އެ ވަގުތު އައި ނައި ގޮތެއް ނޭނގި ހުސެންގެ ހިޔާލްތައް އަހަރެންގެ ހިތަށް ވެރިވެއްޖެއެވެ. އޭނާ މަތިން ހަނދާން ވެއްޖެއެވެ. އަނެއްކާ ވެސް އޭނާއަށް މެސެޖެއް ކޮއްލަން ހިތް އެދެން ފެށިއެވެ.
ލިލީއަށް ކާން ތައްޔާރު ކުރުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭރު އެނދުމަތީގައި ލިލީ އިން ގޮތުން ލިލީއަށް ކަމެއް ވެއްޖެކަން އަހަންނަށް އެނގުނެވެ. ހިތް އަވަސްވީ ވަރުން ގޮސް ލިލީ އުރާލީމެވެ.
" މަންމަ ދޫނި ހުން އައިސްތަ؟" ލިލީ ގައިގައި ބައްދާލަމުން އަހަންނަށް ބުނެވުނީ ވެސް އެހާމެ އަވަހަށެވެ.
ލިލީގެ ހުރިހާ ބޭހެއް ވެސް ހުރީ ހުސްވެފައެވެ. ޑޮކްޓަރަށް ނުދައްކާ ބޭސް ދިނުމަކީ އަހަރެންގެ އާދައަކަށް ނުވާތީ، އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދާށެވެ. ލިލީ ރީތި ކުރަން އުޅެނިކޮށް ކޮޓަރީގެ ބެލްކަނީގެ ދޮރު ބާރުބާރަށް ތެޅެން ފެށި އަޑަށް އަހަރެން ދިޔައީ ސިހިގެންނެވެ. އެނދުމަތީ ލިލީ ބޭންދުމަށްފަހު، އަހަރެން ގޮސް ދޮރުފޮތިގަނޑު ކަހާލީ އަވަސް ހިތަކައިގެންނެވެ. އޭރު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ބޭރުން ފެންނަން ހުރި ގަސްތައް ވެސް އެގޮތް މި ގޮތަށް ހޫރެމުން ދާތީ، ވައިގަދަވަރު އަހަންނަށް އެނގުނެވެ.
" ޔާ ރައްބު. ކިހިނެއް ދާނީ ވެސް؟ " އަހަންނަށް ބުނެލެވުނެވެ.
އެނބުރި ލިލީ ގާތަށް އައި އިރު، އެ މަންޖެ ދެ ލޮލުން ފެން ވެސް ފައިބައެވެ. ލިލީގެ ހާލަތު ފެނި، އަހަރެން އިތުރަށް ހާސްވާން ފެށިއެވެ. އަވަސްރައިޑުން ކާރަކަށް ޖެހުމަށްފަހު އަހަރެން ލިލީ ގޮވައިގެން ނިކުތީމެވެ. ލިލީ އޭރު ވެސް އޮތީ އަހަރެންގެ ކޮނޑުގައި ބޯ އަޅައިގެންނެވެ.
ކާރަށް އަރާފައި ހުސެންއަށް ބޭރު ސްނެޕް ކޮއްލީމެވެ. އަދި ޒިޔާދަށް ލިލީގެ ފޮޓޯއެއް ފޮނުވުމަށްފަހު، ލިލީ ހުން އައިސްގެން ޑޮކްޓަރަށް ދަނީ ކަމުގައި ބުނީމެވެ. އެއާއެކު ޒިޔާދު ވަގުތުން އަހަންނަށް ގުޅައިފިއެވެ.
" ކީއްވެ ކުރިން ނުބުނީ؟ ބޭސް ދީފިންތަ؟" ޒިޔާދު އެހިއެވެ.
" ދެންމެއޭ ހުން އައީ. ބޭސް ހުރީ ހުސްވެފައޭ." ޒިޔާދުގެ ރުންކުރު ރާގު އަޑު އިވި، އަހަރެން ވެސް ހިތްހަމަ ނުޖެހުނެވެ.
