ކުރީގެ އަދަދާއި ގުޅޭ:

" މައްޗަށް އަރާފާނަމޭ." ހުސެން ބުންޏެވެ.

Ad
rt

އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަންނާ ބައްދަލްކުރަން ހުސެން ބޭނުންވިކަން އެނގުމުން އަހަރެންގެ ހިތް ފުންމައިގަތް ކަހަލައެވެ. ހުސެންއާ ދާދި ގާތުގައި ހުންނަ ހިތް ވެއްޖެއެވެ. ތަންކޮޅެއް ކައިރިން އޭނާއަށް ބަލައިލަން ބޭނުން ވިއެވެ. އަހަރެންގެ މި އެކަނިވެރިކަމުގެ ތެރެއަށް އޭނާ ގެނެސް، އަލިކަން ހޯދަން ބޭނުންވިއެވެ.

" މި ދަނީ އިނގޭ." ހުސެން ބުންޏެވެ.

ހުސެންގެ މެސެޖް ކިޔާލުމާއެކު އަހަރެން ފިނިވާން ފެށިއެވެ. ކުރިއަށް ވުރެ ބާރަށް ހިތް ވެސް ތެޅެން ފެށިއެވެ. ހުސެންއާ ބައްދަލް ކުރަން ކިތަންމެ ބޭނުން ވިޔަސް، އަހަރެންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދެމުން ދާކަން އަހަންނަށް އިހްސާސް ކުރެވުނެވެ.

" ބޭރުގަ މި ހުރީ." ހުސެންގެ މެސެޖްގެ އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ.

ފޯނަށް ބަލަހައްޓައިގެން އިނދެވުނީ ގޮތެއް ނިންމަން ނޭނގިފައެވެ. ތިރިއަށް އަހަރެން ދާންވީ ބާވައެވެ؟ ނޫނީ ހުސެންއަށް ގެއަށް އައުމަށް ދައުވަތު ދޭންވީ ބާވައެވެ؟

އެންމެ ފަހުން އަހަރެން ބޭނުންވީ ބޭރަށް ނިކުންނާށެވެ. ލިފްޓްގައި ހުރި އިރު ވެސް އަހަންނަށް ހިމޭނަކުން ނުހުރެވެއެވެ. ތިރިއަށް ދެވުނު އިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ހާސްވީ ވެސް އުފަލުންހެން އަހަންނަށް ހީވެއެވެ.

ބޭރަށް ނިކުތް އިރު ހުސެން ހުރީ އަހަރެންގެ ގޭގެ ފާރުގައި ލެނގިލައިގެންނެވެ. އަހަރެން ނިކުތުމާއެކު އޭނާ، އަހަންނަށް ބޭސްކާޑު ދިއްކޮއްލިއެވެ. އިސްއުފުލައިލަމުން ހުސެންގެ މޫނަށް އަހަރެން ބަލައިލި އިރުވެސް އޭނާ ހުރީ އިސްޖަހައިގެންނެވެ. ނަމަވެސް އެހެން ދިމާލަކަށް ބަލައިލާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

" މިތާ ހުންނަން ވަރަށް ޖެހިލުންވޭ. އެނގެއެއްނު އަހަރެން ދަންނަ ވަރަށް ގިނަ މީހުން އުޅޭނެކަން." ޖީބަށް އަތް ޖަހާލަމުން ހުސެން ބުންޏެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީ އޮތް މަގާ ދިމާލަށެވެ.

އޭރު ވެސް ލިބެމުންދާ އުފާވެރިކަމެއްގެ ސަބަބުން އަހަންނަށް ހުރެވުނީ ހެވިފައެވެ. ހުސެން ވާހަކަ ދެއްކީ އޭނާ ބުނީ ކީކޭކަން ވެސް އަހަންނަށް ފަހުމުވާވަރަށް ވުރެ ވެސް މަޑުންނެވެ. ނަމަވެސް އަހަންނަށް އެ ގޮތް ވަރަށް ކަމުދިޔައެވެ.

