އަހަރެން ބޭނުންވާ އުކުޅުތައް ހުސެންއަށް އެނގެޔޭ ހިތަށް އެރިއެވެ. ނޭނގެނީ ޒިޔާދަށެވެ. އެހާ ލޯބިން، އެހާ މަޑުމޮޅިގޮތަކަށް އަހަރެންގެ ގައިގައި މީގެ ކުރިން ދުވަހަކު ވެސް މީހަކު ބީހިފައެއް ނުވެއެވެ. އަހަރެންގެ އަތުގައި ހިފާލާ، ބޮސްދީފައެއް ވެސް ނުވެއެވެ. ލޯބިން އަހަރެންގެ ގައިގައި ޒިޔާދު ފިރުމާލީ ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. އެހެން ހިތަށް އެރުމާއެކު އަހަންނަށް އުނދަގޫވާން ފެށިއެވެ. ރުޅިގަދަ ވާން ފެށިއެވެ.
ކުއްލިއަކަށް އަހަރެން ސިހުނީ އަތުގައި އޮތް ފޯނަށް ސްނެޕް ނޮޓިފިކޭޝަން އައުމުންނެވެ. މުށިތައް މަތިން ތެދުވަމުން އަހަރެން މެސެޖް ބަލައިލީމެވެ.
" ސޮރީ. ވަރަށް ބޮޑަށް ސޮރީ." އެ މެސެޖް ކިޔާލުމާއެކު އައިސްފައި ހުރި ރުޅިއަށް ވީ ނުވީއެއް ނޭނގުނެވެ. ލޯތްބާއެކު ހިނިތުންވެވުނެވެ.
މީގެ ކުޑަ ވަގުތު ކޮޅެއްގެ ކުރިން ހިނގާދިޔަ މަންޒަރު އަނެއްކާ ވެސް ލޯ ކުރިމަތިން އަހަންނަށް ސިފަވާން ފެށިއެވެ. އޭރު ކުރެވުނު އިހްސާސްތައް އާ ވާން ފެށިއެވެ.
" ރިގްރެޓް ކުރަނީތަ؟" އަހަރެން އެހީމެވެ.
" ފާޑަކަށް... އެކަމަކު އުފާ ވެސް ވި." ހުސެން ބުންޏެވެ.
ހުސެން އުފާވިޔޭ ބުނީމަ އަހަރެން ވަރަށް އުފާވިއެވެ. އެކަމަކު ވެސް އަހަރެންގެ ލޯ އަޅައިގަތީ އޭނާ އެކަމާ "ކަޑަ" ވީ ކަން އެނގުމުންނެވެ.
" އަހަންނަކަށް ނޭނގެ ކީއްވެކަމެއް. އަހަރެން ރިގްރެޓެއް ނުކުރަން. ކުށެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދިވެސް މި ހުރީ ހުސެންއާ އެކު ހުންނަން ބޭނުންވެފަ." ފަސްޖެހުމެއްނެތި އަހަރެންގެ ހިތް ހުޅުވާލީމެވެ.
އެ ވަގުތު ހުސެން އަހަންނަށް ފޮނުވާލީ ސްޓިކާއެކެވެ. ހީވާ ގޮތުން އޭނާ އަދިވެސް އެ ހުރީ ލަދުންނެވެ. ނޫނީ ކުރެވުނު ކަންތަކުން މޮޔަ ހީވެފައެވެ.
" އަހަރެން ދިޔަ ދިން ނަމަ. ނުހިފެހެއްޓި ނަމަ." ހުސެން ބުންޏެވެ.
އެ ވަގުތު އަހަރެން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. އެއީ ހެދުނީ މިސްޓޭކެއްކަން އޭނާ ގަބޫލުކޮށް، އެކަމާ ދެރަވީތީއެވެ. ހުސެންއަށް އެހެން ވެދާނެއެވެ. ހުސެން އަހަރެންދެކެ ލޯބިވާ ކަމެއް ވެސް، ނުވަތަ ނުވާ ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އަހަރެން ހުސެންދެކެ އިންތިހާއަށް ލޯބިވާކަމެވެ. އަދި އަހަރެން ހުސެން ބޭނުންވާ ކަމެވެ. ނަމަވެސް ހުސެންއާއެކު އަހަރެންގެ މުސްތަޤްބަލެއް ނުވާކަން ޔަގީނާ ގާތަށް އަހަންނަށް ގަބޫލު ކުރެވެއެވެ. އެއީ ވާން ނެތްކަމެއް ކަން ވެސް އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެންގެ ހިތުގެ ޖަޒްބާތުތައް އެކަމާ އިންކާރުކުރެއެވެ. ދުވަހަކަށް ވުރެ ދުވަހެއް އޭނާދެކެ ވާ ލޯބި ދަނީ ވަރުގަދަ ވަމުންނެވެ. ކުރިމަގެއް، މުސްތަޤްބަލެއް، އަދި ދިރިއުޅުމެއް ވެސް އޭނާއާއެކު ފެށެން ނެތަސް، އަހަރެންގެ އިހްސާސްތައް ކޮންޓްރޯލެއް ނުކުރެވެއެވެ.
