެންދެއެވެ. ހުސެންގެ އަޑުން، އޭނާ ރުޅި އައިސް ހުރި ވަރު އެނގެއެވެ.
" ވަރިވީއޭ؟ ހުސެންއަކީ މަސްތުވާއެއްޗެއްސާ ކައިރި ވާ މީހެއް ނޫންކަން ވައިފްއަށް ނޭނގޭތަ؟ ހުސެންއަށް އިތުބާރު ނުކުރޭތަ؟" އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
" އެހެންވެ އެއް ނޫނޭ! އަހަރެން ބޭނުންވީ މަސްތުވާއެއްޗެއްސާ އަހަންނާ ގުޅުމެއް ނެތްކަން ސާބިތު ކޮއްދޭން. އެކަމަކު އަހަރެން ނުވެސް ދަންނަ ގެއަކަށް އެ ދަންވަރު ވަންނާނީ ކީއްވެތޯ އަހަރެންގެ އަންހެނުން އަހަންނާ ސުވާލެއް ނުކުރާނެތަ؟ އަހަރެން ކީކޭ ބުނާނީ؟ އަހަރެމެން ދެ މީހުންގެ ގުޅުން ސިއްރު ކުރަންޏާ އަހަންނަށް އޮތީ އަނބިމީހާ ކައިރީ މަސްތުވާއެއްޗެހީގެ ވިޔަފާރި ކުރާ ކަމަށް އެއްބަސްވުން. އޭރު އޮތީ އަހަންނަށް ތުހުމަތު ކޮއްފައެއްނު. އެއްވެސް އެއްޗެއް ވައިފްއަށް ސިއްރުކުރަން ބޭނުން ނުވީމަ އަހަރެން ކިޔައިދިނީ. މަޢާފަށް ވެސް އެދުނިން." ހުސެން ބުންޏެވެ.
ނޭވާ ހިފަހައްޓައިގެން އަހަރެން ހުރީމެވެ. ހުސެންގެ ވާހަކައިން އޭނާއަށް ކޮއްފައިވާ އަސަރުތައް ހަމަ ރަނގަޅަށް ވެސް އަހަންނަށް އިހްސާސް ކުރެވެއެވެ. އަނގައިން ބުނަން ނޭނގިފައި އަހަރެން ހުއްޓާ އަނެއްކާ ވެސް ވާހަކަ ދެއްކީ ހުސެންއެވެ.
" އެކަމަކު މަޢާފެއް ނުކުރި. އުޅެން ބޭނުން ނުވެގެން ވަރިވާން ފޯމް ލީ." ހުސެން ބުންޏެވެ.
" ހުސެން ގަބޫލު ކުރަނީ ތި ހުރިހާ ކަމެއް ތި ވީ އަހަންނާ ހެދި ކަމަށްތަ؟ " އަހަރެން އެހީމެވެ.
" ދެން ކާކާ ހެދިތަ؟ " ހުސެން އެހެން ބުނުމާއެކު އަހަންނަށް އިސްޖަހާލެވުނެވެ. އަދިވެސް ހުސެން އެ ހުރީ އެ ގޮތަށް ނިންމައިގެންކަން އެނގުމުން އަހަންނަށް ވަރަށް އަސަރުކުރިއެވެ. އިންތިހާއަށް ދެރަވިއެވެ. މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލަމުން އަހަރެން ހުސެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލީމެވެ. އަނދިރީގެ ތެރެއިން އަހަންނަކަށް ހުސެންގެ މޫނުމަތީގެ ކުލަވަރު ސާފެއްވެސް ނުވެއެވެ. ނަމަވެސް އެ ނޫން އެހެން ދިމާލަކަށް ބަލައިލާ ހިތެއް ނުވިއެވެ.
" ހުސެން ތި ހުރީ އަދިވެސް ހަމަ އެ ގޮތަށް ނިންމައިގެންތަ؟ އަހަރެން ދުވަހަކު ވެސް ހުސެންއަށް ދޮގެއް ހެދިތަ؟ ހީވޭތަ އަހަރެން އެވަރުގެ ލަނޑެއް ދޭނެހެން. ހީވޭތަ ހުސެންގެ ދިރިއުޅުން ހަލާކުކުރަން އަހަރެން އެއްވެސް ކަމެއް ކުރާނެހެން." އަހަރެން ބުނީމެވެ.
" ދެން އިތުރަށް ވާހަަކަ ދެއްކުމެއް ނެތެއްނު. އަހަންނަކީ މިހާރު އެއްވެސް މީހެއް ނޫނޭ. އަލުން ސުމަކުން ހުރިހާ ކަމެއް ވެސް ފަށަން ޖެހިފައި މި ހުރީ. ރާއްޖޭގެ ޤަދަރުވެރި މަތީ މަޤާމެއްގައި އުޅުނު މީހަކު، މި ކަހަލަ އާދައިގެ ފިހާރައެއްގެ ސޭޓަކަށް އިންނަންވީމަ ކޮންމެވެސް ވަރަކަށް ލަދުވެސް ގަންނާނެ ދޯ. މީހުންގެ މަލާމާތާއި ފުރައްސާރަ ވެސް އަމާޒުވާނެދޯ! އެކަމަކު ވެސް އަލުން ދުނިޔެއާ މި ކުރިމަތިލީ ވަރަށް ހިތްވަރު ހޯދައިގެން. އަލުން އަހަރެންގެ ދުނިޔެ ހިރަފުސް ވާކަށް ބޭނުމެއް ނޫން." ހުސެން ބުންޏެވެ.
އޭރު އަހަރެންގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެން ފަށައިފިއެވެ. ހުސެންގެ އެންމެ ފަހުގެ ޖުމްލައިން އަހަރެން އަދި މާ ބޮޑަށް ހިތުގައި ޖެހުނެވެ.
