" އޯހް. ރިއަލީ؟ ނޭނގެ ދޯ ކާކު ކަމެއް ލިމިޓް ކްރޮސް ކުރާނީ. " އޭނާ ބުންޏެވެ.
އެއާއެކު އަހަންނަށް މޭގައި ފޯނު ޖައްސާލެވުނެވެ. ފާޑަކަށް ހިތަށް ވަރުބަލިކަމެއް އިހްސާސް ކުރެވެން ފެށިއެވެ. އޭރު ވެސް ލިލީ އިނީ ފެންތަށިތެރޭގައި ކުޅޭށެވެ.
" މަންމީ. ހީކަރުވަނީ." ލިލީގެ އަޑަށް އަހަރެން އަވަސް އަވަހަށް ފާހާނާއަށް ވަނީމެވެ. އަދި ދަރިފުޅު އުރާލައިގެން ނިކުމެ ރީތި ކުރަން ފެށި އިރު ވެސް ސިކުނޑީގައި އެނބުރެމުންދަނީ ހުސެންއެވެ. ހުސެންއާ ވާހަކަ ދައްކާ ހިތުން، ބޭއިހްތިޔާރުގައި އަހަންނަށް ހަރަކާތްތައް އަވަސް ކޮއްލެވުނެވެ. އޭރު ވެސް އާދަޔާ ހިލާފް ފިނިކަމެއް ހިތަށް ވެރިވަމުންދެއެވެ. އެކަމުގެ ސަބަބުން އަހަންނަށް އުފާވެރިކަން ލިބެމުންދާކަން ވެސް އިހްސާސް ކުރެވުނެވެ.
ކުއްލިއަކަށް އަނެއްކާ ވެސް ފޯނު ދިއްލުނެވެ. ކެތްމަދުވެފައި ހުރެ އަހަރެން ފޯނު ނެގީ ހުސެންގެ މެސެޖަކަށް އުއްމީދުކޮށްގެންނެވެ.
" ހޭ! ކިހިނެއްވީ؟ ބިޒީ ވީތަ؟" މެސެޖް ކިޔާލީމެވެ.
އަހަރެންގެ މެސެޖަކަށް އޭނާ އިންތިޒާރު ކުރާކަން އަހަންނަށް ޔަގީން ކުރެވުނެވެ. ހުސެންއަށް އަހަރެން އެހާ ހާއްސަވީ ހެއްޔެވެ؟ އޭނާއަށް އަހަރެން މުހިއްމުވީ ހެއްޔެވެ؟ ހުސެންއާ ވާހަކަ ދެއްކާއިރު އަހަންނަށް މި ލިބޭ އުފާވެރިކަން، ހަމަ އޭނާއަށް ވެސް ލިބެނީ ހެއްޔެވެ؟
މެސެޖް ލިޔުމުގެ ބަދަލުގައި އަހަންނަށް ހިތާހިތުން ވާހަކަ ދެއްކެން ފެށުނެވެ. ހަގީގަތުގައި ވެސް އަހަރެންގެ ހިތް އޮޔާލާން ފަށައިފިކަމުގެ އިހްސާސްތައް ކުރެވެން ފެށުނެވެ. ސްނެޕްޗެޓްގައި އޭނާގެ ޕްރޮފައިލްއަށް ލައިފައިވާ ބިޓްމޮޖީ ވެސް އަހަންނަށް ވަރަށް ރީތި ވެއްޖެއެވެ. އެ ކާޓޫން ފޮޓޯއަށް ބަލަހައްޓައިގެން އިންދާ އަނެއްކާ ވެސް އޭނާ މެސެޖް ކުރިއެވެ.
" ސޮރީ އިނގޭ. މާ ގިނައިންތަ އަހަންނަށް މި މެސެޖް ކުރެވެނީ؟ އަނެއްކާ ލައިން ކްރޮސް ކުރެވުނީތަ؟" އޭނާ ބުންޏެވެ.
އަހަރެން މެސެޖް ބަލާކަން ހުސެންއަށް އެނގޭނެއެވެ. ޖަވާބު ނުދެވިފައި މި އިންނަނީ ބިޒީ ވެގެންނެއް ނޫނެވެ. ލިޔާނެ އެއްޗެއް ވެސް ނޭނގިގެންނެވެ. ހިތަށް ލިބިފައިވާ އުފާވެރިކަމުގެ ސަބަބުން ފާޑަކަށް އަހަރެންގެ ހިތް ދީވާނާ ވާން ފަށައިފިއެވެ. ޔަގީނުން ވެސް ހިތުގައި ކެކި އަރަނީ އާދައިގެ ޖަޒްބާތުތަކެއް ނޫނެވެ.