" ފެނުނީމަ، ފޮނުވާލާ ހިތް ނުވީ." ލިޔާނެ އެއްޗެއް ނޭނގި އިރުކޮޅަކު ހުރުމަށްފަހު އަހަރެން މެސެޖް ފޮނުވާލީމެވެ.
" މީ ވެސް މި އައީ އަސްލު އަންނަ ހިތަކުން ނޫން. " ހުސެން ބުންޏެވެ.
އަހަންނަށް ޝައުގުވެރިވެވުނެވެ. ހުސެންގެ ހިތުގައި އަހަންނާމެދު ކޮންމެވެސް އެއްޗެއް އުފެދިއްޖެކަން ޔަގީން ކުރެވުނެވެ. އެކަމާ އަހަރެން އިންތިހާއަށް އުފާވެސް ވިއެވެ.
" ލައިކް ވޭތަ؟" ލޯބިވޭތޯ އަހަން ނުކެރިގެން އަހަރެން އޭނާ ގާތު ސުވާލު ކުރީ އަހަންނާ ގަޔާވޭތޯއެވެ.
އެންމެ ދެ ތިން ދުވަސްތެރޭ އަހަރެންގެ ހިތް ހުސެންއާ ދިމާލަށް ފުންމައިގަތަސް، ހުސެންއަށް އެހެން ނުވެދާނެކަން އަހަރެން ގަބޫލު ކުރަމެވެ.
" ނޭނގެ ބުނާނެ އެއްޗެއް." ހުސެން ބުންޏެވެ.
އަނެއްކާ ވެސް އަހަންނަށް ޖެހުނީ އިރުކޮޅަަކު ވިސްނާށެވެ. ހުސެން އެހެން ބުންޏަސް އޭނާ އަހަންނަށް ލައިކް ނުވާނަމަ މިރޭ މި ގެއަކަށް ނުވަންނާނެއެވެ. ހުސެން އެހެން ބުންޏަސް، އޭނާ އަހަންނާ ގަޔާވާ ކަމަށް އަހަރެން ނިންމީމެވެ. އަދި އެކަމާ އުފާވެސް ކުރީމެވެ.
" އޯކޭ އޭ ތިހެން ބުންޏަސް. ކޮންމެވެސް ދުވަހަކުން އަދި ބުނާނެ ކަންނޭނގެ ލައިކް ވެޔޭ." މަޖަލަކަށް ހަދާފައި އަހަރެން ބުނީމެވެ.
" ލެޓްސް ސީ ދޯ. ބުނީމެއްނު އެއް އަހަރު ފަހުންނޭ ފެންނާނީ ވެސް." ހުސެން ބުންޏެވެ.
އަހަންނަށް އެ ވަގުތު ބާރަށް ހެވުނެވެ. މޮޔައެއް ފަދައިންނެވެ. މިހާރު އަހަރެން ފެންނަ މީހަކު އަހަންނަކީ މޮޔައެކޭ ވެސް ބުނެފާނެއެވެ. ހުސެންގެ މެސެޖް ކިޔާއިރު ވެސް އަހަންނަށް ހީވަނީ ހުސެެން ފެންނަ ހެންނެވެ.
" ދެން އަބަދު އެހެން ކިޔާނީ. އޯކޭ އޭ ހަމަ. ލިމިޓް ކްރޮސް ކުރެވުނީއޭ އައިއަށް. ޔޫ ރީތި ވީމަ." އަހަރެން ބުނީ ތެދަށެވެ.