" ސައިކަލް ވެސް ތަންކޮޅެއް ދުރުގައި ބަހައްޓާފައި މި އައީ. " ހުސެން ބުންޏެވެ.

ހުސެން އަވަހަށް ދާން އުޅޭކަން އެނގި، އަހަރެން މާޔޫސްވިއެވެ.

" ދެން... ދަނީތަ؟" އަހަރެން ބުނީމެވެ.

އެއާއެކު އޭނާއަށް ބޭއިހްތިޔާރުގައި އަހަރެންގެ މޫނަށް ބަލައިލެވުނެވެ. އޭރު އަހަންނަށް ވެސް ހުރެވުނީ ހުސެންއަށް ބަލަހައްޓައިގެންނެވެ. އަވަސް އަވަހަށް ހުސެން އެހެން ދިމާލަކަށް ބަލައިލި ނަމަވެސް ހުސެންގެ ލޮލުގެ ޖާދޫގައި އަހަރެން ބަނދެވިއްޖެއެވެ. އެކަން އޭނާއަށް އިހްސާސް ވެސް ނުވާ ކަހަލައެވެ. އިސްޖަހައިގެން ހުރެ ހުސެން ބޯ ޖަހާލުމުން އަހަރެން ވަރަށް ހިނިއައެވެ.

" އެކަމަކު ތިހާ ލަދުގަންނަން ވާނެތަ؟ " އަހަރެން ބުނީމެވެ.

" އަހަންނަކީ ލަދު ގަންނަ މީހެކޭ." ހުސެން ބުންޏެވެ.

އެއާއެކު އޭނާ އަނެއްކާ ވެސް ދުރަށް ބަލަން ފެށިއެވެ. ހަގީގަތުގައި ވެސް ހުސެން ހުރީ މީހަކަށް އޭނާ ފެނިދާނެތީ ޖެހިލުންވެފައިކަން އަހަންނަށް އެނގުނެވެ. އެކަމަކު ވެސް ހުސެން ގާތު ދާށޭ ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

" ލިލީ ނިދާފަތަ؟" ހުސެން އެހިއެވެ.

" އާނ،" އަހަރެން ކުރު ޖަވާބަކުން ފުއްދާލީމެވެ.

" ދެން އެކަނިތަ އޮންނާނީ؟ ނުހޭލާނެ؟" ހުސެން އެހިއެވެ.

ހީލަމުން އަހަރެން ދެ ކޮނޑު އުފުލައިލީމެވެ.

" ހޭލަފާނެ ހަމަ." އަހަރެން ބުނީމެވެ.

" އެހެންވިއްޔާ ދެން ވަދޭ އެތެރެއަށް. ލިލީ ހޭލައިގެން ރޯނެއެއްނު." ހުސެން ބުންޏެވެ.

އޭނާ އަނެއްކާ ވެސް އަހަންނަށް ބަލައިލީ އަހަރެންގެ ނަޒަރު އެ މޫނަށް ހުއްޓިފައި ވަނިކޮށެވެ. އަހަރެން ބަލަހައްޓައިގެން ހުރުމާއެކު ހުސެން ނުހަނު އަވަހަށް އެހެން ދިމާލަކަށް ބަލައިލިއެވެ.

" އަޅެ. ހަމަ ދަނީތަ؟" އަހަންނަށް ބުނެވުނީ ކުޑަކުއްޖަކު ފަދައިންނެވެ.

" މިތާ ތިބުން އެހާ ރަނގަޅެއް ނުވާނެއެއްނު. ދެން ވަދޭ އެތެރެއަށް. އަވަހަށް ގޮސް ބޭސް ކާލާ. " ހުސެންގެ އެ ޖުމްލަތައް އަދި އެއް ފަހަރު އަޑު އަހާލާ ހިތްވިއެވެ. ހުސެންއަށް ބަލަހައްޓައިގެން ގެއްލިފައި ހުއްޓާ އޭނާ ކުޑަކޮށް ކުރިއަށް ހިނގައިގެންފިއެވެ.