" ބިޒީއެއް ނޫން. ޔެސް. މިންގަނޑުން ބޭރު ވަންޏާ ހަމަ ބްލޮކް ކޮއްލާނަން." ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން މެސެޖް ފޮނުވާލީމެވެ.
ބިޒީ ވިޔަސް، ހުސެން އެއް ފަރާތްކޮއްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހުސެންގެ އެއްވެސް މެސެޖެއް ދޫކޮށްލާކަށް ވެސް އަހަރެންގެ ހިތެއް ނޭދުނެވެ.
އެއަށްފަހު އަވަސް އަވަހަށް ލިލީ އުރާލައިގެން ސިޓިންރޫމަށް ނިކުތީ ލިލީއަށް ކާން ދޭށެވެ. އޭރު އިޝާ ނަމާދު ބަންގީގެ އަޑު އިވެމުން ދެއެވެ.
އަނެއްކާ ވެސް ސްނެޕްޗެޓްގެ ނޮޓިފިކޭޝަންގެ އަޑަށް އަހަރެންގެ ޝައުގުވެރިކަން އެ ދިމާލަށް ދަމައިގަތެވެ. އޭރު އަހަރެންގެ ފޯނު ސްކްރީނުން ހުސެންގެ ސްނެޕްޗެޓްގެ ބިޓްމޮޖީ ފެންނަން އޮތެވެ. އެ ފޮޓޯ ފެނުމާއެކު ހިތް ތެޅިގަތީ ހުދު އަހަންނަށް އަހަރެންގެ ހިތް މައިތިރި ކުރެވޭ ވަރަށް ވުރެ ވެސް މާ ބާރަށެވެ. އޭރު އެއް އަތުގައި ކާ އެއްޗެހި ހުއްޓެވެ. ލިލީއަށް ކާން ދީ ނިމެންދެން ވެސް އެ މެސެޖް ނުބަލާ އަހަންނަށް ކެތް ނުކުރެވޭނެކަން އެނގެއެވެ. އެހެންވެ އަވަހަށް އަތް ދޮވެގެން ވަގުތުން ވަގުތަށް އަހަރެން އެ މެސެޖް ބެލީމެވެ.
" ބްލޮކް ކޮއްލިއްޔާ ދެރަވާނެ އިނގޭ. " ހުސެން ކުރާ ކޮންމެ މެސެޖަކުން އަހަރެންގެ ހިތް އޭނާއާ އިތުރަށް ގާތަށް ޖެހިލައެވެ. ވިސްނުމާއި ހިޔާލުތައް ވެސް އޭނާއާ ދިމާލަށް ދަތުރު ކުރަން ފަށައެވެ. އަހަރެންގެ ހިތުގެ ދުނިޔެ ދައުރުވަމުން ދާ ގޮތް މިހާރު އަހަންނަށް ވެސް އޮޅެން ފަށައިފިއެވެ.
" ފްރެންޑްސް ދޯ؟ " އަހަރެން އަވަހަށް ބުނީމެވެ.
" ޔެސް. ފްރެންޑްސް. ކީއްވެތަ އެހާ ބިރު ގަންނަނީ؟ އަހަރެމެންނަށް މިހެން ވާހަކަ ދެއްކި ދާނެ އެއްނު. މިއީ މައްސަލައެއްތަ؟" ހުސެން އެހިއެވެ.
މީގެ ކުރިން ފިރިމީހާއަށް ނޭނގޭ އެއްވެސް ފިރިހެން އެކުވެރިޔަކު އަހަރެންގެ ނުހުންނާނެއެވެ. އަދި އަމުދުން ފޯނުން މެސެޖްކޮށް، ވާހަކަ ދައްކާ އެއްވެސް ފިރިހެނަކު ނުހުންނާނެއެވެ. އަހަރެން ޖެހިލުންވަނީ އެ ސަބަބަށްޓަކައެވެ. ފިރިމީހާއަށް ވަގަށް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ހުސެންއަކީ ކާކުކަން ޒިޔާދު ކައިރީ ބުނާނީ ކޮން ހައިސިއްޔަތަކުންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ޒިޔާދުއަށް އަހަންނަކީ ދެފުށް ފެންނަ ބިއްލޫރިކޮޅެއް ފަދަ މީހެކެވެ. ނަމަވެސް ހަޔާތުގައި ފުރަތަމަ ފަހަރަށް، މޭގައި އަތްއަޅާ، އޮބާލަމުން، ޒިޔާދުއަށް ހުސެންގެ ވާހަކަ ސިއްރު ކުރަން އަހަރެން ނިންމީމެވެ.