ހަގީގަތުގައި ހުސެންއަށް ވުރެ ކުރިން އަހަންނަށް އޭނާގެ ހިތް ފެނުނު ކަހަލައެވެ. އޭނާގެ މިޒާޖު އެނގުނު ކަހަލައެވެ. އޭނާގެ ހުރިހާ ސިފަތަކެއް ދަސްވި ކަހަލައެވެ. އެންމެ ދެ ފަހަރެއްގެ ފެނިލުމަކުން ވެސް އެ ސޫރައަށް އަހަރެން މޮޔަވެއްޖެއެވެ. އެ ތަސްވީރު އަހަރެންގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. އޭނާގެ ފިރިހެންވަންތަކަމާ އެއްވަރަށް ހުސެންގެ މިޒާޖާއި މަޑުމައިތިރިކަމާއި ލަދުރަކިކަން އަހަންނަށް ކަމުދިޔައެވެ.
" ރީއްޗޭ؟ " ހުސެން ފޮނުވާލީ ބޮޑު ހިނިގަނޑަކާއެކުއެވެ.
" އާނ. ވަރަށް ކިޔުޓް. އައި އަށް ހީވަނީ ތިއީ އަންހެން ކުއްޖެއްހެން." އަހަރެން ވެސް މެސެޖް ފޮނުވީ ހެމުންނެވެ.
" އޭ މާ ގިނައިން ތިހެން ނުކިޔައްޗޭ. " ހުސެން ބުންޏެވެ.
" އެ ލަދުގަތީ. އަބަދު ލަދުގަންނަވާ ހިތްވަނީ." އަހަރެން ބުނީމެވެ.
" ގެއަށް ދެވިއްޖެތަ؟" އަނެއްކާ ވެސް މެސެޖެއް ކޮއްލީމެވެ.
" އާނ. ގެ ކައިރި ތިރީގަ މި އިނީ. އަދިވެސް ވަރަށް ބާރަށް ހިތް ތެޅެޔޭ. އެހެންވެ މަޑުކޮއްލީ." ހުސެން ބުންޏެވެ.
" އަދިވެސް ބޭނުން ބައްދާލަން." ލޯ މަރާފައި އަހަރެން މެސެޖް ފޮނުވާލީމެވެ.
" ހަމަ އަސްލުވެސް ރިގްރެޓް ނުކުރަންތަ؟ " ހުސެން ހުރީ އަހަރެން އެކަމާ ދެރަނުވާތީ ހައިރާންވެފައި ކަންނޭނގެއެވެ.
" އަދިއެއް ނުކުރަން. ކުށެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. " އަހަރެން ބުނީމެވެ.
" އެ ކީއްވެ؟" ހުސެން އެހިއެވެ.
ހުސެންދެކެ ލޯބިވާ ވާހަކަ ބުނަންވީ ވަގުތު ޖެހުނީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނޫނެކެވެ. އަދިވެސް ނުބުނާނަމެވެ. އަދިވެސް ބުނަން މާ އަވަހެވެ. އަހަރެން އެހެން ބުނާއިރަށް ހުސެން އަހަންނަށް ގެއްލިދާނެތީ އަހަރެން ބިރުގަނެއެވެ. ހުސެންގެ ހިތް އަހަންނަށް އެނގެއެވެ. އެ މަޑުމޮޅި ހިތަށް ޒަހަމެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ލޯބިވާކަން އެނގުމުން އޭނާ ދެރަވާނެކަން އަހަންނަށް ޔަގީނެވެ. ހުސެންއަކީ އޭނާގެ ސަބަބުން މީހަކު ދެރަކޮއްލާނެ މީހެއް ނޫނެވެ.
" ރިގްރެޓް ނުކުރަނީ ހުސެން ފެނުނީމަ އަހަރެން އުފާވާތީވެ." އަހަރެން ބުނީމެވެ.
" ހޫމް ދެން އޯކޭއޭ. މީ މި ވަންނަނީ ގެއަށް އިނގޭ." ހުސެން ބުންޏެވެ.
" ދެން ހަބަރެއް ނުވާނެތަ؟" ތެޅިގަނެފައި އަހަރެން ސުވާލު ކުރީމެވެ.
" ފަހަރެއްގައި. " ހުސެން ބުންޏެވެ.
