އިސްރާއީލްގެ އަނިޔާގައި ބަނޑަށް މަރުވަމުންދާ ޣައްޒާގެ ރައްޔިތުންނަށް ކެނެޑާއިން ވެސް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ.
ކެނެޑާ ސަރުކާރުން ހުކުރު ދުވަހު އިއުލާނުކުރި ގޮތުގައި، ޣާއްޒާގައި ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އެހީތެރިވުމަށް 340 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއްގެ ބައެއްގެ ގޮތުގައި ކެނެޑާގެ އެހީ ޣައްޒާއަށް ވަނީ ފޯރުކޮށްދީފައެވެ.
ފަލިސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލުން ކޮންމެވެސް ވަރަކަށް ލުޔެއްދިނުމުން، ޖޯޑަންގެ އެހީތެރިކަމާއެކު ހުކުރު ދުވަހު ކެނެޑާއިން ވަނީ އެހީގެ ޕެކޭޖްތައް ޣައްޒާ އަށް އެއާޑްރޮޕްކޮށްފައެވެ. އިސްރާއީލުން ކުޑަ ލުޔެއް ދީފައި މިވަނީ ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ހާލަތުގެ ސަބަބުން ބައިނަލްއަގްވާމީ ބޮޑު ޕްރެސަރެއް ކުރިމަތިވުމުން އެހެންގޮތެއް ނެތިގެންނެވެ.
މި އެހީ ފޯރުކޮށްދެވުނުކަން ހާމަކޮށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުރުދުންގެ ރަސްގެފާނު ޢަބުދުﷲގެ އެހީތެރިކަމާއެކު ޖޯޑަންގެ ބައިވެރިންނާއެކު ކެނެޑާގެ އެހީގެ އައު އެއާލިފްޓެއް ޣައްޒާ އަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
''ޣައްޒާގެ އިންސާނީ ކާރިސާއަށް އެހީތެރިވުމަށް ކެނެޑާއިން 340 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ކަނޑައަޅާފައިވާއިރު، އެކަށީގެންވާ މިންވަރަށް އެ އެހީ ކުރިއަށް ގެންދިއުމަށް ކަށަވަރުކުރާ'' ބޮޑުވަޒީރު ވިދާޅުވެފަވެއެވެ.
ބުދަ ދުވަހު ބޭއްވުނު ޔޫއެން ޖެނެރަލް އެސެމްބްލީގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު މާކް ކާނީ ވަނީ ސެޕްޓެމްބަރު މަހު ފަލިސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކެނެޑާއިން ނިންމާފައިވާކަން ޢިއުލާންކުރަށްވާފައެވެ.
ކެނެޑާގެ އިތުރުން ފްރާންސުން ވެސް ވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!