" ހުސްވެފައޭ؟ ކުޑަކުއްޖަކު ގޮވައިގެން އުޅޭ އިރު، އަބަދުވެސް ބޭސް ގެންގުޅެން ޖެހޭނެއެއްނު. ދެން ޑޮކްޓަރަށް ގޮސް ކިހާ އިރެއް ވާނެތަ؟ އަހަރެން ފޮނުވި ލާރި ހުސްވީތަ؟ ބޭސް ފިހާރައަކަށް ގޮސް ބޭސް ގަނެގެން ދިނީމަ ދޯ އަވަހަށް ރަނގަޅުވާނީ؟" ޒިޔާދުގެ ފަތިވަރު ހުއްޓުމަކަށް ނައެވެ.
ކާރުގައި އިނދެގެން އެއަށް ރައްދު ދޭން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ، ވަގުތުން ފޯނު ކަނޑާލީމެވެ. އަދި އޭނާއަށް ފުލުފުލުން މެސެޖް ކުރަން ފެށީމެވެ.
" ލާރި ހުރެގެން ލިލީ ބަލި ނުވާ ނަމަ ރަނގަޅު އަހަންނާ ދިމާލަށް ތިހާ އަޑުހަރުކޮށް އެއްޗެހި ގޮވަން. ޒިޔާދުއަށް އެނގޭނެ އަހަންނަކީ އަމިއްލައަށް ބޭސް ގަނެގަނެގެން ލިލީއަށް ދޭ މީހެއް ނޫންކަން. އެހެން ނޫނަސް މިހާ ވިއްސާރަ، ވައިގަދަ ރެޔެއްގައި ބޭސް ފިހާރައަށް ސައިކަލްގައި ލިލީ ގޮވައިގެން އަހަރެން ދާނީ ކިހިނެއްތަ؟" ދެ ތިން މެސެޖުން އަހަރެން ހުރިހާ އެއްޗެއް ކިޔާލީމެވެ. މެސެޖް ލިޔަމުން ދިޔައިރު ވެސް ޒިޔާދު އެތައް ފަހަރަކު އަހަންނަށް ގުޅިއެވެ. އޭނާ އެ ގޮތަށް ގުޅައިގެން ފޯނު ނެގިޔަސް، އަހަރެން ވާހަކަ ދައްކާނެ ފުރުސަތު އޭނާ ނުދޭނެކަން އަހަންނަށް އެނގެއެވެ.
" ގުޅީމަ ފޯނު ނަގާނީ. ބޭކާރު ވަހަކައެއް ނޫން ދައްކާނީ." ޒިޔާދުގެ މެސެޖް ކިޔުމަށްފަހު އޭނާއަށް ގުޅީ އޭޑީކޭއަށް ވަދެފައެވެ.
" ކީއްވެހޭ ގޭގަ ބޭސް ނުބަހައްޓަނީ. ދަންވަރު ލިލީ ހުން އައި ނަމަ ކިހިނެއް ހަދާނީ؟" ޒިޔާދު ބުންޏެވެ.
އަހަންނަށް ލިލީ މޫނުގައި މޫނު ޖައްސައިލެވުނެވެ. މި ފަދަ ވަގުތެއްގައި ވެސް ޒިޔާދު ބޭނުންވަނީ އަހަރެންގެ ކުށް ދައްކައި ޝަކުވާ ކުރާށެވެ. އެންމެ ފަހަރަކު ވެސް ހިތްވަރު ދިނުމުގެ ބަހެއް ބުނެލުން ކީއްހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ.
" އޯކޭ ޒިޔާދު. އަހަރެން މި ވަނީ ހޮސްޕިޓަލަށް ގުޅާނަން ނިންމާފަ." އަހަރެން ބުނީމެވެ.
އެއްޗެއް ނުބުނެ ޒިޔާދު ފޯނު ކަނޑާލީއެވެ. އޭރު ހުސެންގެ ދެ ތިން މެސެޖް ލިބިފައި އޮތެވެ. ކައުންޓަރަށް ގޮސް ނަންބަރު ނެގުމަށްފަހު އެނބުރ އައިސް އަހަރެން އިށީނީ ލިލީ ކޮނޑުމަތީ ބާއްވައިގެންނެވެ.
