ޖުޑިޝަރީގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެ ދާއިރާއަށް ކަނޑައަޅައި، ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު އިއްޔެ ނިންމެވި ނިންމެވުމެކެވެ. މިކަން ރައީސް ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޖުޑިޝަރީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެންމެ މުހިންމު އެއް ކަމަކީ މާލީ މިނިވަންކަން ލިބިގެން ދިއުން ކަމަށެވެ. އަދި މިހާތަނަށް ނެތް މާލީ އަދި އިދާރީ މިނިވަންކަން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން ޖުޑިޝަރީއަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިޒާމުގެ ދަށުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ނިންމާފައިވާއިރު، އަދި ޖުޑިޝަރީއަށް ފުރިހަމަ މާލީ ބާރު ލިބި، ޚަރަދުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، މިގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނެ އިންސައްތައެއް ކަމުގައި ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މި ބަދަލާ ގުޅިގެން ޤާނޫނީ، ފަންނީ އަދި ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.