" ހުސެން އަހަންނަކަށް ދޮގެއް ނަހަދާނެ. އަދި އަހަރެން ފިޔަވައި މިހެން ، އިތުރު އަންހެނަކު ވެސް އޭނަގެ ލައިފްގައެއް ނުހުންނާނެ! ތިހެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަހަރެން ބިރެއް ނުގަނޭ! އެނގޭތަ؟ އެއީ އެހެން މީހުންނާ ހާދަ ތަފާތު މީހެކޭ. ކިތަންމެ ކުޑަ ދުވަސްކޮޅަކުން ވެސް މީހަކު ދަސްވެދާނެ އެއްނު. އަހަންނަށް ހުސެން އެނގޭ ވަރަށް ބޮޑަށް، ހުސެންއަށް އަހަރެން އެނގޭނެ. އަހަރެމެން ދެ މީހުން ނުފެނި، ބައްދަލު ނުވެ، ދިމާނުވެ ކިތަންމެ ދުވަހެއް ވަންދެން ތިއްބަސް ހުސެންއަށް އެނގޭނެ އަހަރެން އޭނަ މަތިން ވަރަށް ބޮޑަށް މިސްވާނެކަން." އަހަރެން ބުނީމެވެ.
" ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟ ހުސެންގެ ރަށަށް ދާން ވެގެންތަ؟" ނޫރާ އެހިއެވެ.
" ކިހިނެއް ދާނީ އެހާ ދުރަށް؟ މިހާރު ވެސް ކިރިޔާ އަނގަޔާއަތާ ދިމާވަނީ. ނޫރާ ވެސް އަހަންނަށް ދުޢާ ކޮއްދީ ހުސެންއާ ދިމާވޭތޯ." އުއްމީދެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ.
" އިރާދަކުރެއްވިއްޔާ އަދި ދިމާވާނެ. ބުނެބަލަ! ތައިބާއަށް ހަމަ ޔަގީންތަ އެއީ ހުސެންކަން. ތައިބާ ބުނޭ ވިއްޔަ މަގުމަތިން ވެސް ފެންނަ ހެން ހީވެޔޭ. އެހެންވެ މި ބުނީ. ފަހަރެއްގައި ހީ އަކަށް ވެދާނެއެއްނު." ނޫރާ ބުންޏެވެ.
އެ ވަގުތު އަހަންނަށް ކުޑަކޮށް ހެވުނެވެ.
" ކުށްހީ ކުރާނީ ސިކުނޑިންނެއްނު. އަހަރެންގެ ދެ ލޮލަކަށް ހުސެންގެ ސޫރައެއް ނޯޅޭނެ. " އަހަރެން ބުނެލީމެވެ.
ވާހަކަ ދައްކަދައްކާފައި ނޫރާ ފޯނު ބޭއްވުމުން އަހަރެން ވެސް ގެއަށް ވަންނަން ހިނގައިގަތީމެވެ. ނަމަވެސް ފަހަތުން އަހަރެންގެ ނަމުން މީހަކު ގޮވާލުމާއެކު ފަހަތް ބަލައިލެވުނީ ބިރުވެރި ހިތަކައިގެންނެވެ. އަހަރެން ބަލައިލުމާއެކު ސައިކަލުން ފައިބައިގެން އޭނާ އަހަންނާ ދިމާލަށް އާދެއެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލީގެ ސަބަބުން އޭރު ވެސް އަހަންނަށް އޭނާގެ މޫނު ސާފުކޮށެއް ނުފެނެއެވެ. ހުރި ފިޔަވަޅުމަތީ ހުއްޓާ، އޭނާ އައިސް އަަހަރެންގެ ކުރިމަތީ ހުއްޓިއްޖެއެވެ.
" ހައި." އޭނާ ބުންޏެވެ.
އެއީ ކޮންމެވެސް ތަނަކުން އަހަންނަށް ފެންނަ މޫނެކެވެ. ނޭނގިފައި ހުއްޓާ އަނެއްކާ ވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ނޭނގުނުތަ؟ ކޮންމެ ދުވަހަކު ވެސް ސްކޫލްދޮށުން ފެނޭ! ދެން މިހެން ބުރެއް ޖަހާލަން ދާއިރު ކޮންމެ ރެޔަކު ވެސް މި ޖޯލީގައި އޮންނަތަން ވެސް ފެނޭ. " އޭނާ ބުންޏެވެ.
އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އަދި ނުދަންނަ ފަދަ ގޮތަކަށް އޭނާއަށް ބަލަމުން ދިޔައީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ.
" ލިލީގެ ކްލާސް ޕޭރެންޓެއް މީ. ލިލީގެ ވާހަކަ އިކާން ވަރަށް ދައްކާނެ. " އޭނާ ބުންޏެވެ.
" އެހެންތަ؟ ކޮންމެވެސް ތަނަކުން ފެނެޔޭ ހިތަށް އަރާފަ ފެންނަ ތަނެއް ހަނދާންނުވެފައި މި ހުންނަނީ. " އަހަރެން ބުނީމެވެ.
" މީ... ލިލީއާ ދެ މީހުން އެކަނިތަ އުޅެނީ؟" އޭނާ ބުންޏެވެ.
އަހަރެން ހޫމް އަޅުވާލީމެވެ. އެއާއެކު އޭނާ ބޯ ޖަހާލިއެވެ.
" ނިދަން ދޯ ތި ދަނީ؟" އޭނާ ބުންޏެވެ.
އަހަރެން އަވަސް އަވަހަށް އާނއެކޭ ބުނީމެވެ.
" އޯކޭ. ގުޑްނައިޓް އިނގޭ." އޭނާ އެހެން ބުނީ ފަހަތަށް ޖެހިލަމުންނެވެ. ބޭއިހްތިޔާރުގައި އޭނާއާ ދިމާލަށް ބަލައިލެވުމާއެކު އަހަންނަށް އުނދަގޫވެއްޖެއެވެ.
އޭނާ އަހަންނަށް ބަލަހައްޓައިގެން ހުރީ އާދައިގެ ބެލުމަކުން ނޫނެވެ. އޭނާގެ ހިތް އަހަންނާމެދު ސާފު ނޫންކަން އެ ވަގުތު ވެސް އަހަރެން ނިންމީމެވެ. އަވަސް އަވަހަށް ގެއަށް ވަންނަން ހިނގައިގަތީ ހިތްހަމަނުޖެހުމެއްގައި ހުރެއެވެ. ކޮޓަރިއަށް ވަދެ ދޮރުފަތުގައި ލެނގިލި އިރު އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ.
" ސުބްޙާނަﷲ! އަނެއްކާ ކޮންކަމެއްބާ ލައިގަންނަން އުޅެނީ." އަހަންނަށް ބުނެވުނެވެ.
އޭރު ވެސް އޭނާގެ ދެ ލޯ ފެންނަހެން ހީވެއެވެ. ބަނޑުހައިވެފައި އޮތް ބުޅަލަކަށް މަސްގަނޑެއް ފެނުމުން ވެސް އެއަށް ވުރެ ރީއްޗަށް ބަލާނެކަން އަހަންނަށް ޔަގީނެވެ. ބާރުބާރަށް ތެޅެމުންދާ ހިތް މައިތިރި ކުރުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ސިޓިންރޫމް ތަޅުގައި ހިފާ، ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ބެލީމެވެ. ކުޑަ ދޮރުތައް ވެސް ޗެކް ކުރީމެވެ. އޭރު ވެސް ހިތަށް ވެރިވެފައި އޮތް ބިރުވެރިކަން ފިލައިގެންނެއް ނުދެއެވެ.
ޖެހިގެން އައި ދުވަހެވެ. ލިލީ ގޮވައިގެން ސްކޫލަށް ދާން ނިކުތް އިރު ވެސް އަހަންނަށް ހުރެވުނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. ރޭގައި ދިމާވި ޒުވާނާ ފެނިދާނެތީ ހިތް އޮތީ ބިރުވެރިކަމުން ފުރިފައެވެ. ލިލީގެ އަތުގައި ހިފައިގެން ސްކޫލް ފާރު ކައިރީ ހުއްޓާ ކުއްލިއަކަށް ފަހަތުން ބާރުބާރަށް ލިލީގެ ނަމުން ކުޑަ ކުއްޖަކު ގޮވާލި އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. އޭރު އިކާން ދުވެފައި އާދެއެވެ. އިކާންގެ ފަހަތުން އޭނާގެ ބައްޕަ މަޑުމަޑުން އަންނަތަން ފެނުނެވެ. އޭރު ވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ ސީދާ އަހަރެންގެ މޫނަށެވެ.