" ދަނީ." ފުން ނޭވާއެއް ދޫކޮށްލަމުން ހުސެން އެހެން ބުނުމާއެކު އަހަންނަށް ތެޅިގަނެވުނެވެ.

އަހަރެން ހުރީ މަޑުކުރާށޭ ބުނަން ބޭނުންވެފައެވެ. ނަމަވެސް ހުސެން ހުރީ ދާން ބޭނުންވެފައިކަން އެނގުމުން އިތުރަށް އާދޭސް ކުރާކަށް ނުކެރުނެވެ.

އަހަރެންގެ މޫނަށް އަދި އެއްފަހަރު އޭނާ ބަލާލައިފިނަމަ އެކަން ހުދު ހުސެންއަށް ވެސް ފާހަގަ ކުރެވޭނެކަން ޔަގީނެވެ. ނަމަވެސް މަގުގެ ދެ ކޮޅު ބަލައިލަމުން ހުސެން ހިނގައިގަތީއެވެ. ހުސެން ހުރީ އަހަންނަށްވުރެ ވެސް ބޮޑަށް ލަދުގެންފައިކަން އަހަންނަށް އެނގުނެވެ. އެހާ ލަދުރަކި ފިރިހެން ކުއްޖަކު އަހަރެންގެ ހަޔާތުގައި ވެސް އަދި މި ފެނުނީ ހަމަ އަލަށެވެ.

ހުސެން ދިޔުމާއެކު އަހަރެން ވެސް އަވަހަށް އެތެރެއަށް ވަނީމެވެ. އޭރު، މީގެ ކުރިން ބޮލުގައި ރިއްސިކަން ވެސް އަހަރެން ހަނދާން ނެތެވެ. ހުސެން ފެނުމާއެކު ބޮލުގެ ރިހުން ވެސް ފިލައިގެން ދިޔައީއެވެ.

އެތެރެއަށް ވަދެ، ލިލީ ކައިރީ އޮށޯވެލި އިރު ވެސް އަހަންނަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެކެވެ. ކޮންމެ ދުވަހަކު ވެސް އެ ފަދައިން ހުސެން އަހަންނަށް ފެންނާނެނަމައޭ ހިތަށް އެރިއެވެ.

" ދިޔައީތަ؟' އަަހރެން މެސެޖް ކުރީމެވެ.

" ނޫން. މި އިނީ އަދިވެސް ބޭރުގައި." ހުސެން ބުންޏެވެ.

" ބޭރުގައޭ؟ ނުދަންތަ އަދި؟" އަހަންނަށް ފުންމައިގެން ތެދުވެވުނެވެ.

" މި ބުނީ އަދި ގެއަކަށް ނުދަމޭ. ކޮފީއެއްގަ." ހުސެން ބުންޏެވެ.

" އެކަނި؟" އަހަރެން އެހީމެވެ.

އަހަރެންގެ ސުވާލުގެ ޖަވާބަކަށް ހުސެން ފޮނުވާލީ ކޮފީތަށީގެ ފޮޓޯއެކެވެ. އޭނާ އަދިވެސް ގެއަށް ނުދަނީ ކީއްވެބާވައޭ ހިތަށް އެރިއެވެ.

" ތި ގެއާ މާ ދުރަކު ނޫން." ހުސެން ބުންޏެވެ.

" އޯހް. އަދި ވެސް މި ސަަރަހައްދުގައިތަ؟ ކީއްވެ ގެއަށް ނުދިޔައީ؟" އަހަރެން އެހީމެވެ.

" އަދި އައިސްބަލާށޭ ބުނޭތޯ. " ހުސެން ދިނީ ޑައިރެކްޓް ޖަވާބެކެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ. އެއީ ހުދު އަަހަރެން ވެސް ބޭނުންވާ ގޮތެވެ. އޭނާއާ އަދި އެއްފަހަރު ދިމާވާން އަހަރެން ބޭނުމެވެ.

