އަހަރެން ބޯ ޖަހާލީމެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕް ބޭގް ނަގައިގެން އޭނާ ނިކުމެގެން ދިޔައީ އަހަންނާ ދިމާލަށް އިތުރަށް ބަލައިވެސް ނުލައެވެ. އަހަރެން އުއްމީދުކުރާ ގޮތަކީ އެއީ އެއް ނޫނެވެ. އޮފީހަށް ދަމުން ރީިތި ހިނިތުންވުމެއް ދިނުމަކީ ގޯހެއް ހެއްޔެވެ؟ ލޯބި ބަލައިލުމެއް ރައްދު ކުރުމަކީ ކުށެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުކޮށްލުމުން ވެސް އަހަންނަށް ފުދޭނެއެވެ. ނަމަވެސް ގުޅުމެއް އިތުރަށް ވަރުގަދަ ކުރާނެ އެއްވެސް އުކުޅެއް ޒިޔާދަކަށް ނޭނގެއެވެ. އޭނާއަށް ނޭނގެނީކަމެއް ނޫނީ އެނގޭ ކަމަށް ނަހަދަނީ ކަމެއް ނޭނގެއެވެ. ކިޔައިދިނަސް، އަދި އަހަރެން ބޭނުންވާ ގޮތް ބުނެދިނަސް އޭނާއަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
އެނބުރި މަސައްކަތަށް ދިޔައިރު ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޒިޔާދު އަހަންނާ ދުރަށް ދާތީވެ، ބައެއް ފަހަރަށް ހިތްހަމަޖެހޭހެން ހީވެއެވެ. ނަމަވެސް ދެރަވާކަމުގެ އިހްސާސް ވެސް އަހަންނަށް ކުރެވެއެވެ. އިސާހިތަކު އަހަރެންގެ ސިކުނޑި ވަރަށް ބާރަށް އެނބުރެން ފެށި ކަހަލައެވެ. އޭނާއާ އަހަރެންގެ ގުޅުން މިހާ ހީނަރުވެފައި އޮއްވާ، އެހާ ގިނަ ދުވަހަށް އޭނާ ދުރަށް ދާތީ އުނދަގޫވާން ފެށިއެވެ. އިސާހިތަކު ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ.
ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު، ކާމޭޒު ކައިރީ އަހަރެން އިށީނީ ފޯނު ހިފައިގެންނެވެ. ޒިޔާދުއަށް ގުޅާލުމާއެކު އެއް ރިންގުން އޭނާ ފޯނު ނަގައިފިއެވެ. ނަމަވެސް އަނގައިން ބުނަން އަހަންނަށް އުނދަގޫވެއްޖެއެވެ. ދައްކާނެ ވާހަކައެއް ދުލަކަށް ނައެވެ. އޭނާ ދެ ފަހަރަކު ހަލޯއޭ ބުނުމުން ވެސް އަހަންނަށް ހުރެވުނީ ހަލޯ ބުނެލަން ވެސް ނޭނގިފައެވެ.
" ކިހިނެއް ވީ؟ ހަލޯ؟" ޒިޔާދު ތަންކޮޅެއް ބާރަށް ބުންޏެވެ.
" އުމް؟ މީ... ވާހަކައެއް ދައްކަން." އަހަރެން ބުނީމެވެ.
" ވާހަކައެކޭ؟ ކޮން ވާހަކައެއް؟" އޭނާ ހިނިގަނޑެއް ޖަހާލުމުން އަހަރެން ހަމަ ހަގީގަތުގައި ވެސް ދެރަވިއެވެ.
ޒިޔާދަކީ އަހަރެންގެ ވެސް އިހްސާސްތަކަކާއި ޖަޒްބާތުތަކެއް ހުންނާނެކަން އެއްވެސް އިރެއްގައި އެނގޭ މީހެއް ނޫނޭ އޭރު އަހަންނަށް ނުވިސްނުނީއެވެ.