އިކާން އައިސް ލިލީއަށް ދިއްކޮއްލީ ފިޔާތޮށި ކުލައިގެ ކުޑަކުޑަ ފިނިފެންމަލެކެވެ. އެ މާ ފެނުމާއެކު އެއީ ގަހަކުން ބިނދެލައިގެން އައި ތާޒާ މަލެއްކަން އަހަންނަށް އެނގުނެވެ. ލިލީ އަހަންނާ ކައިރިވެލުމަށްފަހު ހުރީ އެ މަލަށް ބަލަހައްޓައިގެންނެވެ. އޭރު ފަސް އެނބުރިގެން ހުރެ އިކާން އޭނާގެ ބައްޕައަށް ބަލަމުން ދެއެވެ. ސްކޫލްގެ އެކި ހިސާބުގައި ބެލެނިވެރިން އެ މީހުންގެ ކުދިން ގޮވައިގެން އޮލަ ވާހަކައިގައި ތިއްބެވެ. އަހަންނަށް ވަށައިގެން ނަޒަރު ހިންގުނީ ވެސް ޖެހިލުންވީ ވަރުންނެވެ.
" ލިލީއަށް ފިނިފެންމާ ރީތި ނޫނީތަ؟ ލިލީގެ މަންމައަށް ވެސް ފިނިފެންމާ ކަމަކު ނުދޭތަ؟" އިކާންގެ ބައްޕަ ބުންޏެވެ.
ކަންބޮޑުވެފައި އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ.
" ދަރިފުޅު ތި މާ ދީބަ ދައްތައަށް." އިކާންގެ ގައިގައި އަތް ޖައްސާލަމުން އޭނާ ބުންޏެވެ.
ސިއްރުސިއްރުން އަހަންނަށް އަނެއްކާ ވެސް ވަށައިގެން މުޅި ސަރަހައްދަށް ބަލައިލެވުނެވެ. އޭރު ހެވިފައި ހުރެ، އިކާން އަހަންނަށް މާ ދިއްކޮއްލައިފިއެވެ. އެ ކުއްޖާ ދެރަވެދާނެތީ އަހަރެން އެ މަލުގައި ހިފީމެވެ.
" ތެންކްސް." އެއާއެކު އިކާންގެ ބައްޕަ ބުނި އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ.
ހިތުގައި ސުވާލު އުފެދުނަސް އަހަރެން ހުރީ އޭނާއާ ވާހަކަ ދައްކަން ބޭނުން ވެފައެއް ނޫނެވެ. ލިލީގެ ބޮލުގައި މާ ޖަހާލުމާއެކު ބެލް ޖެހި އަޑު އިވުނެވެ. ލިލީ ގޮސް ކްލާހަށް ވަންނަން ދެން ބަލަހައްޓައިގެން ހުރުމަށްފަހު އަހަރެން އެނބުރިލީމެވެ. އޭރު އިކާންގެ ބައްޕަ އައިސް އަހަންނާ އަރާ ހަމަކޮއްފިއެވެ.
" މިރޭ ވެސް ޖޯއްޔަށް ނިކުންނައްޗޭ." އޭނާ އެހެން ބުނުމާއެކު އަހަންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެހެން ބުނުމަށްފަހު އޭނާ ސައިކަލްގެ ސްޕީޑް ބާރުކޮއްލިއެވެ. ހުރި ފިޔަވަޅުމަތީ އަހަންނަށް މަޑުޖެހެވުނެވެ. އަނެއްކާ ކުރިމަތިވާން އުޅޭ މުސީބާތެއް އަހަންނަކަށް ނޭނގެއެވެ. ގެއަށް ދެވެން ދެން ވެސް ކެތް ނުވެގެން ފޯނު ނަގައި ނޫރާއަށް ގުޅީމެވެ. އަދި އޭނާގެ ވާހަކަތައް ކިޔައިދިނީމެވެ.
" އަޅޭ! ފިރިހެނެއްގެ އުނދަގޫ ޖެހިއްޖެއްޔާ ދެން ސަލާމަތެއް ނުވާނެ. އަނެއްކާ ތައިބާއާ އެ މީހާއޭ ކިޔައިގެން ރަށު ތެރޭގައި އަޑު ވެސް ފެތުރިގެންދާނެ. " ނޫރާގެ ވާހަކައިން އަހަރެން އިތުރަށް ޖެހިލުންވިއެވެ.
