އަހަރެންގެ ސިކުނޑީގެ ކޮންމެ ނާރެއް ހުސެންއާ ގުޅިފައިވާ ކަހަލައެވެ. ދިރިއުޅުމުގެ ހާލަތު ކިތަންމެ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތަސް، އޭރު އެކަމާ ހިތާ ކުރިޔަސް، މިހާރު އަހަރެންގެ ހިތުގައި މާ ތައް ފޮޅި، ބަހާރު މޫސުން ފަށައިގެން އުޅޭ ކަހަލައެވެ. ނަމަވެސް ހިތުގެ ފަރިޔާދުގެ އަޑު އޭނާއަށް އިވިދާނެތީ އަހަރެން ބައެއް ފަހަރު ލަދުގަނެއެވެ. ބިރު ވެސް ގަނެއެވެ. ނަމަވެސް އަހަންނަށް އެނގޭ އެއްޗަކީ މާ ގިނަ ދުވަހަކު މި ކަން އަހަންނަށް ސިއްރެއް ނުކުރެވޭނެ ކަމެވެ.
އާ ދުވަހަކަށް ލޯ ހުޅުވާލެވޭ ކޮންމެ ދުވަހަކީ އަހަންނަށް މިހާރު އުފާވެރި ދުވަހެކެވެ. ޒިޔާދުގެ ކަންތައްތައް ހުންނަ ގޮތާމެދު ފިކުރު ކުރުން މަދު ވެއްޖެއެވެ. ދިރިއުޅުމާމެދު ވިސްނާވަރު ކުޑަ ވެއްޖެއެވެ. ދިރިއުޅުމަށްވުރެ ބޮޑަށް މިހާރު އަހަންނަށް ވިސްނެނީ އަހަރެންގެ އަމިއްލަ ނަފްސާ މެދެވެ. އެތައް ދުވަހަކަށް ފަހު އަމިއްލަ ނަފްސަށް އުފާވެރިކަމުގެ އަސަރުތައް ވެރިވަމުންދާކަން އަހަންނަށް މިހާރު އިހްސާސް ކުރެވެއެވެ. ޖަޒްބާތުން ފުރިގެންވާ ކޮންމެވެސް ސިގްނަލެއް އަހަރެންގެ ހިތުގައި ޓަކި ދީފިއެވެ. މާޔޫސްކަމާއެކު މޮޅިވެފައިވާ އަހަރެންގެ މޫނުމަތީގައި އާދަޔާ ހިލާފް ހިނިތުންވުމަކުން އުފާވެރިކަން ކުރަހާލީ ކަހަލައެވެ.
ހިޔާލްތަކުން މިންޖުވީ ތެލި މަތީގައި އޮތް އަހަރެންގެ ފޯނަށް ސްނެޕްގެ ނޮޓިފިކޭޝަނެއް އައުމުންނެވެ. އަތުގައި އޮތް ތަށި ވެސް ސިންކުގައި ބެހެއްޓުމަށްފަހު، އަވަސް އަވަހަށް ދެ އަތް ދޮވެލި އިރު ހެވިފައި ހުރި ވަރެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެ މެސެޖަކަށް އަހަރެން އިންތިޒާރު ކުރާތާ ކިހާ އިރެއްވެއްޖެހެއްޔޭ ހިތާހިތާ ބުނެވުނެވެ.
" މޯނިން." ހުސެންގެ މެސެޖް ކިޔާލުމަށްފަހު އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.
އޭނާގެ އެންމެ ލަފްޒަކުން ވެސް އަހަރެންގެ ނަފްސު ކިޔަމަންތެރިކުރުވައެވެ. އެ ވަރު ވެސް އަހަންނަށް ފުދެއެވެ.
" ކީއްވެ އެހާ ލަހުން މޯނިން ވަނީ؟" އަހަރެން އެހީމެވެ. މެސެޖް ކުރާ އިރު އަހަންނަށް ހީވަނީ އޭނާ އަހަރެންގެ ކުރިމަތީގައި އިންނަހެންނެވެ. އަހަރެން ލިޔާ ކޮންމެ އަކުރަކުން ޖުމްލަ ގަތަނީ އޭގެ އެންމެ ފުން މާނައިގައެވެ.
" ދެ މީހުން ރޭގަ ވެސް ކިހާ އިރެއް ވަންދެން ވާހަކަ ދައްކަން ތިބިން؟ އެހެން ނޫނަސް އައިއަށް ނިދަން ވަރަށް އުނދަގޫ ރޭގަނޑު." ހުސެން ބުންޏެވެ.