" ބުނީމެއްނު އަހަރެން އޮފީހަށް އައުމަށްފަހު ފްރީއެއް ނުވާނެޔޭ. ދެން ގުޅައިގެން ތި ހުންނަނީ ކީއްވެ؟ ބުނެބަލަ އަވަހަށް." ޒިޔާދު ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަހަންނަކީ އޭނާ ޑިޔުޓީގައި އުޅޭއިރު ގުޅައިގެން އުނދަގޫ ކުރާ މީހެއް ނޫނެވެ. ބޮޑުކަމެއް، ނުވަތަ މުހިއްމު ކަމެއް ދިމާވުމުން ނޫނީ އަހަރެން އޭނާއަކަށް އާއްމުގޮތެއްގައި ނުގުޅަމެވެ. ނަމަވެސް މިއަދު އަހަރެންގެ ހަމަހިމޭންކަމުގެ ސަބަބުން ވެސް އޭނާގެ ހިތަކަށް ރަހުމެއް ނުވަނޭ އަހަރެންގެ ހިތަށް އެރިއެވެ. އެހެންވެ، ޝަކުވާ ކުރުމުގެ ބޭނުމެއް ނެތްކަން ވެސް ވިސްނުނެވެ.
" އަސްލު ގުޅީ، ލިލީ ޤުރުއާން ކްލާހަށް ދާ ގަޑީގައި ޒިޔާއަށް އާދެވޭތޯ." އަހަރެން ބުނީމެވެ.
" ކިހިނެއް ދާނީ؟ ފުރަން ވާއިރަށް ވަރަށް ގިނަ ކަންތައްތައް އެބަހުރި. ކިރިޔާ ފެންވަރާލައިގެން އެއާޕޯޓަށް ދެވޭނީ ވެސް" އޭނާ ބުންޏެވެ.
" އޮފީހުގައި ބިޒީވާނެކަން އެނގޭ އިރު ވެސް ރޭގަ އަހަންނަށް ޓައިމެއް ނުދެމެއްނު." އޭނާގެ ޖަވާބުން އަހަރެން ގާތަށް އައީ ރުޅިއެވެ.
ހިމޭނަކުން ނުހުރެވުނެވެ. ރުންކުރު ގޮތަކަށް އަހަރެން ވެސް އޭނާއާ ވާހަކަ ދައްކަން ފެށީމެވެ.
" އެނގެއެއްނު އަހަރެން ވަރުބަލިވެފައި ހުރި ވަރު. ދެން މި ގަޑިއަކު ނޫން. ބާއްވަނީ." އަހަރެންގެ އަޑު އެހުމެއްނެތި އޭނާ ފޯނު ކަނޑާލައިފިއެވެ.
މުށުތެރޭގައި ފޯނު ބާރުކޮއްލަމުން، މޭޒުގައި ބޯ އަޅާލެވުނެވެ. އަހަންނަކީ ޒިޔާދުއަށް އެއްވެސް އަގެއް ހުރި މީހެއް ނޫނޭ ހިތަށް އެރުމާއެކު އެ ވަގުތު ރޮވެން ފެށުނެވެ. ނަމަވެސް ހިތްހަމަޖެހެން ދެން ކަރުނަ އޮހޮރާކަށް ނީނދެވުނެވެ. ކޮޓަރި ތެރެއިން ލިލީ ގޮވާ އަޑަށް އަހަރެން އަވަސް އަވަހަށް ދެ އަތުން މޫނު ސާފުކޮށްލީމެވެ.
ޒިޔާދު ގެއަށް އައީ ހަވީރެވެ. އޭރު އަހަރެން އިނީ ލިލީ ރީތި ކުރާށެވެ. ކޮޓަރިއަށް ވަތް ގޮތަށް ޒިޔާދު އަހަންނާ ދިމާލަށް ބަލައިލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އޭނާއާ ދެ ވަނަ ފަހަރަށް ހަތަރުކަޅި ހަމަ ނުކުރަން ވެގެން އަހަރެން އިސްޖަހާލީމެވެ.
