" އެކަމުގައި އަހަރެން ޒާރާ ކުއްވެރި ކުރާނަން.. އޭނަ ކީއްކުރަން ލޯންޗްގައި ދަތުރު ކޮށްފައި ދާންވީ؟ އޭނަ އެ އިން ޙާލުުގައި މިތާ އިންނަން ވީހެއްނު... އެއީ އޭނަ ގަސްތުގައި ކުރި ކަމަކަށްވާނީ! "
އަޑުއަހަން އިނދެ މުއާޒަށް މަންމައާ ދިމާލަށް ބަލައިލެވުނީ ނުރުހުމުގެ ލޮލަކުންނެވެ. ކަފީލާ އެބީދައިން ވާހަކަ ދެއްކުމުން މުއާޒްގެ އިތުރުން ނަޖީބުވެސް އެކަމާމެދު ހިތްހަމަ ނުޖެހުނެވެ.
" ތިހެން ނުބުނޭ! ގަސްތަކު އެފަދަ ކަމެއް އެއްވެސް މީހަކު ނުކުރާނެ..."
ކަފީލާއަށް ވިސްނައިދިނުމުގެ ގޮތުން ނަޖީބު އެހެން ބުނުމުން ކަފީލާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. އެމަންޒަރު ފެނުނު ނަމަވެސް ނަޖީބު އެނބުރިލީ މުއާޒާ ދިމާލަށެވެ.
" މިހާރު އެމީހުން ކޮބައިތަ؟ "
އާދައިގެ ގޮތަކަށް ނަޖީބު އެހިއެވެ. އެއާއެކު ހައިރާންވެފައި ކަފީލާއަށް ނަޖީބަށް ބަލައިލެވުނެވެ. އިސްޖަހާލައިގެން މުއާޒަށް އިނދެވުނީ މަންމައާއި ބައްޕަގެ މޫނަށް ބަލައިލާނެ ހިތްވަރު ނެތް ފަދަ ގޮތަކަށެވެ.
" ކޮން...ކޮން ބައެއް؟ "
މުއާޒަށް ޖަވާބެއް ނުދީ އުޅެނިކޮށް ކަފީލާ ސުވާލު ކުރިއެވެ. އެއާއެކު ޖެހިލުންވެފައި އިނދެ މުއާޒް ކަފީލާގެ މޫނަށް ބަލައިލިއެވެ.
" އަޅުގަނޑު މިއައީ ޒާރާ އާއި ޖުމާ މާލޭގައި ބަހައްޓާފައި"
ހިތްހަމަ ނުޖެހޭ ގޮތަކަށް ނަޖީބު ދެފަރާތަށް ބޯ ހޫރާލުމާއެކު ކަފީލާގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަމާއި ނުތަނަވަސްކަން ދިޔައީ އިތުރު ވެގެންނެވެ. އޭރުވެސް މުއާޒް އިނީ އިންތިހާއަށް ކަންބޮޑުވެފައެވެ.
" މާލޭގައޭ؟ މިހާރު ކިހިނެއްވީ؟ "
ކަފީލާ އިނީ އިތުރަށް އޮޅުން ފިލުވަން ބޭނުން ވެފައެވެ. ކަފީލާގެ މޫނަށް ބަލައިލުމެއް ނެތި މުއާޒް އިނީ އެއް އަތުން އަނެއް އަތުގެ ނިޔަފަތިތައް ކޮއްޓާލަކޮއްޓާލައެވެ.
"އެއީ.. އެއީ.. ޒާރާގެ ބައްޕަގެ ނިޔާވީމަ ދޮންމަންމަ ބުންޏޯ ދެން އެގެއަށް ނާންނާށޭ... އެހެންވެ ޖުމާ ވިހާ ގަދަވަންދެން މާލޭގައި ބެހެއްޓީ"
ބިރުން ހުރި ވަރުން މުއާޒަށް ވާހަކަ ދެއްކުނީވެސް ވަރަށް ލަސްލަހުންނެވެ. މުއާޒްގެ ޖުމްލަތައް އަޑު އެހުމަށްފަހު ކަފީލާގެ ރުޅިގަނޑު އިންތިހާއަށް ގަދަވެގެން ދިޔައެވެ. އެހެންކަމުން އޭނާ ނަޖީބަށް ލޯ އަޅާލުމަށްފަހު ތަންކޮޅެއް އަޑު ހަރުކޮށް ވާހަކަ ދައްކަން ފެށިއެވެ.
