ޒަމާނީ އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ފުރަތަމަ ޒަކާތުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު އޮގަސްޓް 11 ގައި މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.
މި ބިލުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ޒަކާތް ދައްކަންޖެހޭ ފަރާތްތަކާއި، މުދަލުގެ ބާވަތްތައް ކަނޑައެޅުމާއި، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށް ޒަކާތުގެ ފައިސާ ބޭނުންކުރުމުގެ އުޞޫލުތައް ކަނޑައެޅުން ހިމެނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ރާއްޖޭގެ ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ޒަކާތާއި ބެހޭ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" އުފެދޭނެއެވެ. މި ހައުސްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ހުރިހާ ކަމެއް ރާވައި ހިންގުމާއި، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް ބެލެހެއްޓުމެވެ.
މީގެ އިތުރުން، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދީ، ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި 9 މެންބަރުންގެ ޒަކާތު ކައުންސިލެއް އުފައްދަންޖެހޭނެއެވެ. އަދި ޒަކާތާ ގުޅޭ ޝަރުޢީ ލަފާދިނުމަށް ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެއެވެ. މި ޤާނޫނުގައި ފިޠުރު ޒަކާތާއި، މުދަލު ޒަކާތް ދައްކަންޖެހޭ މީހުންނާއި، ޒަކާތުގެ ނިސާބު ކަނޑައަޅާނެ ގޮތްތަކާއި، ޒަކާތް ލިބޭ ފަރާތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!