އަހަންނަށް އެ ވަގުތު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގައި ޝަކުވާތައް ފުނި ޖެހުނަސް، ޝަކުވާ ކުރާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ހުސެންއަކީ މީހެއްގެ ފިރިއެކެވެ. ގޭގައި އޭނާގެ އަންހެނުން އިންތިޒާރު ކުރާނެއެވެ. ހުސެންގެ ވަގުތު އޭނާއަށް މުހިއްމުވާނެއެވެ. އަހަރެން ގޭގައި އެކަނި އިނަސް، އެ މީހުންނަކީ އެއްކޮށް އުޅޭ ބައެކެވެ. ގެއަށް ވަނުމާއެކު ހުސެން ބިޒީވާނެކަން އަހަރެން ދަންނަން ޖެހޭނެއެވެ. އަހަރެން ބޭނުންވާ ހުރިހާ ވަގުތަކު ހުސެން އަހަންނަށް ހުސް ނުވާނެކަން ވެސް އަހަންނަށް އެނގެން ޖެހޭނެއެވެ.
އެކަމަކު ވެސް އަހަރެންގެ ބަސްނާހާ ހިތް، އެ އެއްވެސް އެއްޗެއް އެނގޭކަމަކަށް ނެހެދިއެވެ. އަހަރެން އިސްކުރީ ހިތް ބުނާ ގޮތެވެ. އަހަންނަށް އަހަރެންގެ ހިތަކީ އަހަރެންގެ ހަތިޔާރެވެ. ހިތުގެ އިހްތިޔާރަކީ އަހަރެންގެ މިސްރާބެވެ. އަހަރެން ދަތުރު ކުރާނީ ހިތް ދައްކާ މަގަކުންނެވެ.
" އޯކޭ. ގުޑްނައިޓް ކިޔާ ހިތެއް ނުވޭ. އެކަމަކު ވެސް ގުޑް ނައިޓް." ރީނދޫ ކުލައިގެ ހިތަކާއެކު އަހަރެން ފޮނުވާލީމެވެ.
" ޔެލޯ ހާޓް؟" ހުސެން ބުންޏެވެ.
" ފްރެންޑްސްއަށް ފޮނުވާނީ ޔެލޯ ހާޓޭ." އަހަރެން ބުނީމެވެ.
އެ ވަގުތު ހުސެން ވެސް އަހަންނަށް ރީނދޫ ކުލައިގެ ހިތެއް ފޮނުވާލިއެވެ.
ފެންވަރާލައިގެން އައިސް އަހަރެން އެނދަށް އެރީމެވެ. އޭރު ވެސް މިރޭގެ ރީތި ހަނދާންތައް ހިތުގައި އާވަމުން ދިޔައެވެ. ބްލޭންކެޓް ދަށަށް ވަދެ، ލިލީ ގައިގައި ބައްދާލި އިރު ވެސް އަހަންނަށް އޮވެވުނީ ހިނިތުންވުމެއްގައެވެ. އުފަލުން ފޮޅިފައެވެ. ދެ ލޯ މަރައިގެން އޮތަސް އަހަންނަކަށް ނުނިދުނެވެ. އަނދިރިކަމުގެ ތެރެއިން ވެސް އަހަންނަށް ފެންނަނީ ހުސެން އަހަރެންގެ ގައިގައި ބައްދާލާ ތަނެވެ. އަހަރެންގެ މޫނުގައި އޭނާ ދެ އަތުން ހިފަހައްޓާލައިގެން ހުރިތަނެވެ. އެ ވަގުތު މުޅި ދުނިޔެ ވެސް އަހަންނަށް ބީރައްޓެހި ވެއްޖެއެވެ. ހުސެން ފިޔަވައެވެ.
އެންމެ ފަހުން ތެދުވެގެން ގޮސް ސިޓިންރޫމްގައި ހުރި ސޯފާގައި އޮށޯތީމެވެ. ހަމަ އެ ވަގުތެވެ. ހުސެންގެ މެސެޖެއް ލިބުނެވެ. ބަނޑުމަތީގައި އޮތް ފޯނު ނަގަން އުޅުނުލެއް އަވަސް ކަމުން އަހަރެންގެ އަތުން ދޫނުވީ ކިރިޔާއެވެ.
ހުސެން އަހަންނަށް ފޮނުވީ އޭނާގެ ކުދިންގެ ކޮޓަރީގެ ފޮޓޯއެކެވެ. އަހަރެންގެ ހިތް ވަގުތުން ނުތަނަވަސްވެއްޖެއެވެ.
" މިރޭ ވެސް ތި ރޫމްގައި؟" އަހަރެން އެހީމެވެ.
" ހޫމް." ހުސެން ދިނީ ކުރު ޖަވާބެކެވެ. އަހަރެންގެ ހިތުގައި މަތިމައްޗަށް، ފުނިފޫންޏަށް ސުވާލުތައް ތޮއްޖެހެން ފެށިއެވެ.