" ނަޖީބަށްވެސް އެނގޭދޯ މިކަންތައްގަނޑު! އަހަންނަށް ސިއްރުކޮށްގެންދޯ ދެބަފައިން ތި އުޅެނީ؟ "
" ނޫން!ބައްޕަގާތު އަޅުގަނޑު ބުނީ މާލެ ބަދަލުކުރަން ވިސްނާ ވާހަކަ! އެއްވެސް މީހަކަށް ސިއްރު ކުރާކަށް ބޭނުމެއް ނޫން.. "
މުއާޒް ބުނެލީ މަޑުމަޑުންނެވެ. ނަމަވެސް ކަފީލާގެ ރަހުމެއްނެތް ހިތުގައި އިތުރަށް ދިޔައީ ރޯވަމުންނެވެ.
" ޖުމާ ވިހާ ގަދަވަންދެން ޢިއްޒަތުގައި މާލޭގައި ބައިންދަން މުއާޒަށް އޮތީ ކޮން ޙައްޤެއް؟ މުއާޒަށް ޖުމާގެ ބަލަދު އަރާތަ؟ ބަދުނާމު ވާނެތީވެ މިރަށަށް ނާންނަން ވެގެން މަކަރުން ދޯ އެދެމީހުން މާލެއަށް އެ ދިޔައީ! އެކަމަކު އަހަރެން ހަމަ އަޖައިބުވެއްޖައިން..މީގެ ކުރިން އަހަރެން ހީކުރީ މުއާޒަކީ ވަރަށް ހެޔޮ ވިސްނޭ ކުއްޖެއް ކަމަށް.. އެކަމަކު މިއަދު އެނގިއްޖެ މުއާޒަކީ މީހަކު ބެރެއް ޖަހާލާއިރަށް ނަށާނެ ކުއްޖެއްކަން.. އަގުބޮޑުކޮށް ކުލީ ކޮޓަރި ނަގައިގެން އެމީހުންނަށް ހުރިހާ ޚަރަދެއް ކުރާކަށް މުއާޒަކަށް ނުޖެހޭނެ! ތިކަން ހުއްޓާލާ! "
ކަފީލާއަށް އެހެން ބުނުވެނު އިރު ދުރުގައި ހުރި މާހިލްވެސް އޭނާއަށް ފެނުނީ ހަމަ އެވަގުތެވެ. އެހެންކަމުން އޭނާއަށްވީ އިތުރު ބާރެއް ލިބުމުން ވާ ކަހަލަ ގޮތެކެވެ. ސޯފާއިން ތެދުވެ ކަފީލާ މާހިލަށް ގޮވަން ފެށިއެވެ.
" ދެން ތިއި ކޮންކަމެއް؟ އެހާ ބޮޑު ކަމަކަށް ނަހަދަބަލަ"
މޫނު އުފުލާލުމަށްފަހު ކަފީލާއަށް ބަލައިލަމުން ނަޖީބު ބުންޏެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ހަރުކަށި އަޑު ނަޖީބަށް އިއްވާލިއެވެ.
" ނަޖީބަށް މިއީ ކަމަށް ނުވާތީތާ ހުރިހާ ކަމެއް އެނގި ހުރެ އަނގައިން ބަހެއް ނުބުނެ ތި އިންނަނީ! "
އޭރު ޖެހިލުންވެ ހުރެ މާހިލް އައިސް ސޯފާގައި އިށީނދެއްޖެއެވެ. އަދި ކަންބޮޑުވެފައި އޭނާ އިނީ މުއާޒަށް ބަލާށެވެ.
"ދަރިފުޅަށް އެނގޭތަ ތި ލޯބިވާ ދޮންބެ ކޮއްގެން އެއުޅޭ ކަމެއް؟ "
ކަފީލާ ސުވާލު ކުރުމާއެކު އަނެއްކާވެސް މާހިލަށް ބަލައިލެވުނީ މުއާޒަށެވެ.