" މައްސަލައެއް ނޫނޭ. އޯކޭ ވާނެ ވާހަކަ ދައްކާލަން. އެކަމަކު މިހާރު މި ދަނީ ދަރިފުޅު ނިންދަވާލަން. ފަހުން ހަބަރެއް ވެލަންތަ؟" އަހަރެން ބުނީމެވެ.
ލިލީ ނިންދަވަން އޮތް އިރު ވެސް އަހަންނަށް ވިސްނެނީ ހުސެންއާ މެދުގައެވެ. މާ ގިނަ ވާހަކަތަކެއް ވެސް އަދި ދެކެވުނީކީ ނޫނެވެ. ނަމަވެސް ކުއްލި ލޮޅުމަކުން ހިތް ތެޅިގެންފިކަން އަހަންނަށް އެނގުނެވެ. އެ އަސަރު މުޅި ހަށިގަނޑަށް ފެތުރެން ފަށައިފިކަން ވެސް އެނގުނެވެ. އެހެން ނޫން ނަމަ ޒިޔާދު ފިޔަވައި އިތުރު މީހަކާ މެދު އަހަރެން ނުވިސްނީހެވެ. އަހަރެން އަބަދު ވެސް އަމިއްލަ ނަފްސަށް ވަރަށް އިތުބާރު ކުރަމެވެ.
ލިލީ ނިންދަވާފައި އަހަރެން ސިޓިންރޫމަށް ނިކުތީމެވެ. ޒިޔާދު ގުޅީ ވެސް ހަމަ އެ ވަގުތެވެ. އަވަސް އަވަހަށް ފޯނު ނެގީމެވެ.
" އޭރު އައި ގޮތަށް މި ކޮޅުގައި އޮތް މީޓިންއަކަށް އެރީ. ދެން އެންމެންނާ އެކީ އުޅޭ އިރު ވަރަށް ނުގުޅޭނެ އެއްނު. ފްރީ ވީމަ ގުޅާނަން އިނގޭ." ޒިޔާދު ބުންޏެވެ.
އަހަރެން އެއްޗެއް ބުނީކީ ވެސް ނޫނެވެ. މާ ލަހުން ގުޅީމަ އަހަރެން ޝަކުވާ ކުރުމުގެ ކުރިން އޭނާ އަހަންނަށް އޮޅުން ފިލުވައި ދީފިއެވެ.
" ހޫމް. އޯކޭއޭ. ލިލީ ވެސް އޮތީ ނިދާފަ." އަހަރެން ބުނީމެވެ.
" އެހެންތަ؟ ވަރަށް ޓަޔަޑް. އަވަހަށް ނިދާލަން ބޭނުމީ." ޒިޔާދު ބުންޏެވެ.
" ކައިފިންތަ؟" އަހަރެން އެހީމެވެ.
" އާނ. ބަރާބަރަށް ކެއުން އޮންނާނެ އެއްނު. ތިއެއް ނޫނޭ. މާދަމާ އެއްޗެހި މޫވް ކުރަން މީހުން ދާނެ. ތައިބާ މިރޭ ޕެކް ކުރަންވީނު." ޒިޔާދު ބުންޏެވެ.
ޒިޔާދު އެހެން ބުނުމަކުން އަހަރެން ހައިރާނެއް ނުވަމެވެ. ބޮޑެތި މަސައްކަތްތަކުން ރެކުމަކީ އޭނާގެ އާދައެވެ. ކުޑަ ދަރިޔަކު ގޮވައިގެން ގޭގެ ހުރިހާ ސާމާނެއް ބަންދު ކުރަން އަހަންނަށް ފަސޭހަވާނެ ހެއްޔެވެ؟ ހިތަށް ލިބުނު ނުތަނަވަސްކަމާއެކު ސިޓިންރޫމްގެ ދެކޮޅަށް ހިނގާލަހިނގާލަ އަހަރެން ހުރީމެވެ.