" އެކަމަކު ރޭގަނޑުގެ ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްނު ދޯ؟" އަހަރެން ބުނީމެވެ.
" އެކަމަކު ޔޫ ވެސް އައި އާ ޖެހުނު ފަހުން މާ ލަސް ވަންދެން ނުނިދާ އޮންނަނީ. އަހަންނަށް ޔޫ ހަލާކު ކުރެވެނީ ދޯ." ހުސެން ބުންޏެވެ.
" ހޭ ނޯ! ތިހެން ނުބުނައްޗޭ. އައި މާ އުފާވޭ ތީނައާ ވާހަކަ ދެއްކޭތީ. ނިންޖަށް ވުރެ ވެސް ހީވަނީ ތީނަ މާ މުހިއްމުހެން. ބުނެވިދާނެ ތީނަ ހުންނާތީއޭ އަހަންނަށް މިހާރު މިހާ އުފަލުން ހުރެވެނީ." ޖެހިލުމެއްނެތި އަހަރެން ބުނީމެވެ.
ނުދަންނަ ފިރިހެނަކާ މިހާ ގާތްކޮށް ވާހަކަ ދެއްކިދާނެޔޭ އަހަރެން ކުރިން ހިތަށް ވެސް ނާރައެވެ. ނަމަވެސް ހުސެންއާ ވާހަކަ ދެއްކުން ހުއްޓާލާކަށް ފަހަރެއްގައި ވެސް އަހަރެން ބޭނުމެއް ނޫނެވެ. ވީރާނާވަމުން ދިޔަ އަހަރެންގެ ހިތަށް ތަސައްލީ ހޯދައިދިނީވެސް ހުސެންއެވެ. ވީ އިރު، އަހަރެން އޭނާއާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟
" އައި ކީއްކުރީ؟ ތީނަ އުފާ ކޮއްދޭން އެއްވެސް ކަމެއް ނުކުރަމެއްނު." ހުސެންގެ މެސެޖް ކިޔާފައި އަހަރެން ގާތަށް ވަރަށް ހިނިއައެވެ.
ހުސެންއަކީ އަހަރެންގެ ހިތުގެ ހަމަޖެހުންކަން ހުދު ހުސެންއަކަށް ވެސް ނޭނގެއެވެ. ނޭނގި ނަމަވެސް އޭނާއާ ދިމާލަށް އޭނާ އަހަރެން ލަންބުވާލައިފިއެވެ.
" އަހަރެން ބޭނުން ވަރަކަށް ވާހަކަ ދައްކަން ޓައިމް ދެމެއްނު. އަހަރެން ހަބަރު ނުވެ ގިނަ އިރު ވަންޏާ ހަބަރު ބަލަމެއްނު. އެއީ ތީނަ ކެއަރިން ވީމަ. " އަހަރެން ބުނީމެވެ.
" އޯހް. އެހެންތަ؟ އެހެންވީމަ ޒިޔާދު ކެއާ ކުރަން ފެށީމަ، ހުސެން މަތިން ހަނދާން ނެތޭނެ ދޯ؟" ހުސެން އެހިއެވެ.
އެ މެސެޖް އަހަރެން ދެ ތިން ފަހަރު ކީމެވެ. ހިތުގައި ފަޅައިގެން އުޅޭ ޖަޒްބާތީ ކުރިތައް ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަވަމުންނެވެ. އެހާމެ ފެހިކަން ގަދަވެފައި ތާޒާއެވެ. އެ ކުރިތައް ހިތުގައި މޫ ލައްވަން އުޅޭ ކަހަލައެވެ.
" ހިއެއް ނުވެ." އަހަރެން ލިޔުނީމެވެ.
" އެނގިދާނެތާ. ހޭ! މި ދަނީ އޮފީހަށް އިނގޭ. މިއަދަކީ މީޓިން އޮންނަ ދުވަސް. ހަވީރަށް ކަންނޭނގެ ނިމޭނީ." ހުސެން ބުންޏެވެ.