" އާނ އެންމެންގެ ތެރޭގައި އޭނަ އައިސް މަ ކައިރީ މަޑުކުރީމަ ބައެއް މީހުން ބަލަން ވެސް ބެލި. ރަނގަޅަށް ވިއްޔާ އޭނަ އަންހެނުން ކައިރީ ގޮސް ދައްކާނެ ކަންނޭނގެ." އަހަރެން ބުނީމެވެ.
" އުޅެބަލަ މާލެ އަންނަން." ނޫރާގެ ޖުމްލައިން އަހަރެން މާޔޫސްވިއެވެ.
" ދާން ބޭނުމޭ. އެކަމަކު ކިހިނެއް؟" އަހަރެން އެހީމެވެ.
" މެއިޑެއް ހޯދަން ވަރަށް ގިނައިން ހުރޭ ޖަހާފަ. އަހަރެން ބަލައިލަންތަ އަޔާޒްގެ އޮފީހު މީހުން ވެސް ވަރަށް ބޭނުން ވެގެން އުޅޭ." ނޫރާ ބުންޏެވެ.
" އެކަމަކު ލިލީ ހުރިއްޔާ މީހުން ބޭނުމެއް ނުވާނެ އެއްނު." އުއްމީދެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ.
" ދެން އިހަށް މަޑުކުރޭ އަހަރެން ބަލާނަން އެކަން. ތި ރަށުގައި ވެސް ދެން ނުހުރެވޭނެ. އަޔާއާ އަހަރެން ވާހަކަ ދައްކާނަން. އޭނަ ކޮންމެވެސް ގޮތެއް ހަދައިދޭނެ." ނޫރާ އަހަންނަށް ޔަގީންކަން ދިނެވެ.
އެ ދުވަހަށް ފަހު އަހަރެން އިންތިޒާރު ކުރަމުން އައީ ނޫރާ، އަހަރެން މާލެ ގެންދާނެ ދުވަހަކަށެވެ. އިކާންގެ ބައްޕަގެ ސަބަބުން އަހަރެންގެ ހިތަށް ލިބުނު ބިރުވެރިކަން އަދި ވެސް ފިލައިގެން ނުދެއެވެ. ހިތްހަމަ ޖައްސާލަން ވެސް ބޭރަށް ނިކުންނަން ނުކެރޭތީ އަހަރެން ހުރިހާ ވަގުތެއް ހޭދަ ކުރަނީ ގޭ ތެރޭގައެވެ. އެހެންވެ، އޭނާއަށް އަހަރެން ފެންނަނީ ވެސް ހަމައެކަނި ސްކޫލް ކައިރިންނެވެ. އޭނާ އައިސް ވާހަކަ ދައްކަން ފުރުސަތު ނުދޭން ވެގެން އެ ދުވަހަށް ފަހު އަހަރެން ދަނީ ބެލް ޖަހާ ވަގުތަށެވެ. އަދި އެނބުރި ދަނީ ސީދާ އައިންތުގެ ގެއަށެވެ.
ނޫރާ ގުޅާ ކޮންމެ ފަހަރަކު އަހަންނަށް ފޯނު ނެގެނީ އުއްމީދާއެކުއެވެ. ފޯނު ނެގުމަށްފަހު ފުރަތަމަ ވެސް ސުވާލު ކުރެވެނީ އަހަންނަށް މާލެ ދެވޭ ގޮތް ވީތޯއެވެ. އެ ވާހަކަ އޭނާއާ ދެއްކި ފަހުން މަސްދުވަސް ފާއިތުވެގެން ދިޔައީއެވެ. އަދިވެސް އަހަރެން ބޭނުންވާ ކަހަލަ އެއްވެސް ހަބަރެއް ނުލިބެއެވެ.
" މިއަދު ނާހާނަން. މިހާރު އުއްމީދު ގެއްލިއްޖެ." ފޯނު ނެގުމަށްފަހު އަހަރެން ބުނީމެވެ.
" އުއްމީދު ގެއްލުނަސް ދެން މާލެ އަންނަން އުޅޭ. " ނޫރާ ބުނީ ހެމުންނެވެ.
" އަހަރެން ހައްދަނީތަ؟" ޤަބޫލު ނުކުރެވިގެން އަހަރެން އެހީމެވެ.