" ކިހިނެއްވީ؟ މިހާ މޫސުން ގޯސް އިރު ކޮންތާކަށް ތި ދަނީ؟ ލިލީ ކޮބާ؟ ކާކު ކައިރީ؟" ހުސެންގެ މެސެޖްތައް ކިޔާލުމަށްފަހު އަހަންނަށް ވަރުބަލިކަމާއެކު ހިނިތުން ވެވުނެވެ. އެހާ ވިއްސާރަ އިރު، ރޭގަނޑު އަހަރެން ބޭރުގައި އުޅޭތީއާއެކު ލިލީއާ މެދު ވެސް އޭނާ ވިސްނާކަން އަހަންނަށް އިހްސާސް ކުރެވުނެވެ.
" ލިލީ ހުން އައިސްގެން ޑޮކްޓަރަށް ދައްކަން މި އައީ." އަހަރެން ބުނީމެވެ.
" އޯހް. އެކަނިތަ؟" އޭނާ އެހިއެވެ.
އަހަރެން އާނ އެކޭ ބުނެ މެސެޖް ކޮއްލީމެވެ.
" އެކަނި އޯކޭތަ؟ ގޭ މީހަކު ވެސް ނެތްތަ؟ " އޭނާ އެހިއެވެ.
އެ ވަގުތު އަހަރެންގެ ދެ ލޯ ފިނިވެގެން ދިޔައީ ކަރުނައިގެ އަސަރުންނެވެ. ޒިޔާދުއާ ހެދި އެހާ ހިތްދަތިވެފައި ހުއްޓާ، ހުސެންގެ ހަމްދަރުދީގެ ބަސްތަކުން އަހަރެން ރޮއްވާލައިފިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަހަރެން ސްނެޕް ކުރީމެވެ.
" އަބަދުވެސް އުޅެނީ އެކަންޏޭ. އެހެންވީމަ އޯކޭ ވާނެ އެއްނު." އަހަރެން ބުނީމެވެ.
" ސޯ ހަބަރެއް ވެލައްޗޭ. އައި ވެސް މި އިނީ ވިއްސާރައިގައި ޖެހި ތާށި ވެފަ ލެވެންޑާގައި ކޮފީއެއްގައި. ގެޓް ވެލް ސޫން ލިލީ." ހުސެން ބުންޏެވެ. އެހެން ބުނެ އޭނާ ވެސް ކަނޑާ ދިމާ ބޭރު ސްނެޕް ކޮއްލިއެވެ.
ލިލީ ޑޮކްޓާރަށް ދައްކާ ނިންމާފައި ގެއަށް ދިޔައިރު ވަރަށް ލަސްވެއްޖެއެވެ. ލިލީއަށް ބޭސް ދިނުމަށްފަހު ލިލީ ގޮވައިގެން އަހަރެން އޮށޯތީ ދަބަހުގައި އޮތް ފޯނު ނަގައިގެންނެވެ. އޭރު ވެސް ޒިޔާދު ގުޅާނެ ވަރު ހިތަށް އަރާފައި އަހަރެން ހުރީ ޖެހިލުންވެފައެވެ. ނަމަވެސް ޒިޔާދުގެ އެއްވެސް ހަބަރެއް ނެތެވެ. މެސެޖް ކޮއްފައި ހުރީ ހުސެންއެވެ.
" ކޮބާ؟ ނުނިމޭ؟" ހުސެންގެ ފުރަތަމަ މެސެޖް ބަލައިލުމާއެކު ހިތަށް ފިނިވެގެން ދިޔައެވެ.
" އަދިވެސް ނެތް ވިއްސާރަ ހުއްޓާކަށް. ދެ ކުދިންނަށް ގެއަށް ދެވިއްޖެތަ؟" ދެ ވަނަ މެސެޖް ކިޔުމަށްފަހު އަހަންނަށް ލުއި ގޮތަކަށް ހިނިތުން ވެލެވުނެވެ.
" ކޮބާ ޔޫ؟ ކަމެއް ގޯސްވީތަ؟" އެންމެ ފަހު މެސެޖް ބަލައިލުމަށްފަހު އަހަރެން ރިޕްލައި ދޭން ފެށީމެވެ.
ގެއަށް އައި ވާހަކައާއި ލިލީއަށް ބޭސް ދީފައި ނިންދަވަން ބޭއްވި ވާހަކަ ބުނީމެވެ. ހުސެން ހީވީ، އަހަރެންގެ ހަބަރެއް ނުވެގެން ހުރި ހެންނެވެ. އޭނާ ވަގުތުން ސްނެޕް ބަލައިފިއެވެ.