" މި ގެއަށް؟" އަހަރެން އެހީމެވެ.

" ޔެސް. ގެއަކަށް ނުގެންދާނަންތަ؟" ހުސެން އެހިއެވެ.

" ނޫން. އާދޭ. ފަސްވަނަ ފްލޯއަށް." މެސެޖް ދޫކޮށްލުމަށްފަހު އަހަރެން ސިޓިންރޫމަށް ނިކުތީމެވެ. ޒިޔާަދަށް ނޭނގި މި ގެއަށް އެއްވެސް މީހަކު ނުވައްދަމެވެ. ނަމަވެސް ހުސެން ގެންނަ ހިތުން އަހަރެންގެ ހިތް އޮތްބެއް ނޯތެވެ. ސިޓިންރޫމްގެ ދޮރު ހުންނަނީ އަހަރެންގެ ކޮޓަރިއާ މާ ދުރުގައި ކަމުން ޓަކި ޖަހާލިޔަސް އަޑު ނީވޭނެތީ، އަހަރެން ގޮސް ހުރީ ދޮރު ކައިރީގައެވެ. އޭރު އަހަރެންގެ ހިތް ނުހިފެހެއްޓާހާ ބާރު މިނުގައި ތެޅެމުން ދެއެވެ.

ޓަކި ޖަހާލުމާއެކު އަހަރެން ދޮރު ހުޅުވީމެވެ. ހުސެން އެތެރެއަށް ވަނުމުން އަވަސް އަވަހަށް ތަޅުލީމެވެ. އޭރު އަހަރެންގެ އަތް،ފައި ފިނިވެ، ނޭވާ ވެސް ހުރީ އަވަސްވާ ގޮތް ވެފައެވެ. ހިމޭންކަން ވެރިވެފައިވާ ސިޓިންރޫމުން އިވެމުންދަނީ ހަމައެކަނި ދެ މީހުންގެ ނޭވާގެ އަޑު ކަހަލައެވެ. ދުރުގައި ހުރި ސޯފާއަށް އިޝާރާތް ކޮއްލުމާއެކު ހުސެން މަޑުމަޑުން ހިނގައިގަތެވެ.

ހުސެންގެ ފަހަތުން ދިޔަ ނަމަވެސް އަހަންނަށް އޭނާގެ ކައިރީ އިށީންނާކަށް ނުކެރުނެވެ. އެހެންވެ، އަހަރެން އިށީނީ ހުސެންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާ ގޮނޑީގައެވެ. ހުސެން މުޅި ގެއަށް ނަޒަރު ހިންގާލިތަން ފެނި، އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

" މި ގެ ރީތިތަ؟" އަހަރެން އެހީމެވެ.

ހުސެން ބޯ ޖަހާލިއެވެ.

" އެކަމަކު ލިލީއާ ދެ މީހުން އެކަނި އުޅެނީ. ގެ ކިތަންމެ ރީތިވެފައި، ކިތަންމެ އަގުހުރި އެއްޗެހި ހުއްޓަސް، އުފާވެރިކަމެއް ނުވަންޏާ، ގެ، ގެއަކަށް ނުވާނެއެއްނު." އަހަރެން ބުނީމެވެ.

އެ ވަގުތު ހުސެން އަހަންނާ ދިމާލަށް ބަލައިލިއެވެ.

" ޒިޔާދު ދިޔަ ގޮތަށް ވަރަށް ނުގުޅާ. އައި އަބަދުވެސް ގުޅަން ޖެހެނީ. ދެން ނުގުޅައިގެން އެއްޗެއް ބުންޏަސް ވަރަށް އެއްޗެހި ގޮވާލާނެ. ލިލީ މަތިން މިސް ވެގެން ގުޅިޔަސް، ވަރަށް އަވަހަށް ބާއްވާނެ." އަހަރެން ޝަކުވާ ކުރަން ފެށީމެވެ.