" ހިރަފުސް؟ ތި ބުނީ އަހަންނަށްތަ؟ " އަހަރެން އެހީމެވެ.
އަހަރެންގެ ސުވާލަށް ހުސެން އެއްވެސް ޖަވާބެއް ނުދިނެވެ. އޭރު ވާރޭ ވެސް ވަރަށް ބޮޑަށް ތުނިކޮއްލައިފިއެވެ. އެކި ދިމަދިމާލަށް ބަލައިލުމަށްފަހު ހުސެން އަހަރެންގެ މޫނަށް ނަޒަރު ހިންގާލީ ވެސް އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓައެވެ.
" އަހަރެން ދާން ވެއްޖެ! ދެން މި ފިހާރަ ކައިރިއަށް އަހަރެން ހޯދަން ނާންނައްޗޭ." އާދައިގެ ރާގަކަށް ހުސެން ބުންޏެވެ.
އަހަރެން އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލީމެވެ. އަދި ކުރިއަށް އެޅުނު ދެ ތިން ފިޔަވަޅާއެކު ހުސެންގެ އަތްތިލައިގައި ބާރަށް ހިފަހައްޓާލެވުނީ ބޭއިހްތިޔާރުގައެވެ. އޭރު ވެސް އަހަންނަށް ދެ ފަރާތަށް ބޯ ހޫރުވެމުންދެއެވެ.
" ނޫން. ނުދޭ! ޕްލީޒް. ޕްލީޒް." ހުސެންގެ އަތްތިލައަށް ބާރަށް ފިތާލަމުން އަހަރެން ބުނީމެވެ.
އޭރު ވެސް ހުސެން ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ޕްލީޒް. ނުދޭ! " އަނެއްކާ ވެސް އަހަރެން ބުނީމެވެ.
" ހުސެންއަށް ހީވޭތަ އަހަރެން ހުސެންއަށް ދެރައެއް ދީފާނެހެން؟ " އަހަރެން އެހީމެވެ.
" ހީ ވެސް ނުކޮށް ހުއްޓާ ޔަގީން ވީ." މަޑުމަޑުން ހުސެން ބުނެލީ އަސަރާއެކުއެވެ. އެ އަޑު އިވުމުން އަހަރެންގެ ހިތް ވިރިގެން ދިޔަ ކަހަލައެވެ.
" އަސްލުވެސް ހުސެން ތި ހުރީ އަހަރެން ކުއްވެރިކޮއްގެން ދޯ؟ އެއީ އަހަރެން ކުރި ކަމަކަށް ނިންމައިގެން ތި ހުރީ؟ އަހަރެން ގަސްތުގައި ހުސެންއަށް ލަނޑެއް ދިން ކަމަށް ޔަގީން ކުރީތަ؟ މި ވަރަށް ކިޔައިދިނީމަ ވެސް، އަދިވެސް ޤަބޫލެއް ނުކުރެވޭތަ؟" އަހަރެން އެހީމެވެ.
އެ ވަގުތު މަޑުމަޑުން ހުސެން އަހަރެންގެ އަތުގެ ތެރެއިން އަތް ދަމައިގަތެވެ. ހިފަހައްޓާކަށް އަހަރެން ވެސް ނޫޅެމެވެ. މަޑުމަޑުން ކުޑަކޮށް ފަހަތަށް ޖެހިލުމަށްފަހު އަނެއްކާ ވެސް އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
" އަހަރެން ހުސެންދެކެ ވާ ލޯތްބަށް ކުއްހީ ކުރީތީ ވަރަށް ދެރަވެއްޖެ. އަހަރެން ލޯބިވީ ހަމައެކަނި ހުސެންދެކެ އެއް ނޫން. ހުސެންއާ، ގުޅުން ހުރި ކޮންމެ މީހެއް، ކޮންމެ އެއްޗެއް ދެކެ ވެސް އަހަރެން ލޯބިވިން. އެހެންވީމަ، ހުސެންގެ އަނބިދަރިންނަށް ހިތާމައެއް ލިބޭނެ ކަމެއް އަދި ދިރިއުޅުމާއި ވަޒީފާ ގެއްލިދާފަދަ ކަމެއް އަހަރެން ކުރާނެތަ؟ އޫމް؟ އެކަމަކު... އަހަރެން ވީ ލޯތްބަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ތި ހެދީ." އަހަރެން ބުނީމެވެ.
އެވަރުން ވެސް ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. އަނެއްކާ ވެސް ފެށީމެވެ.
" ތިއީ އަހަންނަށް ވަރަށް މުހިއްމު މީހެއްގެ ގޮތުގައި ދެކުނިން. އަދި އެކަން ހުސެންއަށް އިހްސާސްވެސް ކުރެވޭނެ. އަހަންނަކީ ހުސެންގެ އަނބިމީހާކަމުގައި ނުވިޔަސް، އަނތްބަކު ފިރިޔަކަށް ކުރަންޖެހޭ ޤަދަރާއި އިޙްތިރާމް އަހަރެން ކުރިން. އަދިވެސް ކުރެވޭ. ހުސެން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރުކުރިން. އެ ޚަބަރަށް މާލެ ވެސް އައިން. އަދި އެ ދިގު އިންތިޒާރުގެ ނިމުން މިހާ ހިތި ވާނެ ކަމަކަށް ހިއެއް ނުކުރަން. ދެން އެންމެ ހިނދުކޮޅަކު ވެސް މިތާ ހުންނާކަށް ނެތިން. އަހަންނަށް ނަފްރަތު ނުކުރައްޗޭ! " އަހަރެން އެހެން ބުނެ، ބާރަށް ދުއްވައިގަތީމެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!