" އޯކޭ. އައި ވެސް މި އައީ ގެއަށް. " އޭނާ ބުނެލިއެވެ.
" ތެންކްސް." އަހަރެން ބުނީމެވެ.
" ކޮން ކަމަކާ؟" ހުސެން އެހިއެވެ.
" އަހަންނަށް ތިހާ ކެއާ ކުރީމަ. " އަހަރެން ދިނީ ކުރު ޖަވާބެކެވެ. އަހަރެންގެ ހިތަށް އެ ވަގުތު އަރާ، ފައިބަމުން ދިޔަ ވާހަކަތައް ހުސެންއަށް އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކިޔައިދޭކަށް ނުވެސް ކެރޭނެއެވެ.
ހިތުގައި އުފެދެމުން ދިޔަ އިހްސާސްތަކާއި ޖަޒްބާތުތައް ބުނެދޭން އަހަންނަށް އެނގޭނެހެން ވެސް ހިއެއް ނުވެއެވެ. ލިލީ ބަލިވުމަށްވުރެ ބޮޑަށް ޒިޔާދުގެ ބަސްތަކުން އަހަރެން ހުރީ ހިތްދަތި ވެފައެވެ. ނަމަވެސް ހުސެންގެ އެންމެ މެސެޖަކުން އަހަރެންގެ މުޅި ހަށިގަނޑުގައި ހުރި ވޭންތައް ފިލައިގެން ދިޔަ ކަހަލައެވެ. ހުސެންގެ އޯގާތެރި ޖުމްލަތަކުން އަހަރެންގެ ހިތުގައި ހުސެންއާމެދު އާ ވިންދެއް އުފެދުނެވެ. ހުސެން އަހަންނާ މެދު ވިސްނާހެން ހީވެ، އެކަމާ އުފާ ކުރެވުނެވެ.
" އޯހް. ވެލްކަމް." އޭނާ ބުންޏެވެ.
" ނިދަނީތަ؟ " އަހަރެން އެހީމެވެ.
" ނޫން. އަދި އޮތީ." ހުސެން ބުންޏެވެ.
އޭނާ އެހެން ބުނުމުން ކުއްލިއަކަށް ހުސެންގެ އަންހެނުންނާ ބެހޭ ގޮތުން ސުވާލު ކުރަން ބޭނުންވިއެވެ. ރޭގަނޑު އެހާ ދަން ވަގުތެއްގައި، ހުސެން އަހަންނަށް މެސެޖް ކުރާއިރު އޭނާގެ އަންހެނުން ކޮބައިބާވައޭ އަހަރެން ހިތަށް އެރިއެވެ.
" ކޮބާ ވައިފް؟" އަހަރެން އެހީމެވެ.
" ރޫމްގައި އެބައޮތް." ހުސެން ބުންޏެވެ.
" ދެން ޔޫ؟ ކޮންތާކު؟" ސުވާލު އުފެދުނު ވަރުން އަހަރެން އެހީމެވެ.
" ކިޑްސް ރޫމްގައި. " އޭނާ ބުންޏެވެ.
ހުސެން ދަރިންގެ ވާހަކަ ބުނުމުން އަހަންނަށް ހިނިތުންވެވުނެވެ. އޭނާގެ ދެ ބޯއީޒް ހުންނަ ވާހަކަ ކުރިން ވެސް އަހަރެން ކައިރީ ބުންޏެވެ.
" ކުދިން ނުނިދަނީތަ؟ ކީއްވެ ތި ކޮޓަރީގައި ތި އޮތީ؟" އަހަރެން އެހީމެވެ.
" މިތާ އޮންނަނީ؟" ހުސެން ބުންޏެވެ.
" އޭނ؟ އެ ކީއްވެ؟ ދެ މީހުން ދެ ތާ ނިދަނީ؟" އަހަރެން އެހީ ހާސްވެ ހުރެއެވެ.
" ވައިފް އޮތީ ޓީވީ ބަލަން." ހުސެން ބުންޏެވެ.