" ޒިޔާދު ތިކަމާ ވިސްނާ ނަމަ، އަހަންނަށް ފަސޭހަކޮށްލަން ފޮށިގަނޑު ހޯދައިދީފައި ދިޔަ ނަމަ." އަހަރެން ބުނީމެވެ.
" ދެން އެއީ ބޮޑުކަމެއް ނޫނެއްނު. ކުދިކުދި ފިހާރަތަކުގެ ބޭރަށް ނެރެފައި ހުންނާނެ ހުސްފޮށި. މާދަމާ ހެނދުނު ގޮސް ފޮށިގަނޑުގަނޑު ހޯދައިގެން އާދޭ. ހިލޭ ނުދެންޏާ ގަނޭ ކިތަންމެ އަގު ބޮޑުކޮށް ވިޔަސް ހެޔޮ. އަހަރެން ރުފިޔާ ފޮނުވާނަން." ޒިޔާދު ބުންޏެވެ.
" ޒިޔާދުގެ ނަޒަރުގަ އަހަންނަށް އުނދަގޫވާނެ އެއްވެސް ކަމެއް ނޯވެ ދޯ. ރުފިޔާ ދިނީމަ ހުރިހާ ކަމެއް ނިމުނީތަ؟ " ހިތްހަމަ ނުޖެހިގެން އަހަރެން ބުނީމެވެ.
" އަހަރެން އިއްޔެ އޮފީހުގައި ބިޒީވީ އެއްނު. ތައިބާ ވެސް ކޮންމެވެސް ކަމެއް ކޮއްގެން ދޯ މޮޅު ދިރިއުޅުމެއް އުޅެވޭނީ. އަހަރެން ފައިސާ ހޯދީމަ ތައިބާ ވެސް ވާނެ ކަންކަމުގައި އަހަންނަށް އެހީވާން." އޭނާ ބުނެލީ މަލާމާތުގެ ރާގަކަށެވެ.
" އެނ؟ މޮޅު ދިރިއުޅުމޭ. އަހަންނާ ދިމާލަށް ތި ކަހަލަ އެއްޗެހި ނުކިޔާ. ޒިޔާދުއަށް އަބަދުވެސް އެނގޭނެ އަހަރެން ބޭނުންވަނީ މޮޅު ދިރިއުޅުމެއް ނޫންކަން. އަހަރެން ބޭނުމީ ޒިޔާދުގެ ލޯތްބާ އަޅާލުން. ޒިޔާދުގެ އެޓެންޝަން. އެހެން ނޫނަސް ޒިޔާދަށް އަހަރެން ފެންނަނީ ދަގަނޑު ގަނޑެއްގެ ސިފައިގައި. ފިރިހެނުން ކުރަންޖެހޭ ކަންތައްތައް އަހަންނަށް ކުރެވެންޖެހޭނެ. އެއީ ޒިޔާދު ދެކޭ ގޮތް. " އެ ހިސާބަށް ވާހަކަ ދިޔައިރު އަހަންނަށް ރޮވޭ ގޮތް ވިއެވެ.
" ޝަކުވާ ފެށީ." ޒިޔާދު ބުނެލީ ރުންކުރު ގޮތަކަށެވެ.
" އަޅެ މިއީ ޝަކުވާތަ؟ އަހަރެން އަނގަ ހުޅުވާލިޔަސް ޒިޔާދަށް ހީވަނީ ޝަކުވާ ކުރަނިއްޔޭ. ދެން ކިހިނެއް ކަންތައްތައް ހައްލު ކުރާނީ؟ ހަމަ އެއްޗެއް ބުނާއިރަށް ޝަކުވާއޭ ކިޔާފަ އެބަ ރުޅި އާދޭ. ތިހެން ނުހަދަބަލަ." އަހަރެން ބުނީމެވެ.
" ހޫމް ދެން ބާއްވަނީ. މޫޑެއް ނެތް." ޒިޔާދު ފޯނު ކަނޑާލީ އަހަރެން މަޑުކުރާށޭ ބުނެބުނެ ހުއްޓައެވެ.