" ދަރިފުޅުގެ ބޮލުގައި އެ ހުތުރު ބަދުނާމު އަޅުވާފައި މިރަށުން ދިޔަ ޖުމާއަށް މާލެއިން ކޮޓަރި ކުއްޔަށް ނަގައިގެން އެތާ ބައިންދާފައި އެ އައީ! ކިހާ ރީތި! ކިހާ ތާހިރު! އަމިއްލަ ކޮއްކޮއާމެދުވެސް މުއާޒްގެ ހިތުގައި އެއްވެސް ލޯތްބެއް ޤަދަރެއް ނެތް.. އަހަރެމެން އެމީހުންދެކެ ރުޅި އައިސްގެން މިއުޅެނީ މަގޭ މިހުރި ދަރީގެ ބޮލުގައި އެ ތުހުމަތު އެޅުވީމަ.. އެކަމަކު މުއާޒަށް އެކަންވެސް ނުވި އެއްވެސް ކަމަކަށް! "
ކަފީލާގެ ވާހަކައިން މާހިލްގެ ހިތަށް ނޭނގޭ އުނދަގޫތަކެއް ވާން ފެށިއެވެ. ޖުމާ އުޅޭ ޙާލު އޮޅުން ފިލުވާހިތްވިއެވެ.
" މަންމާ! އަޅުގަނޑު އެކަން ކުރީ ޖުމާއަށްޓަކައެއް ނޫން.. އަޅުގަނޑުގެ އަންހެނުންގެ އުފަލަށްޓަކައި! މިއަދު އަހަރެން ފިޔަވައި ޒާރާގެ އެއްވެސް މީހަކު ނުހުންނާނެ..ޒާރާ އަޅުގަނޑުގާތު ކަމަކަށް އެދިއްޖެއްޔާ އަޅުގަނޑު ބޭނުން އެކަމެއް ކޮށްދޭން! އުއްމީދު ކުރަން މަންމައާއި ބައްޕަ އަދި ކޮއްކޮވެސް މިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ނުދައްކާނެކަމަށް. "
މާހިލަށް ބަލައިލަމުން މުއާޒް ތެދުވިއެވެ. އަދި އިތުރަށް މަޑުނުކޮށް އޭނާ ދިޔަ ގޮތަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
" ނަޖީބު ކީއްވެ އެކަން މަނާ ނުކުރީ؟ ކިހާ ބޮޑު ޚަރަދެއް ދެން؟ "
ކުއްލިއަކަށް ސޯފާއަށް ތިރިވަމުން ކަފީލާ ބުންޏެވެ. އެއާއެކު ނަޖީބު ތެދުވެއްޖެއެވެ. ހީވާގޮތުން އެކަމާ ބެހޭގޮތުން އޭނާ އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވަނީއެވެ.
" އެމީހެއްގެ އަނތްބެއް ބަލަހައްޓާނެ ގޮތެއް އެނގޭނީ އެމީހަކަށް! އެކުދިން ބޮޑެތިވީމަ އެކުދިންނަށް އެނގޭނެ އުޅެންވީ ގޮތް...އަހަރެންވެސް ހިތެއް ހަމައެއް ނުޖެހުނޭ އެކަމަކާ! އެކަމަކު ތިގޮތަށް ދަރިންނާ ޒުވާބު ކުރީމަ އަހަރެމެންދެކެ އެކުދިންވާ ލޯބި އުނިވުން ފިޔަވައި އެއްވެސް ކަމެއް ނުވާނެ.."
ނަޖީބުގެ ވާހަކަތައް އަޑުއެހުމަށްފަހު ކަފީލާ ދެފަރާތަށް ބޯ ހޫރާލިއެވެ. ނަމަވެސް ނަޖީބު ކޮޓަރިއަށް ދާންދެން އެއްޗެއް ނުބުނެ އޭނާ މަޑުކޮށްގެން އިނެވެ.
" ސަރުކާރު އޮފީހަކަށް ވަޒީފާއަށް އެޕްލައި ކުރަން މިއުޅެނީ މާލެއިން"
ނަޖީބު ދިޔުމާއެކު އަވަސް އަވަހަށް މާހިލް ބުނެލިއެވެ. އެއާއެކު ކަފީލާގެ މޫނުމަތިން މާހިލަށް ފެނުނީ ހައިރާންކަމެވެ. އެހެންކަމުން އޭނާ ބޭނުންވީ ކަންތައްވީ ގޮތް އިތުރަށް އޮޅުން ފިލުވައިދޭށެވެ.