" ބައްޕީ." ލިލީ ގޮވާލި އިރު ޒިޔާދު ފާހާނާއަށް ވަންނަނީއެވެ.
އަހަރެންދެކެ އައިސްފައި ހުރި ރުޅިން އޭނާ ލިލީއަށް ސަމާލުކަން ނުދިނުމުން އަހަރެން ހިތްހަމަ ނުޖެހުނެވެ.
" ލައްބަ. ބައްޕި ވަރަށް ލަސް ވެގެން މި ދަނީ." ޒިޔާދު ބުންޏެވެ.
ޒިޔާދު ފާހާނާއަށް ވަނުމާއެކު އަހަރެން ލިލީއަށް ބަލައިލީމެވެ. އޭރު ވެސް ލިލީގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ފާހާނާ ދޮރަށެވެ.
" ބައްޕި ކޮންތާކަށް ދަނީ؟" ލިލީ އެހިއެވެ.
" ބައްޕި އެ ދަނީ ރަށަކަށް ދާން. ތަންކޮޅެއް ފަހުން ބައްޕިއަށް އާދެވޭނީ. އެކަމަކު މަންމި ދާނަމޭ ދޫނި ގޮވައިގެން ޕާކަށް ކޮންމެ ދުވަަހަކު." އަހަރެން ބުނީމެވެ. އެ ވަގުތު ލިލީ ހެވިފައި ހުރެ އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.
ލިލީއަށް ސައިދޭން އިންދާ ޒިޔާދު ނިކުތް އަޑު އަހަންނަށް އިވުނެވެ. އޭރު ލިލީ އިނީ ޓީވީއަށް ގެއްލިފައެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަތް އިރު އަވަސް ހަރަކާތްތަކެއްގައި ޒިޔާދު ތައްޔާރުވަމުން ދެއެވެ. އަހަރެން ފެނުމުން އޭނާ ހިނި އައިސް ހުރެ ވާހަކަ ދައްކަން ފެށިއެވެ.
" ވަރަށް މިސްވާނެޔޭ. ދެރަވަނީތަ އަހަރެން ދާތީ؟" އޭނާ އެހިއެވެ.
ލުއި ގޮތަކަށް ހީލަމުން އަހަރެން ގޮސް ޒިޔާދުގެ ގައިގައި ފަހަތުން ބައްދާލީމެވެ. އޭރު ލޯގަނޑު ކުރިމަތީ ހުރެގެން އޭނާ ދިޔައީ އިސްތަށިގަނޑު ރީތި ކުރަމުންނެވެ.
" އަދި އަންނާނަމޭ. މި ދަނީ އުމުރަކަށް ނޫނޭ." މަޖާ ގޮތަކަށް އޭނާ ބުންޏެވެ.
" އެހާ ދުރުން އުޅެފައި ތި ދަނީ އަދި މާ ދުރަށް. ދެން އަހަރެން މަތިން ހަނދާން ނެތިދާނެ." އަހަރެން ބުނީމެވެ.
" އެއްކަލަ ފާޑުގެ ވާހަކަ ދައްކަން ފެށީ. ހަނދާނެއް ނުނެތޭނެޔޭ. މިސް ވާނެ ވަރަށް. އަހަރެން މި މަސައްކަތް ކުރަނީ ތައިބާމެންނަށްޓަކައޭ. އުފަލުގައި ގެންގުޅެވޭނީ ލާރި ހުރެގެން. މި ދަތުރު ނިންމާފައި ތިން މީހުން ރިސޯޓަކަށް ދާނީ ދޯ؟ " ޒިޔާދު އެހެން ބުނެ އަހަރެންގެ ގައިގައި ބައްދާލިއެވެ.
ޒިޔާދުގެ ގައިގައި ހިފާ ބާރުކޮށްލަމުން އަހަރެން އޭނާގެ މޫނަށް ބަލައިލީމެވެ.