" ނޫނެކޭ. ހަމަ އަސްލުވެސް. އަޔާމެން އޮފީހުގައި އުޅޭ ބޭރު ދެމަފިރިންނޯ ބޭނުންވަނީ. އަޔާ ބުނީމޯ ދަރިޔަކު ހުރި ވާހަކަ ވެސް.. އެ މީހުންނަށް އޯކޭ ޔޯ. ކައްކާފައި ސާފު ކުރަން ޖެހެނީ. ދެބައި އުމުރުގެ ބައެއް.." ނޫރާ ބުންޏެވެ.
" ރަނގަޅުވާނެތަ؟" ޖެހިލުންވެފައި އަހަރެން އެހީމެވެ.
" އާނއެކޭ. އަޔާ ބުނީ އެއީ ރިސޯޓެއް ހަދަން ދިރާސާ ކުރަން އައިސް އުޅޭ ބައެކޯ. އެ މީހުން ކޮންމެ މަހަކު އެ މީހުންގެ ގައުމަށް ވެސް ދާނެޔޯ. ދިވެހިންނަށް ވުރެ ރަނގަޅުވާނެ ކަންނޭނގެ." ނޫރާ ބުންޏެވެ.
" އަސްލުވެސް އެ މީހާއާ ހެދި މުޅިން މި ރަށް ދެކެ ވެސް ފޫހިވެފައި މި ހުންނަނީ. އަވަލީ ގޮތަށް ނެއްޓޭކަށް ނޭނގުނު ވިއްޔަ." އަހަންނަށް ބުނެވުނެވެ.
" އޯކޭ އެހެންވީމަ ދެން ލިލީ ސްކޫލުން ވަކި ކޮއްގެން އަންނަން ރެޑީވޭ." ނޫރާ ބުންޏެވެ.
އަނެއްކާ ވެސް ދިރިއުޅުމުގެ އިތުރު ބާބެއް ފެށުނީއޭ ހީވިއެވެ. ކޮންމެ ހަރުފަތަކުން ވެސް ކުރެވެނީ ތަފާތު ތަޖުރިބާއެކެވެ. ސަލާމަތްވާން ދާ ކޮންމެ ދިމާލަކުން ވެސް އަހަންނަށް ލިބެނީ ދަތި، އުނދަގޫކަމެވެ. އުފާވެރިކަމެއް ހަމަޖެހުމެއް އަހަރެންގެ ހިތަކު ނެތެވެ. ހިތުގެ ނާރުތަކުގައި ކިރިޔާ ވެސް ލޭ ހިނގަމުންދަނީ ހިތުގެ ކަނެއްގައި ފޮރުވާފައި އޮތް ލޯތްބެއްގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ތަޤްދީރު އެ ގޮތް ބޭނުން ނުވިޔަސް އަދި އަހަރެންގެ ނަސީބުގައި އެ ލޯބި ލިބެން ނެތަސް، އަހަރެންގެ ހިތުގައި ހުސެންއަށްޓަކައި ވަނީ ތެދުވެރި ލޯބިކަން ހުސެންއަށް އަންގައިދޭން އިންތިހާއަށް އަހަރެން ބޭނުމެވެ.
ލިލީގެ ކުޑަކުޑަ އަތްތިލަ، އަހަރެންގެ މުށުތެރެއަށްލައި ބާރުކޮއްލަމުން އެ ގޭ ދޮރުން އެތެރެއަށް ވަނީ ޖެހިލުންވެ ހުރެއެވެ. އެ ފުރާޅު ދަށުގައި އަހަންނަށްޓަކައި ވަނީ ނަސީބުކަމެއް ނޫނީ ބަދުނަސީބުކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ތަޤްދީރު މި ފަހަރު އަހަންނާ ކުރާނީ ކޮންކަހަލަ ސަމާސާއެއް ކަމެއް ވެސް ނޭނގެއެވެ. އަހަރެން ބޭނުންވާ ގޮތަށް އެންމެ ކަމެއް ވެސް ނުވާތީ ބައެއް ފަހަރު، އަހަރެން ތަޤްދީރާމެދު ޝަކުވާ ކުރަން ވެސް ހިތަށް އަރައެވެ. ނަމަވެސް އަހަރެންގެ ލޯބިވާ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ކެތްތެރިކަން އިސްކުރެވެނީއެވެ.