" އެހެންތަ؟ ޔޫ ވާނެ ދޯ ގެއަށް އައިސް ޓީވީ ނިއްވާލާފަ ވައިފް ގޮވައިގެން ނިދަން." ސަމާސާއަކަށް ހަދާފައި އަހަރެން ބުނީމެވެ.
" ޔޫއަށް ތިހެން ވިސްނުނަސް ވައިފްއަށް ތިހެން ނުވިސްނެންޏާ ނުވާނެ އެއްނު. ޓީވީ ބަލަން އޮތް މީހަކަށް ނުވާނެ ދޯ އުނދަގޫ ކުރާކަށް. އައި ފެނިގެން ޓީވީ ނިއްވާލާފައި އަންނަން ވެސް އެނގެން ވާނެ އެއްނު." ހުސެން ބުންޏެވެ.
ހުސެންގެ މެސެޖުން އަހަންނަށް ހިމޭން ވެވުނެވެ. އޭނާ އެ ބުނީ ހާދަ ބޮޑު ވާހަކައެކެވެ. އޭނާގެ ހިތުގައި ރައްކާކޮށް، ފޮރުވާފައި ހާދަ ގިނަ އުދާސްތަކެއް އެބަ ހުއްޓެވެ. އަހަންނަށް ކުރެވެމުން ދިޔަ އިހްސާސްތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް މޫޑު ބަދަލު ވެއްޖެއެވެ. ވިސްނަން އޮއްވާ އަނެއްކާ ވެސް ހުސެން ސްނެޕެއް ކުރިއެވެ.
" ލިލީ ރަނގަޅުތަ މިހާރު؟" ހުސެން އެހިއެވެ.
ހުސެން އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް ލިލީގެ ގައިގައި އަތް ޖައްސާލީމެވެ. އޭރު ހުން މަޑު ވެސް ވެއްޖެއެވެ.
" ލިލީ ރަނގަޅު ކުޑަކޮށް. ހުސެން ހާދަ ރަނގަޅޭ. ވަރަށް އުފާވެއްޖެ އަސްލު މިރޭ އަހަރެމެންގެ ހަބަރު ބެލީމަ. އެނގޭތަ ލިލީގެ ބައްޕަ އައި އަށް ބަޑި ޖަހާފައި ފަހުން ހަބަރެއް ވެސް ނުވެ. އަދިވެސް ނުވެ. އޭނަ ރުޅި އައްޔާ ހުންނާނީ އެހެން." އަހަންނަށް ބުނެވުނެވެ.
" އެ ކީއްވެ ބަޑި ޖެހީ؟" ހުސެން އެހިއެވެ.
" ލިލީ ބަލިވި އިރު ގޭގައި ބޭސް ހުސްވެފައި ހުރީމަ. ޒިޔާދު ބޭނުންވާނީ ޑޮކްޓަރަށް ނުދައްކާ ބޭސް ގަނެގެން ދޭން." އަހަރެން ބުނީމެވެ.
" އެހެން ނުވާނެ އެއްނު ކުޑަކުދިންނަށް ދޭކަށް." ހުސެން ބުންޏެވެ.
ހުސެންއަށް އެ ވަރު އެނގޭއިރު ޒިޔާދުގެ އެ ވިސްނުން ނުހުންނަނީ ކީއްވެބާވައޭ އަހަރެން ހިތަށް އެރިއެވެ.
" ކުޑަކުދިންގެ ކަންކަމުގައި ފަރުވާ ކުޑަ ކުރާކަށް ނުވާނެ. ޔޫ ވެސް ވަރަށް ސްޓްރޯންގޭ އަސްލު. އެކަނި ވިއްޔަ ތި އުޅެނީ ކުޑަކުޑަ ކުއްޖަކު ގޮވައިގެން. " ހުސެން ބުންޏެވެ.
" ތިއީ އަސްލު ޒިޔާދު ބުނަން ޖެހޭ އެއްޗެއް. އެކަމަކު އޭނަ ނުބުނާނެ. އެޕްރިޝިއޭޓެއް ވެސް ނުކުރާނެ. ލާރިން އަހަރެން ފެންވަރުވާފައި ބެހެއްޓީމަ ނިމުނީ." ޒިޔާދުދެކެ ރުޅި އައިސް ހުރި ވަރުން އަހަންނަށް ބުނެވުނެވެ.