" އޯކޭ. މާ ގިނައިރު ހަގްކޮށްގެން ނުހުރެވޭނެ. ދާންވީ އޭ ދެން." އޭނާ ބުންޏެވެ.
އަހަރެން އަވަސް އަވަހަށް އޭނާގެ ގައިން ދޫކޮށްލީމެވެ. އެއާއެކު އަހަރެންގެ ގައިގައި ލޯބިން ޖަހާލުމަށްފަހު އޭނާ ދަބަސް ހިފައިގެން ސިޓިންރޫމަށް ނިކުތީ ލިލީއަށް ގޮވަމުންނެވެ.
ކުއްލިއަކަށް އަހަރެން ހަނދާންވީ މި ގެއިން މިއަދު ނިކުންނަން ޒިޔާދު ބުނެފައި އޮތް ވާހަކައެވެ. އެހެންވެ ދުވަމުން ކަހަލަ ގޮތަކަށް އައިސް އަހަރެން އެ ވާހަކަ ޒިޔާދުއަށް ހަނދާންކޮށްދިނީމެވެ. އެއާއެކު އޭނާ ޖަހާލީ ކުރު ހިނިގަނޑެކެވެ.
" އަހަރެން ދިޔަޔަސް އެކަން ކުރާނެ މީހުން ހަމަޖައްސާފައި ތިބޭނީ. މާދަމާ އެއްޗެހި މޫވް ކުރާނީ. ތައިބާ ޕެކް ކުރައްޗޭ." އޭނާ ބުންޏެވެ.
އަހަރެންގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ގޭގައި ހުރި ހުރިހާ ސާމާނެއް އަހަރެން އެކަނިމާއެކަނި ބަންދުކުރަންވީބާއޭ ހިތަށް އެރިއެވެ.
" މާ ގިނަ އެއްޗެއްސެއް ނުހުންނާނެ އެއްނު. ފޮށިތަކަށް ހެދުންތައް އަޅާފައި ބަދިގެ އެއްޗެހި ޕެކްކޮށްލާ." އޭނާ ބުނެލީ ފަސޭހަކަމާއެކުއެވެ.
އިތުރު އެއްޗެއް ބުންޏަސް ޒިޔާދުގެ ނިންމުން ބަދަލު ނުވާނެކަން އަހަންނަށް އެނގެއެވެ. ހައިރާންވެފައި ޒިޔާދުއަށް ބަލަހައްޓައިގެން ހުއްޓާ އޭނާ ނިކުމެގެން ގޮއްސިއެވެ. މޭޒު ކައިރީ އިށީންނަމުން އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކިތަންމެ ބޮޑު ކަމެއް ވެސް ޒިޔާދުއަށް ބޮޑު ކަމަކަށް ނުވެއެވެ. އަހަރެން ލައްވާ ކުރުވަން ވެއްޖެއްޔާ އޭނާއަށް ކޮންމެ ކަމަކީ ވެސް ވަރަށް އާދައިގެ ކަމެކެވެ. ފަސޭހަކަމެކެވެ. ނަމަވެސް އޭނާއަށް އެންމެ ކަމެއް ހަވާލުކުރިޔަސް އެ ވާނީ ނުއުފުލެވޭ ވަރުގެ ބޮޑު ބުރައަކަށެވެ. މިހާރު އަހަންނަށް ޒިޔާދުއާ މެދު ވިސްނެނީ ވަރަށް ނުބައިކޮށެވެ. މި ދަނޑިވަޅުގައި އޭނާ އެ ދަނީ ވެސް މި ބުރައިން ސަލާމަތްވާށޭ ހިތަށް އެރިއެވެ. ޔަގީނެވެ. އޭނާ އެ ދިޔައީ ހަމަ އެހެންވެއެވެ.