" މަންމައަށް އެނގެއެއްނު ކޮންމެ އެއްޗެއް ކިޔަވައިގެން އަޔަސް މަށަށް މިރަށުން ދެން ވަޒީފާއެއް ނުލިބޭނެ ކަންނޭނގެ.. އެއުޅޭ ރުޝްދީ މުޅި ރަށުގައި މަގޭ އަގު ވައްޓާލައިފި.. އެކަމާ ހެދި މިހާރު ނުކެރޭ ތާކަށް ކޮފީއަކަށްވެސް ދާކަށް.. ދެން ބޭނުންވަނީ މާލޭގައި އުޅެން"
ފޫހިކަމާއެކު މާހިލް ދެއްކި ވާހަކަތަކުން ކަފީލާގެ ހިތަށް އަސަރު ކުރި ކަހަލައެވެ.
" މިގޭގައި ދަރިފުޅު ނޫން މީހަކު މަންމައާ މަޖާކޮށް ވާހަކަ ދައްކާލާވެސް ނަހަދާނެ.. ދޮންބެއަކީ އެއް އިރެއްގައިވެސް ވާހަކަ ދައްކާ ހަދާ މީހެއް ނޫނެއްނު.. ދެން ދަރިފުޅު ދިޔައީމަ މަންމަ ކިހާ ފޫހިވާނެ.. ރުޝްދީ އެހެން ކޮންމެ އެއްޗެއް ކިޔަސް ދަރިފުޅުގެ ނަތީޖާ ބަލާފައި ވަޒީފާ ދޭނެއެއްނު"
ކަފީލާ ބުންޏެވެ. ނަމަވެސް މާހިލް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ކުއްލިއަކަށް އޭނާ ސޯފާއިން ތެދުވެ ދެޖީބަށް އަތް ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެކަމަކުވެސް ހެޔޮ! ހުރިހާ ރައްޓެހިންވެސް މާލެއާއި ރިސޯޓްތަކުގައި އެއުޅެނީ.. ދެން ރަނގަޅު މުސާރައެއް ލިބެންޏާ ހަމަ ކޮންމެ ތަނެއްވެސް އޯކޭ ވާނެޔޭ.. ޗުއްޓީތަކުގައި އާދެވޭނެއެއްނު.."
މާހިލްގެ ވިސްނުން ބަދަލު ނުވާނެކަން އެނގުމުން ކަފީލާ އިތުރަށް އެއްޗެއް ނުބުނެ ލުއި ގޮތަކަށް ހީލިއެވެ. އެއާއެކު ޖީބުން ފޯނު ނަގަމުން މާހިލް އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. މާހިލް ގޮސް ކޮޓަރިއަށް ވަންނަންދެން ކަފީލާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
***
" ވަރަށް އުފާވެއްޖެ ލަމް އަހަރެމެންނާމެދު ހިތްހަމަ ޖެހޭތީވެ! ތިހެން އައިސް ހަދާތީވެސް ވަރަށް އުފާވޭ ދޯ ދޮންތާ!"
ލަމްހާގެ ކުރިމަތީގައި ކޮފީތަށި ބަހައްޓަމުން ޖުމާ ބުނެލިއެވެ. އެއާއެކު ދުރުގައި ހުރި ގޮނޑީގައި އިން ޒާރާ ހެވިފައި ބޯ ޖަހާލިއެވެ.
" އޭ! އަހަރެން އެކަނިތަ ކޮފީ ބޯންވީ؟ ޖުމާއަށްވެސް ހެދި ނަމަ އެއްނު"
ލަމްހާ އެހެން ބުނުމާއެކު ސިހިފައި ޒާރާ، ޖުމާއަށް ބަލައިލިއެވެ. ޖުމާއަށްވެސް ޒާރާގެ ދެލޮލަށް ބަލައިލެވުނީ ލަދުގަނެފައި އިނދެއެވެ.
" ކިހިނެއްވީ؟ ކޮފީ ނުބޮންތަ ދުވަހަކުވެސް؟ "
ހިނިގަނޑެއް ޖަހާލަމުން ލަމްހާ ބުންޏެވެ. އެއާއެކު ޖުމާ ލުއި ގޮތަކަށް ހީލަމުން ބޯ ޖަހާލިއެވެ. ހަމަ އެވަގުތެވެ. ދޮރުގައި މީހަކު ޓަކި ޖަހާލުމާއެކު އެންމެންނަށް އެއްފަހަރާ އެދިމާލަށް ބަލައިލެވުނެވެ.
" އަހަރެން އެބަ އަންނަން ..."
