މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތް، އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އިސްލާމީ ފައިނޭންސްއަށް ދިވެހިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އެމްއެމްއޭއިން ކުރިއަށް ގެންދާ ޚާއްޞަ މުބާރާތެކެވެ. މުބާރާތުގައި ކުރިއަށް ގެންދާނީ 6 އޮންލައިން ބުރާއި، އޭގެ ތެރެއިން އެންމެ މޮޅު 5 ޓީމު ވާދަކުރާ ލައިވް ފައިނަލް ބުރެކެވެ.

Ad
rt

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާއިރު، ލީގު އުސޫލުން ކުރިއަށްދާ އޮންލައިން ބުރުތަކުގައި ޓީމުތަކަށް ލިބޭ ޕޮއިންޓް ލީޑަރބޯޑެއްގައި ރެކޯޑުކުރެވޭނެއެވެ. މުބާރާތުގެ ސުވާލުތައް އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ޙައްލުތައް ރައްކާތެރިކަމާއެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް، އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތަކާ ގުޅޭ ދާއިރާތަކަށެވެ.

މި މުބާރާތުގައި ވަނަ ހޯދާ ޓީމުތަކަށް ފައިސާގެ އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަށް 7،000 ރުފިޔާ، އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސެޕްޓެމްބަރު 30 ވާ އަންގާރަ ދުވަހުގެ ރޭ 11:59 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް tamweel@mma.gov.mv މެދުވެރިކޮށް އެމްއެމްއޭއާ ގުޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.