ހުސެން އިނީ އަހަރެންގެ ވާހަކަ އަޑު އަހާށެވެ. އޭނާ އަހަންނާ ވާހަކަ ދައްކާލަން އައުމުން، އަހަންނަށް މި ކުރެވެނީ ޒިޔާދުގެ ޝަކުވާއެވެ. އިއްވައި މި ދެވެނީ އަހަރެންގެ ހިތުގެ ކެކުޅުމެވެ. އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކެވެ. މީގެ ކުރިން ދުވަހަކުވެސް އިތުރު މީހަކާ ހިއްސާ ނުކުރާ ވާހަކަތައް އަހަންނަށް ހުސެންއަށް ކިޔައިމިދެވެނީ ކީއްވެކަން އަހަންނަށް އެނގެއެވެ. އަހަރެން ހުސެންދެކެ ލޯބިވާތީ، އޭނާއަށް އިތުބާރު ވެސް ކުރެވެން ފެށީއެވެ.

" އަނެއްކާ އުނދަގޫވޭތަ މި ވާހަކަތައް ދައްކަންޏާ." އަހަރެން އެހީމެވެ.

" ނޫން. ކީއްވެ އުނދަގޫވާންވީ؟ މެސެޖުން ކިޔައިދޭއިރު ވެސް އަހަރެން އަޑު އަހަމެއްނު." ހުސެން ބުނެލީ ވަރަށް މަޑުންނެވެ.

އެހާ މަޑުމައިތިރި އަޑަކުން، ހުސެން ވާހަކަ ދައްކާއަޑު އަހަރެން އަހަނީ އަހާލާ ހިތުންނެވެ. އަހަންނަށް އެކަން ވީ ވަރަށް ތަފާތު ވެސް ކަމަކަށެވެ. ހުސެންގެ ކިބައިގައި ހުންނަ ރީތި ސިފަތައް ޒިޔާދުގެ ނުހުންނާތީ، އަހަރެން އިތުރަށް ހުސެންއަށް ގަޔާވާ ގޮތްވިއެވެ. ހުސެންގެ ލަދުރަކި ސިފައަކީ އޭނާގެ މަޑުމައިތިރިކަމުގެ ރީތި މިސާލެކެވެ. ވާހަކަ ދެއްކުމުގައި ހުންނަ މަޑުމޮޅިކަމަކީ ކޮންމެ އަންހެން ކުއްޖަކު ވެސް، ފިރިއެއްގެ ފަރާތުން ބޭނުންވާނެ ކަމެކެވެ.

" ޒިޔާދު ވާހަކަ ދައްކާނީ ވަރަށް ހަރުކަށި ގޮތަކަށް. ވަރަށް އަޑު ވެސް ގަދަވާނެ. އޭނަ ހިތްހަމަ ނުޖެހޭ ގޮތަކަށް އައިއަށް އެއްޗެއް ބުނެވުނިއްޔާ ބަވައިގަންނާނެ." އަހަރެން ބުނީމެވެ.

" އެހެންތަ؟ ދެން ވިސްނައިދީބަލަ. ޔޫ ދެރަވާ ވާހަކަ ބުނެބަލަ." ހުސެން ބުންޏެވެ.

އިތުރަށް ޒިޔާދުގެ ވާހަކަ ދައްކަން އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންވެ، މައުޟޫ ބަދަލުކޮއްލީމެވެ.

" މިރޭ ކައިގެންތަ ތި އުޅެނީ؟" އަހަރެން އެހީމެވެ.

އޭރު ހުސެން އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.

" ކޯއްޗެއް ހުރީ ކާން؟" ހުސެން އެހީ ހެވިފައި ހުރެއެވެ.

" ފުރުޓްސް. " ބާރަށް ހޭން ފަށަމުން އަހަރެން ބުނީމެވެ. ހަގީގަތުގައި ކައިފިންތޯ އެހި އިރު ވެސް އަހަރެން ހުރީ ޖެހިލުންވެފައެވެ. އެއީ ނުކަމޭ ބުންޏަސް ދޭނެ އެއްޗެއް ނެތީމެވެ.