ހަށިފުރާ ބޮޑު ނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާާއަށް އަހަރެން ވެއްޓިގަތީމެވެ. ދުވަހަކުވެސް ޒިޔާދުގެ އެ ރުންކުރު ގޮތްގަނޑު ބަދަލެއް ނުވާނެޔޭ ހިތަށް އެރިއެވެ. އޭނާ އަހަންނާމެދު ރަހުމު ނުކުރަނީ ހެއްޔެވެ؟ އަހަންނާމެދު ހަމްދަރުދީ ނުވަނީ ހެއްޔެވެ؟ އަނތްބަކަށް ވުރެ ބޮޑަށް އަހަންނަށް ސިފަކުރެވެނީ އަހަންނަކީ ޒިޔާދުގެ ނޯކަރެއްގެ ގޮތުގައެވެ. އެހެން ހިތަށް އެރުމާއެކު އަހަންނަށް ދެ ލޯ މަރާލެވުނެވެ. އެ ވަގުތު، ކުރިމަތިން ފެނުނު ކަޅުއަނދިރި ކުލަވަރުވެސް އަހަންނަށް މާ ކަމުދިޔައެވެ. ވަރުބަލިވީ ވަރުން ލޯ ހުޅުވާލާ ހިތެއް ވެސް ނުވިއެވެ.
ކުއްލިއަކަށް އިވުނު ސްނެޕްޗެޓްގެ ނޮޓިފިކޭޝަންގެ އަޑަށް އަހަރެން ކޮޅަށް ޖެހުނެވެ. ދެ ފައި ވައްކޮށްގެން އިނދެ މެސެޖް ހުޅުވާލީމެވެ.
" ލިލީ ނިދީތަ؟" ހުސެންގެ މެސެޖް އަހަރެން ކިޔާލީމެވެ.
އަހަރެން މެސެޖް ކުރުމުގެ ކުރިން ހުސެން އަހަންނަށް މެސެޖް ކުރުމުން އޭނާއަށް އަަހަރެން މުހިއްމުވެއްޖެހެން ހީވިއެވެ. ޝައުގުވެރިވީލެއް ބޮޑުކަމުން ސޯފާގައި ލެނގިލުމަށްފަހު އަވަސް އަވަހަށް ޓައިޕް ކުރަން ފެށީމެވެ.
" ނިދިއްޖެ." އަހަރެން ބުނީމެވެ.
" ޔޫ ދެން ކިއްކުރަނީ؟ ހަޒް ނެތީމަ ވައިވެފަ ދޯ." ހުސެން އެހިއެވެ.
އެއާއެކު އަނެއްކާ ވެސް އަހަރެންގެ މޫޑު ބަދަލުވިއެވެ. ޒިޔާދުގެ ވާހަކަ ހުސެން ބުނުމުން އަހަންނަށް އުނދަގޫވެއްޖެއެވެ. ޒިޔާދު ނެތީމަ އަހަރެން ވައިވާން ވީ ކީއްވެ ހެއްޔެވެ؟ އޭނާ ހުއްޓަސް، ނެތަސް އަހަންނަށް ވަނީ އެއްވަރެވެ.
ހިތަށް ވެރިވި ނުތަނަވަސްކަން ފިލުވާލެވޭތޯ އަހަރެން އަވަސް އަވަހަށް ހުސެންއާ ވާހަކަ ދައްކަން ފެށީމެވެ.
" ނޫން. ހުސެން ވާހަކަ ދައްކަންޏާ އަހަރެން ވައެއް ނުވާނެ އެއްނު." ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުނީ މެސެޖް ދޫކޮށްލި ފަހުންނެވެ.
" ފްލާޓް ނުކުރައްޗޭ. ބްލޮކް ކޮއްލާނަން." ހުސެން އެ ބުނީ މީގެ ކުރިން އަހަރެން އޭނާއާ ދިމާލަށް ބުނެލި ޖުމްލައެކެވެ.
" އޯހް. އޯކޭ ބްލޮކް ކޮއްލިޔަސް." އަހަރެން ބުނީމެވެ.
" ހަމަ އޯކޭތަ؟" އަހަންނަށް ހީވީ ހުސެން، އަހަރެންގެ ކަންފަތްކައިރީ ސުވާލުކޮއްލި ހެންނެވެ.
އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނެ މެސެޖް ފޮނުވާލީމެވެ.
ހުސެންއާ ވާހަކަ ދައްކަމުންދާއިރު، އަހަންނަށް ލިބެމުންދާ އާދަޔާ ޚިލާފް އުފާވެރިކަން ކުޑަ ހިނދުކޮޅަކަށް ވެސް ގެއްލޭކަށް ބޭނުމެއް ނޫނެވެ.