އެ ވަގުތު ހުސެން ފޮނުވާލީ ސޭޑް ފޭސްއެކެވެ.
" މާ ގިނައިން ދޯ އެއްޗެހި މި ކިޔުނީ؟ ސޮރީ އިނގޭ." އަހަރެން ބުނީމެވެ.
" ނޫން. ޔޫއަށް ކޮންމެ ކަމެއް ވެސް ޝެއާ ކުރެވޭނެ. ފްރެންޑްސް އެއްނު." ހުސެން ބުންޏެވެ.
އެ ވަގުތު އަހަންނަށް ހިނިތުންވެވުނެވެ. އަދި ރީނދޫ ކުލައިގެ ހިތެއް ވެސް އޭނާއަށް ފޮނުވާލީމެވެ.
އެ ވަގުތު ހުސެން ފޮނުވީ ހެޕީ ފޭސް އިމޮޖީއެކެވެ.
" ދެން ކޮން އިރަކުން ވައިފް ކައިރިއަށް ނިދަން ދަނީ؟" އަހަރެން މައުޟޫ ބަދަލުކޮށްލީމެވެ. ހުސެންގެ ދިރިއުޅުމާމެދު ޝައުގުވެރިވީ ވަރުން އެއްޗެއް ނުބުނެ ނުހުރެވުނެވެ.
" ދެން މިތާ އޮވެ ނިދާނީ އެއްނު." އޭނާ ބުންޏެވެ.
" އުނ؟ ދެ މީހުން ދެ ތާ ނިދޭތަ؟" އަހަރެން އެހީމެވެ.
" އާނ މިހާރު ދުވަސްކޮޅެއް ވެއްޖެ ދެ މީހުން ދެ ތާ ނިދާތާ." އޭނާ ބުންޏެވެ.
ހުސެން އެހެން ބުނުމުން އަހަރެންގެ ހިތަށް ފާޑަކަށް އަސަރު ކުރިއެވެ. އެއްވެސް ވަރަކަށް ހުސެން ދެރަވާ ކަހަލަ ކަމެއް ވާން އަހަރެންގެ ހިތް އޭރު ވެސް ނޭދޭކަން އިހްސާސް ކުރެވުނެވެ.
" އެ ކީއްވެ؟ ރުޅި އައިސްގެން؟' އަހަރެން އެހީމެވެ.
" ނޫން. ވަކި ރުޅިއެއް ވެސް ނާދެ. އައި ވެސް ލެޕް ހިފައިގެން އައިސް އޮފީސް ވޯކް ކުރަން އޮންނަނީ. ވައިފް ވެސް ޓީވީ ބަލަން އޮވެގެން ދެން ނިދާނީ ކަންނޭނގެ. އައި ވަރަށް ނުނިދަމޭ ކުރިން ވެސް ބުނީމެއްނު. " ހުސެން ބުންޏެވެ.
" އޯހް. އެކަމަކު ޝީއަށް ޓައިމް ދޭން ޖެހޭނެއެއްނު. ޔޫ ވެސް ތިހެން ދުރުގައި އޮންނަންޏާ ވައިފްއަށް ވެސް ހަމަ ތި ފީލީންގްސް އަންނާނެ ދޯ." އަހަރެން ބުނީމެވެ.
" ނޫން ދެން މިއީ އާދައޭ. އެކަމާ ނުވިސްނާ. ކޮންއިރަކުން ޔޫ ނިދަނީ؟ މިހާ ލަސްވަންދެން ނުނިދާ ނޯވޭ. " ހުސެން ބުންޏެވެ.
އޭނަ އެ ވާހަކަ ދޫކޮށްލީއެވެ. އެހެންވެ، އިތުރަށް ފަށާކަށް އަހަންނަކަށް ނުކެރުނެވެ.
" ލިލީއަށް ބޭސްދޭ ގަޑި ޖެހުނީމަ ބޭސް ދީފަ ދެން ނިދާނީ. " އަހަރެން ބުނީމެވެ.
" އަދި އެ ކޮން އިރެއް؟ ނިދާލަބަލަ. އަހަރެން ވެސް ޓްރައި ކުރާނަމޭ ނިދަން." ހުސެން ބުންޏެވެ.