" ކައިގެންނޭ އައީ." ހުސެން ބުނީ ހެވިފައި ހުރެއެވެ.

" ދެން... ފެން ބޯނަންތަ؟ ފެން ދެންތަ؟" އަހަރެން އެހީމެވެ.

" ނޫން އޯކޭ ވާނެ." ހުސެން ބުންޏެވެ.

ދެން ދައްކާނެ ވާހަކައެއް އަހަންނަކަށް ނޭނގުނެވެ. ހުސެންއަކީ ބަސްމަދު މީހެއްކަމުން އޭނާ އެއްޗެއް ބުނަނީ އަހަރެން ބުނިއްޔާއެވެ. އެހެންވެ، އަހަރެން ވާހަކަ ދެއްކުން މަޑުކޮއްލުމާއެކު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ނަމަވެސް އަހަރެންގެ ނަޒަރު ހުސެންގެ މޫނަކުން ނުނެއްޓުނެވެ. އޭނާ އިހެން އިނދެ، ބައެއް ފަހަރު އަހަންނާ ދިމާލަށް ބަލައިލައެވެ. ހަތަރުކަޅި ހަމަވުމާއެކު ހުސެންއަށް ވެސް ހެވެއެވެ.

" ދާން ވީ ދޯ؟" ޖީބަށް ފޯނު ކޮއްޕާލަމުން ހުސެން ބުންޏެވެ.

އެހާ އަވަހަށް އޭނާ ފޮނުވާލަކަށް އަހަރެންގެ ހިތެއް ނޭދުނެވެ. ނަމަވެސް މަޑުކުރާށޭ ބުނާކަށް ވެސް ނުކެރުނެވެ. ހުސެން އަހަންނާ ދިމާލަށް އޭނާގެ އަތް ދިއްކޮއްލީ އަހަރެންގެ އަތުގައި ހިފާލަންކަން އަހަންނަށް އެނގުނެވެ. ނަމަވެސް ބޭއިހްތިޔާރުގައި އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ހިތް ބިރުގަތް ނަމަވެސް، އަހަންނަށް ހުސެންއަށް ވަރަށް އިތުބާރު ކުރެވެއެވެ. އޭނާ އަހަންނަށް ގޯސް ގޮތެއް ނަހަދާނެކަން ޔަގީން ކުރެވެއެވެ. އެހެންވެ، ހުސެންގެ އަތާއި އަހަރެން އަތް ޖޯޑު ކޮއްލީމެވެ. އަދި އެހާމެ އަވަހަށް އަހަރެން ހުސެންގެ އަތުން ދޫކޮށްލީމެވެ.

އަހަރެންގެ އަތުން ދޫކޮއްލުމަށްފަހު ހުސެން އަހަންނަށް ބަލައިލީ ގޮތް އަހަންނަށް ވަރަށް ކަމުދިޔައެވެ. އޭރު ވެސް ދެ މީހުން ތިބީ އިތުރަށް ދައްކާނެ ވާހަކައެއް ނޭނގިފައެވެ.

ދޮރާ ދިމާލަށް ދާން ހުސެން އެނބުރުނު ވަގުތު އަހަރެން އަނެއްކާ ވެސް ސޯފާގައި އިށީނީމެވެ. އެއާއެކު ހުސެން އަނެއްކާ ވެސް އަހަންނަށް ބަލައިލިއެވެ. އަހަރެންގެ ދެ ލޮލުން އޭނާއަށް ފެންނާނީ، ހުސެންއާ ދުރަށް ދާން ބޭނުން ނުވާ ކަމުގެ ހެކިތައްކަން ކަށަވަރެވެ. ނުދާށޭ ބުނާފަދަ ގޮތަކަށް އަހަރެން އޭނާއަށް ބަލަމުން ދިޔައީމެވެ. އަހަންނަކަށް މަޑަކުން ނީނދެވުނެވެ. ތެދުވެގެން ގޮސް ހުސެންއާ ދާދި ގާތުގައި ހުއްޓުނީމެވެ. އެއާއެކު ދެ މީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށުނެވެ. ފަނޑު އަލީގެ ތެރެއިންވެސް މޫނުމަތީގެ ޝުއޫރުތައް ކޮންމެވެސް ވަރަކަށް ފާޅުވެއެވެ.