" އެއީ ކީއްވެ؟ ކީއްވެ ބޭނުން ނުވަނީ؟" ހުސެންގެ ކޮންމެ ސުވާލަކުން އަހަންނަށް އޭނާއާ މެދު ވިސްނަން މަޖުބޫރުވާ ކަހަލައެވެ. އަހަންނަށް ވެސް އެ ސުވާލު ތަކުރާރު ކުރެވުނެވެ.
ބްލޮކް ކޮއްލައިިފިނަމަ، ހުސެންއާ ވާހަކަ ދެއްކުން ހުއްޓުމަކަށް އަންނާނެއެވެ. އެ ގޮތް އަހަރެން ބޭނުން ނުވަނީ ކީއްވެކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. ހުސެންގެ ނަމަށް ނަަޒަރު ހުއްޓައިގެން އިނދެ އަހަރެން އެތައް ފަހަރަކު ހިތާހިތުން އެ ސުވާލު ކުރީމެވެ.
އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ މިހާ ވަރަށް ހުސެންއާ ވާހަކަ ދައްކާ ހިތް މިވަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ މެސެޖަކަށް އިންތިޒާރު ކުރެވެއެވެ. ހުސެން އަހަންނާ ވާހަކަ ދެއްކުމުން އުފާވެއެވެ. ވާހަކަ ދެއްކުން ހުއްޓާލާ ހިތެއް ވެސް ނުވެއެވެ.
" ޒިޔާދުއާ ވާހަކަ ދައްކައިގެން ވެސް އަހަރެން މިހާ އުފަލެއް ނުވެ. އޭނަ އަބަދުވެސް އަހަރެން ވައްޓާލަނީ ކޮންމެވެސް ހާސްކަމެއްގެ ތެރެއަށް. އިތުރަށް ވިސްނަން ޖެހޭނީ. އެކަމަކު ހުސެންއާ ވާހަކަ ދައްކާއިރު އަހަންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭ. އެހެންވެ ބްލޮކް ކޮއްލަން ބޭނުން ނުވަނީ." ހިތުގެ އުދާސްތައް ހުސެންގެ ކުރިމައްޗަށް ބަންޑުން ކޮއްލެވުނީ ބޭއިހްތިޔާރުގައެވެ.
" އޯހް. ފިރިސޮރު އަދި ރަނގަޅުވާނެ. ހިތްވަރުކޮއްލާ." އޭނާ ބުނެލިއެވެ.
" ކިހިނެއްވީ؟ ޔޫ އާ ވާހަކަ ދައްކާއިރު އަހަރެން އުފާވާ ވާހަކަ ބުނީމަ ބިރުގަތީތަ؟" އަހަރެން ސުވާލު ކުރީމެވެ.
" އާނ. ހަމަ އަސްލުވެސް. މީހެއްގެ އަނތްބެއް ވިއްޔަ. އަނެއްކާ އަބަދު އަހަންނާ ވާހަކަ ދައްކާހިތް ވީމަ ކަމަކު ނުދާނެ އެއްނު." ހުސެން ބުންޏެވެ.
އޭނާ އެހެން ބުނިކަމުގައި ވިޔަސް އަހަރެންގެ ހިތް އެކަމަށް އެދެން ފެށިއެވެ. އޭނާ ބިރުގަތީ އަހަރެން އޭނާއާ މާ ބޮޑަށް އެޓޭޗް ވެދާނެތީއެވެ. ނަމަވެސް އަހަރެން ބިރުގަތީ ހުސެން އަހަންނާ ވާހަކަ ދެއްކުން ހުއްޓާލަފާނެތީއެވެ. ކުއްލިއަކަށް ހިތަށް ހާސްކަން ވެރިވޭވޭ ހުއްޓާ، އަނެއްކާ ވެސް ލިބުނީ ހުސެންގެ މެސެޖެކެވެ.
" މިހާރު ކައިިފިންތަ؟" ހުސެން ބުންޏެވެ.
" ބޯވާ އެބަހުރި. އާދޭ ކާން." މަޖަލަކަށް ހަދާފައި އަހަރެން ބުނީމެވެ.
" ވާއު! ބޯވާ އައި އަށް ވަރަށް މީރު. ކޮންތާކުން ބޯވާ ހޯދީ؟" އޭނާ އެހިއެވެ.