ޖުމާ މަޑުމަޑުން ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމާއެކު ޖުމާގެ ނަޒަރު ހުއްޓުނީ ދޮރުމަތީގައި ހުރި ޝާހުގެ މޫނަށެވެ. ސާދާ ގޮތަކަށް ހެވިފައި ހުރި ޝާހު ފެނި، ބީރައްޓެހި ގޮތަކަށް ޖުމާއަށްވެސް ހިނިތުން ވެވުނެވެ.
" ކާކު؟ ބޭބެތަ؟ "
ލަމްހާގެ އަޑަށް ޖުމާއަށް އަވަސް އަވަހަށް ދުރަށް ޖެހިލެވުނެވެ. އަދި އޭނާ އައިސް ކުރިން އިން ގޮނޑީގައި އިށީނެވެ.
" އާނ! ބޭބެ މިދަނީ ޖިމަށް ދާން.. އަންނަން ވާއިރަށް އިސްތިރިކޮށްލައްޗޭ.. އެބަޖެހޭ މީޓިންގ އަކަށް ދާން.. ކޮއްކޮ ފޯނު ނުނަގާތީވެ މި ގޮވާލީ! "
ޝާހު އެހެން ބުނުމާއެކު ލަމްހާ އޯކޭ އޭ ބުނެލިއެވެ.
" އާނ ފޯނު އޮންނާނެ ކޮޓަރީގައި ޗާޖަށް ޖަހާފައޭ! "
ލަމްހާ އިތުރު ކޮށްލިއެވެ. އެއާއެކު ޒާރާއަށް ނިތް އެއްލަމުން ޝާހު ދޮރު ލައްޕާލިއެވެ.
" އެއީ ހަމަ ބެސްޓް! އެވަރުގެ ބޭބެއެއް ނުލިބޭނެ އެއްވެސް މީހަކަށް.. އެއީ އަހަރެންގެ ހުރިހާވެސް މީހަކީ"
ލަމްހާ ހެވިފައި އިނދެ ބުނެލިއެވެ. ޝައުޤުވެރިކަމާއެކު ޖުމާއާއި ޒާރާ ތިބީ ލަމްހާއަށް ބަލަހައްޓައިގެންނެވެ.
" ބޭބެގެ ހިތްވަރުން އަހަރެމެން ދެމީހުންނަށް މިހާ ހަމައަށް މި އާދެވުނީވެސް.. މިއީ އަސްލު އަހަރެމެންގެ މަންމަގެ ގެ! މަންމަ ނިޔާވީމަ ބައްޕަ އެހެން މީހަކާ އިނދެގެން އައްޑޫއަށް ދިޔަފަހުން އެއްވެސް ޚަބަރެއް ނުވެ.. ދެން އޯކޭ.. ބައްޕައެއް ކަހަލަ ރަނގަޅު ބޭބެއެއް އެބަހުރި..އެއީ އަހަރެންގެ ބެސްޓްފްރެންޑް.. ދެމީހުން އެކަކު އަނެކަކަށް ހުރިހާ ވާހަކައެއް ޝެއަރ ކުރާނެ.."
" އެހެންތަ؟ އަހަރެމެންވެސް ވަރަށް ތިޔަ ކަހަލަ ރަނގަޅު ބޭބެއެއް ބޭނުން.."
ބޭއިޙްތިޔާރުގައި ޖުމާއަށް ބުނެލެވުނެވެ. އެއާއެކު ލަމްހާ ޖުމާގެ އަތްމަތީގައި ޖަހަމުން ހިނިގަނޑެއް ޖަހާލިއެވެ.
" ހޭ ހޭ! އަނެއްކާ މަގޭ ބޭބެއަށް ބޭބެ ނުކިޔައްޗޭ! އަނެއްކާ ޖުމާއަށް ޖެހިދާނެއެއްނު އިންނަންވެސް މަގޭ ބޭބެޔާ!"
ދެލޯ ބޮޑުކޮށްލަމުން މަޖާވެފައި އިނދެ ލަމްހާ ބުންޏެވެ. މިފަހަރުވެސް ޖުމާއަށް ބަލައިލެވުނީ ޒާރާއަށެވެ. ޖުމާގެ އެއްވެސް ޙަޤީޤަތެއް ނޭނގި އިނދެ ލަމްހާ ދައްކާ ކޮންމެ ވާހަކައަކުން ޖުމާއަށް އުނދަގޫވާކަން ޒާރާއަށް ދެނެގެނަވުނެވެ.