" ކީއްވެ ކޮންމެ ރެޔަކު ތިތާ ނިދަނީ؟ ކޮބާ ވައިފް؟" ނޭވާ ހިފަހައްޓާލައިގެން އޮވެ އަހަރެން އެހީމެވެ.
" ޓީވީ ބަލަނީ." ހުސެން ދިނީ ކުރިން ރޭ ވެސް ދިން ޖަވާބެވެ. އަހަރެންގެ ހިތަށް އެރީ ހަމަ އެރޭ އަހަރެންގެ ހިތަށް އަރާ، ފޭބި އެއްޗެއްސެވެ.
" ހުސެން ގެއަށް ދިޔައީމަ ވެސް ނިންމައެއް ނުލާތަ؟" އަހަރެން އެހީމެވެ.
" ހޫމް." އަނެއްކާ ވެސް ހުސެން ބުންޏެވެ.
އަހަރެން ގަބޫލު ކުރާ ގޮތުގައި ފިރިމީހާ ގެއަށް ދިޔުމުން، އަނބިމީހާގެ ވަގުތު އޭނާއަށް މުހިއްމުވާނެއެވެ. ހުސެންގެ " ހޫމް " އިން އޭނާ އެކަމާ ދެރަވާހެން އަހަންނަށް ހީވިއެވެ.
" އަހަރެން ގެއަށް އަޔަސް އޯކޭ ވާނެ. ޓީވީ ނިންމާފަ އަންނާނީ." ހުސެން ބުންޏެވެ.
" އެހެންތަ؟ ދެން ހުސެން ކީއްކުރަނީ؟" އަހަރެން އެހީމެވެ.
" ދެން ވަކި ކަމެއް ނުކުރަން. " ހުސެން ބުންޏެވެ.
" ދެން ދޭބަލަ ހުސެންގެ ރޫމަށް. އޭރުން ވައިފް އަންނާނެއެއްނު. ކުދިން ނިދީމައެއްނު ތި ދެ މީހުންނަށް ޓައިމް ވެސް ވާނީ. ދޭބަލަ ދެން ރޫމަށް." އަހަރެން ބުނީމެވެ.
" ކީއްކުރަން؟" ހުސެން ކުރި ސުވާލުން އަހަރެންގެ ހަށިގަނޑު ގަނޑުވި ކަހަލައެވެ. އަހަރެން ބޭނުންވަނީ ހުސެން ވަރަށް އުފަލުގައި އުޅޭށެވެ. އަހަރެން ހުސެންދެކެ ލޯބިވިޔަސް، އަހަންނަށް ކޮއްދެވޭނީ ކީއްހެއްޔެވެ؟ އެހެންވެ، ހުސެންގެ އަނބިމީހާގެ ފަރާތުން އިންތިހާ ދަރަޖައިގެ އަޅާލުމާއި އޯގާތެރިކަން އޭނާއަށް ލިބެން އަހަރެން ބޭނުންވެއެވެ.
" ކީއްކުރަން ހޭ؟ ކުރާނެ ކަންތައްތައް ހުންނާނެ އެއްނު." އަަހަރެން ބުނީމެވެ.
އެހެން ބުނި އިރު އަހަރެންގެ ހިތުގައި މެސެޖްގެ އަނެއްބައި ދިޔައީ ލިޔެވެމުންނެވެ.
އަހަރެން ނަމަ ހުސެން އަންނާނެ ވަގުތަކަށް ހަތަރުދަމު އިންތިޒާރު ކުރާނަމެވެ. ދެ މީހުން އެކަނިވޭތޯ އަހަރެން އިންނާނީ ވަގުތު ގުނާލަގުނާލައެވެ. ހުސެން ގެއަށް އައުމާއެކު ލޯބިން ބައްދާލާނަމެވެ. ފިރުމާލާނަމެވެ. އަދި ބޭނުންވާ ހުރިހާ އުފަލެއް ދޭނަމެވެ.
" ކޮންކަމެއް؟ ތި ހީކުރާ ކަހަލަ ކަމެއް ނުކުރަމޭ." ހުސެން ބުންޏެވެ. އޭނާ އެހާ ސީދާކޮށް އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. ހަގީގަތުގައި ވެސް ދެން އަހާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އޭނާ އަހަންނަށް ދޮގު ނުބުނާނެކަން ޔަގީނެވެ. އަހަރެން ނުހައްދާނެކަން ވެސް އަހަންނަށް އެނގެއެވެ. އަހަރެން ހުސެންއަށް އިތުބާރު ކުރަނީ ހިތުގެ އެންމެ އަޑިންނެވެ.