" ޒިޔާގެ ރައްޓެއްސަކު ނަގާ އެއްޗެހި. ބައިވަރު އެބަހުރި. ގެންދަންވީނު ޔޫގެ ވައިފް ކައްކައިދޭނެއެއްނު." އަހަރެން ބުނީމެވެ.
" އެހެންވީމަ ތި ބޯވާއެއް ކާން ލިބޭނީ އެއް އަހަރު ފަހުންނެއްނު." އޭނާ އެހެން ބުނުމާއެކު އަހަންނަށް ބާރަށް ހެވުނެވެ.
ސޯފާގައި އޮށޯވެލުމަށްފަހު އަހަރެން އަވަސް އަވަހަށް މެސެޖް ލިޔުނީމެވެ.
" ނޫނޭ. އެ ޖުމްލަ ކެންސަލް ކޮއްލާ. އައި ބޭނުން ހުސެންއަށް ބޯވާއެއް ދޭން. ކިހިނެއް ހަދަންވީ ހަވާލް ކުރަން؟" ގަޔާވެލާފައި އަހަރެން މެސެޖް ފޮނުވާލީމެވެ.
" ތި ގެންދާއިރަށް ވައިފް އަހާނެ ކާކު ދިން އެއްޗެއްތޯ؟ ކީކޭ ބުނާނީ ވެސް." ހުސެން ބުންޏެވެ.
" ބުނެބަ ފްރެންޑެކޭ." އަހަރެން ބުނީމެވެ.
" ދެން ރަނގަޅުވާނެޔޭ ނުދިނަސް. އޯކޭ ވާނެ." ހުސެން ބުންޏެވެ.
ނަމަވެސް އަހަރެން އެކަމަށް އިންކާރު ކުރީމެވެ. އަހަރެން ދޭ އެއްޗެއް ގަބޫލު ކުރަން ބޭނުން ނުވަނީއޭ ކިޔައި ހުސެންގެ ހިތް ނުތަނަވަސް ކޮއްލީމެވެ.
" އޯކޭ ދެން ނޯ އެއް ނުބުނެވޭނެ ދޯ؟ އެކަމަކު މަންމަގެއަށް ގެންދާނީ. މަންމައަށް ގުޅާފައި މަންމައަށް ހަވާލުކުރާނީ. އޯކޭތަ؟" ހުސެން ބުންޏެވެ.
އަހަންނަށް ހެވުނެވެ. އަހަރެން އާދޭސް ކުރުމުން ނޫނެކޭ ބުނަން ނުކެރުނީއޭ ހިތަށް އެރިއެވެ. ހުސެން، އޭނާގެ މަންމަގެ ނަންބަރު ދިނުމާއެކު އަހަންނަށް އިތުރަށް އޭނާއާމެދު ވިސްނެން ފެށިއެވެ. ޔަގީނުންވެސް އަހަރެންގެ ހިތުގައި ހުސެންއާމެދު މި ހިނގަނީ އާދައިގެ އިހްސާސްތަކެއް ނޫނެވެ. މަންމަގެއަށް ދާއިރު އޭނާ ފެންނާނެ ނަމައޭ ހިތަށް އެރިއެވެ. އެއާއެކު އަމިއްލައަށް ވެސް މޫނުގައި އަތް ޖައްސާލެވުނީ ލަދުންނެވެ.
ފަތިސް ނަމާދު ބަންގި ގޮވަން ދެން، އަހަރެމެން މެސެޖް ކުރީމެވެ. ތަފާތު އެކި ވާހަކައެވެ. އަހަންނަށް ބޮޑަށް އޭނާއަށް ކިޔައިދެވުނީ ދިރިއުޅުމުގެ ވާހަކަތަކެވެ. މާ ގާތް، ހާއްސަ އެކުވެރިޔަކު އަހަރެންގެ ނުހުރެއެވެ. އެހެންވެ، ހިތުގައި ރައްކާކޮށްފައި ހުރި ހުރިހާ ޝަކުވާތަކެއް އޭނާއަށް ކިޔައިދެވުނީއެވެ. އަހަންނާމެދު ޒިޔާދު ފަރުވާކުޑަ ކުރާ ވާހަކައެވެ. އަހަންނާ ދަރިފުޅަށް ވުރެ ބޮޑަށް އޭނާއަށް އޮފީސް މަސައްކަތްތައް އިސްވާ ވާހަކައެވެ. އަހަރެން އޭނާއާ މެދު ކަންތައްތައް ބަހައްޓާގޮތް އެހާ ފުރިހަމަ އިރު ވެސް، އޭނާ އެކަންކަން ބަލައި ނުގަންނަ ވާހަކައެވެ.