" އޯކޭ. ގުޑްނައިޓް " އަހަރެން ވަގުތުން ގުޑްނައިޓް ބުނީމެވެ.
ހުސެންއާ ވާހަކަ ދެއްކުން ހުއްޓާލިޔަސް އަހަރެންގެ ހިތަކުން އޭނާ ފިލައިގެން ނުދިޔައެވެ. ހުސެންއަށް އުފާތަކެއް ގެއްލޭކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. އޭނާއަށް އެއްވެސް އުފަލެއް މަދުވާން ޖެހޭކަމަށް އަހަރެން ގަބޫލެއް ނުުކުރަމެވެ. އޭނާއަކީ ކޮންކަހަލަ މީހެއްކަން މި ދެ ތިން ދުވަސް ތެރޭގައި ވެސް އަހަންނަށް ދެގެނަނެވުނެވެ. ހަމަ ލޮލަކަށް ނުދެކެމެވެ. އޭނާގެ އަޑެއް ދުވަހަކު ވެސް ނާހަމެވެ. ނަމަވެސް އެ ހިތުގެ އަޑު އަހަންނާ ހަމައަށް ފޯރާހެން ބައެއް ފަހަރު ހީވެއެވެ.
އަހަންނަށް ކުރެވޭ އިހްސާސްތަކުން ހިތަށް ވަރަށް އުނދަގޫވާން ފެށިއެވެ. ހުސެން ގާތަށް ދާހިތްވާން ފެށިއެވެ. އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މޭގައި ފިރުމާލާހިތްވިއެވެ. އަހަރެންގެ މީހެއް ނަމަ، ކޮންމެ ރެޔަކު އޭނާއާއެކު ނިދާނީ އެފަދައިންނޭ ހިތަށް އެރިއެވެ.
އަހަރެން ތެދުވީމެވެ. އަދި ދެ އަތް އުރާލައިގެން ހުރެ ގޮސް ކޮޓަރި ކުޑަދޮރު ކައިރީ ހުއްޓި ބޭރު ބަލައިލީމެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދެއެވެ. އެ ފިނިކަން އައިސް އަހަރެން ވަށާލުމާއެކު ދެ އަތުން ހަށިގަނޑުގައި ހިފަހައްޓާލެވުނެވެ.
" އަހަރެން... އަހަންނަށް ހަމަ އޭނަދެކެ ލޯބި ވެވުނީތަ؟ ލޯބިވޭ އަހަރެން. އާނ. އަހަރެން ހުސެންދެކެ ލޯބިވާތީ މިހާ ވަރަށް މިސްވަނީ. ހުސެން ދެކޭ ހިތްވަނީ. މިހާ އުއްމީދު ކުރެވެނީ. އެކަމަކު... ކިހިނެއް އަހަރެން ހުސެންއަށް މިކަން އަންގާނީ؟ ކިހިނެއް މި ދުލުން މި ވާހަކަ ބޭރު ކުރާނީ؟ " އަހަންނަށް ހިތާހިތާ ކިޔުނެވެ.
އެއާއެކު ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ބާރު ގުގުރިއެއްގެ އަޑުން އަހަންނަށް ފަހަތަށް ޖެހެވުނެވެ. ބޭރުގައި އުފެދިގެން އުޅޭ ތޫފާނާ އެއްފަދައިން އަހަރެންގެ ހިތުގައި ވެސް ވަރުގަދަ ތޫފާނެއް އުފެދިއްޖެކަން އަހަންނަށް އެނގުނެވެ. ބައެއް ފަހަރު މި ތޫފާނުގައި ގަސްތައް މުލުން ލުހި، މުޅި ތަން ހަލާކުކޮށްލައެވެ. އެއާއެކު އަހަރެން ވަރަށް ބިރުގެންފިއެވެ. އަހަރެންގެ ހިތަށް ވެސް އެހެން ވެދާނެތީއެވެ. ހިތުގެ ދުނިޔޭގައި އުފެދިގެން މި އުޅޭ ތޫފާނާއެކު ހިތް ހަލާކުވެ ރޫޅި ދާނެތިއެވެ. އެ ހަނގުރާމަ ކުރާނެ ހިތްވަރު އަހަރެންގެ ނެތި ދާނެތީއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!