ހިތަށް އަރާ ފައިބަމުންދާ ޝަކުވާތަކުގެ ސަބަބުން އަހަރެން ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެއެވެ. ނަމަވެސް ކުރިމަތީގައި އިން މައުސޫމް ދަރިފުޅުގެ މޫނު ފެނި، އަހަރެންގެ މޫނުމަތީގެ ކުލަވަރު ބަދަލު ކުރަން އަހަންނަށް މަޖުބޫރުވީ ކަހަލައެވެ.
ހިތަށް ވެރިވެފައިވާ ހަމަނުޖެހުންތައް ބޭރުކޮށްލަން އަހަރެން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. ލިލީ ގޮވައިގެން ސައިކަލްގައި ނިކުތީ ފިނި ވައިގެ ތެރޭގައި މީހާ ތާޒާވޭތޯއެވެ. މަޑުމަޑުން ގޮސް އާޓިފިޝަލް ބީޗް ކައިރީ މަޑުކޮށްލީމެވެ. ލިލީ ހުރީ ކުޅެލަން ބޭނުންވެފައެވެ. އޭނާ ގޮސް ކުދިންނާ ބައިވެރިވެ ދުވަން އުޅޭތަން ބަލަން އަހަރެން ބެންޗެއްގައި އިށީނީމެވެ. ހެވިފައި އިން ނަމަވެސް އޭރު ވެސް ސިކުނޑިއަކަށް ލުޔެއް ނުލިބެއެވެ. ޒިޔާދު ކަންތައް ކުރި ގޮތާމެދު ހިތް ނުތަނަވަސްވަނީއެވެ. އޭނާދެކެ ރުޅި އައިސް، ޝަކުވާ އިތުރުވަނީއެވެ. ހިތާހިތުން ޝަކުވާކޮށްކޮށް އިންދާ ކުއްލިއަކަށް ބަންގީގެ އަޑު އިވުމުން ލިލީ ގޮވައިގެން އަހަރެން ގެއަށް ދާން މިސްރާބު ޖެހީމެވެ.
ގެއަށް ވަދެ، ގަޑި ބަލައިލަން ފޯނު ނެގި އިރު ސްނެޕްޗެޓްގެ ނޮޓިފިކޭޝަނެއް އައިސް އޮތްތަން އަހަންނަށް ފެނުނެވެ. އެއާއެކު ހިތް އަވަސްވެ، މެސެޖް ހުޅުވާލީމެވެ.
" ހޭ! ޔޫ ކޮބާ؟" ހުސެންގެ މެސެޖް ކިޔާލުމާއެކު ކުރީ ރޭގެ ވާހަކަތައް ހަނދާން އާވިއެވެ.
މިއަދުގެ ނުތަނަވަސްކަމުގެ ތެރެއިން އޭނާގެ މެސެޖެއް ލިބުމުން އަހަންނަށް ކުޑަ ނަމަވެސް ލުޔެއް ލިބުނުކަން އިހްސާސް ކުރެވުނެވެ.
އޭރު ލިލީ ހުރީ ފާހާނާގައި ފެނާ ކުޅޭށެވެ. ފާހާނާ ދޮރުކަނީގައި ލެނގިލަމުން އަހަރެން ހުސެންއަށް މެސެޖް ކޮއްލީމެވެ.
" މިއައީ އާޓިފިޝަލް ބީޗުން. " އަހަރެން ބުނީމެވެ.
" އޯހް. ތި ސަރަހައްދުގައި އުޅެފައި މި އައީ. އެހެންވެ ކަންނޭނގެ ދޯ ކުއްލިއަކަށް ޔޫ މަތިން މިސް ވީ. " އޭނާގެ މެސެޖް އަހަރެން ދެ ތިން ފަހަރު ކިޔާލީމެވެ.