އެ ގެއަށް ވަތް ފުރަތަމަ ގަޑިއެއްހާއިރުގެ ތެރޭގައި އަހަރެންގެ މަސްއޫލިއްޔަތުތައް އެ މީހުން އަހަންނަށް ކިޔައިދީފިއެވެ. ގޭގައި އުޅެނީ އަހަންނާ ލިލީގެ އިތުރުން އެ ދެމަފިރިންނެވެ.އަހަރެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ކެއްކުމަކީ އަހަންނަށް އުނދަގޫ ކަމެއް ނޫނެވެ. ސާފުކުރުމަކީ އެއަށް ވުރެ މާ ކުރާހިތުން ކުރެވޭ ކަމެކެވެ. އުނދަގޫ ކަމަކީ ހަމައެކަނި ވިޔަފާރި ކުރުމެވެ.
އެ މީހުންނަކީ ވެޖްޓޭރިއަނުންނަށް ވާތީ، މިއަދުގެ ލިސްޓްގައި ވެސް ތަރުކާރީގެ ބައިވަރު ވައްތަރުތައް ހިމަނާފައި ހުއްޓެވެ. އެންމެ އެއްޗެއް ވެސް ނުލައި ގެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެހެންވެ، ލިލީ ގޮވައިގެން މުޅި މާލޭގައި ދުއްވައިގެން ވެސް އަހަރެން ލިސްޓަށް އެއްޗެހި ހަމަކުރަމެވެ.
ކުރިން ނުފެންނަ އާ ފިހާރައެއް މާ ދުރުން ލޮލުގައި އަޅައިގަތީ އެ ތަނަށް މީހުން އެއްވެފައި އޮތުމުންނެވެ. ދުރުގައި ސައިކަލް ޕާކު ކުރުމަށްފަހު އަހަރެން އެ ދިމާލަށް ހިނގައިގަތީ ލިލީ އުރާލައިގެންނެވެ. ނަސީބު ރަނގަޅުކަމުން އެއީ މޭވާއާއި ތަރުކާރީގެ އިތުރުން ކާބޯތަކެއްޗަށް ހާއްސަ ފިހާރައެކެވެ. ފުރަތަމަ ވެސް އާދައިގެ މަތިން އެއްޗެހީގެ އަގުތައް ޗެކް ކުރަން ފެށީމެވެ. އަތްފޯރާވަރަށް ވުރެ އެއްޗެހީގެ އަގު މާ ބޮޑަށް ވެސް ބޮޑެވެ. އެހެންވެ އެނބުރި ނިކުންނަން ދިޔަ ވަގުތު، ކަންފަތުގައި ޖެހުނު އަޑުން އަހަރެންގެ ދެ ފައިގައި ކަސްތޮޅު އެޅިއްޖެއެވެ. އަޑު އައި ދިމާލަށް އަވަސް އަވަހަށް ބަލައިލެވުނު އިރު ހަށިގަނޑުގައި ހިފެހެއްޓިފައި ހުރި ފުން ނޭވާތަކަށް ނުނިކުމެވިގެން އުޅޭ ކަހަލައެވެ.
" މި ލިސްޓުގައި ހުރި އެއްޗެހީގައި އަގު ޖަހާލާފައި ކައުންޓަރަށް ގެނޭ." އޭރު ވެސް އޭނާ ވާހަކަ ދައްކަމުން ދިޔައީ އެ ތަނުގައި ހުރި މުވައްޒަފަކާއެވެ.
ލިލީ ވެސް ގޮވައިގެން އަހަރެން ގޮސް އޭނާގެ ފަހަތުގައި ހުއްޓުނީ ހާސް ހިތަކައިގެންނެވެ. ފުރަގަހުން ފެނުނަސް ވެސް އެއީ ކާކުކަމެއް އަހަންނަކަށް ނޯޅޭނެއެވެ.
" އަވަސް ކޮއްލައްޗޭ." އެހެން ބުނެ އޭނާ ފަސް އެނބުރުނީ އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުއްޓައެވެ. ދެ މީހުންގެ ނަޒަރު ސީދާ ވުމާއެކު ވަށައިގެން ތިބި މީހުންގެ މަތިން ވެސް އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުސެން ވެސް ހުރީ ޝޮކެއްގައިކަން ޔަގީނެވެ.
( ނުނިމޭ )
މިއީ ސަލާގެ ފަރާތުން ކިޔުންޔެތިންނަށް ފޮނުވާ ހަދިޔާއެކެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!