އަހަރެން އޯކޭ އޭ ބުނީ ހިތާ ދެކޮޅަށެވެ. 24 ގަޑިއިރު ވެސް ހުސެންއާ ވާހަކަ ދައްކަން އަހަރެން ފޫއްސެއް ނުވެއެވެ. ހުސެންގެ އެންމެ މެސެޖަކަށް ވެސް ރިޕްލައި ނުކޮށެއް އަހަންނަކަށް ނުހުރެވެއެވެ. އޭނާ ފޮނުވާ ސްނެޕަށް މިނެޓެއް ނުވަނީސް އަހަރެން ޖަވާބު ދެމެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހުސެންގެ ކޮންމެ މެސެޖަކީ އަހަރެންގެ ހިތުގެ ގިލަންވެރިކަމުގެ ފަރުވާއެވެ. ހިތުގެ އަރާމެވެ. އަދި ހިތަށް ލިބިދޭ ތަސައްލީއެވެ.
ލިލީ ހޭލައިގެން އައީ އަހަރެން ކައްކާ ނިމެނިކޮށެވެ. އޭރު ގަޑިން 12 ވެސް ޖަހައިފިއެވެ. ޒިޔާދުގެ ހަބަރެއް ނުވާކަން ވެސް އަހަރެން ހަނދާންނެތެވެ. މެންދުރު ވާއިރު ލިލީގެ ހާލެއް ބަލައިލަން ވެސް އޭނާ އަހަރެމެންނަށް ގުޅާލަން ހަނދާން ނުވަނީބާވައޭ އަހަރެންގެ ހިތަށް އެެރިއެވެ. ލިލީ އުރާލައިގެން އައިސް ސޯފާގައި އިށީނީމެވެ.
ފޯނު ރިންގު ވުމާއެކު ޒިޔާދު ފޯނު ނަގައިފިއެވެ.
" ނިދަނީތަ؟" ޒިޔާދުގެ އަޑުން އޭނާ ނިދަނީހެން ހީވެގެން އަހަރެން އެހީމެވެ.
" އާނ! ރޭގަ މަސް ދަތުރެއް ގޮސް އައީ ވަރަށް ލަހުން. އެހެންވެ ހޭނުލެވުނީ." ޒިޔާދު ބުންޏެވެ.
" މަސް ދަތުރެކޭ؟ ޒިޔާ މަހަށް ދިޔައީތަ؟" އަހަރެން އެހީ ހައިރާން ވެގެންނެވެ. ޒިޔާދަކީ އާއްމުކޮށް އެކަހަލަ ކަންކަމާވެސް ވަރަށް ދުރު މީހެކެވެ.
" ދެން ނިދަނީ މި. އަދިވެސް ނިދި ހަމައެއް ނުވެ. ފަހުން ގުޅާނަން." ޒިޔާދު އެހެން ބުނެ ފޯނު ކަނޑާލިއެވެ.
އެ ވަގުތު އަހަންނަށް ވިސްނަންފެށުނެވެ. ޒިޔާދު މިހާރު ކުރިއަށް ވުރެ ވެސް ދުރުވެއްޖެޔޭ ހިތަށް އެރިއެވެ. މާލޭގައި ބިޒީކަމުން ކަންތައްތައް ޝެއާ ނުކުރިޔަސް، މިހާރު ގައިމު ވެސް ޒިޔާދު ބިޒީއެއް ނުވާނެއެވެ. އޭނާއަށް ބޭނުންހާ އިރަކު އަހަންނަށް ގުޅައިގެން ވާހަކަ ވެސް ދެއްކޭނެއެވެ. ނަމަވެސް އެ ރަށަށް ދިޔުމަކުން ޒިޔާދަށް އައި އެދެވޭ އެއްވެސް ހެޔޮ ބަދަލެއް ނެތެވެ. އެ ވަގުތު ދެ ފަރާތަށް ބޯ ހޫރާލެވުނީ އަހަރެންގެ މޮޔަކަން އަމިއްލައަށް އިހްސާސް ވުމުންނެވެ. އެއީ ކައިރީގައި އުޅުނު އިރު އެހާ އޯގާތެރިކަމެއް ނެތް މީހެއްގެ ފަރާތުން ، އޭނާ ދުރަށް ދިޔުމުން އެ އުއްމީދު ކުރެވުނީތީއެވެ.
އޮފީހުގައި ހުސެން އެހާ ބިޒީ ވި ފުރަތަމަ ދުވަހެވެ. ފޫހިވެގެން އަހަރެން ހަލާކުވަނީއެވެ. ހުސެން އިންނާނީ މީޓިންގައިކަން އެނގި ހުރެ ވެސް، ކެތް ނުވެގެން އަހަރެން އޭނާއަށް ހައި ޖަހާލީމެވެ. ރައްދުގައި އޭނާ ފޮނުވީ، އޮފީހުގެ ފޮޓޯއެކެވެ.