ކުއްލިއަކަށް މަޑުމަޑުން އަހަރެންގެ މޫނުގައި ދެ އަތުން އޭނާ ހިފަހައްޓާލުމާއެކު އަހަރެންގެ ނޭވާ އަވަސް ވާން ފެށިއެވެ. މުޅި މީހާ ތުރުތުރުލާން ފެށިއެވެ. ހުސެންގެ ދެ އަތް ވެސް ފިނިވެފައިވާ މިންވަރު އަހަންނަށް އިހްސާސް ކުރެވުނެވެ.

މާ ލަސްތަކެއް ނުވެ އަހަރެންގެ މޫނާ، އޭނާ މޫނު ކައިރިކޮއްލިއެވެ. އެ ވަގުތު ބާރުބާރަށް އަހަރެން ދެ ލޯ މަރާލީމެވެ. އެއާއެކު ހުސެން އަހަރެންގެ ނިތްކުރިއަށް ބޮސްދެމުން އަހަރެންގެ މޫނުން އަތް ދޫކޮށްލިއެވެ. އަހަންނަށް ހުރެވުނީ ދެ ތުންފަތް ކައިރި ކޮއްލަން ވެސް ނޭނގިފައެވެ. ހުސެންގެ މޫނަށް އަހަރެން ބަލަން ފެށުމާޢެކު އޭނާ އަވަސް އަވަހަށް އަހަންނަށް ފުރަގަސް ދިނެވެ. އަދި ދޮރާ ދިމާލަށް ދާން ހިނގައިގަތެވެ. އޭނާ ދުރަށް ދާ މަންޒަރު ބަލަން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. އަހަރެންގެ ލޯ މަތިން ހުސެން ގެއްލޭކަށް އަހަރެންގެ ހިތެއް ވެސް އެއްބަހެއް ނުވިއެވެ.

އޭނާގެ ފަހަަތުން އަހަރެން ވެސް ހިނގައިގަތީމެވެ.

" ހުސެން..." އަަހަރެން ގޮވާލުމާއެކު އޭނާ ހުއްޓުނެވެ.

އަދި ފަސްއެނބުރި އޭނާ ބަލައިލީ ތޫނު ނަޒަރަކުންނެވެ. އޭރު އަހަންނަށް ހުރެވުނީ ހުސެންއާ ދާދި ގާތުގައެވެ. އަހަރެންގެ ނޭވާ އަވަސްކަމުން އޭނާއަށް ވެސް ނޭވާގެ އަޑު އިވޭނެކަން އަހަންނަށް ޔަގީނެވެ.

ނޭނގި ހުއްޓާ، ހުސެން އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި މަޑުމަޑުން އޭނާގެ މޭގައި އަހަރެންގެ އަތް ޖައްސާލިއެވެ. އެއަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން އަހަންނާ ވާހަކަ ދައްކަން ފެށީ ނުހަނު މަޑުމަޑުންނެވެ. ހުސެންގެ ހިތް ތެޅޭވަރު އަހަންނަށް އިހްސާސް ކުރެވުނެވެ.

" ނޭނގެ ކީއްވެކަމެއް މިހާ ބާރަށް ހިތް ތެޅެނީ." ހުސެން ބުންޏެވެ.

ހުސެންގެ ކޮންމެ ހަރަކާތަކުން ވެސް އަހަރެން އޭނާއަށް ކުރާ އިތުބާރު ހައްތަހާވަނީ ބޮޑެވެ. ޝައުގުވެރިވާ މިންވަރުވަނީ އިތުރެވެ. އެ މަޑުމައިތިރިކަން އަހަރެންގެ ހިތް ފަހަތަ ކޮއްފިއެވެ.