" ނުކުރަމޭ؟ ދޮގެއްތަ؟ ހާދަ ގަބޫލު ނުކުރެވެޔޭ." އަހަރެން އެހެން ސުވާލު ކުރީ ހުސެން ބުނި ވާހަކަ ގަބޫލު ނުކުރާކަށް ނޫނެވެ. ބުނާނެ އެއްޗެއް ނޭނގި ދެރަވީ ވަރުންނެވެ.
" ހަމަ އަސްލުވެސް... މިހާރު ވަރަށް ދުވަސް ވެއްޖެ." ހުސެން ބުންޏެވެ.
އަހަންނަށް ހިންދިރުވާލެވުނެވެ. ހުސެން ކަހަލަ ރީތި މީހަކު އަދި އެހާ ލޯބި މިޒާޖެއްގެ އެހާ ރޮމޭންޓިކް މީހަކު ލިބިފައި ހުރެމެ، ވަގުތު ބޭކާރު ކުރަނީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް މީހަކަށް ޖަޖް ކުރުމަށް އަހަރެންގެ އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އެ މީހުންގެ ދިރިއުޅުން ހުރި، ނެތް ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެހެންވެ އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ. ހަމައެކަނި ހުސެންއާމެދު ވަރަށް ބޮޑަށް ހަމްދަރުދީ ވެވުނީއެވެ.
" ވެދާނެއެއްނު މިހެން އަބަދު އެއްކޮށް އުޅޭތީ އަހަރެން މަތިން ފޫހިވަނީކަމަށް. ނޫނީ އަބަދު ފެންނާތީ އެކަންކަން މުހިއްމު ނުވަނީ ކަންނޭނގެއެއްނު. " ހުސެންގެ މެސެޖް އަހަރެން ކިޔާލީމެވެ.
ނަމަވެސް އެކަން އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަންނަކީ ވެސް ޒިޔާދު ފުރަން ދެން ވެސް، ޒިޔާދުއާ އެކީ އުޅުނު މީހަކީމެވެ. ގައިމު ވެސް އަހަންނަކަށް އެ ގޮތެއް ކަމަކު ނުދެއެވެ.
" ތިއީ ދޮގެއް. އެއްކޮށް އުޅުނަސް، ދެ މީހުންނަށް ދެ މީހުންގެ ވަގުތު ވަރަށް މުހިއްމުވާން ޖެހޭނެ. އެހެން ނޫނީ އެއްކޮށް އުޅުމުގެ ބޭނުމަކީ ކޮބާ؟ ހަމައެކަނި ދަރިން ބެލުމާއި ދިރިއުޅެން، ކާން، ބޯން މަސައްކަތް ކުރީމަ ނިމުނީތަ؟ ދެ މީހުންގެ ދޭތެރޭ ހުސްކަމެއް އޮވެގެން ނުވާނެ. ސެކްސް އިޒް މަސްޓް. އެއީ ލޯބީގެ އެންމެ ބޮޑު އެއްބައި. ދެ މީހުންގެ ދޭތެރޭ ކުރެވޭ އެންމެ މުހިއްމު މުއާމަލާތް. އަދި ބުނަންތަ ހުސެން ކައިރީ ވާހަކައެއް. ދިރިއުޅުމުގައި އެއް ފުރާޅެއް ހިއްސާ ކުރިޔަކަސް އެ ދިރިއުޅެވެނީކީ ނޫން. ތިކަން ރަނގަޅު ކުރޭ! ހަމައެކަނި ވައިފްއެއް ނޫން. ޔޫ ވެސް ޖެހޭނެ އެކަމުގައި ސަޕޯޓިވް ވާން. ދެ މީހުން އެއްވަރަކަށް އެ ބިންގާ ހަރުދަނާ ކުރެވިގެން ނޫނީ ގުޅުމެއް ވަރުގަދައެއް ނުވާނެ." އަހަރެން އަވަސް އަވަހަށް ޓައިޕް ކުރީމެވެ.
އޭރު އަހަރެން ހުރީ ފެންކަޅިވެފައެވެ. އަހަރެން ތަހައްމަލްކުރަމުންދާ ވޭން ހުސެން، ތަޖުރިބާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި ހުސެން ކަހަލަ މީހަކު ލިބޭނީ ނަސީބުވެރިއަކަށެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!