" މިސް ވީ." އަހަރެން ބުނީމެވެ.
" އޯހް. އައި މަތިން މިސް ވެސް ވޭތަ؟" ހުސެން އެހެން ބުނުމުން އަހަރެން ލަދުގަތެވެ.
އޭނާ އަހަންނާމެދު ދެކޭނީ ކިހިނެއްބާވައެވެ؟ އެހާ ސާފު ބަހުން ހަނދާންވެޔޭ ބުނަން އަހަންނަށް ކެރުނީތީ އަހަރެން ވެސް ހައިރާންވީމެވެ.
ދޭނެ ޖަވާބެއް ވިސްނަން އޮއްވާ ލިލީ އައިސް އަހަރެން ސިއްސުވާލައިފިއެވެ.
" ކުލަ ޖައްސަން." އާދޭހުގެ ރާގަކަށް ލިލީ ބުނެލިއެވެ.
އަހަރެން އަވަހަށް ތެދުވެގެން ގޮސް ލިލީގެ ކުލަ ދަޅާއި ފޮތްތައް ނެގީމެވެ. އޭރު ވެސް އެއް އަތުން ފޯނު ދޫކޮށެއް ނުލަމެވެ. މޭޒު ކައިރީ ލިލީ ބޭންދުމަށްފަހު އަނެއްކާ ވެސް އައިސް ސޯފާގައި ޖައްސާލީމެވެ.
" ދެން ހުސެން." އަހަރެން ބުނީމެވެ.
" ކިހިނެއްވީ؟ ލަދުގަތީތަ؟" އޭނާ އެހިއެވެ.
އަހަރެން ލަދުގެންފިކަން ވެސް ހުސެންއަށް ދެނެގަންނަން އެނގުނީތީ އަނެއްކާ ވެސް އަހަންނަށް ލިބުނީ ހައިރާންކަމެވެ. އޭނާ ހަމަ ހުރިހާ ހިއްސެއް ވެސް ފުރިހަމައޭ އަހަރެންގެ ހިތައް އެރިއެވެ.
" ޔޫއަށް އެނގޭތަ އައި ލަދުގަތްކަން؟" އަހަރެން އެހީމެވެ.
" އާނ. އައި އަށް އެނގެޔޭ ލަދުގަންނަވާލަން ވެސް." ހުސެން ބުންޏެވެ.
އެ ވަގުތު ކައިރީގައި އޮތް ކުޝަންގައި މޫނު ޖައްސާލެވުނެވެ. އެއާއެކު އަހަންނަށް ހީވީ ހުސެން، އަހަންނާ ދާދި ގާތުގައި ހުރި ހެންނެވެ. އޭނާގެ ކޮންމެ މެސެޖަކުން އަހަންނަށް ކުރެވެނީ ތަފާތު އިހްސާސެކެވެ. ހިތުގައި އުފެދެނީ އާދަޔާހިލާފް ޖަޒްބާތުތަކެވެ. ބައެއް ފަހަރު އެ ޖަޒްބާތުތައް ކޮންޓްރޯލްކުރަން ހުދު އަހަންނަށް ވެސް އުނދަގޫވެއެވެ.
" ދެން ނޫން. މީޓިން ނިންމާފައި ހަބަރެއް ވައްޗޭ." އަހަރެން ބުނީމެވެ.
" އަހަންނަށް ވުރެ ކުރިން ޔޫ ހަބަރު ވާނެ ކަންނޭނގެ." ހުސެން ބުންޏެވެ.
" އަޅެ. އަހަންނާ ހެދި އުނދަގޫވޭތަ؟" އަހަރެން އެހީމެވެ.
އަހަރެން ހުސެންއާ ވާހަކަ ދައްކާ ހިތްވާވަރު ހުސެންއަށް ވެސް އެނގުނީތާއޭ ހިތަށް އެރިއެވެ.
" ނޫން. ހެޕީ ވަނީ. ވާހަކަ ދައްކާލާނެ ކުއްޖަކު ހުރީމަ." ހުސެން ދިނީ ފިނި ޖަވާބެކެވެ.
އެ ޖަވާބުން ހިތަށް ފިނިކަން ލިބުނު ނަމަވެސް ކުއްލިއަކަށް، އޭނާގެ އަނބިމީހާއާމެދު އަހަންނަށް ޝައުގުވެރިވެވުނެވެ. ހުސެންގެ އަނތްބަކަށް ވާނީ ހާދަ ނަސީބު ރަނގަޅު މީހެކެވެ.