" ހުސެން ފޮނުވާލާ ހިތެއް ނުވެ." އަހަރެންގެ އަޑު ނިކުތީ ހަމަ ކިރިޔާއެވެ.

އެ ވަގުތު ހުސެން މަޑުމަޑުން އަހަރެންގެ އަތުން ދޫކޮއްލިއެވެ. އަދި އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރެ މަޑުމަޑުން މޫނު ކައިރިކޮއްލިއެވެ. އޭރު އަހަރެންގެ ދެ ތުންފަތް ތުރުތުރު އަޅަމުން ދެއެވެ. މުޅި ގޭތެރޭގައި ވެސް ގުގުމަމުންދަނީ ދެ މީހުންގެ ނޭވާގެ އަޑެވެ.

ހުސެންގެ ބުރަކަށީގައި އަތް ހިންގާލަމުން ގޮސް އޭނާގެ ކަނދުރާގައި އަހަރެން ހިފަހައްޓާލީމެވެ. އޭނާގެ ތުންފަތުގައި ތުންފަތް ޖައްސާލުމަށްފަހު އަވަސް އަވަހަށް އޭނާގެ މޭގައި މޫނު ޖައްސާ ފޮރުވާލީ ލަދުންނެވެ.

" ދެން... ދޭ! " އެހެން ހުރެ އަހަރެން ބުނީމެވެ.

" ހަމަ... ދާން ވީ؟" ހުސެން ބުންޏެވެ.

އަހަރެން ބޯ ޖަހާލަމުން ދުރަށް ޖެހިލީމެވެ.

" އިތުރަށް އަހަރެން މަޑުކުރިއްޔާ އަދި މިއަށް ވުރެ ގޯސް ވެދާނެ." ހުސެން ބުންޏެވެ.

އެއާއެކު އަހަރެން އަނެއްކާ ވެސް ބޯ ޖަހާލިއެވެ. ހިނގައިގަންނަމުން ވެސް ހުސެން އަހަންނަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ލަދުން ގޮސް އަހަންނަށް ކޮޅަށް ހުރެވެނީ ވެސް ކިރިޔާއެވެ. ހުސެން ދިޔުމާއެކު އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި ދޮރު ބުޑުގައި އިށީނދެ އިނދެ ވިސްނަން ފެށީމެވެ.

ހުސެންގެ ލޯބި ހަރަކާތްތަކުން އަހަރެންގެ ޖަޒްބާތުތައް ހޭލައްވާލައިފިއެވެ. އެ އަސަރުތައް އަހަރެންގެ މުޅި ހަށިގަނޑަށް ވެސް ފޯރައިފިއެވެ. މަސްތުވީ ގޮތަކަށް ހުސެން އަހަންނަށް ބަލައިލިތަން އަދިވެސް ހީވަނީ ފެންނަ ހެންނެވެ. އަހަންނާ ހުސެން ހާދަ އެއް ގޮތޭ އެ ވަގުތު އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ބޭނުންވާ އުކުޅުތައް ހުސެންއަށް އެނގެޔޭ ހިތަށް އެރިއެވެ. ނޭނގެނީ ޒިޔާދަށެވެ. އެހާ ލޯބިން، އެހާ މަޑުމޮޅިގޮތަކަށް އަހަރެންގެ ގައިގައި މީގެ ކުރިން ދުވަހަކު ވެސް މީހަކު ބީހިފައެއް ނުވެއެވެ. އަހަރެންގެ އަތުގައި ހިފާލާ، ބޮސްދީފައެއް ވެސް ނުވެއެވެ. ލޯބިން އަހަރެންގެ ގައިގައި ޒިޔާދު ފިރުމާލީ ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. އެހެން ހިތަށް އެރުމާއެކު އަހަންނަށް އުނދަގޫވާން ފެށިއެވެ. ރުޅިގަދަ ވާން ފެށިއެވެ.

( ނުނިމޭ )

(ނިމުނީ)