ހުސެން އަހަރެން މަތިން ހަނދާންވީ ހެއްޔެވެ؟ އޭނާގެ ހިތަށް އަހަރެންގެ ނަން ވެރިވީ ހެއްޔެވެ؟ އެހާ ލޯބި މެސެޖެއް މީގެ ކުރިން އަހަންނަށް ލިބުނު ހަނދާން ވެސް ނެތް ކަހަލައެވެ. އަހަންނަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އަހަރެން މަތިން ހަނދާން ކުރާނެ މީހަކު އެބަހުއްޓޭ ހިތަށް އެރިއެވެ. ހުސެންގެ އެ ޖުމްލަ ވެގެން ދިޔައީ އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވި ޖުމްލައަކަށެވެ. އޭނާގެ އިހްސާސްތަކެއް އަހަންނަށް ނޭނގެއެވެ. ލިޔެފައި އޮތް ޖުމްލައަކުން ގައިމު ވެސް އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނުކަން އަހަންނަށް އިހްސާށް ކުރެވުނެވެ. ހުސެންއާ މެދު އިތުރަށް ވިސްނެން ފެށުނީ ދެނެވެ.
ހުސެންގެ މެސެޖަށް ޖަވާބެއް ނުދީ ހުންނަން ނުކެރިގެން އަހަރެން އޭނާއަށް ފޮނުވާލީ ސްމައިލީ ސްޓިކާއެކެވެ.
" ކޮބާ ހަޒް؟ " އޭނާ އެހިއެވެ.
" ރަށުން ބޭރުގަ." އަހަރެން ބުނީމެވެ.
" އެހެންތަ؟ ދެން އެކަނި އުޅެނީ ދަރިފުޅު ގޮވައިގެން؟" އޭނާ އެހިއެވެ.
ހުސެންގެ ކޮންމެ ޖުމްލައަކުން އަހަންނަށް އެ ޖުމްލައެއްގެ ތެރެއަށް ފީނައި ގަނެވޭ ކަހަލައެވެ. އޭނާގެ ހިތުގައި ކޮންމެ އެއްޗެއް އޮތަސް، އަހަންނަށް ވިސްނެނީ ވަރަށް ފުންކޮށެވެ. ފިރިމީހާ ނެތި، އަހަރެން ލިލީ ގޮވައިގެން އެކަނި އުޅެން ޖެހުމުން އޭނާއަށް ހައިރާންކަން ލިބެންވީ ކީއްވެހެއްޔެވެ؟
" ކިހިނެއްވީ؟ " އަހަރެން އެހީމެވެ.
" ތިހެން އެކަނި އުޅެން އުނދަގުލެއް ނުވޭތަ؟ " އޭނާ އެހިއެވެ.
އަހަރެން އިތުރަށް ޝައުގުވެރިވިއެވެ. ހުސެން އޭނާގެ އަނބިދަރިންނާމެދު ވިސްނާނެވަރު ހިތަށް އަރާފައި އަހަންނަށް ހިނިތުންވެވުނެވެ.
" އުނދަގުވާނެ. އެކަމަކު ޒިޔާ ނެތަސް ހުއްޓަސް އައި އެކަނި ގިނަ ކަންތައްތައް މެނޭޖް ކުރަނީ." އަހަރެން ބުނީމެވެ.
ނުދަންނަ މީހެއް ކައިރީގައި ޒިޔާދުގެ ޝަކުވާއެއް ކުރެވުމުން ކޮންމެވެސް ވަރަކަށް ހިތަށް އުނދަގޫވިއެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް އަހަރެން ހުރީ ހުސެންގެ ވާހަކަތައް އަޑު އަހާ ހިތުންނެވެ. އަޅާލާ، އޯގާތެރި ފިރިއަކަށް އޭނާ ވާނެކަން އެހިސާބުން ވެސް އަހަރެން ހުރީ ނިންމައިގެންނެވެ. އަހަންނާ ލިލީ އެކަނިވާނެތީ، ކަންބޮޑުވުމުގެ ބަހެއް ވެސް ޒިޔާދު ނުބުނާއިރު، ހުސެންއަށް އެ ވަރު ވިސްނުނީތީ އަހަރެން ހުރީ އާޝޯހުވެފައެވެ.