" އަޅެ އަހަންނަށް އެ ނަސީބު ލިބުނުނަމަ." ބޭއިހްތިޔާރުގައި އަހަންނަށް ބުނެވުނެވެ.
އެ ވަގުތު އަހަރެންގެ ހިތް ހުސެން ބޭނުންވާ ވަރު އަހަންނަށް އެނގުނެވެ. އޭނާ އަހަންނަށް ލިބިއްޖެނަމަ، މި ހަށިގަނޑުގެ ތެރޭގައި ދާއިމަށް ވަޒަންވެރި ކުރުވާނަމޭ ހިތަށް އެރިއެވެ. އޭނާ ހިތް އެދޭހާ ގޮތަކަށް އަހަރެންގެ ދިރިއުޅުން ބަދަލު ކުރާނަމޭ ހިތަށް އެރިއެވެ. ހުސެންގެ އުފަލަކީ ހުދު އަހަރެންގެ ވެސް އުފާ ކަމުގައި ހަދާނަމެވެ. އެންމެ ފަހަރަކު ވެސް އަހަންނަށް ފުރުސަތެއް ދޭނެ ނަމައޭ ވެސް ހިތަށް އެރިއެވެ.
އަދި މިހާ ދުރަށް ވިސްނަން މާ އަވަސްކަން އަހަންނަށް އެނގެއެވެ. އެއާއެކު އަހަރެން ހުރި މަގާމް ހަނދާންވިއެވެ. އަހަންނަކީ މީހެއްގެ އަނތްބެކެވެ. އެހެން ފިރިހެނަކާމެދު މި ބީދައިން ވިސްނަން ހެޔޮ ވެސް ނުވާނެއެވެ. ޒިޔާދަކީ ކިތަންމެ ފަރުވާކުޑަ މީހަކަސް، އޭނާއަކީ އަހަރެންގެ ފިރިމީހާ ނޫން ކަމަކަށް ނުވާނެއެވެ. ކޮންމެ ހާލެއްގައި ވެސް އަހަރެން އޭނާއަށް ވަފާތެރިވާން ޖެހޭނެކަން ސިކުނޑި ހަނދާންކޮށްދިން ކަހަލައެވެ.
ހުސެންގެ ހިޔާލްތަކުން ސިކުނޑި ފުރާލާ ކޮންމެ ފަހަރަކު، އަހަންނަކީ ޒިޔާދުގެ މީހެއްކަން ސިކުނޑި އިންޒާރު ދެއެވެ. ނަމަވެސް އެ އިންޒާރުތަކަކަށް އަހަރެންގެ ހިތެއް ނުސިހެއެވެ. ހިތަށް ލިބޭ ތަސައްލީން ހިތް އޮތީ ލޯބިން ފުރިފައި ކަހަލައެވެ. ޒިޔާދުގެ ފަރާތުން ނުލިބޭ ލޯތްބާއި ކުލުނު، އެ ހިތަށް މިހާރު ހުސެންގެ ފަރާތުން ލިބޭތީ ހިތް އުފާވާނެ ނޫން ހެއްޔެވެ؟ ސިކުނޑިއާއި ހިތް އެކައްޗެއް ނުކިޔައެވެ. އަހަރެންގެ ނަފްސުގެ ކޮންޓްރޯލް ދަނީ ވެސް އެހެންވެއެވެ. އެ ޒުވާބުގެ އަޑު ގަދަކަމުންނެވެ. އަހަރެން ވަރުބަލިވަނީ އެހެންވެއެވެ. ހިތަށްއަރާ އެއްޗެއްސާއި އަހަރެންގެ ވިސްނުން ހުރި ގޮތް ތަފާތު ކަމުންނެވެ.
ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ޒިޔާދު ގުޅަން ފެށުމުންނެވެ. ނިދަނީއޭ ކިޔާފައި ފޯނު ބޭއްވި މީހަކު އެހާ އަވަހަށް ގުޅަން ފެށުމުން އަހަރެން ވެސް އަވަހަށް ފޯނު ނެގީމެވެ.
" ކޮބާ ލިލީ؟ ކައިފިތަ؟" އޭނާ އެހިއެވެ.