" އޭ! ހާދަ ސީރިއަސްވީހެން ހީވެޔޭ! މަޖަލަށޭ އެހެން މިބުނީ! "
އަނެއްކާވެސް ޖުމާގެ އަތުގައި ޖަހާލަމުން ލަމްހާ ބުންޏެވެ. އެއާއެކު ދެފަރާތަށް ބޯ ހޫރާލަމުން ޖުމާވެސް ހީލިއެވެ.
***
" ކިހާ ދުވަހެއް ވަންދެން ސިއްރު ކުރާނަން؟ "
ނިދަން ތައްޔާރު ވެގެން އައިސް ޖުމާ އޮށޯތުމާއެކު ޒާރާ ސުވާލު ކުރިއެވެ. އެއާއެކު ގޮތް ހުސްވާ ފަދަ ގޮތަކަށް ޖުމާއަށް ޒާރާއާ ދިމާލަށް ބަލައިލެވުނެވެ. ނަމަވެސް ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން ނިތްމަތީގައި އަތް ބާއްވާލުމަށްފަހު މައްޗަށް ބަލަހައްޓައިގެން އޭނާއަށް އޮވެވުނީއެވެ.
" ލަމްއަށް ކިޔައިދިނީމަ އޭނަ އަހަރެމެންނާ ދުރުވެއްޖެއްޔާ ދެން ނުހުންނާނެ އިތުރު އެއްވެސް މީހަކު"
އިރުކޮޅަކު އެހެން އޮތުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއާއެކު ޒާރާ ބޯ ޖަހާލިއެވެ.
" ދެކޭ ގޮތް ބަދަލުވެދާނެ! އަހަރެމެންދެކެ ފޫހި ވެދާނެ! އެކަމަކު.... ޙަޤީޤަތް ބަދަލުވާނެތަ؟ ތިއީ ސިއްރު ކުރެވޭނެ ކަމެއްތަ؟ އެއްވެސް މީހަކު އަހަރެމެންނަށް އެހީ ނުވިޔަސް.... ތި ޙަޤީޤަތާ ދުނިޔެ އަދި ކުރިމަތިލާނެ.. "
ޖުމާއަށް ވިސްނައިދިނުމަށްޓަކައި ޒާރާ ބުނެލިއެވެ.
" އަހަރެން ދުވަހަކުވެސް މާހިލަކަށް މަޢާފެއް ނުކުރާނަން... އޭނަ ކީއްވެތަ އެއްބަސްނުވީ؟ އޭނަ ކީއްވެތަ އަހަރެން ނުދަންނަ ކަމަށް ހެދީ؟ "
ޖުމާއަށް ރޮވެން ފެށުމުން ޒާރާ ތެދުވެ ފާރުގައި ލެނގިލިއެވެ.
" ދެން މިހާރު އެކަމާ ތި ރޮނީ؟ ކީއްކުރަން ބޭކާރު ކަންކަމާ ވިސްނަންވީ؟ ޖުމާގެ ކުށެއް ނެތޭތަ ތިބުނަނީ؟ އިތުރަށް މާހިލްގެ ވާހަކަ ދެން ނުދައްކާ! އޭނައެއް ނާންނާނެ.. "
ތަންކޮޅެއް ހަރުކަށި ރާގަކަށް ޒާރާ އެހެން ބުނެލުމާއެކު ޖުމާ ވަގުތުން ޒާރާއަށް ފުރަގަސްދީ ބާލީހުގައި ބައްދާލިއެވެ. އެތައް އިރެއް ވަންދެން އެހެން އިނުމަށްފަހު ޒާރާވެސް މަޑުމަޑުން އަނެއްކާވެސް އޮށޯތެވެ.
***
ދެލޯ މަރާލާއިރަށް މާހިލަށް ފެންނަނީ ޖުމާގެ ރީތި މޫނެވެ. އެންމެ ފަހުން ނިދަން އުނދަގޫ ވެގެން އޭނާ ތެދުވެ އެނދުގައި އިށީނދެލިއެވެ.