" ހާދަ ގަދައޭ. ވަރަށް ހިތްވަރުގަދަވީމަ ތިހެން އުޅެވޭނީ." ހުސެން ބުންޏެވެ.
މިއީ މީހަކު އަހަންނަށް ތައުރީފުގެ ބަހެއް ބުނެލި ފުރަތަމަ ފަހަރެވެ. އަހަރެން ހުރީ އަދިވެސް އޭނާ އެ ފަދަ އެއްޗެއް ބުނާނެ ކަމުގެ އުއްމީދުގައެވެ.
އެއާއެކު އަހަރެންގެ ދިރިއުޅުން އޭނާއަށް ކިޔައިދޭ ހިތްވިއެވެ. އޭނާގެ ހަމްދަރުދީ ހޯދާކަށް ނޫނެވެ. އަަހަރެންގެ ހާލަތު އޭނާއަށް އިހްސާސްވާހެން ހީވެގެންނެވެ. އަހަރެން ބޭނުންވީ އަހަރެންގެ ހިތަށް ތަސައްލީއެއް ހޯދާށެވެ. ނަމަވެސް ކުއްލިއަށް ދިރިއުޅުމުގެ ވާހަަތައް ކިޔައިދޭކަށް ވެސް ނުކެރުނެވެ.
" މިއަދު ބީޗަށް ދެވުނު ނަމަ ޔޫ ފެނުނީސް ދޯ." އޭނާ ބުނެލިއެވެ.
އަހަންނަށް ހެވުނެވެ. އޭނާ އަހަރެން ދެކިލާހިތް ވީތާއޭ ހިތަށް އެރިއެވެ.
" އުނހު ނުފެންނާނެ. މި ބުނީނު ޔޫއަށް އައި ފެނުނަސް ނޭނގޭނެޔޭ. " އަހަރެން ބުނީމެވެ.
" ފެނުމަކީ މައްސަލައެއް ނޫނެއްނު. " އޭނާ ބުންޏެވެ.
"އެއް އަހަރު ފަހުން ފެންނާނީ. އޭގެ ކުރިން ދިމާވެސް ނުވާނެ.؛" މަޖަލަކަށް ހަދާފައި އަހަރެން ބުނީމެވެ.
" އެއް އަހަރޭ؟ އޯކޭ. އެއް އަަހަރު ވަންދެން ދެން މަޑުކުރާނީ. ދެކެން ބޭނުން ވިޔަސް އެއް އަހަރު ފަހުންނޭ ވިއްޔަ ތި ބުނީ." އޭނާގެ މެސެޖް އަހަރެން ކިޔާލީމެވެ.
" އޭ! އައިއަށް ފްލަރޓް ނުކުރައްޗޭ. " އަހަރެން އަވަސް އަވަހަށް ބުނީމެވެ.
" ނުކުރަމެއްނު. " އޭނާ ފަސޭހަ ކަމާއެކު ބުންޏެވެ.
" އައިގެ ނުތިބޭނެ ފިރިހެން ފްރެންޑްސްއެއް. އެހެންވީމަ މިހެން މި ބުނީ. މާ ގިނައިން ވާހަކަ ދެއްކިދާނެތީވެ. ލިމިޓް ކްރޮސް ކުރިއްޔާ ބްލޮކް ކޮއްލާނަން." އަހަރެން ބުނީމެވެ.
" އޯހް. ރިއަލީ؟ ނޭނގެ ދޯ ކާކު ކަމެއް ލިމިޓް ކްރޮސް ކުރާނީ. " އޭނާ ބުންޏެވެ.
އެއާއެކު އަހަންނަށް މޭގައި ފޯނު ޖައްސާލެވުނެވެ. ފާޑަކަށް ހިތަށް ވަރުބަލިކަމެއް އިހްސާސް ކުރެވެން ފެށިއެވެ. އޭރު ވެސް ލިލީ އިނީ ފެންތަށިތެރޭގައި ކުޅޭށެވެ.
( ނުނިމޭ)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!