" ކުލަ ޖައްސަނީ. ދެންމެ ޖޫސް ބޮއިގެން އެ ހުރީ." އަހަރެން ބުނީމެވެ.
" ޖޫހޭ؟ މިހާރު މިއީ ކާންދޭ ގަޑިއެއްނު. ކީއްކުރަން ޖޫސް ދިނީ؟" ޒިޔާދުގެ ވާހަކަ އިވި، އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ޖޫސް ބޯ ހިތުން ބުނީމަ ޖޫސް ދިނީ. " އަހަރެން ބުނީމެވެ.
" އެކަމަކު ލިލީ ބުނާހާ ގޮތެއް ހަދަން ޖެހޭނެތަ؟ ބަތް ކާން ދީ!" ޒިޔާދުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
އަހަރެން އޭނާދެކެ ފޫހިވަނީ ވެސް އެހެންވެއެވެ. ރީތިކޮށް ބުނެވެގެން އޮންނަ އެއްޗެއް ވެސް އުޅޭނީ ބާރުގެ ބޭނުން ކޮށްގެން އަހަރެން ދަށް ކޮއްލާށެވެ. ފޯނު ކަނޑާލަފާނަމޭ ވެސް އަހަރެން ހިތަށް އެރިއެވެ. ނަމަވެސް، އޭރުން ދެން ގުޅާއިރު އަހަރެންގެ ކަންފަތަކަށް ކުޅަދާނަ ނުވާނެކަން އެނގެއެވެ.
" ދެން ހަމަ މި ވަރުގެ ކަމެއްގައި ތިހާ ބާރަށް އަހަންނާ ވާހަކަ ދައްކަން ޖެހޭތަ؟ އަބަދުވެސް ބުނަން އަހަރެން ވަރަށް ފޫހިވެޔޭ އެހާ ހަރުކަށިކޮށް، ބާރުބާރަށް އަޑު ވީއްލާތީ. އަހަންނަށް ކަމަކުނުދޭ ތިހެން ޒިޔާދު ވާހަކަ ދައްކަންޏާ.." އަހަރެން ބުނީމެވެ.
" ދެން ކިހިނެއް އަހަރެން ބުނަންވީ؟ ރޮއެފައިތަ؟ ލިލީއަށް ކާން ދޭށޭ ބުންޏަސް އަހަރެން ގޯސް މި ވަނީ." ޒިޔާދު ބުންޏެވެ.
" ކިހިނެއްތަ ތި ވިސްނަނީ ޒިޔާދު؟ ތިއަށް ވުރެން ރީތިކޮށް ވެސް ބުނެވިދާނެއެއްނު. ހިތްހަމަ ނުޖެހޭ ކަމެއް ވާއިރަށް އަޑު ހަރުކޮށް އެއްޗެހި ގޮވީމަ ދެން ހުންނަ މީހާ ވެސް ދެރަވާނެ ދޯ." އަހަރެން ބުނީމެވެ.
" މަގޭ ވާހަކަ ދައްކަން ޖެހޭ ގޮތް ތައިބާއަކަށް ނޭނގޭނެ. އެއްޗެއް ބުނާއިރަށް ރުޅި އަރުވާލަން އުޅޭނީ. ދެން ބުނާނެ މަ ނުގުޅައޭ." ޒިޔާދު ފޯނު ކަނޑާލީ ރުޅި ގަދަ ވެގެންނެވެ.
ގައިން ވަރު ދޫކޮށްލުމަށްފަހު އަހަރެން ތެދުވީމެވެ. ރަނގަޅު ކުރަން ކަމެއްގެ ވާހަކަ ބުންޏަސް، ޒިޔާދު އިތުރަށް އެ ކަމެއް ގޯސް ކުރެއެވެ. އަހަރެން ހިތްހަމަޖެހޭ ގޮތެއް ހެދުމަކީ އޭނާގެ ނެތް ސިފައެކެވެ. އަހަރެން ދެރަވަނީ ވެސް އެެހެންވެއެވެ. ދެބަސް ވަނީ ވެސް އެހެންވެއެވެ.
އެ ވަގުތު އައި ނައި ގޮތެއް ނޭނގި ހުސެންގެ ހިޔާލްތައް އަހަރެންގެ ހިތަށް ވެރިވެއްޖެއެވެ. އޭނާ މަތިން ހަނދާން ވެއްޖެއެވެ. އަނެއްކާ ވެސް އޭނާއަށް މެސެޖެއް ކޮއްލަން ހިތް އެދެން ފެށިއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!