" އަހަންނަށް މިރޭ މިހެން މިވަނީ ކީއްވެތަ؟ އަހަރެން ބޭނުމެއް ނޫން ޖުމާ މަތިން ހަނދާން ކުރާކަށް! އަހަންނާ އަހަރެންގެ އާއިލާ، ބަދުނާމުން ކިރިޔާ ސަލާމަތްވެފައި މިހުރީ... "
މާހިލް އެހެން ވިސްނަން އިނދެ އަނެއްކާވެސް އޮށޯވެލިއެވެ. އެއާއެކު އަނެއްކާވެސް ޖުމާގެ ހަނދާންތަކުން އޭނާގެ ސިކުނޑިއާއި ހިތަށްވެސް އުނދަގޫ ވާން ފެށިއެވެ. އެ ރީތިކަމަށް އޭނާ ދަހިވެތިވީވަރު އިޙްސާސްވާން ފެށިއެވެ. އެރޭ ޖުމާގެ ފަރާތުން ލިބުނު ފޮނިފޮނި އަރާމު ބީހުންތަކަށް އެދެވެން ފެށިއެވެ. އެއާއެކު އޭނާއަށް ލޯ މަރާލެވުނެވެ. ޖުމާގެ ހިނިތުންވުމާއި ބަލާލުން ދާދި ގާތުން ފެނުނުހެން ހީވުމާއެކު އަނެއްކާވެސް އެނދުން ތެދުވެވުނެވެ.
" މުޅި ޢުމުރަށް އަހަރެންގެ ހިތުން ޖުމާ ފޮހެލައިފީމޭ! ކިހިނެއްތަ ވެގެން ތިއުޅެނީ؟ "
ޑްރެސިންގޓޭބަލް ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައާ މާހިލަށް ސުވާލު ކުރެވުނެވެ.
" ބޭނުމެއް ނޫނޭ އެ ހަނދާންތައް އާކުރާކަށް! އަހަރެންގެ މުސްތަޤްބަލް އަހަންނަށް މާ މުޙިއްމު.. "
އަނެއްކާވެސް މާހިލަށް ބުނެވުނެވެ.
***
ހެނދުނުގެ ވަގުތެވެ. ޝާހު އޮފީހަށް ދިޔުމުގެ ކުރިން ލަމްހާ އުޅުނީ އޭނާއަށް ސައި ތައްޔާރު ކުރާށެވެ. ދެބިހުގެ ބިސްގަނޑެއް އެޅުމަށްފަހު ކޮފީ ތައްޓަކާއެކު ކާމޭޒުމަތީގައި ބެހެއްޓީ ނުހަނު އަވަހަށެވެ.
" ގަޑިއެއް ނުޖެހެޔޭ މާ އަވަހަށް ތި އައީ؟ "
ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން ކޮޓަރިން ނިކުތް ޝާހުއާ ދިމާލަށް ލަމްހާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ހިނިތުންވެލަމުން ޝާހު ލަމްހާގެ ކޮލުގައި ހިފާލިއެވެ.
" އެނގެޔޭ! އެކަމަކު މިއަދު ކުޑަކޮށް ކޮއްކޮއާ ވާހަކަ ދައްކާލަންވެގެން މިއައީ"
ޝާހު އެހެން ބުނުމާއެކު ލަމްހާ ގަޔާވެލާފައި ގޮނޑީގައި އިށީނެވެ. އަދި ދަތްދޮޅީގައި އަތް އަޅުވާލަމުން ހީލިއެވެ.
" ބޭބެ ގެ ރާގުގައި ހާދަ އަމިއްލައެދުމެއް އޮތް ހެން ހީވެޔޭ!"
އަބަދުވެސް ސަމާސާ ކުރާ ލަމްހާގެ ޖުމްލައިން ޝާހު ކޮށި އެރިއެވެ. އެހެންކަމުން ލަމްހާ އަވަސް އަވަހަށް އޭނާއާ ދިމާލަށް ފެންފުޅި ޖައްސާލިއެވެ.
" ހޫމް.. ދެން ތިހެން ބުންޏަސް ހެޔޮ. ކޮއްކޮގެ އެހީއާ ނުލައި ބޭބެއަށް އެއްވެސް ކަމެއް ނުވެއެއްނު.. "
ޓިިޝޫއެއް ނަގައި އަނގަމަތި ފޮހެލަމުން ޝާހު ބޯޖަހާލިއެވެ.
" ދެން މާ ބޮޑަށް އަހަރެން ގޯނި ފުލަށް ނުލައި ވާންވީ ގޮތް ކިޔާބަލަ! "
ދެލޯ ބޮޑުކޮށްލަމުން ލަމްހާ ބުނެލީ އަމުރުވެރި ރާގަކަށެވެ.