ހުސެން އަހަންނަށް ހިތްވަރު ދިނެވެ. ކަންތައްތައް ރަނގަޅުވާނެކަމަށް ބުންޏެވެ. އަދި އޭނާ އަބަދުވެސް އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
" އިތުބާރު ކުރަންވީތަ؟ " އަހަރެން އެހީމެވެ.
" ޔެސް. އަހަންނަކީ އެހާ އަނގަގަދަ މީހެއް ނޫން. އަހަރެންގެ ވެސް ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭނެ އެއްވެސް މީހަކު ނުހުންނާނެ. އަހަރެންގެ ގާތް އެކަކު ވެސް ނުހުންނާނެ. ދިރިއުޅުމުގައި ސްޓްރަގްލް ކުރާ ވަރަށް ގިނަ ކަންތައްތައް ހުރޭ. އެކަމަކު އަހަރެން ވެސް ކެތްކޮށްގެން އުޅެނީ." އޭނާ ބުންޏެވެ.
ހުސެންގެ ކޮންމެ މެސެޖެއް ތިން ހަތަރު ފަހަރު އަހަންނަށް ކިޔާލެވެއެވެ. އެ މެސެޖުން އަހަރެން ވަރަށް ބޮޑަށް ދެރަވެސް ވިއެވެ. ނަމަވެސް އޭނާގެ ކަންކަން ހޯދާ އޮޅުންފިލުވާކަށް އަހަންނަކަށް ނުކެރުނެވެ. އެއަށް ވުރެ އަހަރެންގެ ހިތުގެ ހާލު މާ ދެރަވެއްޖެހެން ހީވިއެވެ. ހުސެންއަށް އަހަރެންގެ ހިތް ލެނބެން ފަށައިފި ކަހަލައެވެ.
ހުސެން މެސެޖް ކުރާ ސްޓައިލުން އިތުރަށް އަހަންނަށް އޭނާ ކަމުދާން ފެށިއެވެ. އަހަންނަށް އޭނާ ސިފަކުރެވުނީ ވަރަށް ކިޔުޓް މީހެއްގެ ގޮތުގައެވެ. އަންހެން ކުދިން އެންމެ ބޭނުންވާ ކެއަރ ކުރުމުގެ ލޯބިވެތި ސިފަ އޭނާގެ ކިބައިގައި ހުންނާނެކަމާމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަމެވެ.
ފޯނު މޭމަތީގައި ބާއްވައިގެން އޮވެ، ބޮލުގެ އިސްތަށިތަކާ ކުޅެމުން ގޮސް އަހަންނަށް ލޯ މެރެން ފެށިއެވެ. ލޮލުގެ އެސްފިޔަތަކުގެ ތެރޭގައި ހުސެންގެ ސޫރަ އަހަރެން ފޮރުވީމެވެ. އަހަރެންގެ ހިތުގެ ހަމަހިމޭން ދުނިޔޭގައި ހުސެން މުޅި އުމުރަށް ބަހައްޓާނަމޭ ވެސް ހިތަށް އެރިއެވެ. އޭރު ބާރުބާރަށް ހިތް ތެޅެމުންދެއެވެ. ހިތުގެ ތެޅުމުގެ ތެރޭގައި އޭނާގެ ވާހަކަތައް އަހަރެން ރައްކާކުރީމެވެ. ނަމަވެސް ކުއްލިއަކަށް އަހަރެން އިންތިހާއަށް ބިރުގެންފިއެވެ. ހިތުން އެ ވާހަކަތައް ފުންމާލަފާނެބާވައެވެ؟ އެހެން މީހުންނަށް އަހަރެންގެ ހިތުގެ އަޑު ފަޅާ އަރާފާނެބާވައެވެ؟ ހިތުގައި ސިއްރު މި ކުރި އުފާވެރިކަން ދުނިޔެއަށް ހާމައެއް ނުވާނެބާއެވެ؟ އަދި ހިތުގައި މި ފޮޅެމުންދާ މާމަލުގެ މީރު ވަހުން މީހުންގެ ހިތުގައި އަހަންނާމެދު ޝައްކެއް ނުއުފެދޭނެބާވައެވެ؟
(ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!