" ރޭގަ ދޮރު ހުޅުވީ ކާކު؟ މިބުނީ އެގޭ ދޮރު... އެއީތަ އޫމް.. މުއާޒްގެ ވައިފް؟ "
ލަސްލަހުން ހަނދާންކުރާ ކަހަލަ ގޮތަކަށް ޝާހު ޖުމްލަ ފުރިހަމަކޮށް ނިމުނު އިރު ލަމްހާގެ މޫނުމަތީގައިވަނީ އުޖާލާކަމެވެ. އަދި އޭނާގެ ތުންފަތްމަތީގައިވާ ފުޅާ ހިނިތުންވުމުގެ ސަބަބުން ޝާހު އިނީ ކޮންމެވެސް ވަރަކަށް ލަދުގަނެފައެވެ.
" އޯހްހް! "
ލަމްހާ ބޮޑު ހިނިގަނޑެއް ޖަހާލުމާއެކު ޝާހު އަވަސް އަވަހަށް ތެދުވިއެވެ.
" ހަމަ ނަސީބަކުން މުއާޒް ވައިފް އެއް ނޫން ދޮރު ހުޅުވީ! ބުނެބަލަ! އޭނަ ރީތިވީދޯ"
ބޫޓަށް އަރަން އިން ޝާހުގެ ކޮނޑުގައި ޖަހާލަމުން ލަމްހާ ބުންޏެވެ. އެއާއެކު ޝާހުގެ މޫނުމަތި ރަތްވެގެން ދިޔަ މަންޒަރު ފެނި ލަމްހާއަށް ބުމަ ހިއްލާލެވުނެވެ.
" ޖުމާއަކީ ހުސްކުއްޖެކޭ! އޭނަ ބުނި ބިޓެއް ނެތޭ.. ސެޓް ކޮށްދެވޭނީ.... އެކައުންޓަށް އިތުރަށް އެއްޗެއް އެޅިއްޔާ"
އެއްލޯ މަރާލަމުން ލަމްހާ އެހެން ބުނެލުމާއެކު ޝާހު ތެދުވެ ޖީބުން ވޮލެޓް ނަގައި އޭނާގެ ކޭޝް ކާޑު ދިއްކޮށްލިއެވެ.
" ވާނެތަ؟ "
އެއާއެކު އޭގައި ހިފަމުން ލަމްހާ އިތުރަށް ހީގަތެވެ.
" ހަމަ އަސްލުތަ؟ ބޭބެ ހަމަ އެހާ ބޭނުންވީތަ؟ "
ކޭޝްކާޑަށް ނަޒަރު ހިންގާލަމުން ލަމްހާ އެހެން ބުނުމާއެކު ޝާހު ދޮރާ ދިމާލަށް ހިނގައިގަތެވެ.
" އަދި އަލަށް ދޮންބެ އަންހެން ކުއްޖެއްގެ ވާހަކަ ތި ބުނީވެސް.. އެހެންވީމަ މިފަހަރު ހިލޭވެސް ތިކަން ކޮށްދެވިދާނެ.."
ޝާހު ގާތަށް ގޮސް ކޭޝްކާޑު އޭނާގެ ގަމީހުގެ ޖީބަށް ކޮއްޕާލުމަށްފަހު ލަމްހާ ބުންޏެވެ. އެއާއެކު ޝާހު ލަމްހާގެ ކޮލުގައި ހިފާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލިއެވެ.
" ކޮއްކޮ އަނެއްކާ އެއްޗެއް ނުކިޔާތި އޭނަ ކައިރީ! ބޭބެ ދެން ކުޑަކޮށް އަހާލީއޭ.."
" ނޫނޭ ނޫނޭ! ދެން މާ ނޫން ކަމަށް ހެދޭނެ ކަމެއް ނެތް... އޮފީހުން އަންނަން ވާއިރަށް އޭނަ މިގޭގައި ބައިންދާނީ.. ދެން ފްރެންޑް ވެގެން... ލޯބި ވެގެން.. ކައިވެންޏަކާ ހަމައަށް ދިޔައީމަ އަހަންނަށް އަގު ދޭންވާނެ"
ލަމްހާ ވާހަކަ ދައްކާ ނިމުމާއެކު ޝާހު ލަމްހާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ.
" ލާނެތް ކުއްޖާގަނޑު"
ލަމްހާ ދުރަށް ދުއްވައިގަތުމުން ޝާހަށް ބުނެވުނެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!